ވިލިމާލޭ ފަރަށް ލިބިފަހުރި ގެއްލުންތަކުން ކަންބޮޑުވޭ: ސޭވް ދަ ބީޗް

ޕްލެޓްފޯމުން ފަރަށް ލިބުނު ގެއްލުންތަކުގެ ފޮޓޯ -- ފޮޓޯ/ އީޕީއޭ

މިދިޔަ މަހުގެ 16 ވަނަ ދުވަހު ވިލިމާލޭ އިރު ދެކުނު ފަރަށް އެރި ބްރިޖު ޕްލެޓްފޯމްގެ ސަބަބުން ފަރަށް ލިބިފަހުރި ގެއްލުންތަކުން އިންތިހާއަށް ކަންބޮޑުވާ ކަމަށް ސޭވް ދަ ބީޗް މޯލްޑިވްސްއިން ބުނެފިއެވެ.

ސޭވް ދަ ބީޗްގެ ރައީސް ހަސަން އަހުމަދު މިއަދު "ސަން"އަށް ވިދާޅުވީ ބްރިޖް ޕްލެޓްފޯމް ފަރަށް އަރައިގެން ކަމެއް ވެދާނެ ކަމަށް ގަބޫލުކުރާ ކަމަށާއި ނަމަވެސް ވިލިމާލޭ ފަރަށް އަރައިގެން އެ ޕްލެޓްފޯމު ނެގުމަށް 12 ދުވަސް ހޭދަވުން ގަބޫލު ނުކުރެވޭ ކަމަށެވެ.

ހަސަން ވިދާޅުވީ ޕްލެޓްފޯމުގެ ސަބަބުން ފަރަށް ލިބުނު ގެއްލުން ބަލާބެލުމަށް ވެސް ބޮޑު ކަމަށެވެ. އެހެންކަމުން ފަރަށް ލިބުނު ގެއްލުމުގެ ރަނގަޅު ދިރާސާއެއް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ފަރުގަ އެއިނީ ބޮޑު ލޯވަޅެއް އެޅިފަ. އެހާ ދުވަހު ބޮޑު ޕްލެޓްފޯމެއް ފަރަށް އަރައި އޮންނައިރު ކިހާ ވަރެއް ވާނެ. އެނެއްކާ އެހާ ބާރަށް ރާޅު ޖަހާ. އީޕީއޭ އިން މިހާރު ދިރާސާ ކުރާ ކުދިންގެ ފަރާތުން ކޮންމެވެސް ވަރަށް މައުލޫމާތު ލިބުނު. އޭގެން އެނގޭ ފަރުގަ އެޅިފަ އިން ލޯވަޅުގެ ފުން މިނުގަވެސް ދެ މީޓަރު ވަރު އެބަހުރިކަން. އަނެއްކާ އޭގެ ވިޑްތުގަ ވެސް އެއް މީޓަރު ވަރު އެބަހުރިކަން،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕްލެޓްފޯމް ފަރަށް އަރައިގެން ފަރަށް ލިބިފައިިހުރީ ދެރަވަރުގެ ގެއްލުން ކަމަށާއި އެކަމާ ހިތާމަ ކުރާ ކަމަށެވެ.

ހަސަން ވަނީ ފަރަށް ލިބުނު ގެއްލުމުގެ ރަނގަޅު ދިރާސާއެއް ކުރުމަށް އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އަށް ގޮވާލައިފައެވެ.

ޕްލެޓްފޯމު ފަރަށް އަރުމާ ގުޅިގެން ފަރަށް ލިބިފައިވާ ގެއްލުންތައް ފެންނަ ފޮޓޯތަކެއް އީޕީއޭއިން ވެސް ވަނީ އާއްމުކޮށްފައެވެ.

އީޕީއޭއިން އާއްމުކުރި ފޮޓޯތަކުން ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން ފަރުގައި ހެދިފައިވާ ބޮޑެތި ހަތަރު ބާގަނޑު ފެނެއެވެ.

މިދިޔަ މަހު ވިލިމާލޭ ފަރަށް އެރި ބުރިޖު ޕްލެޓްފޯމު ނެގީ ޕްލެޓްފޯމު ފަރަށް އެރިތާ 12 ދުވަސް ފަހުން މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.

މި ހާދިސާއާ ގުޅިގެން ފަރަށް ލިބުނު ގެއްލުންތަކަށް ބަލައި ޖޫރިމަނާ ކުރަން ޖެހޭނަމަ އެކަން ކުރާނެ ކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް