ޔުކްރެއިންގެ ޒަބަރޯޖިއާ ނިއުކްލިޔާ މަރުކަޒުގެ ވަށައިގެންވާ ސަރަހައްދުގައި ހަތިޔާރު ގެންގުޅުން މަނާކުރަނީ

ޔުކްރެއިންގެ ޒަބަރޯޖިއާ ނިއުކްލިޔާމަރުކަޒު

ވިއެނާ (13 ސެޕްޓެމްބަރު 2022): ރަޝިއާގެ ކޮންޓްރޯލްގެ ދަށުގައިވާ ޔުކްރެއިންގެ ޒަބަރޯޖިއާ ނިއުކްލިޔާ މަރުކަޒުން ނިއުކްލިޔާ ރޭޑިއޭޝަން ބޭރުވެދާނެތީ އެ ދެ ގައުމުން ކަންބޮޑުވާކަމަށް އެޓޮމިކް ހަކަތައާބެހޭ ބައިނަލްއަޤްވާމީ އެޖެންސީ (އައިއޭއީއޭ) އިން ބުނެފިއެވެ.

ޒަބަރޯޖިއާ ނިއުކްލިޔާ މަރުކަޒުގެ ހާލަތު ބެލުމަށްޓަކައި "އައިއޭއީއޭ"ގެ ފަންނީ ޓީމަކުން އެތަނަށް ކުރި ދަތުރަށް ފަހު އެ އެޖެންސީން ނެރުނު ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ޒަބަރޯޖިއާ ނިއުކްލިޔާ މަރުކަޒު ހުންނަ ސަރަހައްދަކީ ހަތިޔާރު ގެންގުޅުން މަނާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅަން ރަޝިޔާއާއި ޔޫކްރެއިންވެސް ބޭނުންވެއެވެ.

ޒަބަރޯޖިއާ ނިއުކްލިޔާ މަރުކަޒަކީ ކުރީގެ ސޮވިއެޓް ޔުނިޔަންގެ ދުވަސްވަރު ސޮވިއެޓްގެ އިންޖިނޭރުން ޔުކްރެއިންގައި ބިނާކޮށްދީފައިވާ ވަރަށް ބޮޑު ނިއުކްލިޔާ މަރުކަޒެކެވެ. މިހާރުވެސް އެވަރުގެ ބޮޑު ނިއުކްލިޔާ މަރުކަޒެއް މުޅި ޔޫރަޕްގައިވެސް ނެތެވެ.

ޔުކްރެއިން ހަނގުރާމައިގާ ރަޝިއާއިން ޒަބަރޯޖިއާ ނިއުކްލިޔާ މަރުކަޒު ހިފާފައިވާއިރު ޔުކްރެއިންގެ ސިފައިން ގެންދަނީ އެމަރުކަޒުގެ ވަށައިގެންވާ ސަރަހައްދުތަކަށާއި އެމަރުކަޒުގެ ބައެއް އިމަރާތްތަކަށް ހަމަލާތައް ދެމުންނެވެ. ނަތީޖާއަކީ އެތަނުން ރޭޑިއޯ އެކްޓިވް މާއްދާތައް ލީކުވެ، ނިއުކްލިޔާ ކާރިސާއެއް ހިނގައިފާނެ ކަމުގެބިރު އިތުރުވެގެން ދިޔުމެވެ.

ނަމަވެސް ޒަބަރޯޖިއާ ނިއުކްލިޔާ މަރުކަޒަށް ޒިޔާރަތްކޮށް އެތަން ބަލައި ފާސްކުރި "އައިއޭއީއޭ"ގެ ފަންނީ ޓީމު ބުނާގޮތުން ނިއުކްލިޔާ ރޭޑިއޭޝަން ބޭރުވާފަދަ ނުރައްކާތެރި ހަމަލާތަކެއް އެތަނުގެ ހައްސާސް ތަންތަނަށް މިހާތަނަށް އަރާފައެއް ނުވެއެވެ.

ޔުކްރެއިންގެ ހަމަލާތަކާ ގުޅިގެން ރަޝިއާ މިހާރުވަނީ އެމަރުކަޒުގެ މަސައްކަތް މުޅިން ހުއްޓުމަކަށް ގެނަސް އެތަނުން ކަރަންޓް އުފެއްދުންވެސް ހުއްޓާލާފައެވެ. ޒަބަރޯޖިއާ ނިއުކްލިޔާ މަރުކަޒަކީ ޔުކްރެއިންއަށް ބޭނުންވާ ކަރަންޓްގެ ގާތްގަނޑަކަށް 20 އިންސައްތަ އުފައްދާ ރިއެކްޓަރުތައް ހުރި ބިޔަ މަރުކަޒަކަށްވާތީ އެތަނުގެ މަސައްކަތް ހުއްޓާލުމުން ޔުކްރެއިންއަށް ކަރަންޓް ލިބޭވަރު މަދުވުމުގެ މައްސަލަ ވަނީ ކުރިމަތިވެފައެވެ.

ޒަބަރޯޖިއާ ނިއުކްލިޔާ މަރުކަޒު ހުންނަ ސަރަހައްދަކީ ހަތިޔާރު ގެންގުޅުން މަނާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅަން ބޭނުންވާކަން ހާމަކޮށްފައިވަނީ "އައިއޭއީއޭ"ގެ ފަންނީ ޓީމު ޒަބަރޯޖިއާ ރިއެކްޓަރަށް ގޮސް އެތަނުގެ ހާލަތު ބަލައި އިންސްޕެކްޝަން ހެދުމަށްފަހު "އައިއޭއީއޭ" އިންނެވެ. "އައިއޭއީއޭ"ގެ ފަންނީ ޓީމު އަދިވެސް ތިބީ ޒަބަރޯޖިއާ ރިއެކްޓަރު ހުރި ސަރަހައްދުގައެވެ.

"އައިއޭއީއޭ"ގެ ވެރިޔާ އަދި ޑިރެކްޓަރު ޖެނެރަލް ރަފަޔަލް ގްރޮސީ ވިދާޅުވިގޮތުގައި އޭނާ ގެންދަވަނީ ޒަބަރޯޖިއާ ނިއުކްލިޔާ މަރުކަޒުގެ ވަށައިގެންވާ ސަރަހައްދުތަކަކީ ހަތިޔާރު ގެންގުޅުމާ އަދި ހަމަލާ ދިނުން މަނާ ސަރަހައްދަކަށް ހެދުމަށްޓަކައި ރަޝިއާއާ އަދި ޔުކްރެއިންގެ ކަމާބެހޭ މަސްއޫލުވެރިންނާ މަޝްވަރާ ކުރައްވަމުންނެވެ. މި މަޝްވަރާތަކުގައި އެދެގައުމުގެ މަސްއޫލުވެރިންވަނީ މިކަމަށް އެއްބާރުލުންދޭން ތައްޔާރަށް ތިބިކަން ހާމަކުރައްވާފައެވެ.

ރަޝިޔާއާއި ޔޫކްރެއިންއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގާ ރަޝިއާވެސް އަދި ޔުކްރެއިނުންވެސްވަނީ ޒަބަރޯޖިޔާ ނިއުކްލިޔާ މަރުކަޒުގައި ހިމެނޭ ޙާއްސާސް ނޫން ތަންތަނަށް އެތަކެއް ފަހަރެއްގެ މަތިން ހަމަލާތަކެއް އަމާޒުކޮށްފައިވެއެވެ. މިކަމުގެ ޒިންމާ އެދެގައުމުންކުރެ އެއްގައުމަކުންވެސް އުފުލާފައި ނުވާއިރު އެމަރުކަޒަށް ދީފައިވާ ހަމަލާތަކުގެ ތުހުމަތު ކޮންމެ ގައުމަކުންވެސް އަޅުވާފައިވަނީ އަނެއް ގައުމުގެ ބޮލުގައެވެ. "އައިއޭއީއޭ" ގެ ފަންނީ ޓީމު ޒަބަރޯޖިއާ ރިއެކްޓަރަށް ޒިޔާރަތް ކުރިފަހުން އަދި އެތަނަށް އެއްވެސް ހަމަލާއެއް އަރާފައެއް ނުވެއެވެ.

ޔޫކްރެއިންގެ ސިފައިން ވަނީ ރަޝިޔާއިން ހިފާފައިވާ ޔުކްރެއިންގެ ސަރަޙައްދުތައް މިނިވަން ކުރުމަށްޓަކައި އެމެރިކާގެ އެހީގައި ވަރަށް ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ހިންގަމުންނެވެ. ޔުކްރެއިން ބުނާގޮތުން މި އޮޕަރޭޝަންގައި ވަނީ އެގައުމުގެ ދެވަނައަށް އެންމެ ބޮޑު ސިޓީކަމަށްވާ ޚަރްކީވް އިން ރަޝިއާ ސިފައިން ބޭރުކޮށްލާފައެވެ.

ރަޝިއާ ބުނާގޮތުން ހަނގުރާމައިގެ ޓެކްޓިކެއްގެ ގޮތުން ޚަރްކީވްއިން ރަޝިއާ ސިފައިން ފޭބީއެވެ. ޚަރްކީވްގައި ޔުކްރެއިން ރަޝިއާގެ މައްޗަށް ހޯދި ކާމިޔާބީއަކީ ޔުކްރެއިންގެ ހަނގުރާމައިގެ ހާލަތަށް މާބޮޑު ބަދަލެއް އަންނަވަރުގެ ކަމެއް ނޫންކަމަށް އަސްކަރީ ތަޖްރިބާކާރުން ވިދާޅުވެއެވެ. ނަމަވެސް މިއީ ހަނގުރާމައިގާ ރަޝިއާއަށް ކުރިމަތިވި ނާކާމިޔާބެއް ކަމަށްވާތީ މިގެއްލުން ފޫބެއްދުމަށްޓަކައި ރަޝިއާ ގެންދަނީ ޔުކްރެއިންގެ ސިފައިންގެ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

ރަޝިއާ ހަމަލާތައް އަމާޒުކުރާ ތަންތަނުގެ ތެރޭގައި ޔުކްރެއިން ސިފައިންގެ ކޭންޕްތަކާއި ކޮމާންޑް ސެންޓަރުތަކާ އަދި ހަތިޔާރުގެ ގުދަންތައް ހިމެނެއެވެ. ރަޝިއާގެ ރައްދު ހަމަލާތަކުން ޔުކްރެއިން ސިފައިންގެ އެތައް ސަތޭކަ ބަޔަކު މަރުވެފައިވާކަމަށާ މިކަން ސިއްރު ކުރަން ޔުކްރެއިން މަސައްކަތްކުރާ ކަމަށް ރަޝިއާގެ ދިފާއީ ވުޒާރާއިން ބުނެއެވެ.

comment ކޮމެންޓް