ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރި މީހުން އަނބުރާ މުޖުތަމައަށް

ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ނިންމި ގައިދީން އެމީހުންގެ އާއިލާއާ ހަވާލުކުރުން --- ފޮޓޯ/ ކަރެކްޝަންސް

ފުރަތަމަ ފަހަރަށް ކުރިއަށް ގެންދިޔަ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރި 32 ގައިދީން އާއިލާއާ އިއްޔެ ހަވާލު ކޮށްފިއެވެ.

އެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މާފުށީ ޖަލުގައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނީ އެ ގައިދީން ޝަރުތުތަކަކާ އެކު ދޫކޮށްލައިފައިވާ ކަމަށެވެ.

ނަމަވެސް އެއް އަހަރު ދުވަހުގެ މުއްދަތަކަށް އެމީހުން މޮނިޓާ ކުރާނެ ކަމަށް ވެސް ކަރެކްޝަންސްއިން ބުންޏެވެ.

ގައިދީން އެމީހުންގެ އާއިލާއާ ހަވާލުކުރުމުގެ ކުރިން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވަނީ އެމީހުންނާ ބައްދަލުކުރައްވައި މުޖުތަމައަށް ބޭނުން ހިފޭ ބަޔަކަށް ވުމަށް ހިތްވަރުދެއްވަވާފައެވެ.

އެކަމާ ގުޅިގެން އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ތާރީޚްގައި ވެސް ފުރަތަމަ ފަހަރަށް ޖަލުގެ ތެރޭގައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ފުރިހަމަކުރި ގައިދީން މުޖުތަމައަށް އަނބުރާ ނެރުމަކީ މަސްތުވާތަކެތީގެ ވަބާ އިން މުޖުތަމައު ސަލާމަތްކުރުމުގެ މަގުސަދުގައި އެޅުނު އުސް ފިޔަވަޅެއް ކަމަށެވެ.

ކަރެކްޝަންސްއިން ކުރިއަށްގެންދިޔަ ރިހެބިލިޓޭޝަންގެ އެ ޕްރޮގްރާމަކީ މަސްތުގެ ވަބާގައި ޖެހިފައިވާ ގައިދީން ރިހެބިލިޓޭޓްކޮށް އަދި ބޭނުންތެރި ބައެއްގެ ގޮތުގައި މުޖުތަމައަށް އަނބުރާ ނެރުމަށް އެ ފަރާތްތައް ޑިޓޮކްސް ކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

ހަމައެއާއެކު، ޑްރަގް ޓްރީޓްމަންޓު ދިނުމަށާއި ދިރިއުޅުމުގެ ހުނަރުތަކާއި ވަޒީފާ އަދާކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށް ވެސް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

ޖަލުގެ 70 ޕަސެންޓް މީހުންނަކީ މަސްތުވާތަކެތީގެ ކުށްތަކުގައި ހުކުމްކޮށްފައިވާ މިހުންނަށްވާއިރު އެއީ 800 އެއްހާ މީހުންނެވެ.

މަސްތުވާތަކެއްޗާ ގުޅިގެން ހުކުމް ތަންފީޒުކުރަމުންދާ 40 ގައިދީންނާއެކު އެންމެ ފުރަތަމަ އެ ޕްރޮގްރާމް ފެށިނަމަވެސް، އެކި ސަބަބުތަކާހުރެ އެ ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވަނީ 32 ގައިދީންނެވެ.

comment ކޮމެންޓް