ހާލަންޑު އެކަނި މަސައްކަތްކޮށްގެން ސިޓީއަށް ޗެމްޕިއަންސް ލީގު ހޯދައެއް ނުދެވޭނެ: ގާޑިއޯލާ

ސިޓީއަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ އާލިން ބްރައުޓް ހާލަންޑް---

ސިޓީއަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ އާލިން ބްރައުޓް ހާލަންޑް އެކަނި ކުރާ މަސައްކަތުން ސިޓީއަށް ޗެމްޕިއަންސް ލީގު ކާމިޔާބު ނުކުރެވޭނެކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

މިދިޔަ ޖޫން މަހު ހާލަންޑު ސިޓީއަށް ބަދަލުވެ އާ ސީޒަން ފަށައިގެން ކުޅުނު ހަ މެޗުގައި އޭނާ ވަނީ 10 ގޯލު ޖަހައިފައެވެ. މި ސީޒަންގައި ސިޓީއިން ޖެހި ގޯލުގެ ތެރެއިން 50 ޕަސެންޓު ގޯލު ޖެހީ ވެސް ހާލަންޑެވެ.

އެ ޓީމުގެ މޮޅު ކުޅުމާ ހާލަންޑު ގުޅިފައިވާއިރު މިރޭ ޗެމްޕިއަންސް ލީގުގައި އެ ޓީމު ސެވިއްޔާއާ ދެކޮޅަށް ނިކުތުމުގެ ކުރިން ގާޑީއޯލާ ބުނީ އެ ޓީމަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވޭނީ ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް މަސައްކަތް ކޮށްގެންކަމަށެވެ.

އޭނާ ބުނީ މުޅި ޓީމުން ހާލަންޑަށް ބަރޯސާވުމުގެ ބަދަލުގައި ގޯލު ޖަހާނެ ފުރުސަތުތައް އޭނާއަށް ފަހިކޮށްދޭނެކަމަށެވެ.

"އަހަރުމެން އޭނާ ގެނައީ ޓީމުގައި ފޯވާޑުން ނެތީމަ. އެހެންވީމަ އަހަރުމެން ޖެހޭ އެބަ ފުރުސަތުތައް ތަނަވަސް ކޮށްދޭން އޭނާ ގޯލު ޖަހަން،" ގާޑިއޯލާ ބުންޏެވެ.

އޭނާ ބުނީ ހާލަންޑާއި ޖޫލިއަން އަލްވަރޭޒް ސިޓީގެ ކުޅުމާއި ވައްޓަފާޅިއަށް މިހާރު ހޭނިފައިވާކަމަށެވެ. އަދި ޓީމަށް އަލަށް ގުޅުނު ފަސް ކުޅުންތެރިން ވެސް ޓީމަށް ހޭނި ކުޅުންތެރިންނަށާއި ޓީމަށް އެހީތެރިވާންޖެހޭނެކަމަށް ގާޑިއޯލާ ބުންޏެެވެ.

މީގެ އިތުރުން ސިޓީގެ މެދުތެރެއަށް ކުޅެމުންއަންނަ ރޮޑްރީ ވެސް ވަނީ ހާލަންޑަށް ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަ ދައްކާފައެވެ.

އޭނާ ބުނީ ހާލަންޑަކީ ސިޓީން ބޭނުންވާ ކަހަލަ މޮޅު ކުޅުންތެރިއެއްކަމަށެވެ. އަދި އޭނާގެ ސަބަބުން ޗެމްޕިއަންސް ލީގުގައި ފަސޭހަ ވާނެކަމަށް ވެސް ރޮޑްރީ ބުންޏެވެ.

ސިޓީއަށް ބަދަލުވުމުގެ ކުރިން، އުމުރުން 22 އަހަރުގެ ހާލަންޑު ވަނީ ޗެމްޕިއަންސް ލީގުގައި 23 ގޯލު ޖަހައިފައެވެ.

މި ސީޒަންގެ ޗެމްޕިއަންސް ލީގު މިރޭ ފަށާއިރު ސިޓީ މިރޭ 12:00ގައި ނިކުންނާނީ ސެވިއްޔާއާ ދެކޮޅަށެވެ. ސިޓީ ހިމެނިފައިވަނީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ޖީގައެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ ހާލަންޑުގެ ކުރީގެ ކުލަބު ޑޯޓުމަންޑާއި، ކޮޕެންހޭގަންއެވެ.

comment ކޮމެންޓް