ތަޢުޒިޔާ ... ހަނދާންތަކަކާ އެކު 2

ޔުނައިޓެޑް ކިންގްޑަމްގެ ރާނީ އެލިޒަބަތު ދެވަނަ.

ޙައްޤުތަކާއި ޙުއްރިއްޔަތުގެ އެކުވެރިޔާ

އިނގިރޭސި ވިލާތުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި، 1979 ވަނަ އަހަރު މާރގްރެޓް ތެޗަރ މަޤާމާ ޙަވާލު ވެވަޑައިގަތެވެ. އެކަމަނާ އެ މަޤާމުގައި 1979 އިން 1990 ވަނަ އަހަރާ ހަމަޔަށް، 11 އަހަރުގެ މުއްދަތަށް ހުންނެވިއެވެ.

ރާނީ އެލިޒަބަތާއި ތެޗަރއާ ދެ ބެއިފުޅުންގެ ގުޅުމަކީ ބައެއް ފަހަރު ޓެންޝަން ބޮޑު ގުޅުމެއް ކަމަށް ބުނެވެއެވެ. މުހިއްމު އެއް މައްސަލައަށް ވުރެ ގިނަ މައްސަލައިގައި ދެ ބެއިފުޅުން ދެ ފަރާތަށް މޫނުފުޅު ލެއްވެވިއެވެ. އެފަދަ އެއް މައްސަލަ އަކީ ދެކުނު އެފްރިކާގެ އެޕަރތައިޑް ސަރުކާރާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ މައްސަލައެވެ.

"އެޕަރތައިޑް" އަކީ 1948 ވަނަ އަހަރުން ފެށިގެން 1990 ގެ އަހަރުތަކާ ހަމަޔަށް ދެކުނު އެފްރިކާގައި ދޮން މީހުންގެ އިސްތިޢުމާރީ ސަރުކާރުތަކުން ގެންގުޅުނު ނަސްލީ އިމްތިޔާޒުގެ އަނިޔާވެރި ނިޒާމެކެވެ. އެ ނިޒާމުގައި ކުރި ކަމަކީ ދެކުނު އެފްރިކާގެ ޙަޤީޤީ އަހުލުވެރީން އަދި އާބާދީގެ ބޮޑު މެޖޯރިޓީއެއް ކަމުގައި ވާ ކަޅު މީހުންގެ އިންސާނީ ކަރާމާތާއި ޙައްޤުތައް ނިގުޅައިގަނެ، މުޖުތަމަޢުގައި ދެވަނަ އަދި ތިންވަނަ ދަރަޖައިގެ ބައެއްގެ ގޮތުގައި ދިރިއުޅޭން އެމީހުންނަށް މަޖުބޫރު ކުރުމެވެ. އެކި ކަހަލަ ބޭއިންޞާފުތަކާއި އަނިޔާތަކަށް އެމީހުން ހުރަހޮޅުމެވެ. މިކަން ކުރަމުން ގެންދިޔަ ދޮން އިސްތިޢުމާރީންނަކީ، މައިގަނޑު ގޮތެއްގައި އިނގިރޭސި ވިލާތުންނާއި ހޮލެންޑުން ނަވާރަވަނަ ޤަރުނުގެ އިސްތިޢުމާރީ އަހަރުތަކުގައި ދެކުނު އެފްރިކާއަށް އަރައި ގަދަބާރުން އެ ޤައުމުގެ ބިންތަކުގައި ވަޒަންވެރި ވެ، އެ ޤައުމަށް ވަޒަންވެހި ވެފައި ތިބި ދޮން މީހުންނެވެ. އެމީހުން ދެކުނު އެފްރިކާގެ "ސާހިބުން ލޯޑުންގެ" ގޮތުގައި ތިބެ ހިންގަމުން ދިޔަ ނަސްލީ އިމްތިޔާޒުގެ އަނިޔާވެރި ނިޒާމާ ދެކޮޅަށް، 1950 ގެ އަހަރުތަކުން ފެށިގެން އެފްރިކާގެ ޤައުމުތަކަކުން ދިޔައީ ޝަކުވާ ކުރަމުންނެވެ. އެ ޤައުމުތައް ބޭނުން ވީ އިނގިރޭސި ކޮމަންވެލްތު ޖަމްޢިއްޔާގެ ތެރެއިން ވެސް ދެކުނު އެފްރިކާއާ ދެކޮޅަށް ސިޔާސީ އަދި އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން، އެޕަރތައިޑްގެ ނިޒާމު ނިމުމަކަށް ގެނައުމެވެ. ދެކުނު އެފްރިކާގެ ކަޅު ރައްޔިތުންނަށް "ޑިމޮކްރެސީ" އާއި "އިންސާނީ ޙައްޤުތައް" ކަށަވަރު ކޮށްދިނުމެވެ. 1980 ގެ ދަހަރާ ހަމަޔަށް ދިޔަ އިރު، އެޕަރތައިޑް ކުށްވެރި ކުރުމުގެ އަޑަކީ ދުނިޔޭގައި ވެސް ހަރު އަޑަކަށް އޮތީ ވެފައެވެ. ނަމަވެސް މާރގްރެޓް ތެޗަރގެ އިނގިރޭސި ސަރުކާރު އެ އަޑަކާ އެއްބަހެއް ނުވިއެވެ. ދެކުނު އެފްރިކާގެ ދޮން މީހުންގެ ސަރުކާރާ ދެކޮޅަށް އެއްވެސް ކަހަލަ ފިޔަވަޅެއް އަޅާކަށް ތެޗަރގެ ސަރުކާރު ބޭނުމެއް ނުވިއެވެ.

ރާނީ އެލިޒަބަތު ބޭނުންފުޅު ވީ ކޮމަންވެލްތުގެ އެފްރިކާ މެންބަރު ޤައުމުތައް އެދޭ ފަދަ ފިޔަވަޅުތަކެއް ދެކުނު އެފްރިކާއާ ދެކޮޅަށް އެޅުމެވެ. އެއީ އިނގިރޭސި އަންބަރާޠޫރިއްޔާ ރޫޅި ދިޔުމަށް ފަހު، އަންބަރާޠޫރިއްޔާގެ ދަށުގައި ހުރި ޤައުމުތައް އިނގިރޭސީންގެ "އެކުވެރީންގެ" ގޮތުގައި ކޮމަންވެލްތުގައި ބެއިތިއްބޭނީ އެ ޤައުމުތައް ހިތްހަމަޖެހޭ ގޮތަކަށް ކަންތައްތައް ކޮށްދީގެން ކަމަށް އެކަމަނާއަށް ޤަބޫލުފުޅު ކުރެއްވޭތީކަން ޔަޤީނެވެ. ހަމައެކަނި އެފްރިކާގެ ޤައުމުތަކެއް ނޫނެވެ. ކޮމަންވެލްތުގެ މެންބަރު އޭޝިޔާގެ ޤައުމުތައް ވެސް ގެންދިޔައީ، އެޕަރތައިޑް ދެކުނު އެފްރިކާއާ އެކު މާރގްރެޓް ތެޗަރގެ ސަރުކާރުން ބާއްވަމުން ގެންދިޔަ ގާތް ގުޅުމާ މެދު ތުން ފިއްތަމުން ބުމަ ގޮށް ޖަހަމުންނެވެ. އެހެންކަމުން، ކޮމަންވެލްތުގެ ޤައުމުތައް ރުޅި އަންނަ ބީދައިން ތެޗަރ ކަންތައްތައް ކުރެއްވި ކުރެއްވުމާ މެދު ރާނީ ވަރަށް ހިތްޕުޅު ހަމަނުޖެހުނު ކަމަށް ވެއެވެ. ނަމަވެސް ފަހު ވަގުތު އެކަމަނާ ތެޗަރއަށް ދޫ ދެއްވީއެވެ. މިއީ ކޮމަންވެލްތުގެ ވަރަށް ބޮޑު ފޭލިވުމެއް ކަމަށް އެންމެން ވެސް އެއްބަސްވެއެވެ.

ތެޗަރގެ ބޮޑުވަޒީރުކަމުގެ ދައުރު ނިމި، ނަންބަރު ދިހައެއް ޑައުނިންގ ސްޓްރީޓަށް ޖޯން މޭޖަރ ވަޑައިގަތީ 1990 ގައެވެ. ޖޯން މޭޖަރގެ ބޮޑުވަޒީރުކަމުގެ ދައުރު ފާހަގަ ކުރެވިފައި ވަނީ ސޮވިއެޓް ޔޫނިއަން ރޫޅިދިޔުމުގެ ކޮޅުމައްޗާ އެކު، އެމެރިކާ އާއި އިނގިރޭސީން އިސް ވެތިބެގެން މުސްލިމް ޢަރަބި ޤައުމެއް ކަމުގައި ވާ ޢިރާޤު ފުނޑުފުނޑު ކޮށް އެތައް މިލިއަން ޢިރާޤީން ފަނާ ކުރި އަނިޔާވެރި ހަނގުރާމައާ ގުޅުވައިގެންނެވެ.

އެމެރިކާ އާއި އިނގިރޭސީންނާއި ޔޫރަޕުގެ އެހެން އެތައް ޤައުމަކާއި އެމީހުންނަށް ތަބާ ވި އިތުރު ޤައުމުތަކުން، އަލިފުދާލު ޖަމްޢިއްޔާގެ ނިޒާމުގެ ނާޖާއިޒު ބޭނުން ހިފައިގެން، ޢިރާޤަށް އަރައިގަތީ މަކަރުވެރި ރޭވުންތަކެއްގެ ތެރެއިންނެވެ. ޢިރާޤުގެ ރައީސްކަމުގެ މަޤާމުގައި އެއިރު ހުންނެވި ޞައްދާމް ޙުސައިނު އަވަށްޓެރި ކުވައިތަށް ޢިރާޤު ސިފައިން ފޮނުއްވަވައި އެ ޤައުމު ހިއްޕެވުމާ ގުޅިގެން، ކުވައިތު މިނިވަން ކުރުމުގެ ބަހަނާގައި ކުރި ހަނގުރާމައެއްގައެވެ. މި ހަނގުރާމައިގައި ޢިރާޤު ބަލި ވެ، ކުވައިތުގައި އޮތް ޢިރާޤު ސިފައިންގެ ލަޝްކަރު ކުވައިތުން ފައިބައިގެން ޢިރާޤުގެ ސަރަޙައްދަށް ވަން ފަހުން، އެމެރިކާ އާއި އިނގިރޭސީން އެ ލަޝްކަރުގެ ސިފައިން ދަތުރު ކުރަމުން ދިޔަ ޤާފިލާތަކަށް ޙަމަލަ ދީ އެތައް ހާސް ސިފައިން މެރިއެވެ. މުޅި ޢިރާޤުގެ ކަންކޮޅުތަކަށް ބޮން އަޅައި، ޤައުމުގެ ޢުމްރާނީ އޮނިގަނޑު ފަނާ ކޮށް، އިޖުތިމާޢީ ނިޒާމު ފުނޑުފުނޑު ކޮށް، މަދަނީންގެ އެތައް ހާސް ބަޔަކު މެރިއެވެ. އެޔަށްފަހު، ޢިރާޤާ ދެކޮޅަށް އެމެރިކާ އާއި އިނގިރޭސީން އިސް ވެތިބެގެން އެޅީ އިޤްތިޞާދީ ދަތި ކުރުމުގެ ފިޔަވަޅުތަކެކެވެ. އެ ފިޔަވަޅުތަކުގެ ސަބަބުން ޢިރާޤު ބަނގުރޫޓު ވެ، ކާނާ އަށާއި ބޭހަށް ޖެހި، ކޮންމެ ދުވަހަކު ކުޑަކުދީންނާއި މުސްކުޅީންނާއި ޒުވާނުން މަރު ވަމުން ދިޔައީ ވިހަ ބޮއިގެން ތަންޑާ ވަމުން ދިޔަ ކުރަފިތަކެއް ފަދައިންނެވެ.

މި ހަނގުރާމައިން އެމެރިކާނުންނާއި އިނގިރޭސީންނާއި އެމީހުންގެ އެކުވެރީންނަށް ލިބުނު ފޮނި ކާމިޔާބީގެ މާމުއި ހަނދުގެ ދުވަސްވަރު، 1991 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ރާނީ އެލިޒަބަތު އެމެރިކާއަށް ދަތުރުފުޅެއް ކުރެއްވިއެވެ. އެ ދަތުރުފުޅުގައި އެކަމަނާ އެމެރިކާގެ ކޮންގްރެސްގެ ދެ ގޭގެ އެކުވި މަޖިލިހެއްގައި ތަޤުރީރު ކުރެއްވިއެވެ. އެ ތަޤުރީރާ އެކު އެކަމަނާ ވެވަޑައިގެންފައި ވަނީ އެމެރިކާގެ ޤާނޫނު ހަދާ މަޖިލިހުގައި ތަޤުރީރު ކުރެއްވި އިނގިރޭސި ފުރަތަމަ މޮނާކް ކަމުގައެވެ. އެ ދުވަހު ޤާނޫނު ހަދާ މަޖިލިހުގައި ދެއްކެވި ވާހަކަފުޅުގައި، އެމެރިކާގެ ރައީސް ޖޯރޖް އެޗް ޑަބްލިޔު ބުޝް ރާނީއަށް ތަޢުރީފު ކުރައްވަމުން ވިދާޅުވީ "އަޅުގަނޑުމެން ހަނދާން ހުންނާން ފެށީއްސުރެ އެކަމަނާ އަކީ ޙުއްރިއްޔަތުގެ އެކުވެރިއެއް" ކަމުގައެވެ.

ދެކުނު އެފްރިކާގެ ކަޅު ރައްޔިތުންނަށް ޑިމޮކްރަސީ އާއި އިންސާނީ ޙައްޤުތަކާއި މިނިވަންކަން ކަށަވަރު ކޮށްދިނުމަށް ރާނީ އެލިޒަބަތުގެ ދައުލަތުން ދެކޮޅު ހެދިއެވެ. ޢިރާޤުގެ އެތައް ލައްކަ މުސްލިމް ދަރީންނެއް އަނިޔާވެރި ހަނގުރާމައެއްގައި ކަތިލުމުގެ ޖަރީމާ ހިންގުމުގެ އިސް އެއް ފަރާތަކީ އެ ދައުލަތެވެ. އެކަމަކު ވެސް "ޙުއްރިއްޔަތުގެ އެކުވެރިޔާ" އެވެ!

އެނަސް ހޮރިބިލިސް

1992 އަކީ، ރާނީ އެލިޒަބަތުގެ އަމިއްލަ ސިފަ ކުރެއްވުމަކުން ދަންނަވަންޏާ، އެކަމަނާގެ "އެނަސް ހޮރިބިލިސް" އެވެ. "މުޞީބާތާއި ހިތާމަތަކުގެ އަހަރު" އެވެ.

1992 ވަނަ އަހަރުގެ ތެރޭގައި ރާނީގެ ދެވަނަ ދަރިކަލުން ޑިޔުކް އޮފް ޔޯރކް އެންޑްރޫވގެ އަނބިކަނބަލުން ޑަޗެސް އޮފް ޔޯރކް ސޭރާ މާރގްރެޓް ފާރގުސަން އެމެރިކާގެ މިލިއަނަރަކާ އެކު ސިއްރު ގުޅުންތަކެއް ބޭއްވެވިކަން ފަޅައިއަރައި އެ ދެކަނބަލުން ވަކި ވިއެވެ. އޭގެ ދުވަސްކޮޅެއް ފަހުން، ރާނީގެ ދަރިކަނބަލުން އޭން އާއި އެކަމަނާގެ ފިރިކަލުން ކެޕްޓަން މާރކް ފިލިޕްސްގެ ކައިވަނިފުޅު ވަރިއާ ހަމައިން ނިމުނެވެ. ހަމަ އެ ދުވަސްކޮޅު، ރާނީގެ ދޮށީ ދަރިކަލުން އަދި އިނގިރޭސި ތާޖާއި ތަޚްތުގެ ވަލީޢަހުދު އަމީރު ޗާރލްސް އާއި އޭނާގެ އަނބިކަނބަލުން ޑަޔާނާ ޕްރިންސެސް އޮފް ވޭލްސްއާ ދެކަނބަލުންގެ ދެމެދުގައި ބޮޑެތި މައްސަލަތައް އުފެދި، ދެކަނބަލުން ވެސް ހިތްދަތި އަދި ވޭނީ ދިރިއުޅުއްވުމެއް އުޅުއްވަމުން ގެންދަވާ ވާހަކަ އާއި، އަމީރު ޗާރލްސް ކައިވަނިފުޅުން ބޭރުން ކެމީލާ ޕާރކަރ ބޮއުލްސް ކިޔާ އަންހެނަކާ އެކު ނުހަމަ ގުޅުންތަކެއް ބާއްވަވަމުން ގެންދަވާކަން ހާމަ ވިއެވެ. އަހަރުގެ ފަހުކޮޅު، ރާނީ އެލިޒަބަތުގެ ގަނޑުވަރުތަކުގެ ތެރެއިން ވިންޒާ ކިއްލާގައި ހިނގި ވަރަށް ބޮޑު އަލިފާނުގެ ޙާދިސާއެއްގައި ގަނޑުވަރަށް ވަރަށް ބޮޑެތި ގެއްލުންތައް ވިއެވެ.

ވިންޒާ ކިއްލާގެ އަލިފާނުގެ ހާދިސާއާ ގުޅިގެން ދެން އުފެދުނު މައްސަލަ އަކީ އެތަން މަރާމާތު ކުރުމަށް ޚަރަދު ކުރާނީ ރާނީގެ އަމިއްލަފުޅު ފައިސާއިންތޯ ނުވަތަ ދައުލަތުގެ ބަޖެޓުން ރައްޔިތުންގެ ފައިސާއިންތޯ މި ސުވާލާ ދެމެދު އުފެދުނު ދެބަސްވުންތަކެވެ. މައްސަލައިގައި އިނގިރޭސި ވިލާތުގެ ޢާއްމު ރައުޔު ވަރަށް ބޮޑަށް ދެ ކަފި ވިއެވެ. މައްސަލަ ޙައްލު ވެގެން ދިޔައީ، މަރާމާތަށް ޚަރަދު ވާ ފައިސާގެ ބައެއް ހޯދުމަށް ޓަކައި، ޢާއްމުންނަށް ޓިކެޓު ގަނެގެން ވަދެ އިނގިރޭސި ރަސްކަމުގެ މައި ގަނޑުވަރު ކަމުގައި ވާ ބަކިންގހަމް ޕެލަސް ބަލައިލުމުގެ ފުރުޞަތު ދިނުމަށާއި، ރާނީ އެކަމަނާގެ އަމިއްލަފުޅު ފައިސާއިން 2 މިލިއަން ޕައުންޑް މަރާމާތަށް ޚަރަދު ކުރެއްވުމަށާއި، އަދި 1993 އިން ފެށިގެން ރާނީ ވެސް ވުނަދާނަ ނުވަތަ "އިންވެސްޓްމަންޓް" އާމުދަނީން ޓެކްސް ދައްކަވާ ގޮތަށް ހަމަޖެހިގެންނެވެ. އެއީ އިނގިރޭސި ވިލާތުގެ ރަސްކަމުގެ ތާރީޚުގައި، މޮނާކް ދައުލަތަށް ޓެކްސްއެއް ދައްކަވާން ފެށުމެވެ.

ޑަޔާނާ

1997 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި، ރާނީ އެލިޒަބަތުގެ ދަރިކަލުން އަމީރު ޗާރލްސްގެ ކުރީގެ އަނބިކަނބަލުން އަދި ޗާރލްސްގެ ދެ ބެއިފުޅުންގެ މަންމާފުޅު އަމީރާ ޑަޔާނާ އަވަހާރަ ވިއެވެ. ފަރަންސޭސި ވިލާތުގެ ވެރިރަށް ޕެރިހުގެ ބިމުއަޑީ މަގެއްގައި ހިނގި ނުރައްކައުތެރި ކާރު އެކްސިޑެންޓެއްގައެވެ.

އަމީރު ޗާރލްސް އާއި އަމީރާ ޑަޔާނާ ކައިވަނި ބައްލަވައިގެން ޝާހީ ޢާއިލާގެ ތެރޭގައި އުޅުއްވި އިރު ވެސް، ރާނީ އެލިޒަބަތާއި ޢާއިލާގެ އެހެން ބެއިފުޅުންގެ ފަރާތްޕުޅުން އެކަމަނާއަށް ކުރިމަތި ލައްވާން ޖެހިވަޑައިގަތީ އިހުމާލުގެ އަނިޔާއާއެވެ. ލޯތްބާއި އަޅައިލުން އެދިވަޑައިގެން އެކަމަނާ ފިރިކަލުންނާއި، މައިދައިތާފުޅާއި، އެބޭބޭފުޅާއި، ފިރިކަލުންގެ ޢާއިލާގެ އެހެނިހެން ވެސް ބައެއް ބެއިބެއިފުޅުންގެ އަރިޔަހުން ސަލާން ޖެއްސެވި ކަމަށް ބުނެވެއެވެ. ނަމަވެސް ޝާހީ ޢާއިލާގެ ތެރެއިން އެކަމަނާއަކަށް އޯގާވެރިއެއްގެ ހިޔާވަހިކަން ލިބިވަޑައެއްނުގަތެވެ.

ޑަޔާނާ އަވަހާރަ ވި އިރު، އުޅުއްވީ މިޞްރަށް ނިސްބަތް ވާ ޢަރަބި ޢާއިލާއެއްގެ ބެއިފުޅަކު ކަމަށްވާ ޢަބްދުލްމުންޢިމް ފާޔިދު – މަޝްހޫރު ނަމުން ޑޯޑީ އަލްފާޔިދް - އާ ލޯބީގެ ގޮތުން ގުޅިވަޑައިގެންނެވެ. އަލްފާޔިދަކީ ނަސްލީ ގޮތުން ޢަރަތްބަކަށް ވުމުގެ އިތުރުން، ދީނީ ނިސްބަތަށް ބަލާ އިރު މުސްލިމެކެވެ. ޑަޔާނާ އާއި އަލްފާޔިދު ގެންދެވީ ކައިވަނީގެ ތައްޔާރީތައް ކުރައްވަމުން ކަމަށް ވެސް ބުނެވެއެވެ. ބައެއް މީހުންގެ ނަޒަރުގައި، ޑަޔާނާ އެ އެކްސިޑެންޓެއްގައި އަވަހާރަ ވި އެކްސިޑެންޓަކީ އިނގިރޭސި ޝާހީ ޢާއިލާ އާއި ސަރުކާރުގެ ތެރެއިން ބަޔަކު އަޑީގައި ތިބެގެން، އިނގިރޭސި ޖާސޫސީ އިދާރާގެ އޭޖެންޓުން މެދުވެރިކޮށް ކުރުވި ކަމެކެވެ. ޢަރަބި މުސްލިމަކު، އިނގިރޭސި ވަލީޢަހުދު އަމީރު ޗާރލްސް ގެ ދެ ބެއިފުޅުންގެ ދެ ދަރިކަލުންގެ "ދޮންބައްޕަ" އަކަށް ވާ ޙާލަތު އަޔަނުދިނުމުގެ ބޭނުމުގައެވެ.

މި ވާހަކަތަކުގެ ޙަޤީޤަތް ކޮންމެ ގޮތަކަށް އޮތް ކަމުގައި ވިޔަސް، ޑަޔާނާ އަވަހާރަ ވެގެން އިނގިރޭސި ވިލާތުގެ އެތައް މިލިއަން ބަޔަކު ފުން ހިތާމައެއްގައި ކަޅު ހެދުން ލައިގެން މަގުތައް ފުރައިލި އިރު، ރާނީ އެލިޒަބަތު އިޚްތިޔާރު ކުރެއްވީ ޢާއްމުންގެ ކުރިމައްޗަށް ނުކުމެވަޑައިނުގަތުމަށެވެ. ޑަޔާނާ އަވަހާރަވުމާ ބެހޭގޮތުން އެއްޗެއް ވިދާޅުނުވުމަށެވެ. ފެނުނު ގޮތުގައި، ޑަޔާނާ އަވަހާރަ ވެގެން ދިޔުމަކީ ރާނީއަށް މާކަ ބޮޑު ކަމެއް ނޫނެވެ. ނަމަވެސް އެތައް ދިމާޔަކުން ބޮޑެތި ފާޑުކިޔުންތަކެއް އައި ފަހުން، ޓީވީން ވަގުތުން ދެއްކި ޕްރޮގްރާމެއްގައި ޑަޔާނާގެ ޒިކުރާ އައު ކުރެއްވިއެވެ. ޑަޔާނާ އަވަހާރަ ކޮށްލުމުގައި ޝާހީ ޢާއިލާގެ އަތެއް އޮތް ކަމަށް ދެކެވެމުން ދިޔަ ވާހަކަތައް އެކަމަނާ ދޮގު ވެސް ކުރެއްވިއެވެ.

1992 ހައި ގޯސް ނޫނަސް، 2002 ވަނަ އަހަރަކީ ވެސް ރާނީ އެލިޒަބަތަށް ހިތާމައިގެ އަހަރެކެވެ. އެއީ އެކަމަނާގެ ޢާއިލާގެ ތެރެއިން އެކަމަނާއާ އެންމެ އަރިސް އަދި އެކަމަނާ އެންމެ ލޯބި ކުރެއްވި މެންބަރުންގެ ލިސްޓުގައި ހިމެނޭ ދެ ބެއިފުޅަކު އަވަހާރަ ވި އަހަރެވެ. އޭގެ ތެރެއިން އެއް ބެއިފުޅަކީ އެކަމަނާގެ މަންމާފުޅު އެލިޒަބެތު ބޮވެސް-ލިޔޯނެވެ. އަނެއް ބެއިފުޅަކީ އެކަމަނާގެ ކޮއްކޯފުޅު މާރގްރެޓް ރޯޒް އެވެ.

