ކަނޑުހުޅުދޫ ވޮލީ ކޯޓާއި، އޭދަފުށީ ފުޓްސަލް ދަނޑު ތަރައްގީކުރުމަށް ބަޔަކާ ހަވާލުކޮށްފި

ގއ. ކަނޑުހުޅުދޫގައި އައުޓްޑޯ ވޮލީކޯޓެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރަނީ --- ފޮޓޯ/ ޔޫތު މިނިސްްޓްރީ

ގއ. ކަނޑުހުޅުދޫ އައުޓްޑޯ ވޮލީ ކޯޓަކާއި، ބ. އޭދަފުށީގައި ފުޓްސަލް ދަނޑެއް ތަރައްގީކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

ޔޫތު މިިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްްމިއްޔާތެއްގައި ކަނޑުހުޅުދޫ ވޮލީ ކޯޓު ތަރައްގީކުރަން ހަވާލުކޮށްފައިވަނީ ޓްރިޕަލް އެއިޓް ކޮމްޕެނީއާއެވެ. އެ ކުންފުންޏާއެކު ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ނާސިހް ރަޝީދެވެ. 1.2 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާ އެ ވޮލީ ކޯޓު ނިންމަން ޖެހެނީ 39 ދުވަހުގެ ތެރޭގައެވެ.

މީގެއިތުރުން އޭދަފުށީގައި ތަރައްގީކުރާ ފުޓްސަލް ދަނޑު އެޅުމަށް ހަވާލުކޮށްފައިވަނީ ތްރީ ޓްރީ މޯލްޑިވްސްއާއެވެ. އެކުންފުޏަށް މަސައްކަތް ހަވާލުކުރީ 1.5 މިލިއަން ރުފިޔާގެ އަގަކަށް 50 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މިދިޔަ ހަފުތާގައި ވެސް ވަނީ ރ. އިނގުރައިދޫ، ދ. ބަނޑިދޫގެ ޔޫތު ސެންޓަރު އެޅުމަށް ހަވާލުކޮށްފައެވެ. އަދި ފ. މަގޫދޫގައި ފުޓުބޯޅަ ދަނޑެއްގެ ސަބްވޭ އެޅުމަށާއި ޓާފު އެޅުމަށް ވެސް ވަނީ ބަޔަކާ ހަވާލުކޮށްފައެވެ.

comment ކޮމެންޓް