ޖަރުމަނު ސަފީރު ޝާން އިތުރު ހަ ގައުމެއްގެ ސަފީރުކަމަށް އައްޔަންކުރަން ރުހުންދީފި

ރާއްޖެއިން ޖަރުމަނަށް ކަނޑައަޅުއްވާފައިވާ ސަފީރު އާއިޝަތު ޝާން ޝާކިރު --- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެއިން ޖަރުމަނަށް ކަނޑައަޅުއްވާފައިވާ ސަފީރު އައިޝަތު ޝާން ޝާކިރު، އިތުރު ހަ ގައުމުގެއްގެ ނޮން ރެޒިޑެންޓް ސަފީރަކަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ފިންލެންޑް، ސްވިޑަން، ނޯވޭ، ޑެންމާކް، ޔުކްރޭން އަދި ރަޝިއާގެ ސަފީރަކަށް ޝާން އައްޔަން ކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ފޮނުއްވާފައިވާ މައްސަލަ ދިރާސާ ކޮށްފައިވަނީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީންނެވެ.

އެ މައްސަލަ ދިރާސާ ކުރުމަށްފަހު ޝާން އެ މަގާމަށް އައްޔަނު ކުރުމަށް ފެންނަ ކަމަށް ކޮމިޓީން ވަނީ ނިންމާފައެވެ. ކޮމިޓީގެ އެ ރިޕޯޓު ފާސްކޮށް، ޝާންއަށް ރުހުން ދިނުމަށް ފެންނަ ކަމަށް މަޖިލީހުން ފާސްކޮށްފައިވަނީ މިއަދު އެކަމަށްޓަކައި ނެގި ވޯޓުގައި ބައިވެރިވެވަޑައިންނެވި 49 މެންބަރުންގެ އިއްތިފާގުންނެވެ.

ޝާންއަށް ރުހުން ދިނުމުގެ އިތުރުން މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ ދެ ބިލު ކަމާ ގުޅޭ ކޮމިޓީއަށް ފޮނުވާފައެވެ. އެގޮތުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ވަނީ ލާމަރުކަޒީ ކޮމިޓީއަށް ފޮނުވާފައެވެ.

އެ ބިލު ކޮމިޓީއަށް ފޮނުވާފައިވަނީ އެކަމަށްޓަކައި ނެގި ވޯޓުގައި ބައިވެރިވެވަޑައިންނެވި 51 މެންބަރުންގެ އިއްތިފާގުންނެވެ. އެ ބިލަކީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަން ބާއްވާނެ ގޮތް ބަޔާންކުރުމަށްޓަކައި ހުށަހަޅާފައިވާ ބިލެއް ކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ. އަދި އެ ބިލަކީ އެ ކޮމިޓީތަކުގެ މަގްސަދާއި ޒިންމާތައް އިތުރަށް ސާފު ކޮށްދިނުމަށް ހުށަހަޅާ ބިލެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރޮޒައިނާ ހުށަހެޅުއްވި ބިލުގެ އިތުރުން ހުއްދަ ނޫން ކެމިކަލް ހަތިޔާރު ގެންގުޅޭ ނަމަ ބޮޑު އަދަބެއް ދޭގޮތަށް 'ކެމިކަލް ހަތިޔާރު މަނާ ކުރުމުގެ ގާނޫނު' ހަދަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ވެސް މިއަދުގެ މަޖިލީހުގައި ވަނީ ކަމާ ގުޅޭ ކޮމިޓީއަށް ފޮނުވާފައެވެ.

ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު ހުށަހަޅުއްވާފައިވާ އެ ބިލު ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފައިވަނީ އެކަމަށްޓަކައި ނެގި ވޯޓުގައި ބައިވެރިވެވަޑައިންނެވި 50 މެންބަރުންގެ އިއްތިފާގުންނެވެ.

އެ ބިލުގައި ވަނީ، މަނާ ކުރާ ކެމިކަލް ހަތިޔާރެއް ލައިސަންސަކާ ނުލާ ލިބިގަތުމާއި، ގެންގުޅުމާއި ބެހެއްޓުން އަދި އުފެއްދުމުން އަދަބުގެ ކުޑަ ބޮޑު މިނަށް ބަލައި އެމީހަކު ޖޫރިމަނާ ކުރުން ނުވަތަ ޖަލަށް ލުމުގެ ބާރު ތަންފީޒީ އިދާރާތަކަށް ލިބިގެންވާ ކަމަށެވެ.

ބިލުގައިވާ ގޮތުން އެފަދަ ކުށެއް ކުރާ މީހަކު ޖޫރިމަނާ ކުރާނީ ފަސް ލައްކަ ރުފިޔާއިން ފެށިގެން އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުންނެވެ. އަދި އެމީހަކު ފަސް އަހަރު ދުވަހާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމުގެ ބާރު ވެސް އެ ބިލުގައި ދީފައިވެއެވެ.

އެ ދެ ބިލުގެ އިތުރުން ފ. ނިލަންދޫގައި ގާއިމުކޮށްފައިވާ ނަރުދަމާގެ ނިޒާމް ހަލާކުވެ، އެ މައްސަލަ ހައްލުނުވެ ގިނަ ދުވަސްތަކެއްވެފައިވާތީ މައްސަލަ ވީ އެންމެ އަވަހަކަށް ހައްލު ކޮށްދިނުމަށް އެދި ސަރުކާރަށް ގޮވާލާ ގަރާރުވެސް ވަނީ ކަމާގުޅޭ ކޮމިޓީއަށް ފޮނުވާފައެވެ.

ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުސިން ޙަމީދް ހުށަހެޅުއްވި އެ ގަރާރު އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް ފޮނުވާފައިވަނީ އެކަމަށްޓަކައި ނެގި ވޯޓުގައި ބައިވެރިވެވަޑައިންނެވި 50 މެންބަރުންގެ އިއްތިފާގުންނެވެ.

މުޙުސިން ވިދާޅުވީ އެ މައްސަލަ ހައްލުކޮށްދެއްވުމަށް އެދި ސަރުކާރުގެ އެކި ފެންވަރުގެ ވެރިންގެ ސަމާލުކަމަށް އެކަން ގެނެސްފައިވާ ކަމަށެވެ. އަދި ކަމާގުޅޭ ވުޒާރާތަކުގައި އެތައް ފަހަރެއްގެ މަތިން ދަންނަވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެ މައްސަލައަށް މިހާތަނަށް ވެސް ހައްލެއް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މައްސަލައިގެ ސަބަބުން ކުރިމަތިވެދާނެ ސިއްހީ ނުރައްކަލުގެ ހާލަތުން ވީހާވެސް އަވަހަކަށް މިންޖުކޮށް ނިލަންދޫ ރައްޔިތުންނަށް ފުރިހަމަ ގޮތުގައި ނަރުދަމާގެ ޚިދުމަތް ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ރާއްޖޭގައި ދީނީ ތައުލީމު ދިނުމާއި ދީނީ ނަސޭހަތް ދިނުމުގެ ކަންކަން ހިނގަނީ އިސްލާމީ ދުނިޔޭގެ ބޮޑެތި ގިނަ އިލްމުވެރިން އިއްތިފާގުވާ 'މެދުމިނުގެ' އިންތަކުގެ ތެރޭގައިކަން ކަށަވަރު ކުރުމުގެ މަސައްކަތް އިތުރަށް ބާރަށް ހިންގުމަށް ގޮވާލައި ހުށަހެޅި މައްސަލަވެސް ވަނީ ކަމާ ގުޅޭ ކޮމިޓީއަށް ފޮނުވާފައެވެ.

އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ހުށަހެޅުއްވި މައްސަލަ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފައިވަނީ އެކަމަށްޓަކައި ނެގި ވޯޓުގައި ބައިވެރިވެވަޑައިންނެވި 48 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ މައްސަލަ ބަލައިގަތުމަށް ނުފެންނަ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވިއެވެ.

އެ މައްސަލަ ހުށަހަޅުއްވަމުން ވައްޑޭ ވިދާޅުވީ އިސްލާމް ދީނުގެ ނަމުގައި އަނިޔާވެރި އަމަލުތައް ހިންގާ އެތައް ބަޔަކު ރާއްޖޭގައި އުޅޭ ކަމަށެވެ. އެގޮތުން ހަރުކަށި ފިކުރަށް ތަބާވެ އެ ފިކުރުގެ ދިފާއުގައި މީހުން މަރަން ފަސްނުޖެހޭ 1400އަށްވުރެ ގިނަ މީހުން ރާއްޖޭގައި އެބަތިބި ކަމަށް ޕޮލިސް ކޮމިޝަނަރު ވިދާޅުވެފައިވާކަން ވައްޑޭ ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް