ކުނީގެ މައްސަލައިގައި ވެމްކޯއާއި ސިޓީ ކައުންސިލް ކޯޅުމަކަށް

ވެމްކޯގެ މުވައްޒަފުން ގެއަކުން ކުނި ނަގަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެއާއި ވިލިމާލޭގެ މަގުތަކާއި، މައިޒާންތަކާއި، އާންމު ތަންތަން ސާފުކޮށް، ކުނި ކަހައި ބެލެހެއްޓުމަށް ވެމްކޯއާއެކު ވެފައިވާ އެއްބަސްވުން އާ ނުކުރުމަށް ސިޓީ ކައުންސިލުން ނިންމާ ގުޅިގެން އެ ދެފަރާތުގެ ދެމެދުގައި ބޮޑު ކޯޅުމަކަށް ހިނގައްޖެއެވެ.

މި މައްސަލައާ ގުޅިގެން ވެމްކޯއާ ސިޓީ ކައުންސިލުން ވެސް މިހާތަނަށް ވަނީ ބަޔާނެއް ނެރެފައެވެ.

ސިޓީ ކައުންސިލުން އެގޮތަށް ނިންމާފައިވަނީ ކުނި ކެހުމަށް ވެމްކޯއަށް މިހާރު ދެމުން އަންނަ 2.5 މިލިއަނަށް ވުރެ ހެޔޮ އަގެެއްގައި، ސިޓީ ކައުންސިލަށް އެކަން ކުރެވޭނެ ކަމަށް މަޝްވަރާކުރުމަށް ފަހުއެވެ.

މިކަމާ ގުޅިގެން ވެމްކޯއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސިޓީ ކައުންސިލުން އެގޮތަށް ނިންމާފައި ވަނީ އެފަދަ އޮޕަރޭޝަނަކަށް ކުރަންޖެހޭ ޚަރަދުތައް ކަމަށްވާ، ވެހިކަލް މަރާމާތުކުރުމާއި، ރައްކާތެރި ގޮތުގައި ކުނި ނައްތާލުން ފަދަ ޚަރަދުތައް ނުހިމަނާ ކަމަށެވެ.

އެއާއެކު، ސިޓީ ކައުންސިލުން އަމިއްލައަށް ކުނި އުފުލުން ފަދަ ކަންކަން ކުރަން ވެއްޖެނަމަ އެތައް ޚަރަދެއް އެކަމަށް ވެސް ހިނގާނެކަމަށް އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން، މާލެ އާއި ވިލިމާލެ ސާފުކުރުމުގެ މަސައްކަތުގައި ގެންގުޅުމަށް ސިޓީ ކައުންސިލުން ނިންމާފައިވަނީ 100 މުވައްޒަފުން ކަމަށާއި، އެއީ އެކަށޭނަ އަދަދެއް ކަމަށް ގަބޫލުނުކުރާ ކަމަށް ވެސް ވެމްކޯއިން ވަނީ ބުނެފައެވެ.

ވެމްކޯގެ ހުރިހާ މުވައްޒަފުންނަކީ ދިވެހިން ކަމާއި، ސިޓީ ކައުންސިލުގެ އެކި މަސައްކަތްތަކުގައި ބިދޭސީން ގިނަކަން ފާހަގަކޮށް، އެ ބަޔާނުގައި ބުނެފައިވަނީ ކައުންސިލުގެ ނިންމުމާއެކު، ވެމްކޯއިން ކުނިކެހުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ވަޒީފާގެ ކުރިމަގާ މެދު ވެސް ސުވާލުއުފެދިފައިވާ ކަމަށެވެ.

ރައްދުގައި ސިޓީ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އާންމު ތަންތަން ސާފުކުރުމަށް ސިޓީ ކައުންސިލުން ބޮޑު ޚަރަދެއް ކުރާއިރު، އެތަންތަން އެކަށީގެންވާ ގޮތެއްގައި ސާފުކޮށް ނުބެލެހެއްޓޭ ކަމަށެވެ.

"މަގުމަތީގައި ބަހައްޓާފައިވާ ކުނިތައް ގިނަވެ، މަގުމަތީގައި ހިނގާބިގާވެ އުޅޭ މީހުންނަށާއި ދުއްވާ ވެހިކަލްތަކަށް އެކަމުގެ އުނދަގޫފޯރައި، އެފަދަ ކުނިތައް މަގުމަތިން ނެގުން ލަސްވަމުން ދިއުމުން އެކަމުގެ ޝަކުވާތައް ކައުންސިލަށް އަންނަމުންދަނީ އެކަށީގެންވާ ގޮތެއްގައި އެ މަސައްކަތް ނުކުރެވޭތީކަން ވަނީ ފާހަގަކުރެވިފައެވެ." ސިޓީ ކައުންސިލުގެ ބަޔާނުގައި ވެއެވެ.

މިހާރުވެސް މާލޭގެ 12 ސަރަހައްދެއް ކުނިކަހާ ސާފުކުރަމުން ދަނީ ސިޓީ ކައުންސިލުންކަން ފާހަގަކޮށް އެ ބަޔާނުގައި ބުނެފައިވަނީ ސީދާ ކައުންސިލުގެ ބެލުމުގެ ދަށުން އެ މަސައްކަތް ކުރުމަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އޭގެ ފަސޭހަކަން ލިބޭނެ ކަމެއް ކަމަށެވެ.

މާލޭގެ އާންމު ސަރަހައްދުތައް ކުނިކަހާ ސާފުކުރުމަށް ވެމްކޯއާ ހަވާލުކޮށްފައިވަނީ 2019ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

comment ކޮމެންޓް