ރިލްވާނާއި ޔާމީންގެ މަރު: އިސޫ, އަހަނދު އަދި މުއާގެ އަޑުއެހުންތައް ސިއްރު ކުރަން އެދިއްޖެ

އަޙްމަދު އިސްމާއީލް، އަޙްމަދު މުއާޒް އަދި އިސްމާއީލް އަބްދުއްރަހީމް އާދަމް: ތިން މީހުންގެ ޝަރީއަތް މިއަދު ވަނީ ފަށާފައި ---

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ގެއްލުވާލުމާއި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލުމުގައި ބައިވެރިވެ އެހީތެރިވެދީފައިވާ ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ތިން މީހުންގެ އަޑުއެހުންތައް ސިއްރުން ކުރިއަށް ގެންދިއުމަށް ދައުލަތުން އެދިއްޖެއެވެ.

އެ ދެ މައްސަލާގައި ދައުވާ އުފުލާފައި ވަނީ މ. ލެގޫންވިއު، އިސްމާއީލް އަބްދުއްރަހީމް އާދަމް (އިސޫ) އާއި މއ. ފާގަފިލާގެ، އަހްމަދު އިސްމާއީލް (ބުރު އަހަނދު)ގެ އިތުރުން މާލޭ ދަފްތަރު، އަހްމަދު މުއާޒް (ގަޓު މުއާ)ގެ މައްޗަށް ކަމަށެވެ.

ޔާމީނާއި ރިލްވާން މަރާލިކަމުގެ ތުހުމަތުގައި ދައުލަތުން އިސޫއަށް ކޮށްފައިވަނީ ދެ ދައުވާއެކެވެ. އެއީ ޓެރަރިޒަމްގެ އަމަލެއްކުރުމަށް އެހީތެރިވެދިނުމުގެ ދެ ދައުވާއެވެ.

އަހަނދުއަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރަން އެހީތެރިވެދީފައިވާ ކަމުގެ ދައުވާއެވެ.

ރިލްވާނާއި ޔާމީންގެ މަރުގެ މައްސަލާގައި މުއާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލައިގައި މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި ދައުލަތާއި ދިފާއީ ބައެއް ވަކީލުން ވަނީ އަޑުއެހުންތައް ސިއްރުން ކުރިއަށް ގެންދިއުމަށް އެދިފައެވެ.

އެގޮތުން އަޑުއެހުންތައް ސިއްރު ކުރުމަށް އިސޫގެ ދިފާއީ ވަކީލް އެދުނެވެ. އަދި ދެން އޮންނަ އަޑުއެހުމަކުން ފެށިގެން ސިއްރު ކޮށްގެން ކުރިއަށް ގެންދިއުމަށް ދައުލަތުގެ ވަކީލުން ވެސް ވަނީ އެދިފައެވެ.

ސަބަބެއް ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވީ, ޝަރީއަތުން ހާމަވާ މައުލޫމާތުތަކުގެ ސަބަބުން ދައުވާ ލިބޭ މީހުނަށް ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އޮތުމެވެ.

މިއަދުގެ އަޑުއެހުމުގައި ދައުވާއާ ގުޅޭ މާގިނަ މައުލޫމާތުތަކެއް ހާމަކުރަން ނެތުމުން އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ އާންމުކޮށް ހުޅުވާލައިގެންނެވެ. އަދި ދެން އޮންނަ އަޑުއެހުމެއްގެ ކުރިން ސިއްރު ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހު ވަނީ ވިދާޅުވެފައެވެ.

ރިލްވާން ރަހީނުކުރި ކަމުގެ ތުހުމަތުގައި މީގެކުރިން ދައުވާ އުފުލި ހ. ހިލްޓަން، އަޙްމަދު އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އެ މައްސަލާގައި ސ. ހުޅުދޫ، އަތިރީއާގޭ، މުހައްމަދު ސުއައިދުގެ މައްޗަށް ވެސް ދައުވާ އުފުލިއެވެ. ނަމަވެސް އޭނާ ވަނީ ސީރިއާ ހަނގުރާމައިގައި މަރުވެވެފައި ކަމަށް މަރު ކޮމިޝަނުން ވަނީ ކުރިން ބުނެފައެވެ.

ޔާމީން މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލި މ. އިރާސްމިކްގޭ އަހްމަދު ޒިހާން އިސްމާއީލާއި ހ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުވެ، އުމުރަށް ޖަލަށްލުމަށާއި މަރުގެ ދިޔައިގެ ގޮތުގައި ގޮތުގައި 1.3 މިލިއަން ރުފިޔާ ދިނުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

comment ކޮމެންޓް