އެމެރިކާ ކުޅެމުން ދަނީ މަރުގެ ކުޅިވަރެއް ކަމަށް ބުނެ ރަޝިއާއިން އެމެރިކާއަށް ނިއުކްލިޔާ އިންޒާރު ދީފި

މޮސްކޯ (15 ސެޕްޓެމްބަރު 2022) : ޔުކްރެއިންއަށް ހަތިޔާރު ދީގެން ރަޝިއާ ބަލިކޮށް ބައިނަލްއަގްވާމީ މަސްރަހުން ރަޝިއާ އެއްފަރާތް ކުރުމަށް އެމެރިކާ މަސައްކަތް ކުރަމުން ގެންދާކަމަށް ބުނެ އެކަމާ ދެކޮޅަށް ނިއުކްލިޔާ ހަތިޔާރު ބޭނުންކޮށްފާނެކަމުގެ ވަރުގަދަ އިންޒާރެއް ރަޝިއާއިން އެމެރިކާއަށް ދީފިއެވެ.

ރަޝިއާގެ ގައުމީ ސަލާމަތާބެހޭ ކައުންސިލްގެ ވެރިޔާގެ ނައިބު އަދި އެގައުމުގެ ކުރީގެ ރައީސް ޑިމިޓްރީ މިޑްވެޑޭވް އެމެރިކާއަށް އިންޒާރު ދެއްވަމުން ވިދާޅުވީ ޔުކްރެއިން ހަނގުރާމައަށް ދަރުއަޅައިގެން އެހަނގުރާމައިގެ ތެރެއިން ރަޝިއާ ބަލިކޮށް ބައިނަލްއަގްވާމީ މަސްރަހުން ރަޝިއާ އެއްފަރާތްކޮށް އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން ރަޝިއާގެ ދައުލަތް ރޫޅި ރަޝިއާ ބައިބައި ވެގެންދާކަމަށް ބަލައިގެން އެމެރިކާއާއި ނޭޓޯ މަސައްކަތް ކުރަމުން ގެންދާކަމަށާއި މިއީ އެމެރިކާ ދެކޭ ވަރަށް މުޑުދާރު ހުވަފެނެއް ކަމަށެވެ.

ޑިމިޓްރީ މިޑްވެޑޭވް

މިޑްވެޑޭވް ވިދާޅުވިގޮތުގައި އަމިއްލަ އެދުމުން ފުރިފައިވާ އަދި މުޅި ދުނިޔެ އަތްދަށުލައިގެން އުޅެން ބޭނުންވާ އެންގްލޯ ސެކްސަން ދަރިކޮޅުގެ މީހުންނަށް (އެމެރިކާއާއި އިނގިރޭސީންނަށް) ބުނެލަން އޮތީ ރަޝިއާ އަސްކަރީ ގޮތުން ބަލިކުރެވިދާނެކަމަށް ތިޔަ ދެކެނީ ހަމައެކަނި ހުވަފެނެއް ކަމަށާއި ޔުކްރެއިންއަށް ކިތަންމެ ވަރަކަށް ހަތިޔާރު ދިނަސް އެކަން ދުވަހަކުވެސް ހަގީގަތަކަށް ނުވާނެ ކަމަށެވެ.

ރަޝިއާއަކީ ދުނިޔޭގައި އެންމެ ގިނައިން ފަނާކުރަނިވި ހަތިޔާރު އުފައްދާ އަދި އެހަތިޔާރުގެ ސްޓޮކްވެސް އެންމެ ބޮޑު ގައުމުކަން އެމެރިކާއަށް ހަނދާން ކޮށްދެމުން މިޑްވެޑޭވް ވިދާޅުވީ ޔުކްރެއިން ހަނގުރާމައިން ސިޔާސީ ފައިދާ ނަގަން އެމެރިކާ އުޅުމަކީ މަރާ ކުޅުން ފަދަ ކަމެއް ކަމަށެވެ.

މިޑްވެޑޭވް ވިދާޅުވިގޮތުގައި ޔުކްރެއިން ހަނގުރާމައަށް ދަރުއަޅައިގެން ރަޝިއާ އިނދަ ޖައްސާލެވިދާނެ ކަމަށް އެމެރިކާއަށް ހީވާނަމަ އެއީ އެމެރިކާއަށް ކުރެވޭނެ އެންމެ ބޮޑު ކުށްހީ ކަމަށެވެ. އަދި ރަޝިއާގެ އަމިއްލަ ދިފާއުގައި ނިއުކްލިޔާ ހަތިޔާރު ބޭނުންކުރަން ކުޑަކޮށް ވެސް ފަހަށް ނުޖެހޭނެކަމުގެ އިންޒާރު މިޑްވެޑޭވް އެމެރިކާއަށް ދެއްވިއެވެ.

އެމެރިކާއަށް އިންޒާރު ދެއްވަމުން މިޑްވެޑޭވް ވިދާޅުވީ ޔުކްރެއިން ހަނގުރާމައިގެ ތެރެއިން ރަޝިއާ ބަލިކުރެވިދާނެކަމުގެ ހުވަފެން ދެކޭ މީހުންނަށް (އެމެރިކާއާއި ނޭޓޯއަށް) ބުނެލަންއޮތީ އެމީހުން އެ ކުޅެނީ އެ މީހުންގެ މަރުގެ ކުޅިވަރު ކަމުގައެވެ. މިކުޅިވަރު ނިމޭނީ އެމީހުން (އެމެރިކާއާއި ނޭޓޯ) ރަޝިއާއަށް ވުރެކުރިން މަރުވެގެންކަމާ އެއީ ދުނިޔޭގެ ނިމުންކަން ވެސް އެމީހުންނަށް (އެމެރިކާއާއި ނޭޓޯއަށް)ހަނދާން ބަހައްޓަން ޖެހޭނެކަމަށް މިޑްވެޑޭވް ވިދާޅުވިއެވެ.

ރަޝިއާގެ ނިއުކްލިޔާ މިސައިލެއް

މިއީ ފިނި ހަނގުރާމައަށްފަހު ދުނިޔޭގެ ގައުމަކުން އެމެރިކާއަށް ދިން މިފެންވަރުގެ ފުރަތަމަ އިންޒާރެވެ.

ޔުކްރެއިން އާ ދެކޮޅަށް ރަޝިއާ ހަނގުރާމަ ފެށީ ކުރީގެ ސޮވިއެޓް ޔުނިޔަން ރޫޅިގެން ދިޔުމަށްފަހު އެމެރިކާއާއި ރަޝިއާއާ ދެމެދު އެއްބަސްވެފައިވާ ގޮތާ މުޅިން ޚިލާފަށް ރަޝިއާގެ އަވަށްޓެރި ގައުމުތައް ނޭޓޯއަށް ވައްދައިގެން ރަޝިއާގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ނޭޓޯ ފުޅާކުރުމުގެ މަސައްކަތް ކުރުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

އެމެރިކާއިން ވަނީ ރަޝިއާގެ އުތުރުގައިވާ ބޯލްޓިކްގެ ގައުމުތައް ނޭޓޯއަށް ވައްދައިގެން ރަޝިއާގެ އުތުރުގެ ސަރަހައްދީ ރޮނގާ ހަމައަށް ނޭޓޯ ފުޅާކޮށްފައެވެ. އެއަށްފަހު އެމެރިކާ ދެން މަސައްކަތް ފެށީ ޔުކްރެއިން ނޭޓޯއަށް ވައްދައިގެން ރަޝިއާގެ އެންމެ ގިނަ ބަޔަކު ދިރިއުޅޭ އަދި ރަޝިއާގެ އެންމެ ހައްސާސް މަރުކަޒުތައް ހުރި އެގައުމުގެ ދެކުނު ސަރަހައްދީ ރޮނގާ ހަމައަށް ނޭޓޯ ފުޅާކުރުމަށެވެ.

ރަޝިއާ ޔުކްރެއިންއަށް އަސްކަރީ ގޮތުން އަރައިގަތް މައިގަނޑު ސަބަބަކީ މިއެވެ. ޔުކްރެއިން ނޭޓޯއަށް ވެއްދުމަށް އެމެރިކާ ކުރި މަސައްކަތް ބާރުގެ ބޭނުންކޮށްގެން ހުއްޓުވުމަށެވެ. ޔުކްރެއިން އާއެކު ވާހަކަދައްކައިގެން މިކަން ނުވެގެންނެވެ.

ނަމަވެސް ރަޝިއާގެ ދިފާއީ ކަންބޮޑުވުންތައް ބޮލާލާ ޖެހުމަށްފަހު ޔުކްރެއިން ފެށީ އެމެރިކާއާއި އެމެރިކާގެ ބައިވެރި ނޭޓޯގެ ގައުމުތަކުން ހަތިޔާރު ހޯދައިގެން ރަޝިއާ އަސްކަރީ ގޮތުން ބަލިކުރުމުގެ މަސައްކަތެވެ. ރަޝިއާ ދެކޭގޮތުގައި ޔުކްރެއިންއަށް މިކަމަށް ހިތްވަރު ދެނީ އެމެރިކާއެވެ.

ރަޝިއާގެ ނިއުކްލިޔާ ސަބްމެރިން އެއް

އަދި އެމެރިކާ ގެންދަނީ ރަޝިއާގެ އެދުމަށް އިޖާބަދިނުމަށް ޔުކްރެއިންއަށް ބާރުއަޅައިގެން މައްސަލަ ހައްލު ކުރުމުގެ ބަދަލުގައި ޔުކްރެއިންއަށް ހަތިޔާރު ދީގެން ރަޝިއާ އަސްކަރީ ގޮތުން ބަލިކޮށް ބައިނަލްއަގްވާމީ މަސްރަހުން ރަޝިއާ އެއްފަރާތް ކުރުމަށްފަހު ރަޝިއާގެ ދައުލަތްވެސް ރޫޅާލައި މުޅި ދުނިޔޭގެ ކޮންޓްރޯލް ހަމައެކަނި އެމެރިކާ ނެގުމުގެ އިސްތިއުމާރީ ސިޔާސަތެއް ތަންފީޒު ކުރަމުން ކަމަށް ވެސް ރަޝިއާ ދެކެއެވެ.

ރަޝިއާއަކީ އެމެރިކާއަށް ވުރެވެސް ނިއުކްލިޔާ ހަތިޔާރާއި އެ ނޫން ވެސް ފަނާކުރަނިވި ހަތިޔާރު ގިނަ ގައުމެކެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މުޅި ޔޫރަޕް ފަނާކޮށްލެވޭ ވަރުގެ ނިއުކްލިޔާ ބާރުގަދަ މިސައިލްތަކާއި ނިއުކްލިޔާ ސްޓްރެޓީޖިކް ސަބްމެރިންތައް ރަޝިއާގައި އެބަހުއްޓެވެ. އެމެރިކާއަކީ ރަޝިއާ ފަނާކޮށްލެވޭ ވަރުގެ ހަތިޔާރު ހުރިގައުމަކަށް ވިޔަސް ރަޝިއާއަކީވެސް ހަމައެގޮތަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މުޅި އެމެރިކާ ފަނާކޮށްލެވޭ ވަރުގެ ނިއުކްލިޔާ ހަތިޔާރާއި އެހަތިޔާރު ބޭނުންކުރާނެ ވަސީލަތްތައް ހުރި ގައުމެކެވެ.

comment ކޮމެންޓް