ވުލްވްސް އަތުން މޮޅުވެ، ވަގުތީގޮތުން ތާވަލްގެ އެއްވަނަ މެންޗެސްޓާ ސިޓީއަށް

ވުލްވުސް ކޮޅަށް ލަނޑު ޖެހުމަށްފަހު ސިޓީ ކުޅުންތެރިން އުފާފާޅުކުރަނީ-- ފޮޓޯ/ ގެޓީ އިމޭޖް

އިނގިރޭސި ޕްރިމިއާ ލީގްގައި މިރޭ ވުލްވުސް އާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު ސިޓީ ކާމިޔާބުކޮށް، ރަށުން ބޭރުގައި ކުޅުނު ފުރަތަމަ ހަތަރު މެޗުގައި ގޯލު ޖެހި ހަމައެކަނި ކުޅުންތެރިޔާގެ ރެކޯޑް ހާލާންޑް ހޯދައިފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި މެންޗެސްޓާ ސިޓީ އާއި ވުލްވްސް ބައްދަލުކުރި މެޗު ސިޓީ ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މެންޗެސްޓާ ސިޓީއަށް ގޯލް ހުޅުވާލަދިނީ މެޗު ފަށައިގެން ފުރަތަމަ މިނެޓް ތެރޭގައި ޖެކް ޕިޓާ ގްރީލިޝްއެވެ. މިއީ ކެވިން ޑިބްރޭނާ ގޯލް ކުރިމަށްޗަށް ހުރަސްކޮށްލި ބޯޅައަކުން ގްރީލިޝް ޖެހި ގޯލެކެވެ.

މެޗުގައި ސިޓީން ޖެހި ދެވަނަ ލަނޑު 16 ވަނަ މިނެޓް ތެރޭގައި އެޓީމަށް ކާމިޔާބުކޮށްދިނީ، މި ސީޒަނުގައި ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ އާލިން ހާލާންޑެވެ. މި ލަނޑާއެކު ހާލާންޑް ވެފައިވަނީ އިނގިރޭސި ޕްރިމިއާލީގް ތާރީޚްގައި ވެސް ރަށުން ބޭރުގައި ކުޅުނު ފުރަތަމަ ހަތަރު މެޗުގައި ގޯލު ޖެހި ހަމައެކަނި ކުޅުންތެރިޔާ އަށެވެ. މި ސީޒަނުގައި ހާލާންޑް ވަނީ މިހާތަނަށް 11 ލަނޑު ޖަހާފައެވެ.

ފުރަތަމަ ހާފުގެ 33 ވަނަ މިނެޓް ތެރޭގައި ވުލްވުސްގެ ނެތަން ކޮލިންސްއަށް ދެއްކި ރަތްކާޑުގެ ސަބަބުން މެޗުގެ ބޮޑުބައި އެޓީމުން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. މެޗުގައި ސިޓީން ޖެހި ތިން ވަނަ ލަނޑު 69 ވަނަ މިނެޓް ތެރޭގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޑިބްރޭނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ފިލް ފޯޑެންނެވެ.

ޕްރިމިއާ ލީގްގައި މިރޭ ވުލްވްސް އަތުން ލިބުނު މޮޅާއެކު މެންޗެސްޓާ ސިޓީއަށް ވަނީ 17 ޕޮއިންޓާއެކު ތާވަލްގެ އެއްވަނަ ލިބިފައެވެ. ނަމަވެސް މި ހަފުތާގައި އާސެނަލް ކުޅޭ މެޗުން އެޓީމް މޮޅުވެއްޖެނަމަ ތާވަލްގެ އެއްވަނަ އާސެނަލަށް ލިބޭނެއެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި މިރޭ ކުޅުނު އިތުރު މެޗުތަކުގެ ނަތީޖާތަކަށް ބަލާއިރު، ނިއުކާސަލް ޔުނައިޓެޑާއި ބޯންމައުތް ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ. ސްޕާސް އާއި ލެސްޓާ ސިޓީ ބައްދަލުކުރިމެޗް 2-6 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ސްޕާސްއެވެ.

comment ކޮމެންޓް