ލިފްޓް ތިރިއަށް ހުއްޓުމާއެކު މީހުންތައް ފައިބަން ފެށިއެވެ. ނާޒިލް ވެސް ރީމާއަށް ސަމާލުކަމެއް ނުދީ މިޝްޔާއާ އެކު ފޭބިއެވެ. އެއަށްފަހު އެ ދެމީހުން އެކުއެކީ ކެންޓީނާ ދިމާލަށް ހިނގައިގަތެވެ. އޭރުވެސް ރީމާއަށް ހުރެވުނީ އެ ދިމާލަށް ބަލަހައްޓައިގެންނެވެ.

އެ އަންހެން ކުއްޖާއާ ނާޒިލްއާ އޮތީ ކޮން ގުޅުމެއްހެއްޔެވެ؟ އެއީ ނާޒިލްގެ ކާކުހެއްޔެވެ؟ އަނެއްކާ ނާޒިލްގެ ލޯބިވެރިޔާ ހެއްޔެވެ؟ އެ ސުވާލުން ރީމާގެ ހިތަށް ނުބައި ގޮތެއް ވެގެން ދިޔައެވެ. އެ ދިމާލަށް ބަލަން ހުރުމަށްފަހު އޭނާ އެމީހުންނަށް ފަސްދީ ހިނގައިގަތް ނަމަވެސް އޭނާއަށް އިރުއިރުކޮޅަކާ ފަހަތް ބަލައިލެވެއެވެ.

ނާޒިލްއާ މިޝްޔާއާ ދެމީހުން ކެންޓީނަށް ދިޔައިރު މާކިން އެކަނިމާ އެކަނި އެތަނުގައި ހުރި މޭޒެއްގެ ދޮށުގައި އިށީނދެލައިގެން ފޯނަށް ގެއްލިފައި އިނެވެ. ނާޒިލް މިޝްޔާއާއެކު މާކިން އިން މޭޒު ކައިރިއަށް ގޮސް ހުއްޓުނެވެ.

"އައީތަ؟ އަހަރެން ދާންކަމަށް މިއުޅެނީ." މާކިން ބުނެލިއެވެ.

"އެކަނިތަ؟ ބުނީ ގައިމު..."

"އާނ. އޭނަ ކަމެއްޖެހިގެން ދިޔައީ. ދެން އިނީމި. ޑްރިންކެއް ނަގަން ވީނު..." މާކިން މިޝްޔާއާ ނާޒިލްއާ ދެމީހުންނަށް ބަލައިިލިއެވެ.

"ކޯންޗެއް ބޭނުމީ؟" ނާޒިލް މިޝްޔާއަށް ބަލައިލަމުން ސުވާލުކޮށްލިއެވެ.

"އޭނ..." މިޝްޔާއަށް ބުމަަ އަރުވައިލެވުނެވެ.

"މިބުނީ އަހަރެން އޯޑަރު ދޭން ދާންވެގެން... މިޝްޔާ ބޭނުމީ ކޯންޗެއްހޭ؟" ނާޒިލް ހިނިތުންވެލިއެވެ.

"އަހަންނަށް މިލްކްޝޭކެއް. ޗޮކްލެޓް." މިޝްޔާ ބުނެލިއެވެ.

ނާޒިލް އެއްޗިއްސަށް އޯޑަރު ދޭން ވެގެން ދިޔުމާއެކު މާކިން މިޝްޔާއަށް ބަލައިލިއެވެ.

"ކިހިނެއް ސެޝަންތައް ދަނީ؟"

"ރަނގަޅު" މިޝްޔާ ކުރު ޖަވާބެއް ދިނެވެ.

"މިޝޫ ރަނގަޅުވާން މަސައްކަތް ކުރުމަކީ ދޮންބެއަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ. އެނގޭ އެޑިކްޓް ވެފަ ހުންނަ އިރު އުނދަގޫކަމެއްކަން އެއީ ދުރުވާން. އެވެސް ކުއްލިއަކަށް. އެކަމް އިންޝާ ﷲ ޔޫ ކޭން ޑޫ އިޓް..." މާކިން ހިނިތުންވެލިއެވެ.

އޯޑަރު ދީފައި ނާޒިލް ގޮސް ގޮނޑީގައި އިށީނދެލިއެވެ. ނާޒިލް މާ މަޑުމަޑުން އިންނަން ފެށުމުން މާކިން އެކަމާ ބެހޭގޮތުން ސުވާލުކުރިއެވެ.

"ނޫނޭ! އެއީ ހަމަ ހޮސްޕިޓަލް ބިޒީކަމުން..." ނާޒިލް ދެފަރާތަށް ބޯ ހޫރައިލަމުން ހިނިތުންވެލިއެވެ. އޭނާއަށް ރީމާގެ ޚިޔާލުތައް އުނދަގޫކުރާ ވާހަކަ ބުނާކަށް ނާޒިލް ބޭނުމެއް ނުވިއެވެ.

"ދެން ބިޒީވެސް ވާނެތާ..." މާކިން ބުނެލިއެވެ. ލަސްތަކެއްނުވެ ނާޒިލް އޯޑަރު ކުރި ކޮފީއާއި މިޝްޔާ އޯޑަރުކުރި މިލްކްޝޭކް ހިފައިގެން އައި ވެއިޓަރ މޭޒުދޮށުގައި އެ އެއްޗެހި ބެހެއްޓިއެވެ.

*****

މާކިންއާއި މިޝްޔާއާ ދެމީހުން ގެއަށް ދާންވެގެން ހޮސްޕިޓަލުން ނުކުންނަން ހިނގައިގަތުމުން އެ ދެމީހުންނާއެކު ބޭރު ގޭޓާ ހިސާބަށް ނާޒިލް ދިޔައެވެ. އެއަށްފަހު އަތުން ހަނާ އަޅައިލުމަށްފަހު އޭނާ އެތެރެއަށް ވަދެލިއެވެ. އޭނާގެ ކެބިންއަށް ވަނުމަށްފަހު އޭނާ މޭޒު ދޮށުގައި އިށީނދެ އިނުމަށްފަހު މިޝްޔާގެ ފައިލް ނެގިއެވެ. އެއަށްފަހު އޭނާ އެއަށް ބަލައިލިއެވެ. އޭގައި އޭނާ ނޯޓް ކޮށްފައިވާ ކަންތައްތަކާ މެދު ނާޒިލް ފުންކޮން ވިސްނިއެވެ. މިޝްޔާއަށް ދިމާވެފައިވަނީ ކޮންކަމެއްކަން ސީދާ ނޭނގުނު ނަމަވެސް ކޮންމެވެސް ވަރަކަށް ޝައްކުވާ ކަންތައްތަކެއް އެބަ ހުއްޓެވެ. މިޝްޔާ ވަނީ ވަރަށް ބޮޑަށް "ޓްރޮމަޓައިޒް" ވެފައިކަން އޭނާއަށް އެނގުނެވެ. އަދި އެކަމަށް އެންމެ އެކަށީގެންވާ ތެރަޕީއެއް ފެށުމަކީ ވެސް ކުރަން މުހިންމުކަމެއްކަމުގައި ނާޒިލްއަށް ވިސްނުނެވެ. އެހެންނަމަވެސް، އެހާ ހިސާބަށް އޭނާއަށް ދެވޭނީ މިޝްޔާގެ ޙާލަތާ ކުރިން ހިނގާފައިވާ ކަންތައް މިޝްޔާގެ ފަރާތުން އެނގިގެންނެވެ. ތެރަޕީގައި އެކަންތައްތަކާ ކުރިމަތިލާނެގޮތް މިޝްޔާއަށް ކިޔައިދޭން ފަސޭހަވާނީ އޭރުންކަން ނާޒިލްއަށް އެނގެއެވެ. އޭނާ އެފައިލަށް ބަލަހައްޓައިގެން އިނުމަށްފަހު ގަނޑުކޮޅެއްގައި އެއްޗެހިތަކެއް ނޯޓް ކުރަން ފެށިއެވެ. މިޝްޔާގެ ވާހަކަތަކަށް ބިނާކޮށްފައި މިޝްޔާގެ ޙަޔާތުގައި ހިނގާފާނެކަމަށް ލަފާކޮށް އޭނާ ސިނާރިއޯޒް ތަކެއް ލިޔެލިއެވެ. އެއަށްފަހު އޭނާ އެއާ މެދު ފުންކޮށް ވިސްނިއެވެ.

****

ގެއަށް ގޮސް ކާރު ޕާކުކޮށްލިތަނާ މާކިންގެ ފޯނު ރިންގްވިއެވެ. އޭނާ ފޯނު ނަގާ ކާކުތޯ ބަލައިލިއެވެ. މިޝްޔާއަށް ވެސް މާކިންގެ ފޯނަށް އަވަސް ނަޒަރެއް ދެވުނެވެ. އެއާއެކު އޭގައި ލިޔެފައިވާ ނަން މިޝްޔާގެ ލޮލުގައި އަޅައިގަތެވެ. މާކިން އަވަސް އަވަހަށް ފޯނު ނަގަމުން އޭނާ އެބަ ގުޅަން ކަމުގައި ބުނެލިއެވެ.

"ކާކުތަ؟" މިޝްޔާ ސުވާލުކޮށްލުމާއެކު މާކިންއަށް އެ ދިމާލަށް ބަލައިލެވުނެވެ.

"އެއީ... އަނެއް. ފްރެންޑެއް." މާކިން ބުނެލިއެވެ.

"ލަވް ޖަހާފައި އެ އިނީ ހާދަ ކްލޯޒް ފްރެންޑެއް ވީމައޭ ދޯ..." މިޝްޔާ ދިމާކުރާ ގޮތަކަށް ބުނެލުމާއެކު މާކިންއަށް އޭނާގެ ބޮލުގައި އަތް ހިންގައިލެވުނެވެ.

"އަދިވެސް ނުބުނާނަންތަ؟" މިޝްޔާ އަނެއްކާވެސް ސުވާލުކޮށްލިއެވެ.

"ނޫނޭ. ދެން މިއޮތީ ބުނަން ޖެހިފައި. އެއީ... އެނގެއްނު މިޝޫއަށް..." މާކިން ބުނެލިއެވެ.

"އެނގެއެއްނު ކޯންޗެއް؟" މާކިންގެ އަނގައިން ބުނުވަން މިޝްޔާ ބޭނުންވިއެވެ.

"އޯކޭ. އެއީ ދޮންބެގެ ގާލް ފްރެންޑް..." މާކިން އެންމެ ފަހުން ބުނެލިއެވެ. އޭނާ ކާރުން ފައިބަން ދޮރު ހުޅުވައިލުމާއެކު މިޝްޔާވެސް ފޭބިއެވެ.

"ދެން ކޮން އިރަކުން އަހަންނާ މީޓް ކުރުވާނީ؟" ކާރުގެ ދޮރުފަތް ލައްޕައިލުމަށްފަހު އޭނާއާ ފުރަގަސްދީގެން ހުރި މާކިންއަށް ބަލައިލުމަށްފަހު މިޝްޔާ ސުވާލުކޮށްލިއެވެ.

"އެހާ ވެސް ދިމާކުރަން ބޭނުން؟" މާކިން ބުނެލިއެވެ.

"އާނ. މިގެއަށް ވެސް ގެނަބަލަ! ބައްޕައެއް ވެސް ނެތެއްނު!" މިޝްޔާ ޚިޔާލެއް ދިނެވެ.

"ވިސްނާނަން..." މާކިން ބުނެލިއެވެ.

"ވިސްނާނީކީ ނޫނޭ. ގެއަށް ނުގެނެވެންޏާ ދައްކައިލަން ކޮފީއަކަށް ގެންދެބަލަ! ދޮންބެގެ ހޮވުން ވަރަށް ޕާފެކްޓް ވާނެކަން އަހަންނަށް އެނގޭ...ދެން ނަން ބުނެބަލަ އެ ކުއްޖާގެ" މިޝްޔާ ބުނެލިއެވެ.

"ނައިރާ... ނައިރާ ކިޔަނީ؟" މާކިން ބުނެލިއެވެ.

"ކޮންތާކުން ދިމާވި ކުއްޖެއްތީ؟" މިޝްޔާ ފަހަރަކު ސުވާލެއް ކުރަން ފެށިއެވެ.

"ފަހުން ދެން ކިޔައިދޭނަން. ހިނގާ އެތެރެއަށް..." ލުއި ހުނުމަކާއެކު މާކިން އެހެން ބުނެލުމަށްފަހު ގެއަށް ވަނުމަށް ހިނގައިގަތުމާއެކު އާދޭސް ކުރަމުން މިޝްޔާވެސް މާކިންގެ ފަހަތުން ހިނގައިގަތެވެ.

*****

ނާޒިލް މިޝްޔާގެ ފައިލަށް ނަޒަރު ހުއްޓާލައިގެން އިނުމަށްފަހު، ފޯނު ނަގާ މިޝްޔާގެ އެފްބީ ޕްރޮފައިލް ޕިކްޗާރއަށް ބަލައިލިއެވެ.

"މިޝްޔާ. ސިއްރުތިކުރަނީ ކޮންފަދަ ބޮޑު ސިއްރެއްތަ؟ އަހަންނަށް ކިޔައިދީބަލަ! އަހަންނަށް މިޝްޔާއަށް އެހީތެރިވާން ފުރުސަތެއް ދީބަލަ!" ޚިލާލެއްގައި އިނދެފައި ނާޒިލްއަށް ބުނެވުނެވެ. އެވަގުތު ދޮރުގައި ޓަކި ޖަހައިލުމާއެކު އޭނާ ފޯނު ނިއްވައިލާފައި ފައިލްވެސް ލައްޕައިލިއެވެ. މަޑުމަޑުން ދޮރުފަތް ހުޅުވާލާފައި އެތެރެއަށް ވަތް މީހާ ފެނުމާއެކު ނާޒިލްގެ ދެ ބުމަ ގޮށް ޖެހުނެވެ. އެތެރެއަށް ވަނީ ރީމާ ނޫން ދެވަނަ މީހެއް ނޫނެވެ.

"ކީއްކުރަން ރީމާ ތިއައީ؟" ނާޒިލްގެ އަޑުގައި ހަރުކަށިކަން ވިއެވެ.

"އަހަރެން ބޭނުންވަނީ ހަމައެކަނި ވާހަކަ ދައްކައިލާށޭ..." ރީމާ ބުނެލިއެވެ. އެއަށްފަހު އޭނާ އެއައި ގޮތަށް އައިސް ނާޒިލްގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނދެލިއެވެ.

"ނާޒިލް! އަހަރެން ހަމަ އެކަނި ވާހަކަ ދައްކައިލަން އެކަންޏޭ މިއައީ... އަހަރެން އިތުރު އެއްވެސް ކަމެއް ނުކުރާނަން. އައި ޕްރޮމިސް" ރީމާ ބުނެލިއެވެ.

"އަހަންނާ ރީމާ ދައްކަން ޖެހޭ އިތުރު ވާހަކައެއް އޮންނާނެކަމަކަށް އަހަރެން ނުދެކެން." ނާޒިލް ދުރުބަލައިލިއެވެ. ރީމާއާ ދިމާލަށް ބަލައިލާކަށް ވެސް އޭނާގެ ޒަމީރު އެއްބަހެއް ނުވިއެވެ.

"އަހަންނާ ދިމާލަށް ބަލައިވެސް ނުލެވޭހާ ބޮޑަށް އަހަރެން ދެކެ ރުޅި އާދޭތަ؟" ރީމާ އަނެއްކާވސް ސުވާލުކޮށްލިއެވެ. އޭނާ މޭޒުމަތީގައި އޮތް ނާޒިލްގެ އަތުގައި މަޑުމަޑުން ހިފައްޓައިލުމާއެކު ނާޒިލް އެ އަތް ފޮޅުވައިލަމުން ރީމާއަށް ބަލައިލިއެވެ.

"ގައިގައި އަތް ނުލިޔަސް ވާހަކަ ދެއްކޭނެ. ތި ދައްކާ ވާހަކައެއް ދައްކާފައި އެ ދޮރުން ނުކުމެގެން ދޭ!" ދުރުބަލައިލަމުން އަނެއްކާވެސް ނާޒިލް ބުނެލިއެވެ.

"އައި އެމް ޑިވޯސްޑް" ރީމާ ބުނެލިއެވެ. އެއާއެކު ނާޒިލްއަށް ބޭއިޚްތިޔާރުގައި ރީމާއާ ދިމާލަށް ބަލައިލެވުނެވެ. އޭނާއަށް ރީމާގެ އެ ވާހަކައަށް ދޭނެ ޖަވާބެއް ނޭނގިފައި އިނދެވުނެވެ.

"ނާޒިލް... އަހަރެން ވަރިވެއްޖައީމޭ..." ނާޒިލް އެ އިން ގޮތަށް އިންނަން ފެށުމުން ރީމާ އޭނާގެ ވާހަކަ އަނެއްކާވެސް ތަކުރާރުކޮށްލިއެވެ. ނާޒިލްއާ ރީމާގެ ހަތަރު ކަޅީ ބައްދަލުވެގެން ހިނދުކޮޅަކަށް ދިޔަނަމަވެސް، ނާޒިލް ރީމާއާ ނަޒަރު ވަކިކޮށްލަމުން ވާހަކަ ދެއްކިއެވެ.

"ރީމާ އަހަރެން ކައިރީގައި ތި ވާހަކަ ދައްކަންތަ ތިއައީ؟ ކޮބާ ބޭނުމަކީ؟" ނާޒިލް ބުނެލިއެވެ.

"ނާޒިލްއާ އެކު އޭރު ދިޔައީ ކާކުތަ؟ ނާޒިލްގެ އަންހެނުންތަ؟" ނާޒިލްގެ ސުވާލަށް ޖަވާބު ދިނުމެއްނެތި ރީމާ ސުވާލުކޮށްލުމާއެކު ނާޒިލް މަލާމާތުގެ ހިނިތުންވުމެއް ރީމާއާށް ހަދިޔާކޮށްލިއެވެ.

"އާނ. އަހަރެންގެ އަންހެނުން އެއީ." ރީމާގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތަކުން ހަޤީގަތް ހާމަކުރާކަށް ނާޒިލްވެސް ބޭނުމެއް ނުވިއެވެ. އޭނާގެ އެ ޖަވާބާއެކު ރީމާގެ މޫނުމަތިން ބުނެދޭން ނޭނގޭ ފަދަ އަސަރުތަކެއް ފެނިގެން ދިޔައެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު