ޚުތުބާ ރަށު ބަހުރުވައިން ކީ ގިނަ މީހުންނަށް ފަހުމުކޮށްދޭން: އިމާމު

އައްޑޫ ބަހުން ހުކުރު ޚުތުބާ ކިޔައިގެން ސަސްޕެންޑު ކުރި، މުހައްމަދު ރަޝީދު -- ފޮޓޯ/ އައްޑޫ ލައިވް

އައްޑޫ ބަހުރުވައިން ހުކުރު ޚުތުބާ ކީ މިސްކިތުގައި ތިބި މީހުންގެ ތެރޭގައި މާލޭ ބަހުރުވަ ނޭނގޭ ބިދޭސީންނާއި އުމުރުން ދުވަސްވީ މީހުން ތިބުމުން ކަމަށް، އެކަން ކުރި އިމާމު މިއަދު ބުނެފިއެވެ.

މީދޫ މަސްޖިދުއް މަޖުދުއްދީނުގައި މިދިޔަ ހުކުރު ދުވަހު، އައްޑޫ ބަހުރުވައިން ޚުތުބާ ކިޔައިގެން އިމާމަކު ވަނީ ސަސްޕެންޑު ކޮށްފައެވެ. އެ މައްސަލައިގައި ސަސްޕެންޑް ކުރީ މީދޫއަށް ނިސްބަތްވާ މުހައްމަދު ރަޝީދު، ކިޔާ އިމާމެކެވެ. އެކަން ހިނގިގޮތް އެ އިމާމު މިއަދު ވަނީ "ސަން"އާ ހިއްސާ ކޮށްފައެވެ.

https://sun.mv/167947

މުހައްމަދު ގަބޫލު ކުރާގޮތުގައި ޚުތުބާ ކިޔާއިރު އިސްކަން ދޭންވީ އެންމެ ގިނަ މީހުންނަށް ފަސޭހައިން ފަހުމުވާ ގޮތަށް ކިޔުމަށެވެ. އެރަށު މިސްކިތްތަކަށް ގިނައިން އަރަނީ ބިދޭސީންނާއި އުމުރުން ދުވަސްވީ މީހުން ކަމަށާއި އެ މީހުންނަށް ފަހުމު ވަނީ އައްޑޫ ބަހުރުވައިން ވާހަކަ ދެއްކުމުން ކަމަށް ދިފާއުގައި ވާހަކަ ދައްކަމުން މުހައްމަދު ބުންޏެވެ.

"އައްޑޫގައި މަސައްކަތް ކުރާ އައްޑޫގައި އުޅޭ ބަނގްލަދޭޝް މީހުންނަކަށް ނޭންގޭނެ މާލޭ ބަހުރުވައިން ވާހަކަ ދެއްކީމައެއް. މިސްކިތްތަކަށް ބައްލަވާލައްވާ ގިނައިން ތިބޭނީ ބަނގްލަދޭޝް މީހުން. ވަރަށް މަދު ޒުވާނުން އަރާވަރު. އެ މީހުން[ބިދޭސީން] ބުނީ އެ މީހުންނަކަށް ނޭނގޭ މާލޭ ބަހުރުވައިން ކީމައެއް. އައްޑޫ ބަހުރުވައިން ނުކިޔަނީ ކީއްވެހޭ ވެސް ބައެއް މީހުން އަހާ. އެހެންވީމައި އަޅުގަނޑު ހިތަށް އެރީ އެ މީހުންނަކީ އަޅުގަނޑުމެންގެ މެސެޖް އެނގެން ޖެހޭ ބައެކޭ،" މުހައްމަދު ބުންޏެވެ.

"ދެން މިސްކިތަށް އަރަނީ އުމުރުން ދުވަސްވީ މީހުން. ޒުވާނުންނެއް ނޫން. އެމީހުންނަށް ވެސް މިހުންނަ ބަސްތައް މާލޭ ބަހުރުވައިން ނޭނގޭނެ. މިއުޅޭ މުސްކުޅިން [ވާހަކަ] ނުވެސް ދައްކާނެ މާލޭ ބަހުރުވައިން."

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ މުދިމު ސަސްޕެންޑު ކުރީ އައްޑޫ ބަހުރުވައިން ޚުތުބާ ކިޔައިގެން ނޫން ކަމަށެވެ. ނަމަވެސް ޚުތުބާ ކިޔުމުގައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފުވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"އުސޫލު ތެރޭގަ އޮންނާނެ އިސްލާމިކް މިނިސްޓްރީން ދޭ ހުކުރު ޚުތުބާކަން ހުރިހާ ރަށެއްގަވެސް ކިޔަން ޖެހޭނީ. އެއަށް ބަދަލު ގެނެސްގެން ނުވާނެ ކަން. އެކަމު އައްޑޫގައި އެގޮތަށް ކަންތަށް ކުރުމުން ބަހުގެ ދަރަޖައަށް ވެސް ތަފާތު ކަމެއް އައިސް އެތާގެ މީހުން އެބަ ބުނޭ ކީރިތި ރަސޫލާގެ ދަރަޖަ ދަށް ވާ ގޮތަށް މާނަ ދޭހަވިކަމަށް،" މިއުވާން ވިދާޅުވިއެވެ.

https://sun.mv/167960

ނަމަވެސް އެ ތުހުމަތު މުހައްމަދު ދޮގުކުރެއެވެ. އޭނާ ބުނީ ޚުތުބާގެ ބަހުރުވަ ފިޔަވާ އިތުރު އެއްޗެއް ބަދަލު ނުކުރާ ކަމަށެވެ. އަދި އޭނާ ޚުތުބާ ކީ ވަގުތު މިސްކިތްތެރޭ ސަކަރާތް ޖެހުން ފަދަ ކަންކަން ހިނގިކަން އެނގިފައި ނުވާ ކަމަށް ވެސް ބުންޏެވެ.

މުހައްމަދު ބުނިގޮތުގައި އިސްލާމިކް މިނިސްޓްރީން ފޮނުވާ ޚުތުބާތަކުން ބޮޑެތި ކުށްތައް އޭނާއަށް ފާހަގަ ކުރެވެއެވެ. އެފަދަ ހާލަތްތަކުގައި އޭނާ މުޅިން ޚުތުބާ ކިޔަނީ އެކުށްތައް އަމިއްލައަށް އިސްލާހު ކޮށްގެން ކަމަށް ބުންޏެވެ.

"އިމްލާ ކުށްތައް އެބަހުރޭ. ޤުރުއާންގެ އާޔަތްތަކުގެ މާނަ ބައެއް ފަހަރު ނުބައިކޮށް އެބަހުރޭ. ކީރިތި ރަސޫލާގެ ސަހާބީނާ ބެހޭގޮތުން އެބަހުރޭ ނުބައިކޮށް،" މުހައްމަދު ބުންޏެވެ.

ސަސްޕެންޝަނާ ގުޅޭގޮތުން މުހައްމަދު ބުނީ އޭނާއަށް ފާރަލާ މީހުން މީދޫ އަވަށު އޮފީހުގައި ވެސް އުޅޭ ކަމަށެވެ. އެ މައްސަލާގައި އިތުރަށް އޭނާ ވާހަކައެއް ނުދައްކައެވެ.

މިހާރު އުމުރުން 52 އަހަރުގެ މުހައްމަދަކީ ކުރިން ޓޫރިޒަމް ދާއިރާގައި ރިސޯޓްތަކުގައި މަސައްކަތް ކުރި މީހެކެވެ. އޭނާ އިމާމު ކޯސް ހަދައިގެން ރަށު މިސްކިތާ ހަވާލުވީ ރިސޯޓެއްގެ އެސިސްޓެންޓް މެނޭޖަރުކަން ދޫކޮށްލާފައި 2004 ވަނަ އަހަރުގައެވެ.

comment ކޮމެންޓް