ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަހަރު އިތުރު ދެ ސްކޫލެއް ހުޅުވަނީ

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ--- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަހަރު އިތުރު ދެ ސްކޫލެއް ހުޅުވާނެ ކަމަށް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެހެން ވިދާޅުވީ ދެވަނަ ފިޔަވަހީގައި ހުޅުވި ފުރަތަމަ ސްކޫލް، "އަހުމަދު ކާމިލްދީދީ ޕްރައިމަރީ ސްކޫލް" ގައި ކިޔެފުން ފަށައި، ސްކޫލް ރަސްމީކޮށް ހުޅުވުމަށް މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަަކަ ދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ އެ ސްކޫލާއި އިންވެގެން ހުރި ޕްރީ ސްކޫލް މިއަހަރު ހުޅުވޭނެ ކަމަށާއި ހިނގަމުންދާ ދިރާސީ އަހަރުގެ ދެވަނަ ޓާމުގައި ޞަލާހުއްދީން ސްކޫލުގައި ވެސް ކިޔެވުން ފެށޭނެ ކަމަށެވެ. ޞަލާހުއްދީން ސްކޫލަކީ އެލްކޭޖީން ފެށިގެން ގްރޭޑް 10އަކާ ހަމައަށް ކިޔަވައިދޭނެ ސްކޫލެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިިނިސްޓަރު ވިދާޅުވީ ސްކޫލެއް ހުޅުވުމަކީ ޚާއްސަ މުނާސަބާއެއް ކަމަށެވެ. ސްކޫލަކުން ކިޔަވާ، އެތަނަށް ދަރިވަރުވާ ކުދީންގެ އަދަދު އެތައް ހާހަކުން ގުނޭނެ ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެކުދިންގެ ތެރޭގައި ގައުމަށް ބޮޑެތި ޚިދުމަތްތައް ކޮށްދޭނެ، ޒަމާންތަކަށް އެކުދީންގެ ނަން ވިދާނެ ދަރިވަރުން ވެސް ހިމެނޭނެ ކަމަށެވެ.

"މިއަދު މިކުރެވެނީ ތާރީޚީ ޚާއްޞަކަމެއް. މިއަދު މިއިންދެނީ އެތައް ޒަމާނަކަށް އޭގެ މޭވާ ރައްޔިތުން ބިންނާނޭ މޭވާގަހެއް،" މިިނިސްޓަރު ވިދާޅުވިއެވެ.

ކާމިލްދީދީ ސްކޫލުގެ ދަރިވަރުންނާއި މުދައްރިސެއް--- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

މިިނިސްޓަރު ވިދާޅުވީ ކާމީލްދީދީ ސްކޫލާއެކު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ މީހުންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ. އެގޮތުން މާ ދުރުގައި ހުރި ސްކޫލަކަށް ދަރިފުޅު ގެންދިއުމުގެ ބަދަލުގައި ހިނގާލާފައި މަދު މިނިޓް ކޮޅަކުން ދަރިފުޅު ސްކޫލަށް ގެންދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ދަރިފުޅު ބަހަށް ލާފައި އެކަނި ފޮނުވާލަން ފަސްޖެހޭ ބެލެނިވެރިންނަށް ގޭ ބެލްކަނީގައި ހުރެ ދަރިފުޅު ސްކޫލަށް ވަންނަ މަންޒަރު ބަލާލެވޭނެ." މިނިސްޓަރު ވިދާޅުވިއެވެ.

ޅަފަތަކީ ކުއްޖެއްގެ އުމުރުގައި އަންނާނެ އެންމެ މުހިންމު އެއް ދުވަސްވަރު ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެ އުމުރުފުރާގައި ވަރަށް ހަލުވި ކަމާއެކު ވިސްނުމުގެ ގޮތުންނާއި ޖިސްމާނީ ގޮތުންނާއި، ނަފުސާނީ ގޮތުންނާ އެހެން ގޮތްގޮތުން ކުދިން ތަރައްގީވެ ބޮޑުވާ ކަމަށެވެ. އަދި އެ އުމުރުފުރާގައި ކާމިޔާބުކަމާއެކު އެކިއެކި މަރުހަލާތައް ފުރިހަމަކުރުން، އެހެނިހެން އުމުރުފުރާތަކުގެ ކާމިޔާބީއާ ލާމެހިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކާމިލްދީދީ ސްކޫލުގައި ކިޔެވުން ފެށުން--- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

މިނިސްޓަރު ވިދާޅުވީ އެ ސަބަބަށްޓަކައި ޅަފަތުގެ މަރުހަލާ އުފާވެރިކަމާ ކާމިޔާބުކަމާ އެކު ދަރިވަރުން ފުރިހަމަކުރުމަކީ ވަރަށް ވެސް މުހިންމު ކަމެއް ކަމަށެވެ. މީގެ އިތުރުން ޅަފުރައިގައި ކަންކަން ހޯދާ ދެނެގަންނަން ކުދިން ވަރަށް ޝައުުވެރިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކައިގައި ވަނީ ކާމިލްދީދީ ސްކޫލްގެ ދަރިވަރުންނަށް އުޅުންތަކާ ގުޅުންތައް ތަރުތީބު ކުރުމަށް ދަސްކޮށްދޭނެ ކަމުގެ ޔަގީންކަން ބެލެނިވެރިންނަށް އަރުވާފައެވެ.

"ބެލެނިވެރިންނަށް އަޅުގަނޑުމެން ޔަގީންކަން އަރުވަން ބޭނުމީ މިއަދު މިތާ މިތިބި ކުދިން ފަށާ ދަތުރުގައި، ދެ ވަނަ މަންމައިންގެ ގޮތުގައި އަދި ބައްޕައިންގެ ގޮތުގައި އަޅުގަނޑުމެން ތިބޭނެކަން. އަދި މި ދަރިވަރުން ސާނަވީ މަރުހަލާއަށް ފުރިހަމައަށް ތައްޔާރުކޮށްދޭނެކަން." މިނިސްޓަރު ވިދާޅުވިއެވެ.

އެ ސްކޫލްގެ ނަން ނިސްބަތްވާ އަޙްމަދު ކާމިލްދީދީއާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ އެއީ ދިވެހިރާއްޖޭގައި އެކުލަވާލެވުނު ފުރަތަމަ ގާނޫނު އަސާސީގެ ދަށުން އައްޔަންކުރެވުނު ފުރަތަމަ ވަޒީރުލް މަޢާރިފް ކަމަށެވެ.

ކާމިލްދީދީ ސްކޫލުގެ ދަރިވަރުން--- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

މިނިސްޓަރު ވިދާޅުވީ އެ މަނިކުފާނަކީ ދިވެހި ބަހުން ތަފާތު ފޮތްތައް ލިޔުއްވާފައިވާ އަދީބެއް ކަމަށެވެ. އަދި އެއީ ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ ބަސް އިއްވެވި މޮޅު ބަސް މޮށުންތެރިއެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އެއީ ވޭތުވެދިޔަ ގަރުނުގައި ދުލާއި ގަލަމުން ލިބިހުރި އިލްމާއި ހުނަރުން އަނެކުންނަށް އުގަންނައިދީ އޭގެ މަންފާ އާންމު ކުޅަ ދިވެހިންގެ ތެރެއިން ފާހަގަ ކޮށްލެވޭ ބޭފުޅެއް. އެ މަނިކުފާނުގެ ހޮބީއަކީ މި ސްކޫލުގެ މޮޓޯކަމުގައިވާ ފޮތް ބެލުމާއި ފޮތް ކިޔުމާއި ލިޔުއްވުން." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މަދަރުސާތަކަށް ޚާއްސަ ނަންނަން ކިޔަނީ، އެ ނަމުން ދަރިވަރުންނަށާއި މުދައްރިސުންނަށް ފިލާވަޅުތަކެއް ލިއްބައިދޭން ކަމަށެވެ. އަދި އެ ނަންނަމަށް ނިސްބަތްވާ ފަރާތްތައް ކުރެއްވި މަތިވެރި ކަންކަމުންނާއި އެ ބޭފުޅުންގެ އުޅުމުންނާއި އަޚްލާގުން، ދަރިވަރުންނަށް އިލްހާމެއް ހޯދައިދޭން ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

ކާމިލްދީދީ ސްކޫލުގައި މިއަދު ކިޔެވުން ފަށާފައިވަނީ 824 ދަރިވަރުންނާ އެކުގައެވެ. އެއީ އެލްކޭޖީއިން ފެށިގެން ގްރޭޑް ހަޔަކަށް ކިޔަވައިދޭ ސްކޫލެކެވެ. މިއަދުން ފެށިގެން އެ ހުރިހާ ގްރޭޑަކަށް ވެސް އެ ސްކޫލުގައި ކިޔަވައިދޭނެއެވެ.

އެ ސްކޫލްގައި މިއަދު ކިޔަވައިދޭން ފަށާފައިވާއިރު ސްކޫލުގައި މަސައްކަތް ކުރާނީ ޖުމްލަ 65 މުވައްޒަފުން ކަމަށް އެޑިއުކޭޝަނުން ބުނެއެވެ. އެއީ 47 ޓީޗަރުންނާ، އަށް އިދާރީ މުވައްޒަފުން އަދި 10 މަސައްކަތު މީހުންނެވެ. ކާމިލްދީދީ ސްކޫލް އިމާރާތް ކޮށްފައިވަނީ 24 ކްލާސްރޫމް ހިމަނައިގެންނެވެ.

comment ކޮމެންޓް