އެއާއެކު، 2002 އަކީ އެއްގޮތަކުން އެލިޒަބަތަށް އުފާވެރި ވެސް އަހަރެކެވެ. އެއީ އެކަމަނާ އިނގިރޭސި ތަޚުތުގައި ރެދަލި ކުރައްވާތާ 50 އަހަރު ފުރުނު ރަންޔޫބީލް އަހަރެވެ. ޝާހީ ޢާއިލާގެ މުހިއްމު ދެ މެންބަރަކު އެ އަހަރު އަވަހާރަ ވުމާ އެކުގައިމެ، ރަންޔޫބީލް ވަރަށް ކުލަގަދަކޮށް ފާހަގަ ކުރެވުނެވެ. ރަންޔޫބީލް ދުވަހު، ބަކިންގހަމް ޕެލަސްގެ ކުރިމަތީގައި ހުންނަ ދަ މޯލަށް މިލިއަނަކަށް ވުރެ ގިނަ މީހުން ޖަމާ ވެ ރާނީ އެލިޒަބަތަށް ތަހުނިޔާ އާއި މުބާރިކުބާދު ދެންނެވުމުގެ ގޮތުން ފައުޅު ކުރި ޝުޢޫރުތަކާއި، މުޅި އިނގިރޭސި ވިލާތުގައި ވެސް އެ މުނާސަބަތު ފާހަގަ ކުރެވިގެން ދިޔަ ގޮތުން، ރާނީ އެލިޒަބަތަކީ އިނގިރޭސި ރައްޔިތުން އެންމެ ލޯބި ވާ އެއް ޝަޚްޞިއްޔަތުކަން ހާމަ ވެގެން ދިޔައެވެ.

އަޔަރލެންޑް

2011 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ރާނީ އެލިޒަބަތު ރިޕަބްލިކް އޮފް އަޔަރލެންޑަށް ޒިޔާރަތް ކުރެއްވިއެވެ. އެއީ ޔުނައިޓެޑް ކިންގްޑަމާއި އަޔަރލެންޑުގެ ތާރީޚުގައި މުހިއްމު އިވެންޓެކެވެ.

ގްރޭޓް ބްރިޓްން ޖަޒީރާގައި އިނގިރޭސި ރަސްކަމުގެ ބިންގާ މީލާދީން 1066 ގައި އެޅުމަށް ފަހު ޤަރުނެއް ވެގެން ދިޔަ އިރު ވެސް، ގްރޭޓް ބްރިޓްންގެ ހުޅަނގަށް ވަކި ޖަޒީރާއެއްގެ ގޮތުގައި އޮންނަ އަޔަރލެންޑް އޮތީ އެ ރަސްކަމުގެ ބާރު ނުފޯރާ މިނިވަން ބިމެއްގެ ގޮތުގައެވެ. މީލާދީން 1169 ގައި، އިނގިރޭސި ރަސްގެފާނު ހެންރީ ދެވަނަގެ ގިޔާދަތުގައި އިނގިރޭސި ލަޝްކަރުތައް އަޔަރލޭންޑް ފަތަޙަ ކުރުމުގެ މަސައްކަތް ފެށިއެވެ. ޚުދު ހެންރީ ވެސް ލަޝްކަރަކާއިގެން މީލާދީން 1171 ގައި އަޔަރލޭންޑަށް ވަޑައިގަތެވެ. ދެން އައި ޤަރުނުތަކުގައި މި ޙަމަލަތަކުގެ ސިލްސިލާ ދިޔައީ ހުއްޓުމެއް ނެތި ކުރިޔަށެވެ. މީލާދީން 1540 ގައި އިނގިރޭސި ރަސްގެފާނު ހެންރީ އަށްވަނަ ވެސް ވަރުގަދަ ލަޝްކަރަކާއިގެން އަޔަރލޭންޑަށް އަރައިވަޑައިގަތެވެ. މި ޙަމަލަތަކުގައި އަޔަރލޭންޑުގެ ބިންތައް ފަތަޙަ ކުރެވި، އައިރިޝް ރައްޔިތުންގެ ގެދޮރާއި ދަނޑުފަނގުތަކާއި ދިރޭމާލާއި ދިރިއުޅުމުގެ އެންމެހައި ކަންކަމުގެ މައްޗަށް އިނގިރޭސި ރަސްކަމުގެ ބާރު ފޯރުވުނު ކަމުގައި ވިޔަސް، އަޔަރލޭންޑުގެ ޤައުމީ ޝަޚްޞިއްޔަތާއި ޤައުމީ ޝަނާޚަތު ހަލާކު ކޮށްލުމުގައި އިނގިރޭސީންނަށް ކާމިޔާބެއް ނުލިބުނެވެ. ރުހިގެން އިނގިރޭސި ތާޖާއި ތަޚްތުގެ ކުރިމަތީގައި ޠާޢަތާއި ތަމްކީނުގެ ފިޔަ ތިރި ކުރި ބަޔަކު އަޔަރލޭންޑުގައި ތިބިމެއެވެ. ނަމަވެސް ނުރުހުމުގައި އަދި މަޖުބޫރު ވެގެން ކިޔަމަންތެރިކަން އަދާ ކުރި މީހުންނާއި، އިނގިރޭސި ރަސްކަމާ ދެކޮޅަށް އެކި ގޮތްގޮތުން މަސައްކަތް ކޮށް، އަޔަރލޭންޑުގެ ސިޔާދަތާއި އިސްތިޤްލާލު ދެމެހެއްޓުމަށް މަސައްކަތް ކުރި މީހުން މާ ގިނައެވެ.

އިނގިރޭސި ރަސްކަމާއި ދައުލަތުގެ އިޚްތިޞާޞާއި ސީދާ އަމުރުގެ ދަށުގައި އޮންނަ އެ ދައުލަތުގެ ބަޔަކަށް އަޔަރލެންޑް ޤާނޫނީ ގޮތުން ވީ މީލާދީން 1800 ވަނަ އަހަރުގެ "އެކްޓްސް އޮފް ޔޫނިއަން" ގެ ދަށުންނެވެ. ނަމަވެސް އޭގެ ފަހުގައި ވެސް އިނގިރޭސި ރަސްކަމުގެ ދަށުގައި އަޔަރލޭންޑް ހަމަޖެހުމާ އެކު ޤަރާރު ވެއޮންނަ ގޮތެއް ނުވިއެވެ. 19 ވަނަ ޤަރުނާއި 20 ވަނަ ޤަރުނުގެ ތެރޭގައި ވެސް އައިރިޝް ޤައުމިއްޔަތުގެ ޙަރަކާތް އައީ ވަރުގަދަ ވަމުން ފުޅާ ވަމުންނެވެ. އެ ހިސާބަށް އައި އިރު އެ ޙަރަކާތުގެ ލަނޑުދަނޑިއަކަށް ވެފައި އޮތީ އަޔަރލޭންޑުގެ މިނިވަން ޖުމްހޫރިއްޔާއެއް ޤާއިމު ކުރުމެވެ. މި ލަނޑުދަނޑި ޙާޞިލު ކުރުމަށް ޓަކައި މަސައްކަތް ކުރި ފަރާތްތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ބަޔަކީ "އައިރިޝް ރިޕަބްލިކަން އާރމީ" ނުވަތަ އައިއާރުއޭއެވެ. އެ ފަރާތްތަކުގެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން 1949 ވަނަ އަހަރު "ރިޕަބްލިކް އޮފް އަޔަރލޭންޑް" ގެ ނަމުގައި ސިޔާދަތާއި އިސްތިޤްލާލު ލިބިގެން ވާ ދައުލަތެއް އިޢުލާން ކުރެވުނެވެ. ނަމަވެސް އެ ދައުލަތަކަށް މުޅި އަޔަރލޭންޑުގެ ބިމެއް ނުލިބުނެވެ. އަޔަރލޭންޑުގެ ސަރަޙައްދުތަކުގެ ތެރެއިން، އިނގިރޭސި ރަސްކަމުގެ ދަށުގައި އޮންނާން ބޭނުން ވާ ރައްޔިތުންގެ މެޖޯރިޓީ އޮތް ސަރަޙައްދެއް ކަމުގައި ވާ، އަޔަރލޭންޑުގެ އެންމެ އުތުރު ސަރަޙައްދު "ރިޕަބްލިކް އޮފް އަޔަރލޭންޑް" އާ ނުގުޅި އިނގިރޭސި ދައުލަތުގެ ބައެއްގެ ގޮތުގައި ދެމިއޮތީއެވެ. އިނގިރޭސި ދައުލަތުގެ ރަސްމީ އަދި ފުރިހަމަ ނަމަކަށް "ޔުނައިޓެޑް ކިންގްޑަމް އޮފް ގްރޭޓް ބްރިޓްން އެންޑް ނޯރދަރން އަޔަރލޭންޑް" ކިޔާ ސަބަބަކީ މިއީއެވެ.

އަޔަރލޭންޑުގެ ޖުމްހޫރިއްޔާ އުފެދުނު އިރު، އުތުރު އަޔަރލޭންޑްގެ ސަރަޙައްދުން ބައެއް އިނގިރޭސި ދައުލަތުގެ ތަނެއްގެ ގޮތުގައި އޮތްއޮތުން ވެސް އައިއާރްއޭއިން ޤަބޫލެއް ނުކުރިއެވެ. އެހެންކަމުން ދެން އެ ޖަމާޢަތުން ފެށީ އުތުރު އަޔަރލޭންޑް އިނގިރޭސި ދައުލަތުގެ "އަޅުވެތިކަމުގެ ދަށުން މިނިވަން ކުރުމުގެ" މަސައްކަތެވެ. މި މަސައްކަތް މައިގަނޑު ގޮތެއްގައި ކުރަމުން ގެންދިޔައީ އުތުރު އަޔަރލޭންޑުގައްޔާއި ގްރޭޓް ބްރިޓްންގައި އިނގިރޭސި އަމާޒުތަކަށް ދެމުން ގެންދިޔަ "ޓެރަރިސްޓް" ޙަމަލާތަކުގެ ވަސީލަތުންނެވެ. މި ޙަމަލާތަކަކީ ބައެއް ފަހަރު އިނގިރޭސީންނަށް ވަރަށް ބޮޑެތި ނުގުސާނާއި ގެއްލުންތައް މެދުވެރި ކުރުވި ޙަމަލާތަކެކެވެ. ޚުދު ރާނީ އެލިޒަބަތާއި ޝާހީ ޢާއިލާއަށް ޝަޚްޞީ ގޮތުން ވެސް އޭގެ ތެރެއިން ޙަމަލާއެއްގެ ގެއްލުން ތަޙައްމަލު ކުރައްވާން ޖެހިވަޑައިގަތެވެ. އެއީ ޝާހީ ޢާއިލާގެ ނުފޫޒު ގަދަ މެންބަރު، އަދި ރާނީގެ ފިރިކަލުން ފިލިޕް މައުންޓްބެޓްންގެ ބޮޑުބޭބޭފުޅު، އަދި ފިލިޕްގެ ޅަޒުވާން ޢުމުރުފުޅުން ފެށިގެން ބައްޕައެއް ކަމުގައި ފެނިވަޑައިގަތް ލޯރޑް ލުއިސް މައުންޓްބެޓްން އަވަހާރަ ކޮށްލެވުނު ބޮމުގެ ޙަމަލާއެވެ. ލޯރޑް މައުންޓްބެޓްން އަކީ ކުރީން ވެސް ދެންނެވުނު ފަދައިން، އިނގިރޭސި އިންޑިއާގެ ވައިސްރޯއިކަމާއި، އިނގިރޭސި އިންޑިއާގެ ގަވަރނަރ-ޖެނެރަލްކަމާއި، އިނގިރޭސި ކަނޑުގެ ލަޝްކަރުތަކުގެ އެންމެ މަތީ ކޮމާންޑަރުކަމާއި، އިނގިރޭސި ޢަސްކަރިއްޔާގެ އެންމެ މަތީ ކޮމާންޑަރުކަން ކުރައްވައި، ފަހުން އިނގިރޭސި ބަރުލަމާނުގެ ހައުސް އޮފް ލޯރޑްސްގެ މެންބަރުކަން ވެސް ކުރެއްވި ބެއިފުޅެކެވެ. އޭނާގެ މުނިމާމާފުޅަކީ އިނގިރޭސި ރާނީ ވިކްޓޯރިއާއެވެ.

ރާނީ އެލިޒަބަތު އިނގިރޭސި ތަޚްތުގައި އިށީނދެވަޑައިގަތީ އަޔަރލެންޑުގެ މިނިވަން ދައުލަތް އުފެއްދުނުތަނާ ކަހަލަ ގޮތަކަށެވެ. އެކަމަނާގެ ރަނިކަމުގެ އެތައް ދަހަރެއް ފާއިތު ވެގެން ދިޔައީ، އައިއާރްއޭގެ "ޓެރަރިސްޓް" ޙަމަލާތަކުގެ ސަބަބުން އިނގިރޭސި ވިލާތަށް ލިބުނު ގިނަ ގެއްލުންތައް ދެކެމުންނެވެ. 1969 އާއި 1994 އާ ދެމެދު، އައިއާރްއޭގެ ޙަމަލާތަކުގެ ސަބަބުން 1800 ވަރަކަށް މީހުން މަރު ވެފައި ވެއެވެ. ހަތިޔާރު ބަހައްޓައި ސިޔާސީ ޖަމާޢަތަކަށް އައިއާރްއޭ ބަދަލު ވީ 2005 ގައެވެ. 2011 ގައި ރާނީ އެލިޒަބަތު ފުރަތަމަ ފަހަރަށް އަޔަރލޭންޑަށް ޒިޔާރަތް ކުރެއްވިއެވެ. އެ ޒިޔާރަތުގައި އެކަމަނާ ދެއްވި ތަޤްރީރު ފެއްޓެވީ އައިރިޝް ބަހުންނެވެ. އެ ތަޤްރީރުގައި "ބައެއް ކަންކަން އެ ކަންކަން ހިނގައިދިޔަ ގޮތާ ތަފާތު އެހެން ގޮތަކަށް ހިނގި ނަމައޭ، އަދި ބައެއް ކަންކަން އެއްގޮތަކަށް ވެސް ނުހިނގި ނަމައޭ" ހިތްޕުޅަށް އަރާ ކަމަށް ވިދާޅުވިއެވެ. އޭގެ އަހަރެއް ފަހުން، އެލިޒަބަތުގެ ރަނިކަމަށް ފަސްދޮޅަސް އަހަރު ފުރިގެން ބޭއްވުނު "ޑައިމަންޑް ޖުބިލީ" އިޙުތިފާލުތަކުގެ ތެރޭގައި އެކަމަނާ އުތުރު އަޔަރލޭންޑަށް ޒިޔާރަތް ކުރައްވައި، އައިއާރްއޭގެ ކުރީގެ ކޮމާންޑަރު މާރޓިން މެގީންސްއާ ސަލާމް ކުރައްވައިހެއްދެވިއެވެ. އެއީ ވެސް ބާބެއްގެ ނިމުމެވެ. އައު ބާބެއްގެ ފެށުމެވެ.

