ޙައިޟުގެ ހާލަތުގައިވާ އަނބިމީހާ ...

ފޮޓޯ: އޭއާރު.ޔޫރަޕިއަންރައިޓާސްޓުއަރ.ކޮމް

މާތްالله ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "އަދި ޙައިޟާމެދު، ކަލޭގެފާނާ އެއުރެން ސުވާލުކުރާނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއީ އުނދަގޫ (ލިބެނިވި) ކަމެކެވެ. ފަހެ، ޙައިޟުގެ ދުވަސްވަރުގައި ތިޔަބައިމީހުން އަންހެނުންނާ ދުރުހެލިވާށެވެ! (އެބަހީ: ޖިމާޢުނުވާށެވެ!) އަދި އެކަނބަލުން ހިނައި ޠާހިރުވެއްޖައުމަށްދާންދެން ތިޔަބައިމީހުން އެކަނބަލުންގެގާތަށް (އެއްދާންކުރުމުގެގޮތުން) ނުދާށެވެ! ފަހެ އެކަނބަލުން ހިނައި ޠާހިރުވެއްޖެނަމަ، الله ތިޔަބައިމީހުންނަށް އަމުރުކުރައްވާފައިވާފަދައިން އެކަނބަލުން ގާތަށް ތިޔަބައިމީހުންދާށެވެ! (އެބަހީ: ޖިމާޢުވުން ހުއްދައެވެ.)"(ބަޤަރާ: 222)

ޖުމްހޫރު އިލްމުވެރިން އިޖުމާޢުވެލައްވާފައިވާގޮތުގައި؛ ޖިންސީ އަރާމެއް ލިބިގަތުމަށްޓަކައި، ޙައިޟުގެ ހާލަތުގައިވާ އަންހެނާގެ ފަރުޖު ބޭނުންކުރުމަކީ ޙަރާމް ކަމެކެވެ. ފަރުޖުފިޔަވައި ހަށިގަނޑުގެ އެހެންތަނަކުން އެފަދަ އަރާމެއް ލިބިގަތުމާމެދު އިލްމުވެރިންގެ ތިންޤައުލެއްވެއެވެ.

ފުރަތަމަ ޤައުލު: ޙައިޟުގެ ޙާލަތުގައިވާ އަންހެނާގެ ހުރިހާ ގުނަވަންތަކާ ދުރުވެގަތުން ފިރިމީހާއަށް ވާޖިބުވެގެންވެއެވެ. މިއީ ابن عباس އާއި عبيدة السّلماني ގެ އަރިހުން ރިވާވެގެންވާގޮތެވެ. މިބޭފުޅުންގެ ދަލީލަކީ އިސްވެދިޔަ އާޔަތެވެ. (އެބޭފުޅުން ވިދާޅުވާގޮތުގައި) އެއާޔަތުގައިވަނީ ޙައިޟުގެ ޙާލަތުގައިވާ އަންހެނާއާ ދުރުހެލިވުމަށް އަންގަވާފައެވެ. ދުރުހެލިވުމުގެ މާނައަކީ އެއްގޮތަކަށްވެސް ގާތްނުވުމެވެ. އެއީ އާއްމު އަމުރެކެވެ. މިއަމުރުން ވަކިކަމެއް ޚާއްސަ ކުރައްވާފައެއްނުވެއެވެ. އަލްއިމާމުލްޤުރުޠުބީ ވިދާޅުވާގޮތުގައި މިއީ ޟަޢީފު، ޝާއްޛު ރައުޔެކެވެ. ޢިލްމުވެރިންގެ ބަސްފުޅުތަކާ މިރައުޔު ޚިލާފުވެގެންވެއެވެ.

ދެވަނަ ޤައުލު: ޙައިޟުގެ ޙާލަތުގައިވާ އަންހެނާގެ ފަރުޖު ފިޔަވައި އެހެންގުނަވަންތައް ހުއްދަވާނެއެވެ. މިއީ ބައެއް ސަލަފުން ވިދާޅުވާގޮތެވެ. އަދި ޙަނަފީންގެތެރެއިން محمدبن الحسن އާއި، މާލިކީންނާއި، ބައެއް ޝާފިޢީންނާއި، ޡާހިރީންނާއި، އަދި އިބާޟީން، ގެވެސް ރައުޔަކީ މިއެވެ. މި ޤައުލުގެ ބޭފުޅުން ވިދާޅުވާގޮތުގައި؛ فَاعْتَزِلُوا النِّسَاءَ فِي الْمَحِيضِ މިތަނުގައި މިވާ المَحِيْضِ އަކީ ޙައިޟުގެ މަކާނެވެ. (އެބަހީ: ފަރުޖެވެ.) އާޔަތުގައި އަންގަވާފައިއެވަނީ ހަމައެކަނި ލޭނިކުންނަ ތަނާ (އެބަހީ: ފަރުޖާ) ދުރުހެލިމަށެވެ. އެކަމުގެ ޢިއްލަތަކީ ޙައިޟުގެ ސަބަބުން ލިބޭ އުނދަގޫކަމުން ސަލާމަތްވުމެވެ. މިކަމުން ދޭހަކޮށްދޭގޮތުގައި، ފަރުޖުފިޔަވައި އެހެން ގުނަވަންތައް ހުއްދަވާނެއެވެ. އެހެންކަމުން މިއާޔަތުގެ މާނައަކީ؛ "ޙައިޟުގެ ޙާލަތުގައިވާ އަންހެނާގެ ލޭނިކުންނަތަނާ (އެބަހީ: ފަރުޖާ) ދުރުހެލިވާށެވެ!" މިއެވެ. ރަސޫލުالله صلّى الله عليه وسلّم ހަދީސް ކުރައްވާފައިވެއެވެ. "اصْنَعُوا كُلُّ شَيْءٍ إِلاَّ النِّكَاحِ"(މުސްލިމް: 1/169) "ޖިމާޢުވުންފިޔަވައި، (ޙައިޟުގެ ޙާލަތުގައިވާ އަނބިމީހާއާއެކު) ތިބާ ބޭނުން ކޮންމެކަމެއް ކުރާށެވެ."

ތިންވަނަ ޤައުލު: ފިރިމީހާއަށް ވާޖިބުވެގެންވަނީ ޙައިޟުގެ ހާލަތުގައިވާ އަންހެނާގެ ފޫޅާއި ކަކުލާ ދެމެދުގައިވާ ތަނާ ދުރުހެލިވުމެވެ. އެހިސާބުފިޔަވައި އަންހެނާގެ ހަށިގަނޑުގެ ކޮންމެ ތަނެއްވެސް ހުއްދަވާނެއެވެ. މިއީ ޙަނަފީންނާއި، މާލިކީންނާއި، އަދި ޝާފިޢީން ގެތެރެއިން ޖުމްހޫރު އިލްމުވެރިންގެ ރައުޔެވެ. މިބޭފުޅުންގެ ދަލީލަކީ ރަސޫލުالله صلّى الله عليه وسلّم ގެ މި ހަދީސެވެ. މީހަކު އެކަލޭގެފާނަށް ދެންނެވިއެވެ. "އަޅުގަނޑުގެ އަނބިމީހާ ޙައިޟުގެ ހާލަތުގައިވާހިނދު އަޅުގަނޑަށް އެކަނބުލޭގެ ކިބައިން ހުއްދަވާނީ ކޮންކަމެއްތޯއެވެ؟" އެހިނދު އިތުރު އެކަލޭގެފާނު ހަދީސް ކުރެއްވިއެވެ. "އެކަނބުލޭގެ إزار ހިފަހައްޓާހުށިކަމެވެ. (އެބަހީ: އެކަނބުލޭގެ އަންނަ އެތިގަނޑުގެ ދަށުގައިވާ ސަރަހައްދާ ގާތްނުވާށެވެ!) އަދި އޭގެ މަތީގައިވާ ކޮންމެ އެއްޗެއް ތިބާއަށް ހުއްދަވެގެންވެއެވެ."(މުއައްޠާ: 122) މިހަދީސުން އެނގޭގޮތުގައި ޙައިޟުގެ ހާލަތުގައިވާ އަންހެނާގެ ފޫޅާއި ކަކުލާ ދެމެދުގައިވާ ތަންފިޔަވައި އެހެންތަންތަން ބޭނުންކޮށްގެން استمتاع (enjoy) ކުރުން ފިރިމީހާއަށް ހުއްދަވެގެންވެއެވެ.

