ކުށްކުރުން މަދުކުރުމަށް ގާނޫނު ތަންފީޒު ކުރުން ހަރުދަނާ ކުރަން ގޮވާލައި ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް--- ފޮޓޯ/ މަޖިލިސް

ރާއްޖޭގައި ކުށްކުރުން އިތުރުވެފައިވާތީ ރައްޔިތުންނާއި މުޖްތަމައުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ގާނޫނުތައް ތަންފީޒުކުރުން ހަރުދަނާ ކުރުމަށް ގޮވާލާ ހުށަހެޅި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލަ ބޭރު ކޮށްލާފައިވަނީ އެކަމަށްޓަކައި ނެގި ވޯޓުގައި ބައިވެރިވެވަޑައިންނެވި 25 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ މައްސަލަ ބަލައިގަންނަން ފެންނަކަމަށް ވޯޓު ދެއްވީ ހަތް މެންބަރުންނެވެ.

އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައިގައި ވަނީ ރާއްޖޭގައި ގޮތް ނޭނގޭ މަރުތަކާއި މަސްތުވާތަކެތީގެ ވިޔަފާރިއާއި އެކަމާ ގުޅިގެން ހިންގާ މާރާމާރީ އިތުރުވަމުން ދާ ކަމަށެވެ. އަދި ޖިންސީ ގޯނާ ކުރުމާއި އެކަމާ ގުޅިގެން އުފެދޭ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް މައްސަލައިގައިވެއެވެ.

"ކުށްކުރާ މީހުން މުޖްތަމައު ތެރޭގައި މިނިވަންކަމާއެކު އުޅެމުންދާއިރު ފިޔަވަޅު ނޭޅުމުގެ ސަބަބުން ބައެއް ސިޓީތަކާއި ރަށްރަށް ހަލާކުގެތެރެއަށް ދަނީ ވެއްޓެމުން. ޚާއްސަކޮށް އައްޑޫ ސިޓީގައި މަސްތުވާތަކެތީގެ މައްސަލައާއި އެކަމާ ގުޅިގެން ހިންގާ މާރާމާރީއާއި ވައްކަން އިންތިހާއަށް އިތުރުވެ ރައްޔިތުން ވަނީ ގޮތް ހުސްވެފަ،" އެ މައްސަލައިގައިވެއެވެ.

އެ މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ ކުށް ކުރުން އިތުރުވުމާ ބެހޭ ގޮތުން ރައްޔިތުން ކަންބޮޑުވެފައިވާއިރު ވެސް އެކަމަށް އެކަށޭނަ ހައްލެއް ހޯދައިދެވިފައި ނުވާ ކަމަށެވެ.

ކުށްކުރާ ބައެއް މީހުންނަށް އަދަބު ނުދިނުމާއި އެފަދަ މީހުންގެ މައްޗަށް ގާނޫނު ނުހިންގުމާއި ރައްޔިތުންގެ އާންމު މަސްލަހަތާ ގުޅުން ހުންނަ ކަންކަމުގައި ވަގުތުން އަޅަންޖެހޭ ފިޔަވަޅު ނޭޅުމުގެ ސަބަބުން ރައްޔިތުންގެ ކެތްތެރިކަން ވަނީ ކޮޅުންލާފައި ކަން ވެސް މައްސަލައިގައި ފާހަގަ ކޮށްފައިވެއެވެ. އަދި ކުށްކުރާ މީހުންނަށް އާންމުން އަނިޔާކޮށް ގަންހިންގުންފަދަ ކަންކަން މުޖުތަމައުގައި އިތުރުވެފައިވާ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ.

"ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން މުޖުތަމައުގައި ބިރުވެރިކަން ދަނީ އިތުރުވަމުން،" މައްސަލައިގައިވެއެވެ.

އެ މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފް ވަނީ މުޖުތަމައުގައި ކުށްކުރުން މަދުކުރުމަށާއި ކުށްކުރުން ހުއްޓުވުމަށާއި ކުށްކުރާ މީހުންނަށް ފިޔަވަޅު އެޅުމަށް ގޮވާލައްވާ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް