ޒުވާނުން ތަމްރީނުކޮށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް ޔޫތް މިނިސްޓްރީއާއެކު އާރްޑީސީން އެއްބަސްވުމެއްގައި ސޮއި ކޮށްފި

ޔޫތް މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ނާސިހު ރަޝީދް އަދި އާރްޑީސީގެ ފަރާތުން ސޮއި ކޮށްފައިވަނީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު މޫސާ އަލީ މަނިކް--- ފޮޓޯ/ ޔޫތް މިނިސްޓްރީ

ތިން ހާސް ޒުވާނުން ތަމްރީނުކޮށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށްޓަކައި ޔޫތް މިނިސްޓްރީން ހިންގާ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި އާރްޑީސީން ސޮއި ކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެެއްގައި ޔޫތް މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ނާސިހު ރަޝީދެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކެވެ.

މިއަދު ސޮއިކުރި އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި 65 ޒުވާނުންނަށް ފުރުސަތު ދޭނެ ކަމަށާއި އެ ޒުވާނުންނަށް، ކުރާ މަސައްކަތާއި އެކަށީގެންވާ އެލަވެންސެއް ހަމަޖައްސައިދޭނެ ކަމަށް ޔޫތް މިނިސްޓްރީން ބުންޏެވެ.

ޔޫތް މިނިސްޓްރީން ބުނީ އެ ޕްރޮގްރާމަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތައް ގުޅިގެން ގައުމީ ފެންވަރުގައި ހުޅުވާލައިގެން ގެންދާ ޚާއްސަ ޕްރޮގްރާމެއް ކަމަށެވެ. އަދި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ އެ މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ކަމަށް ވެސް ޔޫތް މިނިސްޓްރީން ފާހަގަކުރެއެވެ.

އެއީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ޒުވާނުންގެ ތެރެއިން ހަވާސާގައި ދިރިއުޅޭ ޒުވާނުންނާއި ޖުމްލަކޮށް ދެ ޖިންސުގެ ޒުވާނުންނަށް އަމާޒުކޮށްގެން ތަފާތު ހުނަރުތައް ދަސްކޮށްދޭނެ ޕްރޮގްރާމެއް ކަމަށް އެ މިިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން އެ ޕްރޮގްރާމަކީ ޒުވާނުން ވަޒީފާގެ ބާޒާރަށް އަހުލުވެރިކުރުވައި، އެއީ ގައުމުގެ އިގްތިޞާދީ، ތަރައްގީއާއި އިޖްތިމާއީ ހަމަޖެހުމަށް މަސައްކަތްކުރާ ބަޔަކަށް ހެދުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ޔޫތް މިނިސްޓްރީން ބުނީ އެ ޕްރޮގްރާމުގައި ޒުވާނުންނަށް މަސައްކަތު މާހައުލުގައި ތިބެގެން އެ މަސައްކަތްތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށެވެ.

ހަ މަސްދުވަހަށް ހިންގުމަށް ހަމަޖެހިފައިވާ އެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް ލިބޭނީ ރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް ތިނެއްގެ ސެޓްފިކެޓެއް ކަމަށް ޔޫތް މިނިސްޓްރީން ބުނެއެވެ. އެ ޕްރޮގްރާމްގެ ދަށުން ހިންގާ ތަމްރީނުތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ނެޝެނަލް ކޮންމިޓެންސީ ސްޓެންޑަޑްތަކާ އެއްގޮތަށް ކަމަށް ވެސް އެ މިނިސްޓްރީން ފާހަގަކުރެއެވެ.

ޔޫތް މިނިސްޓްރީން ބުނީ ޕްރޮގްރާމް ކުރިއަށްދާއިރު ތަމްރީނުދޭ އިންސްޓިޓިއުޓަކާ ދަރިވަރު ގުޅުވައިދެވޭނެ ކަމަށެވެ. އަދި ނެޝެނަލް ކޮންމިޓެންސީ ސްޓެންޑަޑްތަކާ އެއްގޮތަށް ބައިވެރިންގެ ހުނަރުތައް ގެންދިއުން ކަށަވަރު ކުރުމަށް އެ އިންސްޓިޓިއުޓްގެ ޚަރަދު ހަމަޖައްސައިދޭނީ އެ މިނިސްޓްރީން ކަމަށް ވެސް ޔޫތު މިނިސްޓްރީން ބުންޏެވެ.

މިހާތަނަށް 11 ކުންފުންޏެއްގައި 250 އަށް ވުރެ ގިނަ ޒުވާނުން ދަނީ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވެ އެ ޕްރޮގްރާމް ފުރިހަމަ ކުރަމުންނެވެ.

comment ކޮމެންޓް