ހިޔާ ފްލެޓުން އެއްޗެހި އުކީ ނަފްސާނީ މައްސަލަ ހުންނަ މީހެއް!

ފްލެޓުން އުކި އެއްޗަކުން ޖެހި ކާރަކަށް ބޮޑެތި ގެއްލުންތަކެއް ވެފައި-- ސަން ފޮޓޯ: ކިޔުންތެރިއެއް

ހިޔާ ފްލެޓެއްގެ ތެރެއިން މަގުމައްޗަށް އެއްޗެހި އުކުމުގެ ސަބަބުން އުޅަނދުތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު އެކަން ކުރީ ނަފްސާނީ މައްސަލަ ހުންނަ މީހެއްކަން "ސަން"އަށް އެނގިއްޖެއެވެ.

މިއަދު މެންދުރު އެ ހާދިސާ ހިނގާފައިވަނީ ހިޔާގެ ހަތަރު ވަނަ ފްލެޓްގެ 17 ވަނަ ފްލޯއިންނެވެ. އާންމުވެފައިވާ ވިޑިއޯއަކުން ފެންނަ ގޮތުން 17 ވަނަ ފްލޯގެ ބެލްކަނީގައި ހުރި އަންހެނަކު ވަނީ އެތަނުގައި ހުރި ގިނަ އަދަދެއްގެ ސާމާނު މަގުމައްޗަށް އުކާލާފައެވެ. އޭނާ އުކި ތަކެތީގެ ތެރޭގައި ގަސް އިންދާފައި ހުރި ޕޮޓްތާއި ބަދިގޭގައި ކެއްކުމަށް ބޭނުން ކުރާ ސާމާނު ވެސް ހިމެނެއެވެ.

އޭނާ އުކި ތަކެތިން ޖެހުމުގެ ސަބަބުން ތިން ވެހިކަލަކަށް ގެއްލުން ވެފައިވާއިރު ޕާކްކޮށްފައި އޮތް އެއް ކާރުގެ ވިންޑް ސްކްރީން އެއްކޮށް ތަޅައިގެން ގޮސްފައިވެއެވެ. އަދި ކާރާ ޖެހިގެން ޕާކްކޮށްފައި އޮތް ޕިކަޕުގެ ވިންޑް ސްކްރީންގެ ބަޔެއް ތަޅައިގެން ގޮސްފައިވާއިރު އިތުރު ޕިކަޕަކަށް ވެސް ވަނީ ގެއްލުން ލިބިފައެވެ.

https://sun.mv/168093

"ސަން"އަށް އެނގިފައިވާ ގޮތުގައި އެތަކެތި އުކީ 42 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާއަކީ ނަފްސާނީ މައްސަލަ ވަރަށް ބޮޑަށް ހުންނަ މީހެއްކަން ވަނީ އެނގިފައެވެ. އޭނާ އެކަން ކުރިއިރު އެ އެޕާޓްމެންޓްގައި ތިބީ އޭނާ އާއި ކުޑަކުއްޖެއް އެކަންޏެވެ.

އެނގިފައިވާގޮތުގައި ޖެންޑާގެ ބެލުމުގެ ދަށުން އެ އަންހެން މީހާ ޑޮކްޓަރަށް ދެއްކުމަށް ގެންދިއުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ. އަދި އެ އަންހެން މީހާގެ ފިރިމީހާ އާއި އާއިލާއާ ވާހަކަ ދެއްކުމަށް ފުލުހުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމުގެ އިތުރުން އެހެން މައުލޫމާތެއް ފުލުހުން ނުދެއެވެ.

ހިޔާ ފްލެޓްތަކުގައި އެތައް ހާސް ބަޔަކު ދިރިއުޅޭއިރު މިއަދު މިހިނގި ހާދިސާއާ ގުޅިގެން ގިނަ ބައެއްގެ ހިތުގައި ވަނީ ބިރުވެރިކަން އުފެދިފައެވެ. އެހާ އުސް އިމާރާތަކުން އެހެން އުކާ އެއްޗެއް ޖެހުމުގެ ސަބަބުން މީހެއްގެ ފުރާނައަށް ވެސް ނުރައްކާ ވެދާނެތީއެވެ.

މި ފަހަކުން ހިނގި ހާދިސާއެއްގައި ހިޔާ ފްލެޓެއްގެ 13 ވަނަ ފްލޯގެ ބެލްކަނިން 18 އަހަރުގެ އަންހެނަކު ނުވެއްޓުނީ ވެސް ހަމަ ކިރިޔާއެވެ. އޭނާ ސަލާމަތް ކުރީ ބެލްކަނިން ބޭރަށް އެލިގެން އޮށްވައެވެ.

comment ކޮމެންޓް