ސްކޮޓްލެންޑް

އިނގިރޭސި ރަސްކަމުގެ ދަށަށް ހަނގުރާމަ އާއި ބާރުގެ ބޭނުން ކޮށްގެން ގެނެވުނު އަނެއް ތަނަކީ ސްކޮޓްލެންޑެވެ. އަޔަރލޭންޑާ ޚިލާފަށް، ސްކޮޓްލެންޑަކީ އިންގްލެންޑް ވެސް އޮންނަ ޖަޒީރާ ކަމުގައި ވާ "ގްރޭޓް ބްރިޓްން" ގެ ބައެއް ނުވަތަ ސަރަޙައްދެކެވެ. ގްރޭޓް ބްރިޓްން ހިމެނެނީ، އިންގްލެންޑް، ސްކޮޓްލެންޑް، އަދި ވޭލްސް މި ތިން ސަރަޙައްދުގެ މައްޗަށެވެ.

އަޔަރލޭންޑާއި ވޭލްސް އެކޭ އެއްފަދައިން، ސްކޮޓްލެންޑަކީ ވެސް މީލާދީން 1066 ގައި އިނގިރޭސި ރަސްކަން ފެށުނު އިރު އެ ރަސްކަމުގެ ބައެއް ނޫނެވެ. އިނގިރޭސި ރަސްކަމުގެ ބިންގާ އެޅުއްވި ނޯރމަން ހަނގުރާމަވެރިޔާ ޑިޔުކް ވިލިއަމް އޮފް ނޯރމަންޑީއަށް ފަތަޙަ ކުރެއްވެވުނީ ގްރޭޓް ބްރިޓްންގެ ސަރަޙައްދުތަކުގެ ތެރެއިން ހަމައެކަނި އިންގްލެންޑެވެ. ވޭލްސް އާއި ސްކޮޓްލެންޑް ފަތަޙަ ކުރުމުގެ މަސައްކަތް ފެއްޓެވި އިނގިރޭސި ރަސްކަލަކީ މީލާދީން 1272 އިން 1307 އަށް އިނގިރޭސި ތަޚުތުގައި އިންނެވި އެޑްވަރޑް އެއްވަނަ ނުވަތަ އެޑްވަރޑް ލޯންގްޝޭންކްސްއެވެ. އޭނާ ސްކޮޓްލެންޑާ ދެކޮޅަށް އެތައް ހަނގުރާމައެއް ކުރެއްވިއެވެ. ބައެއް ބިންތައް ފަތަޙަ ކުރެއްވި ވެސް މެއެވެ. ނަމަވެސް އޭނާއަކަށް މުޅި ސްކޮޓްލެންޑް ދާއިމީ ގޮތެއްގައި އިނގިރޭސި ތާޖުގެ ދަށަކަށް ނުގެންނެވުނެވެ. ޤަރުނުތަކެއްގެ ހަނގުރާމަތަކާއި ސިޔާސީ ޚަލަލްތަކަށް ފަހު، އެކަން ކުރުމުގެ އެންމެ ފުރަތަމަ ފިޔަވަޅު އެޅުނީ މީލާދީން 1603 ވަނަ އަހަރު "ޔޫނިއަން އޮފް ކްރައުންސް" އާ އެކުގައެވެ. އެއިރުއްސުރެ، އަޔަރލޭންޑަށް ވުރެ މަސަލަސްތެރި ގޮތެއްގައި ސްކޮޓްލެންޑް އޮތީ އިނގިރޭސި ރަސްކަމުގެ ދަށުގައި އިސްތިޤްރާރު ވެފައެވެ. ސްކޮޓްލޭންޑް އިނގިރޭސި ދައުލަތާ މުޅީން އެއް ކޮށްލެވުނީ މީލާދީން 1707 ގެ "އެކްޓްސް އޮފް ޔޫނިއަން" ޤާނޫނުތަކުންނެވެ.

ސްކޮޓްލޭންޑުގައި ވެސް މިނިވަން އަދި މުސްތަޤިއްލު ދައުލަތެއްގެ ހުވަފެން ދެކޭ ރައްޔިތުންތަކެއް ފަހުން ވެސް ތިއްބެވެ. އެމީހުން އައީ މެދުކެނޑުމެއް ނެތި އެ ހުވަފެން ޙަޤީޤަތަކަށް ހެދުމުގެ މަސައްކަތް ސިޔާސީ ގޮތުންނާއި ފިކުރީ ގޮތުން ކުރަމުންނެވެ. އެ މަސައްކަތުގެ އެންމެ މުހިއްމު އެއް އެޕިސޯޑަކީ، ރާނީ އެލިޒަބަތުގެ ރަނިކަމަށް 62 އަހަރު ފުރުނު ފަހުން، 2014 ވަނަ އަހަރު ސްކޮޓްލޭންޑުގައި ބޭއްވުނު ރެފަރެންޑަމެވެ. ސްކޮޓްލޭންޑުގެ ރައްޔިތުން އެދެނީ "ޔުނައިޓެޑް ކިންގްޑަމް އޮފް ގްރޭޓް ބްރިޓްން އެންޑް ނޯރދަރން އަޔަރލޭންޑް" ގެ ރަސްކަމުގެ ދަށުގައި ތިބުންތޯ ނުވަތަ މިނިވަން ވެ މުސްތަޤިއްލު ދައުލަތަކަށް ވުންތޯ ބެލުމަށް ޓަކައި ބޭއްވުނު ރެފަރެންޑަމެވެ.

މި ރެފަރެންޑަމާ މެދު ރާނީ އެލިޒަބަތު ވަރަށް ކަންބޮޑު ވެވަޑައިގަތް ކަމަށް ބުނެވެއެވެ. ސްކޮޓްލޭންޑަކީ އެކަމަނާގެ ހިތްޕުޅުން ޚާއްޞަ ޖާގައެއް ލިބިފައި އޮތް ތަނެކެވެ. އެކަމަނާގެ ހަ ގަނޑުވަރުގެ ތެރެއިން، އެންމެ ލޯބި ކުރެއްވި އަދި "އަމިއްލަ ގެ" ކަމުގައި ބެއްލެވި ބެލްމޯރަލް ކިއްލާ ހުންނަނީ ވެސް ސްކޮޓްލޭންޑުގައެވެ. އެކަމަނާގެ ރަސްމީ އިޤާމާ އަކީ އަދި ރަނިކަމުގެ މަސްއޫލިއްޔަތުތައް އަދާ ކުރައްވާ މަރުކަޒަކީ ލަންޑަނުގެ މެދުތެރޭގައި ވެސްޓްމިންސްޓަރގައި ހުންނަ ބަކިންގހަމް ގަނޑުވަރެވެ. އޭގެ އިތުރުން، ލަންޑަނުގެ ޝަހަރުން ބޭރުގައ ރަށްފުށުގެ ފެހި ހިސާބުގަނޑުގައި ހުންނަ ވިންޒާ ކިއްލާ އާއި، ސްކޮޓްލޭންޑުގެ އެޑިންބާރ ގަނޑުވަރާއި، އިންގްލެންޑުގެ އިރުމަތީ ސަރަޙައްދުގައި ނޯރފޯކްގައި ހުންނަ ސޭންޑްރިންގހަމް ހަވޭއްޔާއި، އުތުރު އަޔަރލޭންޑުގައި ހުންނަ ހިލްސްބްރާ ކިއްލާ އަކީ އެކަމަނާގެ ގަނޑުވަރުތަކެވެ. މި ގަނޑުވަރުތަކުގެ ތެރެއިން ބެލްމޯރަލް ކިއްލާ އަކީ އެކަމަނާގެ އަމިއްލަފުޅު މުދަލެކެވެ. ޢާއްމު ގޮތެއްގައި އެކަމަނާ ހޫނު މޫސުމުގެ ބޮޑު ބައެއް ހޭދަ ކުރައްވަނީ ޢާއިލާގެ ބެއިފުޅުންނާ އެކު ބެލްމޯރަލްގައެވެ. ސްކޮޓްލޭންޑުގެ މިނިވަންކަމާ ގުޅޭ ރެފަރެންޑަމް ކައިރި ވެގެން އައި އިރު ވެސް އެކަމަނާ ހުންނެވީ އެތަނުގައެވެ.

ސްކޮޓްލޭންޑާ މެދު ރާނީގެ ހިތްޕުޅުގައި އޮތް ލޯތްބާއި، އިނގިރޭސި ރަސްކަމުގެ ދަށުން ސްކޮޓްލޭންޑް ވަކި ވެގެން ދިޔުން އެދިވަޑައިނުގަންނަވާކަން އެކަމަނާ ސިއްރެއްގެ ގޮތުގައި ވެސް ނުބާއްވަވައެވެ. 1977 ވަނަ އަހަރު އިނގިރޭސި ބަރުލަމާނުގައި ދެއްވި ތަޤުރީރެއްގައި ވެސް އެކަން ހާމަ ކުރެއްވި އިރު، 2014 ވަނަ އަހަރުގެ ރެފަރެންޑަމަށް ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ބެލްމޯރަލްގައި އޮތް މަޖިލިހެއްގައި ވެސް އެކަމަނާ ވަނީ "ސްކޮޓްލެންޑްގެ ރައްޔިތުން މުސްތަޤްބަލާ މެދު ވަރަށް ފަރުވާތެރިކަމާ އެކު ވިސްނާނޭ ކަމަށް އަޅުގަނޑު އުއްމީދު ކުރަން" މިފަދައިން ވިދާޅުވެ، ރެފަރެންޑަމުގެ ނަތީޖާއާ މެދު ކުރައްވާ އުއްމީދު ސާފު ކޮށްދެއްވައިފައެވެ. އެހެންކަމުން، 18 ސެޕްޓެންބަރު 2014 ގައި ނެގުނު ރެފަރެންޑަމުގައި، ސްކޮޓްލެންޑުގެ ރައްޔިތުންގެ ތެރެއިން 55.3 އިންސައްތަ މީހުން އިނގިރޭސި ތާޖާއި ތަޚުތުގެ ދަށުގައި ޤައުމު ބޭއްވުމަށް އާނއެކޭ ބުނުމުން، ރާނީ އެލިޒަބަތު އެކަމާ ނުހަނު ބޮޑަށް އުފާފުޅު ކުރެއްވިއެވެ. އެކަމަނާ ހިތްޕުޅު ހަމަޖެހުނު މިންވަރު، އެކަމާ ބެހޭގޮތުން ދެއްވި ރަސްމީ ބަޔާނުން ވެސް ފެނިގެން ދިޔައެވެ. އެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ. "މި ހިސާބުން ފެށިގެން އަޅުގަނޑުމެން ކުރިމަގަށް ފިޔަވަޅު އަޅާ އިރު، ހަނދާން ނައްތައިލައިގެން ނުވާނޭ ޙަޤީޤަތެއް ވެއެވެ. އެ ޙަޤީޤަތަކީ، އަޅުގަނޑުމެންގެ ތެރޭގައި ފައުޅު ކުރެވިގެން މި ދިޔަ ތަފާތު ޚިޔާލުތަކާ އެކުގައި ވެސް، އަޅުގަނޑުމެން އެންމެންގެ ހިތްތަކުގައި ދެ ގޮތެއް ނުވާ ލޯތްބެއް ސްކޮޓްލޭންޑާ މެދު އޮންނަ އޮތުމަކީ އަޅުގަނޑުމެން އެކައްޗަކަށް ހަދާ މުހިއްމު ބަހާއެއްކަމެވެ. އެއީ އަޅުގަނޑުމެން އެކަތިގަނޑެއްގެ ގޮތުގައި ބަނދެލައިދޭ ކަންކަމުގެ ތެރެއިން އެއް ކަމެވެ."

ނޯޓް: މިއީ ރާނީ އެލިޒަބަތުގެ ޙަޔާތްޕުޅާ ބެހޭގޮތުން ޝާއިޢު ކުރާ ލިޔުމުގެ ދެވަނަ ބައެވެ. މި ލިޔުމުގެ ތިންވަނަ އަދި ފަހުބައި އިރާދަ ކުރެއްވިއްޔާ ފަހުން ގެނެސްދެވޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް