ނޮޅިވަރަންފަރު ފަރަށް ބޯޓެއް އަރައި އަޑިއަށް ހިނގައްޖެ

ނޮޅިވަރަންފަރު ފަރަށް އަރައި އަޑިއަށް ދިޔަ، ސަވާރީ ބޯޓު -- ސަން ފޮޓޯ

މާލެއިން މުދާ ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ ބޯޓެއް ހދ. ނޮޅިވަރަންފަރު ނެރު މައްޗަށް މިރޭ އަރައި އަޑިއަށް ގޮސްފިއެވެ.

އަޑިއަށް ދިޔައީ ހއ. ކެލާގައި ދުއްވާ "ސަވާރީ" ކިޔާ ބޯޓެވެ.

މި ހާދިސާއާ ބެހޭގޮތުން ކެލާ ކައުންސިލްގެ ރައީސް، އަބްދުﷲ އިންފާޒް "ސަން"އަށް ވިދާޅުވީ މިރޭ އަޑިއަށް ދިޔައީ މާލެ ދަތުރުކުރާ އެންމެ ބޮޑެތި ބޯޓުފަހަރުގެ ތެރޭގައި ހިމެނޭނެ ބޯޓެއް ކަމަށެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ އެ ބޯޓަށް އެހީތެރިވާން ކައުންސިލްގެ ނައިބު ރައީސް ހިމެނޭހެން 36 މީހުން އެ ހާދިސާ ހިނގައިގެން އުޅޭ ތަނަށް މިހާރު ގޮސްފައިވާ ކަމަށެވެ.

ނޮޅިވަރަންފަރު ފަރަށް އަރައި އަޑިއަށް ދިޔަ، ސަވާރީ ބޯޓު -- ސަން ފޮޓޯ

ސަވާރީ ބޯޓު، މުދާ ހިފައިގެން ދަތުރު ކުރަނީ ކެލައާއި ދިއްދޫ އަދި ހދ. ނޮޅިވަރަންފަރަށެވެ.

އިންފާޒް ވިދާޅުވިގޮތުގައި ބޯޓު ފަރަށް އެރީ ދިއްދޫއަށް މުދާ ހުސްކުރުމަށްފަހު، ކެލައާއި ނޮޅިވަރަންފަރަށް މުދާ ބާލަން އައި މަގުމަތީގައެވެ.

"ބޯޓު އަޑިއަށް ދިޔައިރު ނޮޅިވަރަންފަރުގެ މުދަލާއި ކެލާގެ މުދާ ހުންނާނީ. ފަރަށް އަރައި މިހާރު ބޯޓު އަޑިއަށް ގޮސްފި. އަޑިއަށް ދިޔައީ އެ ހުރިހާ މުދާތަކާ އެކީ. މިހާރު އޭގެ ތެރެއިން ބައެއް މުދާ ލޮނުން މައްޗަށް އަރަމުން އަންނަނީ،" އިންފާޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަޑިއަށް ދިޔަ ބޯޓަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ގިނަ ބަޔަކު ރަށުގެ ބަނދަރު މައްޗަށް ޖަމާވެފައިވާ ކަމަށެވެ.

މި ހާދިސާއާ ބެހޭގޮތުން އެމްއެންޑީއެފުން ބުނީ ނޮޅިވަރަންފަރު ނެރުމައްޗަށް "ސަވާރީ" ނަމަކަށް ކިޔާ މުދާއުފުލާ ދޯންޏެއް އަރައިގެން، އުޅޭ ކަމުގެ މައުލޫމާތު މިއަދު 18:30ހާއިރު ލިބިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށައިފައިވާ ކަމަށެވެ.

މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ގިނަ އަދަދަކަށް މުދާ ބަރުކޮށްގެން މާލެއިން ފުރައިގެން ނ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ލަންދޫ ބޯޓު ވެސް ވަނީ ކ. ގާފަރު ފަރަށް އަރައި އަޑިއަށް ގޮސްފައެވެ.

އެ ބޯޓު ފަރަށް އެރިއިރު 40 ވަރަކަށް މީހުން ބޯޓުގައި ތިއްބެވެ. އެކަމަކު އެތަނުން އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.

comment ކޮމެންޓް