'މަނިކޭ މަގޭ ހިތޭ' ނޯރާ އާއެކު

އަލަށް ނިކުންނަ ފިލްމު 'ތޭންކް ގޯޑް'ގެ އައިޓަމް ލަވަ މަނިކޭ މަގޭ ހިތޭގެ އާ ވާޝަންއެއް ދައްކާލައިފިއެވެ.

މަނިކޭ މަގޭ ހިތޭ އަކީ ސިންހަޅަ ބަހުން 2020 ގައި ސަތީޝަން ރަތުނަޔަކާ ކިޔާފައިވާ ލަވައެކެވެ. މި ލަވަ އާއްމުންގެ ތެރޭގައި މަގުބޫލުވީ، މިދިޔަ އަހަރު ގެނެސްދިން ކަވާއެއްގެ ސަބަބުންނެވެ. އެ ކަވާ ލަވަ ކިޔާފައިވަނީ ސަތީޝަން ރަތުނަޔަކާއެކު ސްރީލަންކާގެ ލަވަކިޔުންތެރިޔާ ޔޮހާނީ އެވެ. ކަވާ ލަވައަށް 200 މިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައިވާއިރު މިއީ ބައިނަލްއަގުވާމީ ގޮތުންވެސް ގިނަ ބަޔަކަށް ކަމުދިޔަ ލަވައެކެވެ.

އެ ލަވައިގެ އާ ވާޝަންއެއް އިއްޔެ ދޫކޮށްލާފައިވާއިރު މިފަހަރު ގެނެސްދީފައިވަނީ ހިންދީ ލަވައެކެވެ. މިއީ، އަޖޭ ދޭވްގަންގެ ކުރިއަށްއޮތް ފެންޓަސީ ކޮމެޑީ ފިލްމު "ތޭންކް ގޯޑް"ގެ ލަވައެކެވެ. ހިންދީ ލަވައިގެ އަންހެން އާޓިސްޓަކީވެސް ޔޮހާނީއެވެ. ޔޮހާނީ އާއެކު ފިރިހެން ބައި ކިޔާފައިވަނީ ޖުބިން ނައުޓިޔަލާއި ސޫރިޔާ ރަގުންނަތާނެވެ. އަދި، ލަވައިގެ ވީޑިއޯއިން ފެންނަނީ ނޯރާ ފަތޭހީއާއި ސިދާތު މަލޯތްރާއެވެ.

ސިދާތު އާއި ނޯރާގެ ފަރި ހަރަކާތްތައް މި ލަވައިގައި ފެންނައިރު އެ ލަވައަށް އެއް ދުވަސްތެރޭ 21 މިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައިވެއެވެ. އަދި މި ދެ ތަރިންގެ ކެމިސްޓްރީ ކަމުދާކަމަށް ލަވަ ޝެއާ ކުރާ ގިނަ ބަޔަކު ބުނެއެވެ.

ނޯރާ އާއި ސިދާތު މީގެ ކުރިންވެސް ވަނީ މިފަދަ އައިޓަމް ލަވައަކުން އެކުގައި ފެނިފައެވެ. އެއީ، 2019 ވަނަ އަހަރު ރިލީޒްކުރި 'މަރުޖާވާން'ގެ 'އޭކް ތޮ ކަމް ޒިންދަގާނީ' އިންނެވެ. މިއީވެސް މީގެ ކުރިން ނެރެފައިވާ ލަވައެއްގެ ކަވާ އެކެވެ.

އިންދުރާ ކުމާރު ޑައިރެކްޓުކުރާ 'ތޭންކް ގޯޑް' އަކީ، ބުޝަން ކުމާރު ޕްރޮޑިއުސްކުރާ ފިލްމެކެވެ. މި ފިލްމުގައި އަޖޭ އާއި ސިދާތުގެ އިތުރުން، ރާކުލް ޕްރީތު ސިންގް ވެސް ލީޑު ރޯލަކުން ފެންނާނެއެވެ.

comment ކޮމެންޓް