ދޫވެހީގައި 15 މިލިއަން ރުފިޔާ އަތުން ގުނުމަށް ފަހު، ޔޫސުފް ނައީމަށް ގެންގޮސްދިނިން: ނަރީޝް

މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވަނީ ދޫވެހީގައި 15 މިލިއަން ރުފިޔާ އަތުން ގުނުމަށް ފަހު ޔޫސުފް ނައީމަށް ގެންގޮސްދިން ކަމަށް ވިދާޅުވެފަ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކުރީގެ ގެކޮޅު ގ. ދޫވެހީގައި 15 މިލިއަން ރުފިޔާ އަތުން ގުނުމަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ ގެޔަށް ގެންގޮސްދެއްވި ކަމަށް މާލޭގެ މިހާރުގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީނާއި ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ މިއަދުގެ އަޑުއެހުމުގައި އޮތީ ނަރީޝްގެ ހެކިބަސް ނެގުމެވެ.

އެ ޝަރީއަތުގައި ދިފާއުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނަރީޝް ވިދާޅުވީ ރައީސް ޔާމީނަކީ އޭނާއާ ވަރަށް ގާތް ބޭފުޅެއް ކަމަށެވެ.

"އަޅުގަނޑާ ޕާސަނަލީ ވަރަށް ގިނަ ކަންކަން ޝެއާ ކުރައްވާ ބޭފުޅެއް އަދި އަޅުގަނޑު ވެސް އަޅުގަނޑުގެ ޕާސަނަލް ކަންކަން ޝެއާ ކުރައްވާފަވާ ބޭފުޅެއް. އެ ބޭފުޅާގެ ޕާސަނަލް ކަންކަން އަޅުގަނޑާ ހަވާލުކޮށްގެން ކުރައްވާ ވެސް ބޭފުޅެއް،" ނަރީޝް ވިދާޅުވިއެވެ.

https://sun.mv/167972

އެއަށް ފަހު ޔޫސުފް ނައީމާ ދިމާވި ގޮތާ ބެހޭ ގޮތުން ވިދާޅުވީ، 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ރައީސް ޔާމީން ނަރީޝްއަށް ގުޅުއްވައި، އެމަނިކުފާނުގެ ގެކޮޅު ގ. ދޫވެއްސަށް ވަޑައިގަތުމަށް ދެންނެވި ކަމަށެވެ.

ނަރީޝް ދޫވެއްސަށް ވަޑައިގަތުމުން، ރައީސް ޔާމީން، މެންބަރު ޔޫސުފް ނައީމްގެ ފަރާތުން ޑޮލަރު ބައްލަވައިގަތް ކަމަށާއި އެ ޑޮލަރަށް ވާ ދިވެހި ފައިސާ އޭނާއާ ހަވާލުކުރަން ޖެހޭ ކަމަށް ވިދާޅުވި ކަމަށް ނަރީޝް ހެކިބަސް ދެއްވިއެވެ. އެ ފައިސާ އަޅާފައި ހުރީ ދެ ދަބަހަކަށް ކަމަށާއި އޭނާއާއި ރައީސް ޔާމީންގެ ކުރީގެ ޑްރައިވަރެއް ކަމަށްވާ އަބްދުﷲ ރަޝީދު އެ ފައިސާ ގުނުމަށް ފަހު ޔޫސުފް ނައީމްގެ ގެޔަށް ގެންދިޔަ ކަމަށް ނަރީޝް ވިދާޅުވިއެވެ.

"އެ ދުވަހު އަޅުގަނޑާ އެ ފައިސާ ހަވާލުކުރަމުން ޔޫސުފް ނައީމް ސޮއި ކުރުމަށް ޓަކައި އަޅުގަނޑަށް ދިން ޑޮލަރު ބައްލަވައިގަތް ކަމުގެ ލިޔުމެއް. އެ ލިޔުމުގަ ރައީސް ޔާމީން އަޅުގަނޑު ކުރިމަތީގަ ސޮއިކުރީ. އެ ލިޔުމުގަ އިން އެއް މިލިއަން ޑޮލަރުގެ ވާހަކައާ އެއާ އެކީގަ 15 ރުފިޔާ 42 ލާރީގެ މަގުން 15،240،000 ރުފިޔާ އޭގަ ޖަހާފަ އިން،" ނަރީޝް ވިދާޅުވިއެވެ.

އެ ފައިސާ ހުރީ 500 ރުފިޔާގެ ބޮނޑިތަކުގައި ކަމަށާއި ރައީސް ޔާމީންގެ ހާޒިރުގައި އެ ފައިސާ ގުނި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ފައިސާ ގުނުމުގައި ޔާމީންގެ ކުރީގެ ޑްރައިވަރެއް ކަމަށްވާ އަބްދުﷲ ރަޝީދު ބައިވެރިވިކަން ނަރީޝް ފާހަގަކުރެއްވިއެވެ.

އެ ފައިސާ ގުނުމަށް ފަހު، ޔޫސުފް ނައީމްގެ ގެޔަށް ގޮސް އޭނާއާ ފައިސާ ހަވާލުކުރި ކަމަށް ނަރީޝް ވިދާޅުވިއެވެ. އަދި ޔޫސުފް ނައީމް ފައިސާ ގުނުމަށް ފަހު ފައިސާ ބަލައިގަތް ކަމުގެ ލިޔުމުގައި ސޮއި ކުރެއްވި ކަމަށް ނަރީޝް ވިދާޅުވިއެވެ.

އެއަށް ފަހު ދައުލަތުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނަރީޝް ވިދާޅުވީ ދޫވެއްސަށް ވަޑައިގެންނެވި އިރު ފައިސާ ހުރީ ސިޓިންރޫމްގެ މުށިތައް މަތީގައި ކަމަށެވެ. އަދި ފައިސާ ގުނީ ކިހިނެއްތޯ ސުވާލުކުރުމުން ވިދާޅުވީ "ފައިސާ ގުނީ ގުނާ ގޮތަށް، އަތުން" ކަމަށެވެ.

މީގެ އިތުރުން ނަރީޝް ވަނީ ޔޫސުފް ނައީމަށް ފައިސާ ގެންގޮސްދިނުމުގެ އިތުރުން އެހެން ފައިސާގެ މުއާމަލާތްތައް ކުރެއްވި ކަމަށް ވިދާޅުވެފައެވެ. އޭގެ ތެރެއިން އެއްވެސް މުއަމާލާތެއްގައި ރައީސް ޔާމީން ހިމެނިވަޑައިގަންނަވާތޯ ސުވާލު ކުރުމުން ނަރީޝް ވަނީ އެކަމަށް އެއްބަސްވެފައެވެ. ނަމަވެސް އެފަދަ މުއާމަލާތެއް ހިނގީ މިއަހަރުކަން ނުވަތަ 2015 ވަނަ އަހަރުކަން ހަނދާނެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް