ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ނަޖީބު ރައްޒާގު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު: އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ -- ފޮޓޯ/ ޒިންހުއާ

ބާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު އެގައުމުގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފައިވާ ކަަމަށް އެގައުމުގެ މީޑިއާތަކުން މިއަދު ރިޕޯޓުކޮށްފިއެވެ.

ނަޖީބުގެ އަރިސް އޮފިޝަލަކާ ހަވާލާދީ މެލޭޝިއާގެ ނޫހެއްގައިވާ ގޮތުން އޭނާ އެޑްމިޓްކޮށްފައި ވަނީ ދާދި ފަހުންނެވެ. ނަމަވެސް ނަޖީބު އޮންނެވީ ކޮން ހޮސްޕިޓަލެއްގައި ކަމެއް އަދި އެޑްމިޓް ކުރަން ޖެހުނީ ކޮން ސަބަބަކާ ހެދި ކަމެއް އޮފިޝަލް ހާމަ ނުކުރައްވާ ކަމަށް ވެސް އެ ނޫހުގައިވެއެވެ.

"އެ މަނިކުފާނުގެ ހާލުކޮޅު ސްޓޭބަލް އަދި ހަދަން ޖެހޭ ޓެސްޓުތައް ދަނީ ހަދަމުން،" އޮފިޝަލް ވިދާޅުވިއެވެ.

މެލޭޝިއާގެ އެހެން ނޫހެއްގައި ރިޕޯޓުކޮށްފައިވާ ގޮތުން ނަޖީބަށް ފަރުވާ ދެމުން ދަނީ ކުއަލަލަމްޕޫރު ހޮސްޕިޓަލުގައެވެ. އަދި ނަޖީބު އެޑްމިޓް ކުރަން ޖެހުނީ ގޮހޮރުން ލޭ ފޭބުމުގެ ސަބަބުން ކަމަށާއި އޭނާ ދެން ޖަލަށް ބަދަލު ކުރާނީ ކޮން އިރަކުކަން އަދި ޔަގީން ނުވާ ކަމަށް އެ ނޫހުގައިވެއެވެ.

ނަޖީބު ޖަލު ހުކުމް ތަންފީޒު ކުރައްވަން ފެއްޓެވީ މިދިޔަ މަހުގެ 23ގައެވެ.

މެލޭޝިއާގެ ހައި ކޯޓުން ނަޖީބު ޖަލަށް ލާން ހުކުމް ކުރީ 2020 ވަނަ އަހަރުގެ ޖުލައި މަސް ތެރޭގައެވެ. އެއީ ދައުލަތުގެ އިންވެސްޓްމެންޓް ފަންޑު 1އެމްޑީބީގެ ކޮރަޕްޝަނާ ގުޅިގެން ބަލަމުންދާ މައްސަލައެއްގައި އޭނާގެ މައްޗަށް އަމާނާތަށް ހިޔާނާތްތެރިވުމާއި މަނީ ލޯންޑަރިން އާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ހަތް ދައުވާއެއް ސާބިތުވުމުންނެވެ.

އެ ހުކުމް އިސްތިއުނާފަށް ހުށަހެޅުމުން ނަޖީބު ހުންނެވީ ކަފާލާތުގެ ދަށުން މިނިވަންކޮށެވެ. ނަމަވެސް މިދިޔަ މަހުގެ 23ގައި މެލޭޝިއާގެ ފެޑެރަލް ކޯޓުން ހައި ކޯޓުގެ ހުކުމް ދެމެހެއްޓުމާއެކު ޖަލު ހުކުމް ތަންފީޒުކުރައްވަން ނަޖީބަށް ޖެހިވަޑައިގަތެވެ.

ދެހާސް ނުވަ ވަނަ އަހަރު މެލޭޝިއާގެ ބޮޑުވަޒީރު ކަމަށް ނަޖީބު ވަޑައިގެންނެވުމަށް ފަހު 1އެމްޑީބީ ފަންޑު ހުޅުވީ އެގައުމުގެ ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ އެއްކުރުމަށެވެ. ނަމަވެސް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ތުހުމަތުކުރާ ގޮތުގައި 1އެމްޑީބީ ފަންޑުން ވަނީ 4.5 ބިލިއަން ޑޮލަރު މުއްސަނދި، މަދު ބަޔެއްގެ އެކައުންޓުތަކަށް ފޮނުވައި، ލޯންޑާކޮށްފައެވެ.

ނަޖީބުގެ މައްޗަށް ސާބިތުވީ 1އެމްޑީބީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެސްއާރުސީ އިންޓަނޭޝަނަލްއިން ނަޖީބުގެ އެކައުންޓަށް 10.4 މިލިއަން ޑޮލަރު ޖަމާކޮށް ލޯންޑާ ކުރި ކަމަށެވެ.

ވަންއެމްޑީބީ ޚިޔާނާތާ ގުޅިގެން ނަޖީބުގެ އިތުރު މައްސަލަތަކެއް ވެސް ދަނީ ބަލަމުންނެވެ. އަދި އޭނާ ޖަލު ހުކުމް ތަންފީޒު ކުރައްވަން ފެއްޓެވި ފަހުން އޭގެ ތެރެއިން ދެ މައްސަލައެއްގެ ޝަރީއަތަށް ހާޒިރުކޮށްފައިވެއެވެ.

ނަޖީބުގެ އިތުރުން އޭނާގެ އަނބިކަނބަލުން ރޮސްމާ މަންސޫރުގެ މައްޗަށް ވެސް ވަނީ ކޮރަޕްޝަނުގެ ދައުވާތަކެއް ސާބިތުވެފައެވެ. ރޮސްމާގެ މައްޗަށް ދައުވާކޮށްފައި ވަނީ ސަރުކާރު މަޝްރޫއެއް ވަކި ކުންފުންޏަކަށް ކަށަވަރު ކޮށްދެއްވުމުގެ ބަދަލެއްގެ ގޮތުން، އެ ކުންފުނިން ރިޝްވަތުގެ ގޮތުގައި އެކަމަނާއަށް 187.5 މިލިއަން ރިންގިޓް (45 މިލިއަން ޑޮލަރު) ދޭން އެންގެވި ކަމުގެ ދައުވާއެވެ.

އެ މައްސަލައިގައި މެލޭޝިއާ ހައި ކޯޓުން ވަނީ ރޮސްމާ 10 އަހަރަށް ޖަލަށް ލުމަށާއި 216 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކޮށްފައެވެ. ނަމަވެސް އެކަމަނާ އަދި ހުންނެވީ ކަފާލާތުގެ ދަށުން މިނިވަންވެފައެވެ. އަދި ހުކުމް އިސްތިއުނާފު ކުރައްވާނެ ކަމަށް ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް