ސިޓީ ކައުންސިލްގެ ނިންމުމާއެކު ކުނިކަހާ 178 ދިވެހީންގެ ވަޒީފާ ގެއްލުމުގެ ބިރު ބޮޑުވެއްޖެ

އަންހެނަކު މާލެ ތެރެ ކުނި ކަހަނީ: ސިޓީ ކައުންސިލްގެ ނިންމުމާއެކު 178 މުވައްޒަފުންގެ ވަޒީފާ ގެއްލުމުގެ ބިރު ވަނީ ހީވެފައި-- ސަން ފައިލް ފޮޓޯ

މާލެއާއި ވިލިމާލޭގެ މަގުތަކާއި، މައިޒާންތަކާއި، އާންމު ތަންތަން ސާފުކޮށް، ކުނި ކަހައި ބެލެހެއްޓުމަށް ވެމްކޯއާއެކު ވެފައިވާ އެއްބަސްވުން އާ ނުކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމުމާ ގުޅިގެން 178 ދިވެހީންގެ ވަޒީފާ ގެއްލުމުގެ ބިރުބޮޑުވެއްޖެއެވެ.

ސިޓީ ކައުންސިލުން އެގޮތަށް ނިންމާފައިވަނީ ކުނި ކެހުމަށް ވެމްކޯއަށް މިހާރު އަހަރަކު ދެމުން އަންނަ 2.5 މިލިއަން ރުފިޔާއަށް ވުރެ ހެޔޮ އަގެެއްގައި، ސިޓީ ކައުންސިލަށް އެކަން ކުރެވޭނެ ކަމަށް މަޝްވަރާކުރުމަށް ފަހުއެވެ.

މާލެއާއި ވިލިމާލެ ކުނި ކަހާ ސާފު ކުރުމަށް ވެމްކޯއިން މުޅިންހެން ގެންގުޅެނީ ދިވެހި މުވައްޒަފުންނެވެ. އޭގެ ތެރެއިން 150 މީހުން މާލޭގައި މަސައްކަތް ކުރާއިރު 28 މީހުން މަސައްކަތް ކުރަނީ ވިލިމާލޭގައެވެ. އޭގެ ތެރެއިން ފަސް މީހުން ނޫން އެންމެންނަކީ ވެސް ދިވެހި އަންހެނުންނެވެ. އެ އަންހެނުންގެ ތެރޭގައި ވެސް ވެމްކޯއިން އިސްކަން ދީފައިވަނީ އެކަނިވެރި މައިންނާއި ވަޒީފާއެއް ނެތި ގޭގައި ތިބި އަންހެނުންނަށެވެ.

މާލޭ ކުނިކެހުމަށް ވެމްކޯއިން ގެންގުޅޭ ދިވެހީންނަށް 8،000 ރުފިޔާގެ މުސާރައެއް ދެއެވެ. އަދި ވެމްކޯގެ ދާއިމީ މުވައްޒަފުންނަށް ދޭ ހުރިހާ އިނާޔަތެއް ދެއެވެ. އެ މީހަކު ދިރިއުޅޭ ސަރަހައްދެއް ސާފު ކުރުމުގެ މަސައްކަތް އެ އަންހެނުން ކުރަން ޖެހެނީ ރޭގަނޑު 9:00އިން ދަންވަންދެނެވެ. އެގޮތަށް ގަޑި ހަމަޖައްސާފައި ވަނީ ދުވާލު ގޭތެރޭގެ މަސައްކަތާއި އެހެން މަސައްކަތްތައް ކުރުމަށް ފުރުސަތު ދިނުމަށެވެ.

ދިވެހި އަންހެނުންތަކެއް މާލެތެރެ ކުނިކަހަނީ: އެ މުވައްޒަފުންގެ ވަޒީފާ ގެއްލުމުގެ ބިރު ވަނީ ހީވެފައި-- ސަން ފައިލް ފޮޓޯ

ވެމްކޯގެ ސީނިއާ ޕަބްލިކް ރިލޭޝަންސް އޮފިސަރު، އަޙްމަދު އާޒިމް މިއަދު "ސަން"އަށް ވިދާޅުވީ ސިޓީ ކައުންސިލްގެ ނިންމުމާއެކު އެ މުވައްޒަފުންގެ ވަޒީފާއާ މެދު ބިރު ހީވެފައިވާ ކަމަށެވެ. އެ މުވައްޒަފުންނަކީ އެ މީހުންނަށް ފަސޭހަ ވަގުތުތަކުގައި ކުނިކެހުމަށް ނަގާފައިވާ ބަޔަކަށް ވާއިރު އެކަން ވެމްކޯއަށް ގެއްލިއްޖެ ނަމަ އެ މުވައްޒަފުން އެހެން ގޮތަކަށް ބޭނުން ކުރުމަކީ ދަތިކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ގޭގެއިން ކުނި ނަގާ އޮޕަރޭޝަނަށް އެ މީހުންނަށް އުނދަގޫ ވާނެ ދެއްތޯ. މިހާރު ވެސް ރޭގަނޑު މަސައްކަތް ކުރާ ގޮތަށް ހަމަޖައްސާފައި އެ ހުންނަނީ ފަސޭހަ ގޮތަކަށް މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމަށް،" އާޒިމް ވިދާޅުވިއެވެ.

މާލެ އާއި ވިލިމާލެ ކުނިކެހުމުގެ މަސައްކަތުގައި އުޅޭ އަންހެނުންނަށް އެ ވަޒީފާ ގެއްލިއްޖެ ނަމަ ބޮޑު ގެއްލުމަކާ ކުރިމަތިވާނެއެވެ. ވަރަށް ހާލުގައި އުޅެމުން ދިޔަ ބަޔަކަށް އެ ވަޒީފާއާއެކު ދިރިއުޅުމަށް ބޮޑު ބަދަލުތަކެއް އައެވެ.

ވެމްކޯއާއި ސިޓީ ކައުންސިލް ކޯޅުމެއްގައި

ވެމްކޯއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަކީ ދިވެހިން ކަމަށާއި ސިޓީ ކައުންސިލުގެ އެކި މަސައްކަތްތަކުގައި ބިދޭސީން ގިނަކަމަށެވެ.

ރައްދުގައި ސިޓީ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އާންމު ތަންތަން ސާފުކުރުމަށް ސިޓީ ކައުންސިލުން ބޮޑު ޚަރަދެއް ކުރާއިރު، އެތަންތަން އެކަށީގެންވާ ގޮތެއްގައި ސާފުކޮށް ނުބެލެހެއްޓޭ ކަމަށެވެ.

"މަގުމަތީގައި ބަހައްޓާފައިވާ ކުނިތައް ގިނަވެ، މަގުމަތީގައި ހިނގާބިގާވެ އުޅޭ މީހުންނަށާއި ދުއްވާ ވެހިކަލްތަކަށް އެކަމުގެ އުނދަގޫފޯރައި، އެފަދަ ކުނިތައް މަގުމަތިން ނެގުން ލަސްވަމުން ދިއުމުން އެކަމުގެ ޝަކުވާތައް ކައުންސިލަށް އަންނަމުންދަނީ އެކަށީގެންވާ ގޮތެއްގައި އެ މަސައްކަތް ނުކުރެވޭތީކަން ވަނީ ފާހަގަކުރެވިފަ،" ސިޓީ ކައުންސިލުގެ ބަޔާނުގައި ވެއެވެ.

މިހާރުވެސް މާލޭގެ 12 ސަރަހައްދެއް ކުނިކަހާ ސާފުކުރަމުން ދަނީ ސިޓީ ކައުންސިލުންކަން ފާހަގަކޮށް އެ ބަޔާނުގައި ބުނެފައިވަނީ ސީދާ ކައުންސިލުގެ ބެލުމުގެ ދަށުން އެ މަސައްކަތް ކުރުމަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އޭގެ ފަސޭހަކަން ލިބޭނެ ކަމެއް ކަމަށެވެ.

މާލޭގެ އާންމު ސަރަހައްދުތައް ކުނިކަހާ ސާފުކުރުމަށް ވެމްކޯއާ ހަވާލުކޮށްފައިވަނީ 2019ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

comment ކޮމެންޓް