ގެއްލުނު އަންހެންމީހާ ފެނިއްޖެ، އައިސީޔޫގައި ފަރުވާދެނީ

ހައްވަހަންތަ --

ގދ. ތިނަދޫން ގެއްލިގެން ހޯދި އެރަށު ކަސްޓަޑުގެއާގޭ ހައްވާފާނު (ހައްވަހަންތަ) ފެނިއްޖެއެވެ. އޭނާ އަށް މިވަގުތު ދަނީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންނެވެ.

"ސަން"އާ ވާހަކަ ދައްކަވަމުން ތިނަދޫ ކައުންސިލް މެމްބަރު އާމިނަތު ނަސީމާ ވިދާޅުވީ، ހައްވަހަންތަ ފެނުނީ ފަޅު ގޯއްޗެއްގެ ތެރެއަށް ވެއްޓިފައި އޮއްވައިކަމަށެވެ. އަދި ނިއްކުރިމަތީގައި ކޮންމެވެސް ވަރެއްގެ ޒަޚަމްތަކެއް ހުރިކަމަށް ނަސީމާ ވިދާޅުވިއެވެ.

"ލަފާކުރެވެނީ ވެއްޓުނު ގަޑީގައި ލިބިފަ ހުރި އަނިޔާތަކެއްކަމަށް،" އޭނާ ވިދާޅުވިއެވެ.

ހައްވަހަންތަ ފެނުނީ އޭނާ ހޯދުމުގެ މަސައްކަތުގައި އުޅުން، އާއިލީގޮތުން ވެސް އޭނާއާ ގާތް ބަޔަކަށް ކަމަށް ނަސީމާ ވިދާޅުވިއެވެ.

ހައްވަހަންތަ ގެއްލިގެން ހޯދުމުގެ މަސައްކަތް ފެށީ ހަވީރު ބޭރަށް ނުކުތުމަށްފަހު މަޣްރިބް ނަމާދު ވަގުތަށް ގެއަށް ނައުމުންނެވެ.

"އަބަދު ވެސް ހިނގާ ހަދާނެ އެކަނިވެސް. އެހެންނޫނީ މަޣްރިބް ނަމާދަށް ގެއަށް އަންނަ ގަޑިއަށް ނައީމަ މިއަދު ހޯދަން ފެށީ،" ނަސީމާ ވިދާޅުވިއެވެ.

comment ކޮމެންޓް