އާތުރު ލިވަޕޫލަށް، އަކަންޖީ ސިޓީއަށް

އާތުރު މޭލޯ---

ޔުވެންޓަސްއަށް ކުޅެމުންދާ އިތުބާރު މިޑްފީލްޑަރު އާތުރު މޭލޯ ލިވަޕޫލާ ގުޅުނުއިރު ބޮރޫޝިއާ ޑޯޓްމަންޑްގެ ޑިފެންޑަރު، މެނުއަލް އަކަންޖީ މެންޗެސްޓާ ސިޓީއާ ގުޅިއްޖެއެވެ.

އާތުރު ލިވަޕޫލާ ގުޅުނުކަން އެ ޓީމުން މިހާރު ވަނީ އިއުލާން ކޮށްފައެވެ. އެ ޓީމުން ބުނި ގޮތުގައި އާތުރު އެ ޓީމާ ގުޅޭނީ މިއަހަރުގެ ނިޔަލަށް ލޯނު އުސޫލުންނެވެ.

އާތުރުގެ އެއްބަސްވުން ދާއިމީ ކުރަން ބޭނުންނަމަ ލިވަޕޫލުން 33 މިލިއަން ޕައުންޑު ޔުވެންޓަސްއަށް ދައްކަން ޖެހޭނެކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ލިވަޕޫލުން މިދިޔަ ހަފުތާގައި ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗަށް ފަހު މީޑިއާއާ ވާހަކަދައްކަމުން އެ ޓީމުގެ ކޯޗު ޖާގެން ކްލޮޕް ވަނީ އެ ޓީމަށް މީޑްފީލްޑަރަކު ބޭނުންވާކަމަށް ބުނެފައެވެ.

އެ ޓީމުގެ މީޑްފީލްޑަރުންގެ ތެރެއިން ތިއާގޯ އަލަކަންޓާރާއާއި ކާޓިން ޖޯންސްއާއި އަލެކްސް އޮކްސްލޭޑް ޗެމްބަލެއިގެ އިތުރުން ނަބީ ކެއިޓާއަށް އަނިޔާގެ ސަބަބުން ކުޅުމުގައި ބައިވެރިނުވެވެއެވެ.

މެނުއަލް އަކަންޖީ----

ސިޓީގެ ޑިފެންސްލައިންގައި މުހިންމު ދައުރެއް އަދާކުރާ ލަޕޯޓު އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރުމުގެ ސަބަބުން އެ ޓީމުން ވަނީ ބޮރޫޝިއާ ޑޯޓްމަންޑްގެ ޑިފެންޑަރު އަކަންޖީގެ ސޮއި ހޯދައިފައެވެ.

އޭނާ ސީޓީއަށް ގެންދިޔައީ 15 މިލިއަން ޕައުންޑުގެ އަގަކަށެވެ. އޭނާ ސިޓީގައި 2027ގެ ނިޔަލަށް މަޑުކުރާނެއެވެ.

އުމުރުން 27 އަހަރުގެ އަކަންޖީ ވަނީ ޑޯޓުމަންޑަށް 158 މެޗު ކުޅެދީ އެ ޓީމަށް ހަތަރު ގޯލު ޖަހައިދީފައެވެ.

comment ކޮމެންޓް