ޗެމްޕިއަންސް ލީގުގެ ބައްޔާއެކު ޗެލްސީގެ ކޯޗުކަމުން ޓުޗެލް ވަކިކޮށްފި

ތޯމަސް ޓުޗެލް--- ފޮތޯ/ ސްކްއި ނިއުސް

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޗެލްސީން ކްރޮއޭޝިއާގެ ޒަގްރެބާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމާއެކު އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް މަގާމުން ވަކިކޮށްފިއެވެ.

ޗެލްސީން ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ނިންމުމަކީ ޗެލްސީގެ އާ މެނޭޖްމެންޓު ހަވާލުވިތާ 100 ދުވަސް ހަމަވާން ކައިރިވެފައިވާއިރު އެ ޓީމު އިތުރަށް ކުރިއަށް ގެންދިއުމަށް ނިންމި ނިންމުމެއްކަމަށެވެ.

މީގެ އިތުރުން ވަގުތީ ގޮތުން ޓީމުގެ ޓްރެއިނިން ކުރިއަށް ގެންދިއުމަށް ހަވާލުވާނީ އެ ޓީގެ ކޯޗިން ސްޓާފުން ކަމަށް އެ ބަޔާނުގައިވެއެވެ. އަދި އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އާ ކޯޗުއެއް ލިބެންދެން އެކަމާ ގުޅޭގޮތުން އިތުރު ވާހަކައެއް ދައްކަން ބޭނުންނުވާކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

އެ ޓީމުގެ ކޯޗުގެ ގޮތުގައި ޓުޗެލް ހުރެ ހޯދައި ދިން ކާމިޔާބީތަކާއި ކޮށްދިން އަގުހުރި ހިދުމަތަށް ޓީމުގެ ނަމުގައި ޝުކުރު އަދާކުރާ ކަމަށް ވެސް ބަޔާނުގައިވެއެވެ.

ޓުޗެލްގެ ކޯޗު ކަމުގައި 2020/21 ވަނަ އަހަރު އޭނާ ވަނީ ދެވަނަ ފަހަރަށް އެ ޓީމަށް ޗެމްޕިއަންސް ލީގު ހޯދަ ދީފައެއެވެ. އަދި ޕްރިމިއާ ލީގު ތާވަލުގެ ތިން ވަނައިގައި ނިމިދިޔަ ސީޒަން ނިންމާލިއިރު، މި ސީޒަންގައި އެ ޓީމު ކުޅުނު ހަ މެޗުން ލިބުނު 10 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ހަ ވަނައިގައެވެ.

comment ކޮމެންޓް