އެފްކޮންސްއިން ސާފު ނުކުރާތީ، ފަރަށް ލިބުނު ގެއްލުން ބަލަން އަދިވެސް ނުފެށޭ

ބްރިޖް ޕްލެޓްފޯމް ތިލަމާލެ ފަރަށް އަރާފަ -- ފޮޓޯ/ އަބްދުﷲ ޖަވާދު

މިދިޔަ މަހުގެ 16 ވަނަ ދުވަހު ވިލިމާލޭ ފަރަށް އެރި ބްރިޖު ޕްލެޓްފޯމްގެ ސަބަބުން ފަރަށް ލިބުނު ގެއްލުންތައް ދިރާސާ ކުރަން އަދިވެސް ނުފެށޭ ކަމަށް، އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން މިއަދު ބުނެފިއެވެ.

އީޕީއޭއިން މީގެ ކުރިން ވަނީ ޕްލެޓްފޯމް ފުންކުރުމުން ފަރަށް ލިބުނު ގެއްލުމުގެ ދިރާސާއެއް ކުރާނެ ކަމަށް ބުނެފައެވެ.

އެ ޕްލެޓްފޯމު ނެގުނީ ޕްލެޓްފޯމް ފަރަށް އެރިތާ 12 ދުވަސް ފަހުން މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.

އެކަމާ ގުޅިގެން ފަރަށް ލިބުނު ގެއްލުމުގެ ދިރާސާ ކުރަން ފެށީތޯ ސުވާލުކުރުމުން އިޕީއޭގެ ޑިރެކްޓަ ޖެނަރަލް އިބްރާހީމް ނައީމް މިއަދު "ސަން"އަށް ވިދާޅުވީ ފަރަށް ލިބުނު ގެއްލުމުގެ ދިރާސާ އަދިވެސް ކުރަން ނުފެށޭ ކަމަށެވެ.

ނައީމް ވިދާޅުވީ، އެކަން ލަސްވަނީ ތިލަމާލެ ބްރިޖުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ކުންފުނިން ކުރަން ޖެހޭ މަސައްކަތް އަދިވެސް ނުކުރާތީ ކަމަށެވެ.

އެގޮތުން އެ ޕްލެޓްފޯމު ފަރަށް އެރުމުގެ ސަބަބުން ޕްލެޓްފޯމުގެ ބައެއް ތަކެތި އެ ސަރަހައްދަށް ވެއްޓުނު ކަމަށާއި ބްރިޖަށް ލިބުނު ގެއްލުން ދިރާސާ ކުރަން އެންމެ އަވަހަށް ވެސް ފެށޭނީ އެފްކޮންސްއިން އެތަން ސާފު ކުރުން ކަމަށް ނައީމް ވިދާޅުވިއެވެ.

"މޫސުން ވެސް ވަރަށް ގޯސް. އެކަމަކު ދިރާސާކުރުން އަސްލު ނުފެށިގެން މިއުޅެނީ އެފްކޮންސްއިން އެތަން ސާފު ނުކުރާތީ. އެބަހުރި އެ ޕްލެޓްފޯމުގެ ދަނގަނޑުތަކާއި ލައިޓްތައް ކަހަލަ އެއްޗެހި އެ ސަރަހައްދުގައި،" އޭނާ ވިދާޅުވިއެވެ.

ނައީމް ވިދާޅުވީ ބްރިޖު ޕެލްޓްފޯމުގެ ސަބަބުން ފަރަށް އެޅިފައިވާ ކުނިތައް ވީ އެންމެ އަވަހަކަށް ސުފުކުރާނެ ކަމަށް އެފްކޮންސް ކުންފުނިން އަބަދުވެސް ބުނާ ކަމަށެވެ. ނަމަވެސް އަދިވެސް އެކަން ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕްލެޓްފޯމު ފަރަށް އެރުމުގެ ސަބަބުން ފަރަށް ލިބުނު ގެއްލުން ދިރާސާކުރާނެ ކަމަށް އީޕީއޭއިން ބުނެފައިވާއިރު އެ ޕްލެޓްފޯމް ނެގުމަށް ގިނަ ދުވަސް ނަގާފައިވާތީ ގިނަ ފަރާތްތަކެއް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އާއްމުކޮށް އެފަދަ ހާދިސާތަކުގައި ފަރުތަކަށް ލިބޭ ގެއްލުމަށް އީޕީއޭއިން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެއެވެ.

މި ހާދިސާއާ ގުޅިގެން ވެސް ފަރަށް ލިބުނު ގެއްލުންތަކަށް ބަލައި ޖޫރިމަނާ ކުރަން ޖެހޭނަމަ ކުރާނެ ކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް