ހުޅުމާލޭ ޖަލު ކޮމްޕްލެކްސްއިން ޖަލުތަކަށް އިންގިލާބެއް ގެނުވާނެ: އިމްރާން

މޯލްޑިވްސް ކަރެކްޝަންސް ސާވިސްގެ 51ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މި އަހަރުތެރޭ ފެށުމަށް މަސައްކަތް ކުރާ ހުޅުމާލޭ ޖަލު ކޮމްޕްލެކްސްއިން ރާއްޖޭގެ ޖަލުގެ ނިޒާމަށް އިންގިލާބެއް ގެނުވާނެ މަޝްރޫއެއް ކަމަށް ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 51ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާގައި ހޯމް މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޖަލުތަކުގެ އިންފްރާންސްޓްރަކްޗާ އޮތީ ބޮއްސުންލާފައިކަމަށެވެ. އެހެންކަމުން ހުޅުމާލޭ ޖަލު ކޮމްޕްލެކްސްއާއެކު ޖަލުގެ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނުވާނެކަމަށް ގަބޫލުކުރައްވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެ ޕްރޮޖެކްޓްވަނީ ވަރަށް ރަނގަޅަށް ފަރުމާކުރެވި ވަރަށް ރަނގަޅަށް ބަލައިގެން ވަރަށް ކައިރިން ދަސްކޮށްގެން އެނގިގެން އެކަން އެހިސާބަށް ގެންދެވިފަ،" އިމްރާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އާބާދީގެ ނިސްބަތުން ރާއްޖޭގައި ކުށްކުރާ މީހުންގެ އަދަދު ގިނަކަމަށެވެ. އަދި މުޖުތަމައެއް ކުށްކުރުމުން ސަލާމަތްކޮށް އަމާންކުރުމަށް ތިން ކަމެއް ކުރަންޖެހޭކަމަށް، ކުށް ކުރާ ސަބަބުތަކާއި ކުށް ކުރުން ހުއްޓުވޭނެ ގޮތްތައް ދިރާސާކުރާ މާހިރުން ބުނާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"[މުޖުތަމައުގައި ކުށްކުރުން މަދުކުރުމަށްޓަކައި] ބޭނުންތެރި ފުރިހަމަ ގާނޫނެއް އެކުލަވާލައި ގާނޫނީ ނިޒާމުގެ އޮނިގަނޑު އެކުލަވާލަން ޖެހޭ. އަދި ވަރަށް ފުރިހަމަ ސިފައެއްގައި އެ ގާނޫނު ތަންފީޒުކުރަން ޖެހޭ،" އިމްރާން ވިދާޅުވިއެވެ.

މުޖުތަމައު އަމާންތަނަކަށް ހެދުމަށް ކުރަންޖެހޭ ތިންވަނަ ކަމަކީ ވަރަށް ފުރިހަމަ ރިހެބިލިޓޭޝަންގެ ނިޒާމެއް ގާއިމްކުރުން ކަމަށް އިމްރާން ވިދާޅުވިއެވެ.

އެގޮތުން މި ސަރުކާރުން ޖަލުތަކުގައި ފުރަތަމަ ފަހަރަށް ރިހެބިލިޓޭޝަން ޕޮރޮގްރާމެއް ފުރިހަމަކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"މިސަރުކާރު އައުމުގެ ކުރިން ރިހެބިލިޓޭޝަން ވަނީ ބޮޑުތަނުން ރަނގަޅުކުރަން ޖެހިފަ،" އޭނާ ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބި އެންމެންނަކީ ރިހެބިލިޓޭޓު ވާންޖެހޭނެ ބަޔަކަށް ހެދުންކަމަށެވެ. އެގޮތުން ކިތަންމެ ކުޑަ ކުށެއް ކޮށްގެން ވެސް ކަރެކްޝަންސްގެ ބެލުމުގެދަށަށް ގޮސްފިނަމަ އެ ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރަންޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ޖަލުތައް ހިންގުމުގައި ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޕްރިޒަން އޮފިސަރުން މަދުވުންކަން އިމްރާން ފާހަގަކުރެއްވިއެވެ. އެ މައްސަލަ ހައްލުކުރުމަށް، ކޮވިޑްގެ ދުވަސްވަރަށް ފަހު ގިނަ އަދަދަކަށް ޕްރިޒަން އޮފިސަރުން ތަމްރީނުކުރުމުގެ ހުއްދަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވުމުން އިމްރާން ވަނީ ރައީސަށް ޝުކުރު ދަންނަވާފައެވެ.

އިމްރާން ވިދާޅުވީ ޕްރިޒަން އޮފިސަރުންނަކީ ކެތްތެރިވާން ޖެހޭނެ ބައެއްކަމަށެވެ. އަދި ހިތްތިރިކޮށް ހިކުމަތްތެރިކަމާއެކު މަސައްކަތްކުރުމަށް ހުރިހާ ޕްރިޒަން އޮފިސަރުންނަށް އޭނާ ގޮވައިލެއްވިއެވެ.

ކަރެކްޝަންސް ސާވިސްއަށް ގިނަ މުއްދަތަކަށް ޚިދުމަތްކޮށްދެއްވި ޚިދުމަތްތެރީންގެ އަގުވަޒަންކުރުން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ރޭގެ ޖަލްސާގައި ރައީސް ޞާލިޙް ވަނީ ކަރެކްޝަނަލް ސާވިސްއަށް މެދުނުކެނޑި 25 އަހަރު ޚިދުމަތްކުރެއްވި މުވައްޒަފުންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ.

comment ކޮމެންޓް