ދަރިވަރުންނަކީ އަމިއްލަ މަސައްކަތުން ދިރިއުޅެވޭނެ ބަޔަކަށް ވާނީ މުޖުތަމައަށް އޮތް ޒިންމާ އަދާކޮށްގެން: ނައިބު ރައީސް

ނައިބު ރައީސް ފައިސަލް ނަސީމް--- ފޮޓޯ/ ރައީސް އޮފީސް

ތައުލީމީ ހަޔާތް ނިންމާ ދަރިވަރުންނަކީ އުފެއްދުންތެރި، އަމިއްލަ މަސައްކަތުން ދިރިއުޅެވޭނެ ބަޔަކަށް ހެދޭނީ މުޖުތަމައަށް އޮތް ޒިންމާ އަދާކުރެވިގެން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް އެހެން ވިދާޅުވީ ދެވަނަ ފިޔަވަހީގައި ހުޅުވި ފުރަތަމަ ސްކޫލް، އަހުމަދު ކާމިލްދީދީ ޕްރައިމަރީ ސްކޫލްގައި ކިޔެވުން ފަށައި، ސްކޫލް ރަސްމީކޮށް ހުޅުވުމަށް މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަަކަ ދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވީ ގައުމަށް ބޭނުންވާ ފަދަ ރަނގަޅު ތައުލީމީ ޖީލެއް ބިނާކުރެވޭނީ، ހުރިހާ އެންމެންވެސް އެބަޔަކާ ހަވާލުވެފައިވާ ޒިންމާއާއި މަސްއޫލިއްޔަތު ފުރިހަމައަށް އަދާކޮށްގެން ކަމަށެވެ.

ނައިބު ރައީސް ފައިސަލް ނަސީމް އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ކާމިލްދީދީ ސްކޫލްގެ ދަރިވަރުންނާއެކެ--- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

ނައިބު ރައީސް ވިދާޅުވީ އެކަކު އެކަނި ކުރާ މަސައްކަތުން ބައެއް ކަންކަމަކީ ކާމިޔާބު ނުކުރެވޭނެ ކަންކަން ކަމަށެވެ. އެފަދަ ކަންކަމުގައި ކާމިޔާބީއާ ހަމައަށް ދެވޭނީ އެންމެން އެކުގައި ގުޅިގެން ކުރާ މަސައްކަތުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ތައުލީމީ ހަޔާތް ނިންމާފައި ނުކުންނަ ދަރިވަރުންނަކީ، ދިރިއުޅުމަކަށް ތައްޔާރުވެފައިވާ މަސައްކަތް ދަސްވެ, މުޖުތަމައަށް އަހުލުވެރިވެފައިވާ ރިވެތި ސިފަތަކުން ޒީނަތްތެރިވެފައިވާ ދަރިވަރަކަށް ވާންޖެހޭނެ. އެދަރިވަރަކީ އުފެއްދުންތެރި އަމިއްލަ މަސައްކަތުން ދިރިއުޅެވޭނެ ދަރިވަރަކަށްވެސް ވާންޖެހޭނެ. އެކަން ކުރެވެން އޮތީ މުޅި މުޖުތަމައަށް އޮތް ޒިންމާއަދާކުރެވިގެން،" ނައިބު ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ރިވެތި އަޚުލާގަށް ވުރެ މުހިންމު އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން، ދަރިވަރުންގެ ވަށައިގެންވާ މާހައުލުން ފެންނަން ވާނީ ރިވެތި އަޚުލާގާއި ރިވެތި ބަސްތަކުން މީހުންނާ މުޚާތަބު ކުރާ މަންޒަރުކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ ސްކޫލު ނިސްބަތްވާ، އަހުމަދު ކާމިލްދީދީގެ ހަޔާތްޕުޅުގެ މައްޗަށްވެސް އަލިއަޅުއްވާލައްވައިފައެވެ. އެގޮތުން އެމަނިކުފާނަކީ ތައުލީމީ ދާއިރާއަށާއި ދިވެހި އަދަބިއްޔާތަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް ފައިސަލް ނަސީމް އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ކާމިލް ދީދީ ސްކޫލްގެ ދަރިވަރުންނާއެކު--- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

ކާމިލްދީދީ ޕްރައިމަރީ ސްކޫލް އަޅާފައިވަނީ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތައް ކައިރީގައެވެ. އެސްކޫލަކީ، ފައުންޑޭޝަން ލެވެލްއިން ފެށިގެން، ގުރޭޑް ހަޔެކާ ހަމައަށް ކިޔަވައިދޭ ސްކޫލެކެވެ. އެ ސްކޫލުގައި 824 ދަރިވަރުން ތައުލީމް ހާސިލްކުރާއިރު، މުދައްރިސުންނާއެކު ޖުމުލަ 65 މުވައްޒަފުން މިވަގުތު އެ ސްކޫލުގައި އެބަތިއްބެވެ.

ކާމިލްދީދީ ޕްރައިމަރީ ސްކޫލް ނިސްބަތްވަނީ، ދިވެހިރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީގެ ދަށުން ވަޒީރުލްމައާރިފްގެ މަގާމަށް އައްޔަނުކުރެއްވި އަލްއުސްތާޛު އަޙްމަދު ކާމިލްދީދީއަށެވެ. އެމަނިކުފާނަކީ ދިވެހި އަދަބިއްޔާތުގައި ވެސް ފާހަގަކޮށްލެވޭ ޝަޚުސިއްޔަތެކެވެ.

comment ކޮމެންޓް