ތަޢުޒިޔާ ... ހަނދާންތަކަކާ އެކު 1

ޔުނައިޓެޑް ކިންގްޑަމްގެ ރާނީ އެލިޒަބަތު ދެވަނަ.

ޔުނައިޓެޑް ކިންގްޑަމް އޮފް ގްރޭޓް ބްރިޓްން އެންޑް ނޯރދަރން އަޔަރލެންޑްގެ ރަނިކަން 6 ފެބުރުވަރީ 1952 އިން 8 ސެޕްޓެންބަރު 2022 އާ ހަމަޔަށް ކުރެއްވި އެލިޒަބަތު ދެވަނަ އަވަހާރަ ވެއްޖެއެވެ. އެކަމަނާގެ ޢާއިލާއަށާއި ޔުނައިޓެޑް ކިންގްޑަމްގެ ރައްޔިތުންނަށް ތަޢުޒިޔާއެވެ.

ރާނީ އެލިޒަބަތު ދެވަނަ އަވަހާރަ ވުމާ ގުޅިގެން، ބްރިޓިޝް ބްރޯޑްކާސްޓިންގ ކޯރޕޮރޭޝަން (ބީބީސީ) ގެ އޮންލޭން އިސްދާރުގައި 9 ސެޕްޓެންބަރު 2022 ވީ ހުކުރު ދުވަހުގެ ފުރަތަމަ ސާޢަތުގެ ތެރޭގައި މަރުސިއްޔާއެއް ޝާއިޢު ކުރެވުނެވެ. "މަރުސިއްޔާ" އެކޭ މި ދެންނެވީ، މަރު ވާ މީހެއްގެ ޒިކުރާގައި ލިޔާ ލިޔުމުގެ މާނައިގައެވެ. ދިވެހި ބަހުން "މަރުސިއްޔާ" އެވެ ކިޔަނީ މީހަކު މަރު ވެދިޔުމުން އެ މީހެއްގެ ޒިކުރާގައި ހަދާ ޅެމަށް ކަމުގައި ވީ ނަމަވެހެވެ. މި ލިޔުމުގައި ރާނީއާ ބެހޭގޮތުން ހިމަނައިފައި ވާ ގިނަ މަޢުލޫމާތުގެ މަޞްދަރަކީ، އަދި އެ މަޢުލޫމާތު ހުށައަޅައިދެވިފައި ވާ ގޮތުގެ އަޞްލަކީ މި ދެންނެވި މަރުސިއްޔާއެވެ.

ޔުނައިޓެޑް ކިންގްޑަމްގެ ރައްޔިތުންނަށް ޓަކައި ރާނީ އެލިޒަބަތު ދެވަނަ ވެގެން ދިޔައީ ނިކަން އަވަސްއަވަހަށް ބަދަލު ވަމުން ފުރޮޅެމުން ދިޔަ ދުނިޔެއެއްގައި، ބަދަލު ނުވެ ދެމިހުރި ސާބިތެއް ނުވަތަ "ކޮންސްޓޭންޓް" އަކަށެވެ. އަންނަމުން ދިޔަ ބަދަލުތަކުގެ ތެރޭގައި ދުނިޔޭގައި އިނގިރޭސީންގެ ނުފޫޒު ކުޑަ ވިއެވެ. ޤައުމީ މުޖުތަމަޢުގެ ސޫރަ ގެއްލި އައު ސޫރައަކާއި މަންޒަރެއް ފައުޅު ވާ ވަރަށް މުޅި މުޖުތަމަޢު ބަދަލު ވިއެވެ. ޚުދު މޮނާކީގެ ދައުރާ މެދު ވެސް ސުވާލުތައް ކުރެވޭން ފެށިއެވެ. ނަމަވެސް އުނދަގޫ ދުވަސްތަކެއްގައި، ޔުނައިޓެޑް ކިންގްޑަމްގެ މޮނާކީ ޒަމާނުގެ ބަދަލުތަކާއި ޚަލަލުތަކުގެ ތެރޭގައި އޮޔާ ގޮސް ގެއްލިގެން ދިޔަނުދެއްވައި ދެމެހެއްޓެވުމުގައި އެލިޒަބަތު ދެވަނަ ވަރަށް ބޮޑު ކާމިޔާބެއް ހޯއްދެވިއެވެ.

ޅަފަތުގެ ޢުމުރުފުޅު

ރާނީ އެލިޒަބަތު ދެވަނަ، ނުވަތަ އެލިޒަބެތު އެލެގްޒާންޑްރާ މޭރީ ވިންޒާ އުފަން ވެވަޑައިގަތީ 21 އޭޕްރިލް 1926 ގައެވެ. ޔުނައިޓެޑް ކިންގްޑަމްގެ ވެރިރަށް ލަންޑަނުގެ ބާކްލޭ މައިދާނާ ޖެހިގެން ކަހަލަ ގޮތަކަށް ހުރި ގެކޮޅެއްގައެވެ. ޑިޔުކް އޮފް ޔޯރކް އެލްބަރޓް ފްރެޑްރިކް އާރތަރ ޖޯރޖް އާއި އޭނާގެ އަނބިކަނބަލުން ޑަޗެސް އެލިޒަބެތު އެންޖެލާ މާރްގެރައިޓް ބޮވެސް-ލިޔޯންގެ ފުރަތަމަ ބެއިފުޅާގެ ގޮތުގައެވެ. އެކަމަނާ އުފަން ވެވަޑައިގަތް އިރު، ޔުނައިޓެޑް ކިންގްޑަމްގެ ތަޚުތުގައި އިންނެވީ އެކަމަނާގެ ކާފާފުޅު އަންބަރާޠޫރު ޖޯރޖް ފަސްވަނައެވެ. އެކަމަނާގެ ބައްޕާފުޅު ޑިޔުކް އޮފް ޔޯރކް އެލްބަރޓް އަކީ، 1910 އިން ފެށިގެން 1936 ވަނަ އަހަރާ ހަމަޔަށް އިނގިރޭސި ތަޚުތުގައި ރެދަލި ކުރެއްވި ޖޯރޖް ފަސްވަނަގެ ދެވަނަ ދަރިކަލުންނެވެ.

1930 ވަނަ އަހަރު، އެލިޒަބަތުގެ މަންމާފުޅާއި ބައްޕާފުޅުގެ ދެވަނަ ބެއިފުޅާ މާރގްރެޓް ރޯޒް އުފަން ވެވަޑައިގަތެވެ. މި ދެ ބީނުން ބޮޑުފުޅު ވެގެން އައީ ވަރަށް ލޯބިން އުޅުއްވާ ދެ ބީނުންގެ ގޮތުގައެވެ. އިނގިރޭސި ޝާހީ ޢާއިލާގެ މުސްކުޅި އާދައިގެ މަތީން، މިއިން ބެއިފުޅަކު ތަޢުލީމު ޙާޞިލު ކުރެއްވުމަށް ޓަކައި މަދަރުސާއަކަށް ކޮލެޖަކަށް ވަޑައެއްނުގަންނަވައެވެ. ކިޔަވައިވިދާޅުވި އެއްޗެއް ކިޔަވައިވިދާޅުވީ ގަނޑުވަރުގައި، ޕްރައިވެޓް ޓިޔުޓަރުންގެ ފަރާތުންނެވެ. އެލިޒަބަތުގެ ޅަފަތުގެ ޢާއިލީ ގެކޮޅަކީ ލޯތްބާއި އަޅައިލުމުގެ މާޙައުލެކެވެ. މަންމާފުޅު އެލިޒަބެތު ބޮވެސް-ލިޔޯންގެ އިތުރުން، ބައްޕާފުޅު އެލްބަރޓް އާއި ކާފާފުޅު އަދި ރަސްގެފާނު ޖޯރޖްއާ ވެސް އެކަމަނާ ވަރަށް އޮޅުފުޅެވެ. މި ދެ ބެއިފުޅުންގެ ސުހުބަތުގައި ވެސް އެކަމަނާ ގިނަ ވަގުތުތަކެއް ހޭދަ ކުރައްވައިއުޅުއްވިއެވެ.

ތުއްޕުޅު އިރުއްސުރެ، އެލިޒަބަތު އަހަށާއި އަސް ދުއްވެވުމަށް ލޯބި ކުރެއްވިއެވެ. އެކަމަނާގެ ޅަފަތުގެ ދުވަސްވަރު، ކޮންމެވެސް ދުވަހަކުން އެކަމަނާ ޔުނައިޓެޑް ކިންގްޑަމްގެ ތަޚުތުގައި އިށީނދެވަޑައިގަންނަވާނޭ ކަމަށް އެކަކު ވެސް ހިއެއް ނުކުރެއެވެ. ސަބަބަކީ އެއިރު ރަސްކަން ވާރުތަ ވާ ގޮތަށް އޮތީ އެކަމަނާގެ ބައްޕާފުޅުގެ ދޮށީ ބޭބޭފުޅު އަދި ރަސްކަމުގެ ވަލީޢަހުދު އަމީރު ޑޭވިޑް އާއި އޭނާގެ ނަސަބަށް ކަމަށް ވުމެވެ. އެލިޒަބަތަށް އަސް ދުއްވުމުގެ ހުނަރު ދަސްކޮށްއެރުވުމަށް ގެނެވުނު މުރުޝިދެއްގެ ގާތުގައި އެކަމަނާ ވިދާޅުވި ކަމަށް ވެއެވެ. "އަހަރެން ބޮޑު ވެގެން އުޅޭން ބޭނުމީ ރަށްފުށުގައެވެ. ބައިވަރު އަހާއި ކުއްތާ ގެންގުޅޭ، ރަށްފުށު ކަނބަލެއްގެ ގޮތުގައެވެ." އެއީ އެކަމަނާގެ ޢުމުރުފުޅުން 6 އަހަރުގައެވެ.

