ޔާމީން އުޅުއްވަނީ އާލާސްކަންފުޅާ، މިއަދުގެ އަޑުއެހުން ކެންސަލް

ކުރީގެ ރައީސް ޔާމީން: ބަލި ހާލަތު ހުރި ގޮތުން މިއަދު ބާއްވަން ތާވަލްކޮށްފައިވާ އަޑުއެހުން ވަނީ ކެންސަލް ކޮށްފައި --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް އާލާސްކަންފުޅާ އުޅުއްވާތީ، އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން މިއަދު ބާއްވަން ތާވަލްކޮށްފައި އޮތް އަޑުއެހުން ކެންސަލްކޮށްފިއެވެ.

ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ. އެ މައްސާލަގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.

މިއަދު ދިހައެއް ޖަހާއިރު ބޭއްވުމަށް ތާވަލްކޮށްފައިވާ އަޑުއެހުން ކެންސަލް ކޮށްފައިވާކަން ހާމަކޮށް ކްރިމިނަލް ކޯޓުން ބުނީ ރައީސް ޔާމީންގެ ބަލި ހާލަތު ހުރި ގޮތުން މިއަދުގެ އަޑުއެހުމަށް ހާޒިރުވުމަށް އުޒުރުވެރިވާކަން ހާމަކޮށް ސިޓީއެއް ހުށަހަޅާފައިވާ ކަމަށެވެ.

އެހެންކަމުން މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.

އެ މައްސަލައިގައި ދެ އަޑުއެހުމެއް މި ހަފުތާގައި ބާއްވާފައިވާއިރު މިދިޔަ ހަފުތާގައި ބާއްވަން އޮތް ދެ ޝަރީއަތެއް ވަނީ ކެންސަލް ވެސް ކޮށްފައެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ދައުލަތުން ހުށަހަޅާ ހެކިވެރިންގެ ހެކިބަސް ނަގާ ނިންމާލާފައިވާއިރު މިހާރު ކުރިއަށްދަނީ ދިފާއުން ހުށަހަޅާފައިވާ ހެކިވެރިންގެ ހެކިބަސް ނެގުމުގެ މަރުހަލާއެވެ.

ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ބޭރުގެ ކުންފުންޏަކަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަގައި ރައީސް ޔާމީން ލޯންޑާ ކޮށްފައިވާ ކަމަށް ދައުލަތުން ވަނީ ތުހުމަތުކޮށްފައެވެ.

comment ކޮމެންޓް