ދެ ރަށެއްގެ ޔޫތު ސެންޓަރު އަޅަން ބަޔަކާ ހަވާލުކޮށްފި

ފ. މަގޫދޫގައި ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ގާއިމްކުރުމަށް ހަވާލުކޮށްފައިވަނީ ޓީއޭ ކޮންސްޓްރަކްޝަންއާއެކު ސޮއި ކުރަނީ--- ފޮޓޯ/ ޔޫތު މިނިސްޓްރީ

ދެ ރަށެއްގެ ޔޫތު ސެންޓަރު އަަޅަން ބަޔަކާ ހަވާލުކޮށްފިއެވެ.

މިއަދު ސޮއި ކޮށްފައިވަނީ ރ. އިނގުރައިދޫ، ދ. ބަނޑިދޫގެ ޔޫތު ސެންޓަރު އެޅުމަށެވެ. އަދި ފ. މަގޫދޫގައި ފުޓުބޯޅަ ދަނޑެއްގެ ސަބްވޭ އެޅުމަށާއި ޓާފު އެޅުމަށް ވެސް ވަނީ ބަޔަކާ ހަވާލުކޮށްފައެވެ.

ރ. އިނގުރައިދޫގައި ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރެއް ގާއިމްކުރުމަށް ހަވާލުކޮށްފައި ވަނީ އަލް އަމީން އިންވެސްޓްމަންޓާއެވެ. އެ މަޝްރޫއުގެ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 4.8 މިލިއަން ރުފިޔާކަމަށްވާއިރު އެ މަސައްކަތް 120 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

މީގެއިތުރުން ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރެއް ދ. ބަނޑިދޫގައި ގާއިމްކުރުމަށް މެކްސްޓާ މޯލްޑިވްސްއާ ވަނީ ހަވާލުކޮށްފައެވެ. 120 ދުވަހުގެ ތެރޭގައި ނިންމުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވާ މަސައްކަތުގެ އަގަކީ 4.6 މިލިއަން ރުފިޔާއެވެ.

ފ. މަގޫދޫގައި ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ގާއިމްކުރުމަށް ހަވާލުކޮށްފައިވަނީ ޓީއޭ ކޮންސްޓްރަކްޝަނާއެވެ. އެ މަޝްރޫއަށް ސަރުކާރުން 2.2 މިލިއަން ރުފިޔާ ހަރަދުކުރާއިރު އެ މަސައްކަތަކީ 70 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ މަސައްކަތެކެވެ.

އެ ރަށުގެ ފުޓުބޯޅަ ދަނޑަށް ބޭނުންވާ ޓާފް ސަޕްލައިކޮށް ޓާފު އަޅުމަށް ކްލައިން މޯލްޑިވްސްއާ ހަވާލުކޮށްފައިވަނީ 4.8 މިލިއަން ރުފިޔާގެ އަގަކަށެވެ. އެ މަސައްކަތް ނިންމަން ޖެހެނީ 70 ދުވަހުގެ ތެރޭގައެވެ.

comment ކޮމެންޓް