ޅަފަތުގެ ޢުމުރުފުޅުގައި ވެސް އެލިޒަބަތަކީ ޝަޚްޞިއްޔަތު ވަރުގަދަ، އަމުރުވެރި، އަދި ޒިންމާދާރު ބެއިފުޅެކެވެ. އިނގިރޭސި ވިލާތުގެ ބޮޑުވަޒީރުކަން ދެ ފަހަރެއްގެ މަތީން ކުރެއްވި ވިންސްޓަން ޗާރޗިލް ވިދާޅުވެފައި ވަނީ "ކުޑަ ކުއްޖެއްގެ ކިބައިން ފެނުމުން ޢަޖާއިބު ވާން ޖެހޭ މިންވަރަށް އެކަމަނާގެ ޝަޚްޞިއްޔަތުގައި އަމުރުވެރިކަން އެކުލަވާ" ކަމުގައެވެ. ހަމައެހެންމެ، މަދަރުސާއެއް ކޮލެޖަކަށް ވަޑައިގެންފައި ނުވިޔަސް، ޕްރައިވެޓް ޓިޔުޓަރުންގެ އެހީގައި އެކަމަނާ އިނގިރޭސި ދުސްތޫރީ ތާރީޚުގެ ޢިލްމުތަކަށް ވަރަށް ބޮޑަށް އަހުލުވެރި ވެވަޑައިގަތެވެ. ބަސް ދަސް ކުރެއްވުމުގައި ވެސް އެކަމަނާ އަކީ ޤާބިލު ބެއިފުޅެއް ކަމަށް ބުނެވެއެވެ. އެކަމަނާއަށް އިޖުތިމާޢީ ހުނަރުތަކާއި، މީހުންނާ އެކުގައި އުޅުއްވުމުގެ ހުނަރާއި ވައްޓަފާޅި އާއި ސުލޫކު އުނގަންނައިދިނުމަށް ޓަކައި، "ފަރސްޓް ބަކިންގހަމް ޕެލަސް" ގެ ނަމުގައި "ގާރލް ގައިޑް" ގެ ޚާއްސަ ކޮންޕެނީއެއް އެކުލަވައިލެވުނެވެ. އަދި އެ ކޮންޕެނީގެ މެންބަރުންގެ ގޮތުގައި ހަމަޖެހުނު އަންހެން ކުދީން ގަނޑުވަރަށް އައިސް އެލިޒަބަތާ އެކު "ގާރލް ގައިޑް" ގެ ޙަރަކާތްތަކުގައި އުޅުމުގެ އިންތިޒާމުތައް ހަމަޖެއްސުނެވެ.

ވަލީޢަހުދު

އެލިޒަބަތުގެ ޢުމުރުފުޅުން 10 އަހަރަށް އޮއްވައި، 1936 ގެ ޖަނަވަރީ މަހު އެކަމަނާގެ ކާފާފުޅު ޖޯރޖް ފަސްވަނަ އަވަހާރަ ވެއްޖެއެވެ. ދެން އިނގިރޭސި ތަޚުތުގައި އިށީނދެ އިށީނދެވަޑައިގަތީ ޖޯރޖް ފަސްވަނަގެ ދޮށީ ދަރިކަލުން އަދި ވަލީޢަހުދު އަމީރު ޑޭވިޑް އެވެ. ފުރިހަމަ ނަންފުޅުން ނަމަ، އެޑްވަރޑް އެލްބަރޓް ކްރިސްޓިއަން ޖޯރޖް އެންޑްރޫވ ޕެޓްރިކް ޑޭވިޑް އެވެ. ތަޚުތުގައި އިށީނދެވަޑައިގަތީ އެޑްވަރޑް އަށްވަނަގެ ނަންފުޅުގައެވެ.

އެޑްވަރޑް އަށްވަނަގެ ރަސްކަން މާކަ ގިނަ ދުވަހަކު ދެމިއެއްނޯތެވެ. އިސްތަށިފުޅުގައި ރަސްކަމުގެ ތާޖު ތުރު ކުރެވުނު އަހަރުގެ ޑިސެންބަރު މަހު، އޭނާ ތަޚުތުން ތަނާޒުލު ވެވަޑައިގެން ރަސްކަން ދޫ ކޮށްލައްވައިފިއެވެ. އޭނާގެ ލޯބިވެރިޔާ ވޮލިސް ސިމްޕްސަނާ ކައިވަނި ކުރެއްވުމަށް ޓަކައެވެ. ވޮލިސް ސިމްޕްސަނަކީ ދެ ކައިވަންޏަކުން ވަރި ވެފައި ހުރި އާދައިގެ މީހަކަށް ވާތީ، އޭނާއާ ކައިވަނި ކުރެއްވުމަށް ދީނީ އަދި ސިޔާސީ ހުރަސްތަކެއް ކުރިމަތި ވެވަޑައިގެން، ތަޚުތުގައި އިންނަވައިގެން އެކަން ކުރެވޭނޭ ހަމަ އެއްވެސް ގޮތެއް ނެތުމާ ގުޅިގެންނެވެ.

އެޑްވަރޑް އަށްވަނަ އިނގިރޭސި ރަސްކަން ދޫ ކޮށްލެއްވުމުން، ދުސްތޫރީ ޤަވާޢިދުތަކާއި ޢުރުފުތައް ހުރި ގޮތުން ރަސްކަން ދެން ވާރުތަ ވީ އެޑްވަރޑްގެ ކޮއްކޯފުޅު އަދި އެލިޒަބަތުގެ ބައްޕާފުޅު ޑިޔުކް އޮފް ޔޯރކް އެލްބަރޓް ފްރެޑްރިކް އާރތަރ ޖޯރޖްއަށެވެ. ޖޯރޖް ހަވަނަގެ ނަންފުޅުގައި އޭނާ ތަޚުތުގައި އިށީނދެވަޑައިގަތީ، ބުނެވޭ ގޮތުގައި، ހިތްޕުޅާ ދެކޮޅަށެވެ. 1936 ވަނަ އަހަރުގެ މެދުތެރޭގައި ޖޯރޖް ހަވަނަގެ ކޮރޮނޭޝަނުގެ ރަސްމިއްޔާތު ބޭއްވުނެވެ. އެލިޒަބަތު އެ ރަސްމިއްޔާތު ހަނދުމަފުޅު ކުރައްވައިފައި ވަނީ "ވަރަށް ޝާންދާރު އަދި އުފާވެރި ރަސްމިއްޔާތެއް" ގެ ގޮތުގައެވެ.

ޖޯރޖް ހަވަނަގެ ނަންފުޅުގައި ބައްޕާފުޅު ތަޚުތުގައި އިށީނދެވަޑައިގަތުމުން، ޢުމުރުފުޅުން 10 އަހަރުފުޅުގައި އަމީރާ އެލިޒަބަތު އެލެގްޒާންޑްރާ މޭރީ ޔުނައިޓެޑް ކިންގްޑަމްގެ ވަލީޢަހުދު ކަމުގައި ވެވަޑައިގެންފިއެވެ. ޖޯރޖް ހަވަނަގެ އެންމެ ދޮށީ ބެއިފުޅެއްގެ ޙައިޘިއްޔަތުންނެވެ.

ފިރިކަލުން

އަމީރާ އެލިޒަބަތުގެ ޢުމުރުފުޅުން 13 އަހަރުފުޅުގައި، 1939 ވަނަ އަހަރުގެ ތެރޭގައި، އެކަމަނާގެ ބައްޕާފުޅު ޖޯރޖް ހަވަނަ ޑާރޓްމައުތުގައި ހުންނަ ރޯޔަލް ނޭވަލް ކޮލެޖަށް ކުރެއްވި ޒިޔާރަތެއްގައި، މަންމާފުޅު އެލިޒަބެތު ބޮވެސް-ލިޔޯނާއި ކޮއްކޯފުޅު މާރގްރެޓް ރޯޒާ އެކު ބައިވެރި ވެވަޑައިގަތެވެ. އެ ޒިޔާރަތުގައި ރަސްގެފާނާއި ޝާހީ ޢާއިލާއަށް އިސްތިޤުބާލު ކުރުމަށް ޓަކައި ޢައްޔަން ކުރެވިފައި ތިބި ކޮލެޖުގެ ދަރިވަރުން ނުވަތަ ކެޑޭޓުންގެ ގުރޫޕުގައި އިސްކޮށް ހުންނެވީ އަމީރު ފިލިޕް އޮފް ގްރީސް އެންޑް ޑެންމާރކްއެވެ. އަމީރު ފިލިޕް އަކީ އޭނާގެ ބަފައިފުށުން، ގްރީސާއި ޑެންމާރކާއި ރަޝިޔާގެ ޝާހީ ޢާއިލާތަކަށް ނިސްބަތް ވެވަޑައިގަންނަވާ ބެއިފުޅެކެވެ. މައިފުށުން، އިނގިރޭސި ޝާހީ ޚާންދާނަށް ނިސްބަތް ވެވަޑައިގަންނަވާ ބެއިފުޅެކެވެ. އޭނާގެ މަންމާފުޅަކީ އިނގިރޭސީންގެ މަޝްހޫރު ރާނީ ވިކްޓޯރިއާގެ މުނިމާމަ ދަރިކަނބަލުން އަމީރާ އެލިސް އޮފް ބެޓްންބަރގްއެވެ.