اصْنَعُوا كُلُّ شَيْءٍ إِلاَّ النِّكَاحِ "ޖިމާޢުވުންފިޔަވައި، (ޙައިޟުގެ ޙާލަތުގައިވާ އަނބިމީހާއާއެކު) ތިބާ ބޭނުން ކޮންމެކަމެއް ކުރާށެވެ." މި ހަދީސްގައި އެވާ النِّكَاحِ ގެ ސީދާ މާނަ (މަންޠޫޤު) އަކީ ޖިމާޢުވުމެވެ. އެހެންކަމުން ހަދީސްގައި އެވަނީ ހަމައެކަނި ޖިމާޢުވުން ޙަރާމްވުންކަން ސާފުކޮށް އެނގެއެވެ. ވީމާ ޖިމާޢުވުން ފިޔަވައި އެހެން ހުރިހައިކަމެއް ހުއްދަވާނެކަންވެސް އެނގެއެވެ. ނަމަވެސް، "އެކަނބުލޭގެ إزار ހިފަހައްޓާހުށިކަމެވެ. (އެބަހީ: އެކަނބުލޭގެ އަންނައެތިގަނޑުގެ ދަށުގައިވާ ސަރަހައްދާ ގާތްނުވާށެވެ!) އަދި އޭގެ މަތީގައިވާ ކޮންމެ އެއްޗެއް ތިބާއަށް ހުއްދަވެގެންވެއެވެ." މި ހަދީސްގައި އެވާ إِزَارِهَا ގެ މާނައަކީ އަންނައެތިގަނޑުގެ ދަށުގައި (އެބަހީ: ފޫޅާއި ކަކުލާދެމެދުގައި) ވާ ހުރިހައި ތަނެއްކަން ނުވަތަ އެއީ ހަމައެކަނި، ޖިމާޢުވުމުގެ މަޙައްލުކަމެއް ސީދާކޮށް އެނގޭކަށްނެތެވެ. އެހެންކަމުން މި ހަދީސްގައި ބަލަންޖެހެނީ މަފްހޫމަށެވެ. މަފްހޫމަށް ބެލުމުން، ބުނެވިދިޔަ ދެމާނަވެސް ދޭހަކޮށްދެއެވެ. މިހާލަތުގައި، މަންޠޫޤާއި މަފްހޫމުގައިވާ ޙުކުމް ތަރުޖީޙުކުރުމަށް (އެއްގަލަކަށް އެރުވުމަށް) ޓަކައި އިސްކަންދެވޭނީ މަންޠޫޤަށެވެ. މިހެން ހެދުމުން ލިބޭ ނަތީޖާއަކީ: ޙައިޟުގެ ހާލަތުގައިވާ މީހާއާއެކު ހުއްދަވެގެންނުވަނީ ޖިމާޢުވުން އެކަންޏެވެ. ޖިމާޢުވުމުގެ މަޙައްލުފިޔަވައި އެނޫން ކޮންމެ ގުނަވަނަކުންވެސް (ހުއްދަކުރެވިފައިވާ އިމުގެތެރޭގައި) ޖިންސީ އަރާމު ލިބިގަތުން ހުއްދަވާނެއެވެ.

ޙައިޟުގެ ހާލަތުގައި އެއްދާންކުރުމާމެދު މިޒަމާނުގެ ހޯދުންތައް ބުނަނީ ކީކޭ؟

މިޒަމާނުގެ ޠިއްބީ (ޑޮކްޓަރީ) ހޯދުންތަކުން އެނގޭގޮތުގައި، ޙައިޟުގެ ހާލަތުގައިވަނިކޮށް ޖިމާޢުވުމަކީ ސިއްހީގޮތުން ތަފާތު މައްސަލަތައް ކުރިމަތިވުމަށް މަގުފަހިވާ ކަމެކެވެ. ދިރާސާތަކުން ދައްކާގޮތުގައި، ޙައިޟުގެ ލެޔާ އެކުގައި ވިހަ މާއްދާތަކެއް އަންހެނާގެ ހަށިގަނޑުން ބޭރުވެއެވެ. ޖިންސީގުޅުމުގެ ޒަރިއްޔާއިން އެމާއްދާތައް ފިރިހެނާގެ ހަށިގަނޑަށް ހިނގައްޖެނަމަ ޞިއްޙީ ނުރައްކާތައް ކުރިމަތިވުމުގެ ފުރުސަތު އޮވެއެވެ. އަދި އެމާއްދާތައް އަންހެނާގެ ހަށިގަނޑުން ބޭރުނުވުމަކީ އޭގެ ސަބަބުން އޭނާއަށްވެސް ސިއްހީ މައްސަލަތައް ކުރިމަތިވާކަމެވެ. އެގޮތުން، އާދަޔާ ޚިލާފަށް ލޭ ފޭބުމާއި ތަދުވުންފަދަ މައްސަލަތައް ކުރިމަތިވެއެވެ. ވީމާ، އަނބިމީހާ އެ ހާލަތުގައި ވަނިކޮށް އެއްދާން ކުރުމަކީ ސިއްހީގޮތުން ނުރައްކާތެރިކަމެއްކަން ސާބިތުވެއެވެ.

ނިފާސް އާއި އިސްތިޙާޟާގެ ހާލަތުގައި އެއްދާންކުރުން

ނިފާސްގެ ޙުކުމަކީވެސް ހަމަ ޙައިޟުގެ ޙުކުމްކަމުގައި އިލްމުވެރިން ވިދާޅުވެއެވެ. ވީމާ ޙައިޟުގެ ހާލަތުގައި އެއްދާންކުރުމުގެ ހުރިހާ ޙުކުމެއް ނިފާސްގެ ހާލަތުގައި އެއްދާންކުރުމަށްވެސް އަންނާނެއެވެ. އެހެންނަމަވެސް އިސްތިޙާޟާގެ ހާލަތުގައި އެއްދާންކުރުމަކީ އިސްލާމީ ޝަރީޢަތުގައި ހުއްދަ ކަމެކެވެ. ނަމަވެސް އެކަމުގައި ސިއްހީގޮތުން ބަލަންޖެހޭ ކަންތައްތަކެއްވާނަމަ އެކަންކަމަށް ސަމާލުކަން ދޭންޖެހޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް