15 މިލިއަން ރުފިޔާ ގުނީ ވަކިންނެއް ނޫން: ހެކި

ގަލޮޅު ދޫވެހި: އެގެއިން 15 މިލިއަން ރުފިޔާ ނެރެގެން ޔޫސުފް ނައީމް ދިރިއުޅުއްވާ ގެއަށް ގެންދިޔަ ކަމަށް ހެކިވެރިއަކު ވަނީ ބުނެފައި --- ސަންފައިލް ފޮޓޯ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކުރީގެ ގެކޮޅު ގ. ދޫވެހީގައި 15 މިލިއަން ރުފިޔާ އަތުން ގުނީ ވަކިވަކި ނޫޓުތައް ނޫން ކަމަށާއި ފައިސާ ބޮނޑިތައް ކަމަށް އެމަނިކުފާނުގެ ކުރީގެ ޑްރައިވަރެއް ކަމަށްވާ އަބްދުﷲ ރަޝީދު ބުނެފިއެވެ.

ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި، ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީނާއި ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން މީގެ ކުރިން ބޭއްވި އަޑުއެހުމުގައި މާލޭގެ މިހާރުގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް ވަނީ 15 މިލިއަން ރުފިޔާ އަތުން ގުނި ކަމަށް ވިދާޅުވެފައެވެ.

ނަރީޝް އެހެން ވިދާޅުވުމުން ގިނަ ބަޔަކު ވަނީ 15 މިލިއަން ރުފިޔާ އަތުން ގުނުމަށް ވަރަށް ގިނަ ވަގުތު ހޭދަވާނެ ކަމަށް ބުނެ ފާޑުކިޔާފައެވެ.

ނަރީޝް އެ ދުވަހު ދެއްކި ވާހަކަ އަބްދުالله ރަޝީދު ވަނީ އިތުރަށް ސާފުކޮށްދީފައެވެ.

"އަތުން އެ ބޮނޑިތައް އިނގޭތޯ ގުނީ. ވަކިވަކި ނޫޓުތައް ގުނީކީއެއް ނޫން," ހެކިވެރިޔާ ކިޔައިދިނެވެ.

އާރަށު މައްސަލައާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގެ ތެރެއިން ----

ބޮނޑިއެއްގައި ހުރީ ކިހާ އަދަދެއްގެ ފައިސާކަން މިހާރު ބުނަން ނޭނގުނު ނަމަވެސް، ރައީސް ޔާމީން ދެއްވި ލިއުމުގައިވާ އަދަދަށް އެތަނުގައި ފައިސާ ހުރިކަމަށް އޭނާ ބުންޏެވެ.

ދިފާއުން ހުށަހެޅި، އެ މީހާ ހެކިބަސް ދެމުން ބުނީ ރައީސް ޔާމީންއާ ގާތް ގުޅުމެއް އޮންނަ ކަމަށާއި އެގޮތުން އެމަނިކުފާނުގެ އާއިލީ ބައެއް ކަންކަމާއި، ފައިސާއާ ބެހޭ ކަންތައްތައް އޭނާއާ ހަވާލުކުރައްވާ ކަމަށެވެ.

އެގޮތުން، ބޭންކުން، އަދި އެކި މީހުން އަތުން ފައިސާ ނެގުމާއި މީހުންނާ ފައިސާ ހަވާލު ކުރުމުގެ މަސައްކަތް ރައީސް ޔާމީން ހަވާލުކުރައްވާ ކަމަށެވެ. ޔޫސުފް ނައީމް އަތުން ރައީސް ޔާމީން ބައްލަވައިގަތް އެއްމިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ ހަވާލުކުރުމުގެ މަސައްކަތް ނަރީޝްއާ އެކު ކުރެއްވީ އޭނާ ކަމަށް ބުނެފައިވެއެވެ.

ފައިސާ ހުރި ދެ ދަބަސް ހިފައިގެން އޭނާ އެރީ ކާރުގެ ފަހަތު ސީޓަށް ކަމަށް ބުނެފައިވެއެވެ. އަދި އެ ކާރު ދުއްވަން އިތުރު މީހަކު އިންއިރު ނަރީޝް އިނީ ކުރީ ސީޓުގައި ކަމަށް ވެސް އޭނާ ބުންޏެވެ.

"ޔޫސުފް ނައީމްވެސް އެ ބޮނޑި ގުނުއްވީ. ވިދާޅުވީ ރައީސް ޔާމީން ވެސް ހަމައަށޭ ވިދާޅުވެފައި ހުރި އެއްޗެއް ދެން ރަނގަޅުވާނެއޭ ވިދާޅުވެފައި އޭގައި ދެން ސޮއި ކުރެއްވީ," 15 މިލިއަން ރުފިޔާއާ ހަވާލުވި ކަމުގެ ލިޔުމުގައި ޔޫސުފް ނައީމް ސޮއި ކުރެއްވިކަން ހާމަކޮށް އޭނާ ކިޔައިދިނެވެ.

އެ މައްސަލައާ ގުޅިގެން ރައީސް ޔާމީން މައްޗަށް އުފުލާފައިވަނީ މަނީލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ. ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.

ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ބޭރުގެ ކުންފުންޏަކަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަގައި ރައީސް ޔާމީން ލޯންޑާ ކޮށްފައިވާ ކަމަށް ދައުލަތުން ވަނީ ތުހުމަތުކޮށްފައެވެ.

comment ކޮމެންޓް