އަމީރު ފިލިޕް އުފަން ވެވަޑައިގަތީ ގްރީސްގައެވެ. އޭނާގެ ބައްޕާފުޅު އަމީރު އެންޑްރޫވ އަކީ 1919 އިން 1922 އަށް ގްރީކުން މުސްލިމް ޢުޘްމާނީ ތުރުކީއާ ދެކޮޅަށް ކުރި ހަނގުރާމައިގައި، ގްރީކް ލަޝްކަރުގެ އެއް ކޮމާންޑަރެވެ. އެ ހަނގުރާމައިގައި ގްރީސް ބަލި ވުމާ ގުޅިގެން އެޅުނު ފިޔަވަޅުތަކުގެ ތެރޭގައި އަމީރު އެންޑްރޫވ ގްރީސުން އަރުވައިލެވުނެވެ. އޭނާ އާއި އޭނާގެ އަނބިކަނބަލުން އަމީރާ އެލިސް އާއި ތުއްޕުޅު ދަރިކަލުން އަމީރު ފިލިޕް އާއި ޢާއިލާގެ އެހެން ބެއިފުޅުން ފްރާންސަށް ގެންގޮސްދިނީ އިނގިރޭސީންނެވެ. 1930 ގައި ފިލިޕް އިނގިރޭސި ވިލާތަށް ގެންދެވުނެވެ. އެއީ އޭނާގެ މަންމާފުޅުގެ ޢާއިލާގެ ބެއިފުޅުންގެ އަރިޔަހުގައި އުޅުއްވުމަށް ޓަކައެވެ. ޖެހިގެން އައި އަހަރުތަކުގެ ތެރޭގައި ފިލިޕްގެ ހަތަރު އުޚްތުން ޖަރުމަނުގެ ޝާހީ ޢާއިލާގެ ބެއިބެއިފުޅުންނާ ކައިވަނި ކުރައްވައިގެން ޖަރުމަނަށް ހިޖުރަ ކުރައްވައި، ބައްޕާފުޅު މޮންޓެ ކާރލޯއަށް ހިޖުރަ ކުރައްވައި، މަންމާފުޅު ސީރިޔަސް ނަފްސާނީ މައްސަލަތަކަކާ ވިދިގެން ނަފްސާނީ ފަރުވާގެ މަރުކަޒަކަށް ލެވުނެވެ. އޭގެ ދުވަސްކޮޅެއް ފަހުން، ފިލިޕްގެ ޤާނޫނީ ބެލެނިވެރިޔާގެ ގޮތުގައި ހުންނެވި އޭނާގެ މައިފުށު ބޮޑުބޭބޭފުޅު ލޯރޑް މިލްފަރޑް ހޭވަން އަވަހާރަ ވެ، އޭނާގެ ބެލެނިވެރިކަމާއި ބަލަދުވެރިކަން ލޯރޑް މިލްފަރޑްގެ ކޮއްކޯފުޅު ލޯރޑް ލުއިސް މައުންޓްބެޓްންއަށް ވާރުތަ ވިއެވެ. ލޯރޑް ލުއިސް މައުންޓްބެޓްން އަކީ އިނގިރޭސި އިންޑިޔާގެ ވައިސްރޯއިކަމާއި، އިނގިރޭސި އިންޑިއާގެ ގަވަރނަރ-ޖެނެރަލްކަމާއި، އިނގިރޭސި ކަނޑުގެ ލަޝްކަރުގެ އެންމެ މަތީ ކޮމާންޑަރުކަމާއި، އިނގިރޭސި ޢަސްކަރީ ބާރުތަކުގެ އެންމެ މަތީ ކޮމާންޑަރުކަމާއި، އިނގިރޭސި ބަރުލަމާނުގެ ހައުސް އޮފް ލޯރޑްސްގެ މެންބަރުކަން ކުރެއްވި ބެއިފުޅެކެވެ. އަމީރު ފިލިޕް އަށް ޒުވާން ޢުމުރުފުޅުން ފެށިގެން ބައްޕައެއް ކަމުގައި ފެނިވަޑައިގަތް ބެއިފުޅަކީ ލޯރޑް ލުއިސް މައުންޓްބެޓްންއެވެ.

ޢާއިލީ ގުޅުމަށް ބަލާ އިރު، އަމީރާ އެލިޒަބަތަކި ރާނީ ވިކްޓޯރިޔާގެ ދަރިކަލުން އެޑްވަރޑް އަށްވަނަގެ ދަރިކަލުން ޖޯރޖް ފަސްވަނަގެ ދަރިކަލުން ޖޯރޖް ހަވަނަގެ ދަރިކަނބަލުންނެވެ. އަމީރު ފިލިޕަކީ ރާނީ ވިކްޓޯރިޔާގެ ދަރިކަނބަލުން އަމީރާ އެލިސްގެ ދަރިކަނބަލުން އަމީރާ ވިކްޓޯރިއާ މައުންޓްބެޓްންގެ ދަރިކަނބަލުން އަމީރާ އެލިސް އޮފް ބެޓްންބަރގްގެ ދަރިކަލުންނެވެ. ދެ ބެއިފުޅުންގެ މެ ހޫރުމާމާފުޅަކީ ރާނީ ވިކްޓޯރިއާއެވެ.

ޑާރޓްމައުތުގެ ރޯޔަލް ނޭވަލް ކޮލެޖުން ބައްދަލު ވެވަޑައިގަތުމުގެ ކުރީން ވެސް އަމީރާ އެލިޒަބަތާއި އަމީރު ފިލިޕްއާ މުލާގާތު ވެފައި ވެއެވެ. ނަމަވެސް އެލިޒަބަތުގެ ހިތްޕުޅުގައި ފިލިޕްއާ މެދު ޚާއްޞަ ޝައުގުވެރިކަމަކާއި މަގާމެއް ދެވުނު ކަމަށް ވަނީ ޑާރޓްމައުތުގެ ބައްދަލުވުމުގައެވެ. އޭގެ ފަހުން ދެ ބެއިފުޅުންގެ ދެމެދުގައި ގާތް އެކުވެރިކަމެއް އުފެދުނެވެ. އަމީރާ އެލިޒަބަތާއި އެކަމަނާގެ ކޮއްކޯފުޅު އުޅުއްވާ ގަނޑުވަރަށް ފިލިޕް ދޭތެރެދޭތެރެއިން ޒިޔާރަތް ކުރައްވައި ވެސް ހައްދަވައެވެ. އެލިޒަބަތުގެ ޢުމުރުފުޅުން 18 ވަރަކަށް އަހަރު ވީ އިރު، ގާތް ރަޙްމަތްތެރިކަން އޮތީ ވަރުގަދަ ލޯތްބަކަށް ބަދަލު ވެފައެވެ. އެއިރު އެކަމަނާގެ ކޮޓަރިކޮޅުގައި ފިލިޕްގެ ފޮޓޯ ފުރޭމެއް ބެހެއްޓިފައި ހުރެއެވެ. ދެ ބެއިފުޅުން އެއް ބެއިފުޅަކު އަނެއް ބެއިފުޅަކަށް ޤަވާޢިދުން ސިޓީބިޓީ ބަދަލު ކުރައްވައެވެ.

އަމީރާ އެލިޒަބަތާއި އަމީރު ފިލިޕްގެ ލޯބީގެ މައުތައް ފޮޅިގެން އައި ދުވަސްވަރަކީ، ދެވަނަ ބޮޑު ހަނގުރާމައިގެ އަލިފާނުގެ ކަނިތަކުން ޔޫރަޕުގެ ޖައްވު ހޫނު ވެފައި އޮތް ދުވަސްވަރެވެ. ހަނގުރާމަ ނިމުމާ އެކު، އެލިޒަބަތު އެކަމަނާގެ ޢާއިލާގެ ބެއިފުޅުންގެ އަރިޔަހުން ކައިވަނީގެ ހުއްދައަށް އެދިވަޑައިގެންފިއެވެ. އެކަމަނާގެ ބައްޕާފުޅު ޖޯރޖް ވެސް އަދި އިނގިރޭސި ރަސްކަމާއި ސަރުކާރުގެ ބޮޑުންގެ ތެރެއިން އެންމެ ފުރަތަމަ އައީ ނުރުހުންތެރިކަމެވެ. ރަސްގެފާނު ޖޯރޖްއަށް އެންމެ ބޮޑަށް ދަތިފުޅު ވީ ވަރަށް އަރިސްކޮށް އުޅުއްވި ދަރިކަނބަލުން މާ އަވަހަށް ފިރިކަލަކާ އެކު ދުރަށް ވަޑައިގަންނަވާކަމުގެ ހިތާމަފުޅުގެ ސަބަބުންނެވެ. ބޮޑުންގެ ތެރޭގައި އޮތް މައިގަނޑު ކަންބޮޑުވުމަކީ ފިލިޕްގެ ޢާއިލާގެ އެއް ފަޅި ވިޔަސް ބިދޭސީ ޝާހީ ޢާއިލާތަކަކާ ގުޅިފައި އޮތުމާއި، އޭނާގެ އުޚްތުން ނާޒީ ޖަރުމަނުގެ ޝާހީ ޢާއިލާ އާއި ބޮޑުންގެ ޚާންދާންތަކަކުން ކައިވަނި ކުރައްވައިގެން އުޅުއްވުމެވެ.

ނަމަވެސް އެލިޒަބަތާއި ފިލިޕްގެ ލޯބީގައި ނިމުމުގެ ސިއްކަ ޖެހޭ ގޮތެއް ނުވިއެވެ. ހުރިހައި ހުރަސްތަކެއް ގިރާ ކުރައްވައި، އިޢުތިރާޟު ކުރި މީހުންގެ އިޢުތިރާޟުތައް އެއްފަރާތް ކުރައްވައި، ކުލަގަދަ ޙަފުލާއެއްގައި ދެ ބެއިފުޅުން 20 ނޮވެންބަރު 1947 ގައި ވެސްޓްމިންސްޓަރ އެބީ ފައްޅީގައި ކައިވަނި ބައްލަވައިގަތެވެ. އެއީ ފިލިޕް އޭނާގެ ބިދޭސީ ލަޤަބު ކަމުގައި ވާ "ޕްރިންސް އޮފް ގްރީސް އެންޑް ޑެންމާރކް" ރަސްމީކޮށް ދޫ ކުރައްވައި، ގްރީކް އޮރތޮޑޮކްސް ކްރިސްޓިއަނިޓީން ބޭރު ވެވަޑައިގެން އިނގިރޭސި ވިލާތުގެ އެންގްލިކަން މަޒުހަބާ ގުޅިވަޑައިގެން، އޭނާގެ މަންމާފުޅުގެ އިނގިރޭސި ޢާއިލީ ނަންފުޅު ކަމުގައި ވާ "މައުންޓްބެޓްން" އިޚްތިޔާރު ކުރެއްވުމަށް ފަހުގައެވެ. ކައިވަނިފުޅުގެ ކުޑަ ދުވަސްކޮޅެއް ކުރީން އޭނާއަށް އިނގިރޭސި ޝާހީ ލަޤަބުތަކުގެ ތެރެއިން "ޑިޔުކް އޮފް އެޑިންބްރާ" ގެ ލަޤަބާއި "ހިޒް ރޯޔަލް ހައިނެސް" ގެ ލަޤަބު އެރުވުނެވެ.

ކައިވަނިފުޅު ކުރެވުނު އިރު ވެސް، އަދި އޭގެ ފަހުން އަހަރުތަކެއް ވާންދެން ވެސް، ހިޒް ރޯޔަލް ހައިނެސް، ޑިޔުކް އޮފް އެޑިންބްރާ ލިޔުޓެނެންޓް ފިލިޕް މައުންޓްބެޓްން ހުންނެވީ އިނގިރޭސި ކަނޑުގެ ލަޝްކަރުގެ އޮފިސަރެއްގެ ގޮތުގައެވެ. ކައިވެންޏަށް ފަހު އޭނާ ޚިދުމަތް ކުރެއްވީ މޯލްޓާގައި ޤާއިމު ވެ އޮތް ފައުޖެއްގައެވެ. އެ ދުވަސްވަރު އެލިޒަބަތު ވެސް ވަރަށް ގިނަ ފަހަރު ފިރިކަލުންގެ އަރިޔަހުގައި މޯލްޓާގައި އުޅުއްވައެވެ. ބައެއް ފަހަރު އެތައް މަހެއް ވާންދެންނެވެ. ދެ ކަނބަލުންގެ ފުރަތަމަ ބެއިފުޅާ ޗާރލްސް އުފަން ވެވަޑައިގަތީ 1948 ގައެވެ. ދެވަނަ ބެއިފުޅާ އޭން އުފަން ވެވަޑައިގަތީ 1950 ގައެވެ. ތަޚްތުގައި އިށީނދެވަޑައިގަތުމުގެ ކުރީން އެލިޒަބަތަށް ލިބިވަޑައިގަތީ މި ދެ ބެއިފުޅުންނެވެ.

ތަޚުތުގައި

އަމީރާ އެލިޒަބަތުގެ ބައްޕާފުޅު އަދި އިނގިރޭސި ރަސްގެފާނު ޖޯރޖް ހަވަނަ އޭނާގެ ޢުމުރުފުޅުގެ ފަހުކޮޅު އުޅުއްވަމުން ގެންދެވީ ވަރަށް ބޮޑަށް އާލާސްކަންފުޅާއެވެ. މައިގަނޑު ބައްޔަކީ އާދަޔާ ޚިލާފަށް ގިނައިން ދުންފަތުގެ އިސްތިޢުމާލު ކުރެއްވުމުގެ ނަތީޖާއެއްގެ ގޮތުން ފުއްޕާމޭގެ ކެންސަރު ޖެހިވަޑައިގަތުމެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި އުފުއްލަވާން ޖެހިވަޑައިގަތް ބުރަތަކާއި މަސައްކަތުގެ ޓެންޝަނުގެ ސަބަބުން ވެސް އޭނާގެ ޞިއްޙަތަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ހުރީ ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން، ރަސްކަމުގެ ބައެއް މަސްއޫލިއްޔަތުތައް އެއިރު ވެސް ވަލީޢަހުދުގެ ހައިސިއްޔަތުން އެލިޒަބަތު އަދާ ކުރައްވަމުން ގެންދަވައެވެ. ޢާއްމު ބައެއް ޙަފުލާތަކުގައި ބައިވެރި ވެވަޑައިގަތުމާއި، ބައެއް މުނާސަބަތުތަކުގެ ޝަރަފުވެރި މެހުމާނުކަން ކުރެއްވުން ފަދަ ޝަކްލީ އަދި ސޫރީ މަސްއޫލިއްޔަތުތަކެވެ.

1952 ވަނަ އަހަރުގެ ކުރީކޮޅު، ޢުމުރުފުޅުން 25 އަހަރުގެ އެލިޒަބަތު އެކަމަނާގެ ފިރިކަލުން އަމީރު ފިލިޕް މައުންޓްބެޓްންއާ އެކު، އޮސްޓްރޭލިޔާ އާއި ނިއު ޒިލޭންޑަށް ކުރައްވާ ދަތުރުފުޅެއް ފެއްޓެވިއެވެ. އެ ދަތުރުފުޅުގައި އެންމެ ފުރަތަމަ ދެކަނބަލުން ވަޑައިގަތީ ވައިގެ މަގުން ކެންޔާއަށެވެ. ބައްޕާފުޅު އަވަހާރަ ވި ޚަބަރު އެ ބެއިފުޅުންނަށް ލިބިވަޑައިގަތީ ކެންޔާގައި ތިއްބަވަނިކޮށް، 6 ފެބުރުވަރީ 1952 ގައެވެ. ދެން ދަތުރުފުޅު ކުރު ކޮށްލައްވައިފައި ވަގުތުން އެނބުރިވަޑައިގަތީ ލަންޑަނަށެވެ. ރަނިކަމުގެ މަސްއޫލިއްޔަތުތަކާ ޙަވާލު ވެވަޑައިގަތުމަށް ޓަކައެވެ.

އެލިޒަބަތު ދެވަނަގެ ގޮތުގައި މޮނާކްގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާ ޙަވާލު ވެވަޑައިގަތުމަށް ފަހު، އެކަމަނާގެ ކޮރޮނޭޝަން ނުވަތަ ރަސްމީކޮށް އިސްތަށިފުޅުގައި ތާޖު ތުރު ކުރެއްވުމާއި ހުވައި ކުރެއްވުން ފަދަ ކަންކަމުގެ ރަސްމިއްޔާތު އެތައް މަހަކަށް ފަސް ކުރެވުނެވެ. އެއީ އެއިރު އިނގިރޭސި ބޮޑުވަޒީރުކަމުގައި ހުންނެވި ވިންސްޓަން ޗާރޗިލް އާއި އޭނާގެ ކެބިނެޓުގެ ލަފާގެ މަތީންނެވެ. ކޮރޮނޭޝަން ބޭއްވުނީ 1953 ވަނަ އަހަރުގެ ޖޫން މަހުގެ 2 ގައެވެ.

ޖޯރޖް ހަވަނަ އަވަހާރަ ވެ އޭނާގެ ދަރިކަނބަލުން އެލިޒަބަތު ދެވަނަ ރަނިކަމާ ޙަވާލު ވެވަޑައިގަތް އިރު، ދިވެހިރާއްޖެ އޮތީ އިނގިރޭސި ދައުލަތުގެ "ޕްރޮޓެކްޓެޑް ސްޓޭޓް" އެއްގެ ގޮތުގައެވެ. ޖޯރޖް ހަވަނަ އަވަހާރަ ވުމުގެ ހިތާމަ ރާއްޖޭގައި ވެސް ފައުޅު ކުރެވުނެވެ. ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރި ކުރެވި، އެ ދުވަހަކީ ސަރުކާރުގެ އޮފީސްތަކާއި އިދާރާތައް ބަންދު ދުވަހެއް ކަމުގައި ކަނޑައެޅި، ސާޅީސް ދުވަހުގެ މުއްދަތަށް ރާއްޖޭގައި އެއްވެސް ކުޅިވަރެއް ކުޅެއުޅުން ވެސް މަނާ ކުރެވުނެވެ. އެއާއެކު، "އިނގިރޭސީންގެ ޢިއްޒަތްތެރި ތަޚްތަށް" އެލިޒަބަތު އިސް ވެވަޑައިގަތުމުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ކޯއްޓޭތަކުގެ ދިދަ ފުރިހަމަ ދިދައަކަށް ހެދި، "މާތް ރާނީގެ އަރިޔަހަށް" ދިވެހި ދައުލަތުގެ ވަޒީރުލް އަޢްޡަމް ސުމުއްވުލް އަމީރު މުޙައްމަދު އަމީން މުބާރިކު ބާދީ އާއި ހެޔޮ އެދުންތައް ފޮނުއްވެވިއެވެ. އަދި ދިވެހި ދައުލަތުގެ ފަރާތުން "ކްއީން އެލިޒަބަތުގެ ޢުމުރުފުޅު ދަންމަވައި، ނަޞްރާއި ނަޞީބު އިތުރު ކުރެއްވުން" އެދި ދުޢާ ކުރެވުނެވެ. މި ކަންތައް ކުރި މީހުންނަށް، މި ކުރެވޭނުކުރެވޭ ކަމެއް އެނގޭތޯ ނުވަތަ ނޫންތޯ މިއީ މި ވަގުތަށް ކޮންމެހެން މުހިއްމު ސުވާލެއް ނޫނެވެ!

ކޮރޮނޭޝަން

އެލިޒަބަތު ދެވަނަ މޮނާކްގެ މަޤާމާ ޙަވާލު ވެވަޑައިގަތްތާ 16 މަސް ފަހުން 2 ޖޫން 1953 ގައި އޮތް އެކަމަނާގެ ކޮރޮނޭޝަންގެ ކުލަގަދަ ރަސްމިއްޔާތު ޓީވީން ވަގުތުން ދުރަށް ދެއްކުނެވެ. އެއީ އިނގިރޭސި މޮނާކެއްގެ ކޮރޮނޭޝަން ވަގުތުން ދުރަށް ދެއްކުނު ފުރަތަމަ ފަހަރެވެ. ބޮޑުވަޒީރު ވިންސްޓަން ޗާރޗިލް އާއި ބޮޑުންގެ ވަރަށް ގިނަ ބެއިފުޅުން އެކަމާ ދެކޮޅު ހެއްދެވިއެވެ. އެއީ ރަސްކަމުގެ ހައިބަތާ ނުއެކަށޭނަ، އަދި ސަގާފަތާ ނުރައްޓެހި ކަމެއް ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެލިޒަބަތުގެ ފިރިކަލުން ފިލިޕް އާއި އެހެން ބައެއް ބޮޑުންގެ ވިސްނުންފުޅާ އެއްގޮތަށް އެކަން ކުރުމުގެ މައިގަނޑު މަޤްޞަދަކީ އިނގިރޭސި ޝާހީ ޢާއިލާ އާއި ޤައުމުގެ ރައްޔިތުންނާ ދެމެދު އޮތް ބީރައްޓެހިކަމާއި ނޭނގުމާއި ދުރުކަމުގެ ފާރު ތަޅައިލުމެވެ.

އިނގިރޭސި ވިލާތުގައި އަދި ބޭރުގެ ޤައުމުތަކުގައި އެތައް މިލިއަން ބަޔަކު ކޮރޮނޭޝަނުގެ ރަސްމިއްޔާތު ޓީވީން ބެލިއެވެ. އެ ޝާންދާރު އަދި އުފާވެރި ރަސްމިއްޔާތު ވެގެން ދިޔައީ، ދެވަނަ ބޮޑު ހަނގުރާމައިގެ ސަބަބުން ޢުމްރާނީ ގޮތުންނާއި މާލީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ވަރަށް ބޮޑަށް ހަލާކު ވެ ޒަޚަމް ވެފައި އޮތް އިނގިރޭސި ދައުލަތަށް އައު ޒަމާނެއް އައުން ރަމްޒީ ގޮތުން ފާހަގަ ކުރެވުނު ޙަފުލާއެއް ކަމުގައެވެ.

އެލިޒަބަތު ރަނިކަމަށް ވަޑައިގަތް އިރު، އިނގިރޭސީންގެ ޒަމާން ވީ އަންބަރާޠޫރިއްޔާ ރޫޅި، އެ އަންބަރާޠޫރިއްޔާގެ ދަށުގައި ހިމެނުނު އެތައް ކޮލޮނީތަކެއް ވަނީ މިނިވަން ދައުލަތްތަކަކަށް ވެފައެވެ. އިތުރު އެތައް ކޮލޮނީތަކެއްގައި ބާރު އަޑުން ޖަހަމުން ދިޔައީ މިނިވަންކަމާއި ސިޔާދަތުގެ ބޭނެވެ. މި ޙާލަތަށް އިޖާބަ ދިނުމުގެ ގޮތުން އިނގިރޭސި ދައުލަތުގެ ބޮޑުން އޮތީ "ކޮމަންވެލްތު އޮފް ނޭޝަންސް" ގެ ނަމުގައި ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެއް އުފައްދައިފައެވެ. އެ ޖަމްޢިއްޔާ ވުޖޫދަށް ގެނެވިފައި ވަނީ އެލިޒަބަތު ދެވަނަގެ ކާފާފުޅުގެ ރަސްކަމުގެ ދުވަސްވަރު، 1926 ގައެވެ. އެލިޒަބަތު އުފަން ވެވަޑައިގަތް އަހަރުއެވެ. މި ޖަމްޢިއްޔާ އުފެއްދުމުގެ މަޤްޞަދަކީ، އިނގިރޭސި އަންބަރާޠޫރިއްޔާގެ އަޅުވެތިކަމުން މިނިވަން ވަމުން ދިޔަ ދައުލަތްތައް، ބައިނަލްއަޤްވާމީ ސިޔާސީ މައިދާނުގައި އިނގިރޭސީން ލީޑު ކުރާ ޖަމްޢިއްޔާއެއްގެ މެންބަރުންގެ ގޮތުގައި، އިނގިރޭސީންގެ ބައިނަލްއަޤްވާމީ "އެކުވެރީންގެ" ގޮތުގައި ބެއިތިއްބުމެވެ. އިނގިރޭސީންގެ ނުފޫޒު ނެތިދިޔަނުދިނުމެވެ.

ރާނީ އެލިޒަބަތު ކޮމަންވެލްތު ޖަމްޢިއްޔާއަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވިއެވެ. 1953 ވަނަ އަހަރުގެ ފަހުކޮޅު އެކަމަނާ ކޮމަންވެލްތުގެ މެންބަރު އެތައް ޤައުމަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ފެއްޓެވިއެވެ. އެ ދަތުރުފުޅުގައި ޤައުމުތަކުން އެކަމަނާއަށް ކިޔައިފައި ވަނީ ހޫނު މަރުޙަބާއެވެ. އޮސްޓްރޭލިޔާއަށް އެކަމަނާ ވަޑައިގަތުމުން މަރުޙަބާ ދެންނެވުމަށް ޓަކައި، އެކިއެކި ޝަހަރުތަކުގައި، ޤައުމުގެ އާބާދީގެ ހަތަރު ބައިކުޅަ ތިން ބައި ނުކުތް ކަމަށް ރިކޯޑުތަކުން ދައްކައެވެ.

ސުއޭޒް

1950 ގެ ދަހަރުގެ އަހަރުތަކަކީ ބައިނަލްއަޤްވާމީ މައިދާނުގައި އިނގިރޭސި ދައުލަތަށް ފަސޭހަ ދުވަސްތަކެއް ނޫނެވެ. އިނގިރޭސި އަންބަރާޠޫރިއްޔާ އެއިރު އޮތީ ނިމުމަކަށް އައިސްފައެވެ. އަންބަރާޠޫރިއްޔާގެ އަޅުވެތިކަމުގެ ކަސްތޮޅުތަކުން ނެއްޓިގަތް ޤައުމުތައް އެއިރު ވެސް ދިޔައީ މިނިވަންކަން އިޢުލާން ކުރަމުންނެވެ. އިނގިރޭސީންނަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އޭގެ ތެރެއިން ގިނަ ޤައުމުތަކެއް އިނގިރޭސި ކޮމަންވެލްތު ޖަމްޢިއްޔާގައި ބައިވެރި ވަމުން ދިޔަދިޔުމެވެ. އެއިރު ޔޫރަޕުގައި ފަރަންސޭސީން ފަދަ ޤައުމުތައް އިސް ވެތިބެ ދިޔައީ ޔޫރަޕުގެ ވަރުގަދަ އިއްތިޙާދެއް ވުޖޫދަށް ގެނައުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އިނގިރޭސި ދައުލަތާއި ސަރުކާރުގެ ބޮޑުންގެ ތެރޭގައި ކުރެވެމުން ދިޔަ އެންމެ މުހިއްމު އެއް ބަޙުޘަކީ އިސްކަން ދޭނީ ކޮމަންވެލްތަށް ތޯ ނުވަތަ ޔޫރަޕުގެ އިއްތިޙާދަށް ތޯ މި ބަޙުޘެވެ.

އިނގިރޭސި ދައުލަތުގެ އަންބަރާޠޫރީ އަދި އިސްތިޢުމާރީ ޠަބީޢަތާއި ވިސްނުމާއި ޢަމަލިއްޔާތަށް ޙަޤީޤީ ބަދަލެއް ނާންނަކަން އެ ދުވަސްވަރު ހިނގި މުހިއްމު ޙާދިޘާއެއްގެ ތެރެއިން އަނެއްކާވެސް ސާބިތު ވިއެވެ. އެ ޙާދިޘާ އަކީ 1956 ވަނަ އަހަރުގެ މަޝްހޫރު "ސުއޭޒް މައްސަލަ" އެވެ.

"ސުއޭޒް މައްސަލަ" ގުޅިފައި ވަނީ ޢަރަބި އިސްލާމީ ޤައުމެއް ކަމަށް ވާ މިޞްރުގެ "ސުއޭޒް ކެނެލް" އާއެވެ. އެ ކެނަލަކީ މެޑިޓަރޭނިއަން ކަނޑުން ރަތް ކަނޑަށް ކަނޑު އުޅަނދުފަހަރު ދަތުރު ކުރުމަށް ޓަކައި ހަދައިފައި އޮންނަ މަޞްނޫޢީ ކޯރެކެވެ. އެތަން ހެދުމުގެ މަސައްކަތް ކޮށްފައި ވަނީ އިސްތިޢުމާރީ ފަރަންސޭސީންނާއި މިޞްރުގެ ސަރުކާރުންނެވެ. ފަހުން އިނގިރޭސީން އެތަން ހިންގާ ކުންފުނީގެ ގާތްގަނޑަކަށް 44 އިންސައްތަ ޙިއްޞާ ގަނެފައި ވަނީއެވެ. އެއީ އިސްތިޢުމާރީންގެ އަނިޔާވެރިކަމުގެ ތެރޭގައި މިޞްރު ބަނގުރޫޓު ވާ ހިސާބަށް ގޮސްގެން، ދައުލަތަށް ފައިސާ ހޯދުމަށް ޓަކައި ކުންފުނީގެ ޙިއްޞާ ވިއްކައިލާން މަޖުބޫރު ވެގެންނެވެ. މީލާދީން 1882 ގައި އިނގިރޭސީން މިޞްރު ހިފުމަށް ފަހު، ސުއޭޒް ކެނެލް ބޭނުން ކުރަމުން ގެންދިޔައީ އެމީހުން ހިތުހުރި ގޮތަކަށެވެ. 1922 ގައި އިނގިރޭސީން މިޞްރަކީ ސިޔާދަތާއި އިސްތިޤްލާލް ލިބިގެންވާ ދައުލަތެއްކަން ބަލައިގަތެވެ. ނަމަވެސް ސުއޭޒް ކެނަލާއި މިޞްރުގެ އެހެނިހެން ހިސާބުހިސާބުގައި އިނގިރޭސި ސިފައިންނާއި އޮފިޝަލުން ޤާއިމު ވެތިބެ، މިޞްރުގެ ކަންކަމާ ބެހި ނުފޫޒު ފޯރުވަމުން ދިޔައެވެ. އިނގިރޭސީން މުޅީން މިޞްރުން ފެއިބީ 1956 ވަނަ އަހަރުގެ ޖޫން މަހުއެވެ. މިޞްރުގެ ޖުމްހޫރީ އިންޤިލާބުގައި ޖަމާލް ޢަބްދުއްނާޞިރު އެ ޤައުމުގެ ބާރުތައް އަތުލެއްވުމުންނެވެ.

ޖަމާލް ޢަބްދުއްނާޞިރާ މެދު އިނގިރޭސީންނާއި ފަރަންސޭސީންނާއި އިސްރާއީލް ދުށީ ވަރަށް ބޮޑު ބިރެއްގެ ގޮތުގައެވެ. 1956 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި ފަރަންސޭސި ބޮޑުވަޒީރު ގީ މޮލޭ އިނގިރޭސި ވިލާތަށް ވަޑައިގެން، އިނގިރޭސި ބޮޑުވަޒީރު އެންތަނީ އީޑްން އާ ބައްދަލު ކުރެއްވިއެވެ. އަދި ފަރަންސޭސި ވިލާތަށް "އިސްލާމީ ވަރަށް ބޮޑު ނުރައްކަލެއް" ކުރިމަތި ވެއްޖެ ވާހަކަ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ނުރައްކަލަކީ ޖަމާލް ޢަބްދުއްނާޞިރެވެ. ނާޞިރުގެ މަޤްޞަދަކީ "އިސްލާމީ ބޮޑު ފުތޫޙާތެއް" ކަމަށް ވެސް އޭނާ އީޑްންގެ އަރިޔަހުގައި ވިދާޅުވިއެވެ. އެއިރުއްސުރެ އެ ބެއިފުޅުން ގެންދެވީ ޖަމާލް ޢަބްދުއްނާޞިރާ ދެކޮޅަށް ކުރާން ވީ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރައްވަމުންނެވެ.

1956 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު، ޖަމާލް ޢަބްދުއްނާޞިރު މިޞްރު ސިފައިން ފޮނުއްވަވައިގެން ސުއޭޒް ކެނެލްގެ ކޮންޓްރޯލް މިޞުރުގެ ބާރުގެ ދަށަށް ގެންނެވިއެވެ. އަދި ސުއޭޒް ކެނެލް ކުންފުނި ނެޝަނަލައިޒް ކުރައްވައިފިކަން އިޢުލާން ކުރައްވަވައި، ކުންފުނީގައި ހިމެނޭ އިނގިރޭސީންނާއި ފަރަންސޭސީންގެ ޙިއްޞާއަށް އެ ދުވަހު ޕެރިސް ސްޓޮކް އެކްސްޗޭންޖުގައި އަގު ހުރި މިންވަރަށް ބައްލަވައި ބަދަލު ދެއްވާނޭކަން އިޢުލާން ކުރެއްވިއެވެ.

މިޞްރުގެ މި ނިންމުމަށް އިނގިރޭސީންނާއި ފަރަންސޭސީން ރައްދު ދިނީ އިސްރާއީލާ ވެސް ގުޅިގެން، މިޞްރަށް އަރައިގަނެ، ޢަސްކަރީ ބާރުގެ ބޭނުން ކޮށްގެން ސުއޭޒް ކެނެލް ސަރަޙައްދު ފޭރިގަތްފޭރިގަތުމުންނެވެ. ނަމަވެސް މައްސަލަ ނިމިގެން ދިޔައީ އިނގިރޭސީން ބޭނުން ވި ގޮތަކަށް ނޫނެވެ. އެއިރު ދުނިޔޭގެ އެއް ބޮޑުބާރު ކަމުގައި ވާ ރޫސީ ވިލާތުގެ ނުފޫޒާ އެކު އަލިފުދާލުން ވެސް، އަދި އެމެރިކާއިން ވެސް، އިނގިރޭސީންނާއި ފަރަންސޭސީންނާއި އިސްރާއީލުގެ ޢުދުވާނީ ޢަމަލުތައް ކުށްވެރި ކޮށް، މިޞްރުން ފެއިބުމަށް ގޮވައިލިއެވެ. މުޅި ދުނިޔެ ވެސް މިޞްރަށް ހަމްދަރުދީ ވިއެވެ. އެހެންކަމުން، އާޚިރުގައި އިނގިރޭސީންނަށް ޖެހުނީ ބޮޑު ލަދަކާއި ބަދުނާމަކާ އެކު މިޞްރުން ފައިބާށެވެ. އިނގިރޭސި ބޮޑުވަޒީރު އީޑްން މަޤާމުން އިސްތިޢުފާ ދެއްވީއެވެ. ސުއޭޒް މައްސަލަ ނިމިގެން ދިޔަ އިރު، މިޞްރަށް ލިބުނު ގެއްލުންތައް ބޮޑެވެ. 3000 ވަރަކަށް މީހުން މަރު ވި އިރު، އިޤްތިޞާދީ ގޮތުންނާއި ޢަސްކަރީ ގޮތުން އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ ނުގުސާން ވިއެވެ.

މި ކަންތައްގަނޑުގެ ތެރޭގައި، ކޮމަންވެލްތުގެ ތެރޭގައި ވެސް އިނގިރޭސީންނާ މެދު އޮތް އިތުބާރު ވަރަށް ބޮޑަށް ގެއްލުނެވެ. އެ ޤައުމަކީ އަދިވެސް ތިންވަނަ ދުނިޔޭގެ މިނިވަންކަމުގެ ދުޝްމަނެއްކަމަށް ޤަބޫލު ކުރާ މީހުންގެ ވިސްނުން ވަރުގަދަ ވެގެން ދިޔައެވެ. އެންތަނީ އީޑްންއަށް ފަހު، ހެރާލްޑް މެކްމިލަން ޤައުމުގެ ބޮޑުވަޒީރުކަމަށް ވަޑައިގަތް އިރު، މައްސަލަ ނިމިގެން ދިޔައީ ރާނީ އެލިޒަބަތު ވެސް ސިޔާސީ ކޯޅުންތަކުގެ ތެރޭގައި ޝާމިލު ވެވަޑައިގަންނަވާން ޖެހުމަށް ފަހުގައެވެ.

ދެކޮޅުވެރީން

ޔުނައިޓެޑް ކިންގްޑަމްގެ މުޖުތަމަޢާއި މީހުންގެ ވިސްނުމަށް ޒަމާނާ އެކު އަންނަމުން ދިޔަ ބަދަލުތަކުގެ ތެރޭގައި، މޮނާކީއާ މެދު ވެސް ވަރަށް ތަފާތު ރަވައްޔާތަކެއް ތަޢާރަފު ވެފައި ވާކަން 1957 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ހިނގި ޙާދިސާއަކުން ވަރަށް ބޮޑަށް ސާފު ވިއެވެ. އެ ޙާދިސާއަކީ އިނގިރޭސި ނަވާބީ ޚާންދާނަކަށް ނިސްބަތް ވާ ނޫސްވެރިޔެއް ކަމުގައި ވާ އެޑްވަރޑް ގްރިގް ނުވަތަ ލޯރޑް އެލްޓްރިންޗަމް ރާނީ އެލިޒަބަތާ ދެކޮޅަށް ވަރަށް ހޫނުކޮށް، ޒާތީ ގޮތުން ވެސް އެކަމަނާއަށް ގަލަމީ ޙަމަލާތަކެއް ދީ ލިޔުމެއް ޝާއިޢު ކުރިކުރުމެވެ.

"ދަ މޮނާރކީ ޓުޑޭ" މި ސުރުޚީގެ ދަށުން ލޯރޑް އެލްޓްރިންޗަމް "ނެޝަނަލް އެންޑް އިންގްލިޝް ރިވިޔު" މަޖައްލާގައި ޝާއިޢު ކުރި ލިޔުމުގައި، ރާނީ އާއި އެކަމަނާގެ ކޮއްކޯފުޅު މާރގްރެޓަކީ އިނގިރޭސި ނަވާބިއްޔަތު ނުވަތަ މަތީ ފަންތީގެ ވިސްނުމާއި ފިކުރު ގެންގުޅުއްވާ އަދި ބެއިފުޅުވަންތަކަމުގެ ގޮތްގަނޑު މާ ބޮޑު ދެ ބެއިފުޅުން ކަމަށް ބުނެ ފާޑު ކިޔައިފައި ވެއެވެ. ރަނިކަމުގެ މަސްއޫލިއްޔަތުތައް އަދާ ކުރުމަށް ބޭނުން ވާ ހުނަރެއް ވެސް އަދި ތަމްރީނެއް ވެސް އެލިޒަބަތުގެ ނެތް ކަމަށް ބުނެފައި ވެއެވެ. އެކަމަނާގެ ތަޤްރީރުތައް ލިޔެގެން ވިދާޅުވާތީ އެކަމަށް ވެސް ވަރަށް ވަރުގަދައަށް ތަންޤީދު ކޮށް، ތަޤްރީރު ކުރެއްވުމުގައި އެކަމަނާ ވާހަކަފުޅު ދައްކަވާ ގޮތަށް ވެސް ފާޑު ކިޔައިފައި ވެއެވެ.

ފާހަގަ ކުރާން ޖެހޭ ކަމަކީ، ލޯރޑް އެލްޓްރިންޗަމްގެ ލިޔުމާ ދެކޮޅަށް އިނގިރޭސި މުޖުތަމަޢުގެ އެކިއެކި ދިމަދިމާއިން ވަރަށް ވަރުގަދަ ރުޅިވެރިކަމާއި އިޢުތިރާޟުތައް ވެސް ފެނިގެން ދިޔަކަމެވެ. އިނގިރޭސީންގެ ވަރަށް މަތީ ދަރަޖައިގެ ޢިއްޒަތްތެރީންގެ އިތުރުން ޢާއްމުންގެ އެތައް ބަޔަކު ވެސް އެ ލިޔުމާ މެދު އެކި ގޮތްގޮތަށް ނުރުހުން ފައުޅު ކުރިއެވެ. އިނގިރޭސި ވިލާތުގައި އެއިރު އޮތް "ލީގް އޮފް އެމްޕަޔަރ ލޯޔަލިސްޓްސް" ކިޔާ ޖަމާޢަތެއްގެ މީހުން މަގުމަތީން ލޯރޑް އެލްޓްރިންޗަމަށް ޙަމަލަ ދީ އޭނާއަށް ހާނީއްކަތަކެއް ވެސް ކުރިއެވެ. ނަމަވެސް އޭނާގެ ލިޔުމަށް ބައެއް ދިމަދިމާއިން އިވިގެން ދިޔަ ތަރުޙީބުގެ އަތްތިލަބަޑީގެ އަޑު ވެސް އެހައި މަޑެއް ނޫނެވެ. އެހެންކަމުން، އިނގިރޭސި މޮނާކީއާ މެދު ޤައުމުގެ ޚިޔާލު އޮތް ގޮތް އަންގައިދިން މިން އެޅުމަކަށް އެލްޓްރިންޗަމްގެ ލިޔުން ވެގެން ދިޔައެވެ.

ޝާހީ ޢާއިލާ

ލޯރޑް އެލްޓްރިންޗަމްގެ ލިޔުމާ ގުޅިގެން ވުޖޫދު ވެގެން އައި ޙާލަތުގައި، މޮނާކީގެ ތަޞައްވުރު އިތުރަށް ރަނގަޅު ކޮށް، ފާޑުކިޔުންތަކަށް އީޖާބީ ގޮތެއްގައި ޖަވާބު ދީ، އުފެދިފައި އޮތް ނުކިއްސަރު ވިސްނުންތަކާއި ޝުޢޫރުތައް ބަދަލު ކޮށްލުމަށް ޓަކައި ފިޔަވަޅުތަކެއް އެޅުމުގެ މުހިއްމުކަން ރާނީ އެލިޒަބަތާ އަރިސް ވަރަށް ގިނަ ބެއިފުޅުންނަށް ވިސްނިވަޑައިގަތެވެ. އޭގެ ތެރެއިން އެންމެ މުހިއްމު އެއް ބެއިފުޅަކީ އެކަމަނާގެ ފިރިކަލުން ފިލިޕްއެވެ. އަޅާން ވީ ފިޔަވަޅުތަކާއި ކުރާން ވީ ކަންކަމާ މެދު މެދު ގިނަ ޚިޔާލުތަކެއް ވެސް އޭނާ ހުށައެޅުއްވިއެވެ.

މި ދެންނެވި ގޮތުގެ މަތީން ބައެއް ކަންކަން ކުރެވުނު އިރު، އޭގެ ތެރެއިން އެއް ކަމަކީ ކޮންމެ އަހަރަކު ލަންޑަނުގެ "ސޯޝަލް ސީޒަން" އިފްތިތާޙު ކުރުމުގެ ގޮތުން ބާއްވާ ވަރަށް ބޮޑު ސަގާފީ އިޙުތިފާލެއް ކަމުގައި ވާ، "ޑެބިޔުޓާންޓް" އަންހެން ކުދީން ޝާހީ ދަރުބާރުގައި ދައްކައިލުމުގެ އިޙުތިފާލު އުވައިލެއްވުމެވެ. އިތުރު ފިޔަވަޅުތަކުގެ ތެރޭގައި، ޢާއްމު މުއާޞަލާތާއި މުޢާމަލާތުގެ ތެރޭގައި "މޮނާކީ" މި ނަމުގެ ބަދަލުގައި "ދަ ރޯޔަލް ފެމިލީ" މި ނަން ބޭނުން ކުރުން ޢާއްމު ކުރުން ވެސް ހިމެނެއެވެ. "މޮނާކީ" މި ލަފުޒަކީ ވެސް ނައްސި ވިސްނުންތަކާއި ޝުޢޫރުތަކަށް މަގުފަހި ކުރާ ލަފުޒެއް ކަމަށް ފެނިގެންނެވެ.

އިނގިރޭސި ދުސްތޫރީ ނިޒާމު މި ޒަމާނަށް އައި އިރު އިންތިޒާމު ވެ ހަމަޖެހިފައި އޮންނަ ގޮތުގެ މަތީން، ސަރުކާރު ހިންގުމާއި ސިޔާސީ ކަންތައްތަކުގައި ރާނީ ނުވަތަ ރަސްގެފާނު ވަކި ރައުޔެއް ފައުޅު ކުރެއްވުމާއި، ވަކި ފަރާތަކަށް ނުވަތަ ކޮޅަކަށް ޖެހިވަޑައިގަތުމަކީ ޢުރުފީ ގޮތުން މަނާ ކަންކަމެވެ. ސިޔާސީ އިޖުރާއާތުތަކާއި ނިންމުންތަކުގައި ރާނީ ނުވަތަ ރަސްގެފާނު ޝާމިލު ވެވަޑައިގަތުމަކީ ވެސް، ޢުރުފީ ގޮތުން ކަނޑައެޅިފައި އޮންނަ މިންވަރުގެ ބޭރުން، ހިނގައިގެން ނުވާނޭ ކަންކަމެވެ. އެލިޒަބަތު ދެވަނަގެ ރަނިކަމުގެ ދައުރުގައި މި ޙުދޫދުތަކަށް އެކަމަނާ ވަރަށް ބޮޑަށް އިޙުތިރާމު ކުރެއްވިއެވެ. ނަމަވެސް ބައެއް ފަހަރުފަހަރު، ކަންތައްތައް ހިނގައިދިޔަ ގޮތުން އެކަމަނާއަށް ސިޔާސީ އިޖުރާއާތުތަކުގައި ޢާއްމު އުޞޫލުން ބޭރުން ޝާމިލު ވެވަޑައިގަންނަވާން ޖެހިފައި ނުވެއެއް ނޫނެވެ. އެފަދަ އެއް ފަހަރަކީ 1963 ވަނަ އަހަރު، އެއިރު ބޮޑުވަޒީރުކަމުގައި ހުންނެވި ހެރާލްޑް މެކްމިލަން އިސްތިޢުފާ ދެއްވުމުން މެދުވެރި ވި ޙާލަތެވެ. ވިލްސަން ނިސްބަތް ވެވަޑައިގަންނަވާ ކޮންޒާރވެޓިވް ޕާޓީގައި އެއިރަކު އައު ލީޑަރަކު ހޮވުމަށް ވަކި އުޞޫލުތަކަކާއި ނިޒާމެއް ކަނޑައެޅިފައެއް ނެތެވެ. ކުއްލި ގޮތަކަށް މެކްމިލަން އިސްތިޢުފާ ދެއްވައި، ޕާޓީގެ ލީޑަރުކަމާއި ބޮޑުވަޒީރުކަމަށް ބެއިފުޅަކު ޢައްޔަން ކުރުމުގައި މައްސަލަތަކެއް ދިމާ ވުމުން، އާޚިރުގައި އެކަން ކުރައްވާން ޖެހިވަޑައިގަތީ ރާނީއެވެ. އެކަމަނާ އެ މަޤާމުތަކަށް ސަރ އެލެކް ޑަގްލަސް ހޯމް އިޚްތިޔާރު ކުރެއްވިއެވެ. މެކްމިލަންގެ އިރުޝާދާ އެއްގޮތަށެވެ. އޭގެ ދުވަސްކޮޅެއް ފަހުން، ކޮންޒާރވެޓިވް ޕާޓީން އެ ޕާޓީގެ ލީޑަރު އިސްތިޢުފާ ދިނުން ނުވަތަ އަވަހާރަ ވުން ފަދަ ޙާލަތުތަކުގައި އައު ލީޑަރަކު ހޮވުމަށް ޓަކައި ހަރުދަނާ އަދި ޒަމާނީ ނިޒާމެއް އެކުލަވައިލިއެވެ.

ޝާހީ ޢާއިލާ ފައްސި އައްޔެއްގައި ޢާއްމުންނަށް ދެއްކުމަށް ކުރެވެމުން ދިޔަ މަސައްކަތްތައް 1960 ގެ އަހަރުތަކުގެ ފަހުކޮޅު ވެސް ދިޔައީ ކުރިޔަށެވެ. އެގޮތުން ކުރެވުނު އެންމެ މުހިއްމު އެއް މަސައްކަތަކީ ބީބީސީން ތައްޔާރު ކޮށް، 1969 ވަނަ އަހަރު ޓީވީން ދެއްކުނު "ރޯޔަލް ފެމިލީ" ޑޮކިޔުމެންޓްރީ ފިލްމެވެ. މި ފިލްމުގެ ބޭނުމަކީ ޝާހީ ޢާއިލާ ތަންކޮޅެއް ރަސްމީކަން ކުޑަ ގޮތެއްގައި ޢާއްމުންނަށް ދެއްކުމެވެ. އެ ޑޮކިޔުމެންޓްރީގައި ފެނިގެން ދިޔައީ ޝާހީ ޢާއިލާގެ ޢާއްމު އަދި އާދައިގެ ދިރިއުޅުމެވެ. ދުވަހީ ދިރިއުޅުމުގެ ކަންކަން އޮންނަ ގޮތެވެ. ޢާއިލާގެ ބެއިފުޅުން ބާރބެކިޔު ހައްދަވައި، ރާނީގެ ފިރިކަލުން ފިލިޕް ބެލްމޯރަލް ކިއްލާގެ ގޯތިތެރޭގައި ސޮސެޖު ތެލުލައްވާތަނާއި، ޢާއިލާގެ ހުރިހައި ބެއިފުޅުން ވެގެން ކްރިސްމަސް ގަހެއް ޒީނަތްތެރި ކުރައްވާ ތަނާއި، ޢާއިލާގެ ތުއްޕުޅު ބެއިފުޅުން ގޮވައިގެން ބޮޑެތި ބެއިފުޅުން ހަވީރު ފިންޏަށް ނުކުމެވަޑައިގަންނަވާ ތަން ފަދަ މަންޒަރުތައް އެ ފިލްމުން ފެނުނެވެ. މި ފިލްމުގެ ސަބަބުން އިނގިރޭސި ވިލާތުގައި ޝާހީ ޢާއިލާގެ މަޤްބޫލުކަން އިތުރު ވެގެން ދިޔައެވެ. މޮނާކީއަށް ރައްޔިތުންގެ ހަމްދަރުދީ އާއި އިތުބާރު އަލުން ވަރުގަދަ ކުރުމުގައި މި ފިލްމުގެ ދައުރު ވަރަށް ވެސް ބޮޑެވެ.

ރާނީ އެލިޒަބަތު ދިވެހިރާއްޖެއަށް ވަޑައިގެންނެވި ދަތުރުފުޅަކީ މި ދެންނެވި ޑޮކިޔުމެންޓްރީ ފިލްމު ނެރެވުނުތާ މާކަ ގިނަ ދުވަސްތަކެއް ނުވެ ކުރެއްވި ދަތުރުފުޅެކެވެ. 13 މާރިޗު 1972 ގައި އެކަމަނާ ރާއްޖެ ވަޑައިގެންނެވީ ދެކުނުއިރުމަތީ އޭޝިޔާއަށް ކުރެއްވި 1 މަސް ދުވަހުގެ ދަތުރުފުޅަކަށް ފަހުގައެވެ. އެ ދަތުރުފުޅުގައި މާލެ އާއި އައްޑުއަށް އެކަމަނާ ޒިޔާރަތް ކުރެއްވިއެވެ.

1977 ވަނަ އަހަރު، ރާނީ އެލިޒަބަތުގެ ރިހިޔޫބީލްގެ މުނާސަބަތު އިނގިރޭސި ވިލާތުގައި ބޭއްވުނީ މުޅި ޤައުމަށް އައި އުފާވެރި ޢީދެއްގެ ގޮތުގައެވެ. މީސްތަކުން ނުކުމެ މަގުތަކުގައި ޕާޓީތައް ބާއްވައި، ޤައުމުގެ އެކިއެކި ކަންކޮޅުތަކުގައި އުފަލުގެ އިޙުތިފާލުތަކާއި މަޖިލިސްތައް ޤާއިމު ކުރެވުނެވެ. އެ މުނާސަބަތުގެ ތެރޭގައި އިނގިރޭސި ރައްޔިތް ފެނިގެން ދިޔައީ އެމީހުންގެ މޮނާކީ އާއި ރާނީ ދެކެ އިންތިހާއަށް ލޯބި ވާ ޤައުމެއްގެ ގޮތުގައެވެ. މީގެ މައިގަނޑު ސަބަބަކީ ރާނީ އެލިޒަބަތު ޝަޚްޞީ ގޮތުން ޤައުމުގެ ހިތްތައް އަތުލެއްވުމުގައި ހޯއްދެވި ކާމިޔާބެވެ.

ގުޅޭ ޓެގު
comment ކޮމެންޓް