ރާއްޖޭގައި އޭލެވެލް ހަދާ ދަރިވަރުންނަށް ދޭ އެޑެކްސެލް އިމްތިހާނު، ކެމްބްރިޖް އިމްތިހާނަށް ބަދަލުކުރުމުން ދަރިވަރުންނަށް ފަސޭހަ ވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވަނީ އޭލެވެލް ކެމްބްރިޖަށް ބަދަލުކުރުމުން ދަރިވަރުންނަށް ލިބޭނީ ގެއްލުންތޯ ނުވަތަ ފައިދާތޯ މިނިސްޓަރާ ސުވާލު ކުރައްވާފައެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލު ވުމަށްފަހު 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކަރިކިއުލަމް ރިވިއު ސިމްޕޯޒިއަމްއެއް ބޭއްވި ކަމަށެވެ.
އެއީ މިހާރު ކަރިކިއުލަމްގައި ދިމާވާ ދަތިތަކާއި އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރަންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެއީ ދާއިރާގެ ކަމާގުޅޭ ހުރިހާ ސްޓޭކްހޯލްޑަރުން އެއްވެގެން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
"މި ބައްދަލުވުމުން އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ މިހާރު ކެމްބްރިޖް އޯލެވެލް ހަދާފަ އެޑެކްސެލް އޭލެވެލް ހަދާތީ އެ ޓްރާންސިޝަން ދަރިވަރުންނަށް ވަރަށް އުނދަގޫވާ ކަމަށް، އަދި އެ ކަމުގެ ސަބަބުން ވަރަށް ގިނަ ދަރިވަރުން އޭ ލެވެލް ފަށާފައި އޭލެވެލް ޑްރޮޕް ކުރާ ކަމަށް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެއް އެގްޒާމް ބޯޑެއްގައި އޭލެވެލް އަދި އޯލެވެލް ހަދާނަމަ ދަރިވަރުންނަށް ވަރަށް ފަސޭހަވާނެ ކަމަށެވެ. އެގޮތުން ސުވާލުތައް ބައްޓަންކޮށްފައިވާ ގޮތާއި އިމްތިހާނު ކަރުދާހުގެ ބައްޓަން އެއް ގޮތަކަށް ހުރުމުން ދަރިވަރުންނަށް ފަސޭހަ ވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އޭލެވެލް ކެމްބްރިޖަށް ބަދަލު ކުރުމަށް ނިންމީ އެކަމާމެދު ވަރަށް ބޮޑަށް މަޝްވަރާކޮށް އަދި އޭލެވެލް ކިޔަވައިދޭ ހުރިހާ ސްކޫލެއްގެ ޕްރިންސިޕަލުންނާއި ޓީޗަރުންނާ ބައްދަލު ކުރުމަށް ފަހު އެބޭފުޅުންގެ ލަފާގެ މަތިން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެޑެކްސެލް އަދި ކެމްބްރިޖް އިމްތިހާނަކީ އެއް ލެވެލްއެއްގެ ދެ އިމްތިހާނު ކަމަށެވެ.
"އިންޓަނޭޝަނަލީ ފޯކަސްޑް އެގްޒާމެއް ދިވެހިރާއްޖޭގެ ކުދިން ހަދަންޏާ އެ ކުދިންނަށް މާބޮޑަށް ކޮންޓެކްސްޗުއަލީ ރިލެވެންޓް ވާނެ ސުވާލުތަކާއި އެކަހަލަ ކަންތައްތައް، އެހެންކަމުން ދަރިވަރުންނަށް ފަސޭހަތަކެއް ވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ކެމްބްރިޖަށް ވުރެ، އެޑެކްސެލްއާ މުއާމަލާތް ކުރަން ވެސް ދަތި ކަމަށެވެ. އެގޮތުން އެޑެކްސެލްއާ ސީދާ މުއާމަލާތް ކުރުމުގެ ފުރުސަތު ނޯންނަ ކަމަށާއި މުއާމަލާތް ކުރަން ޖެހެނީ ލަންކާގައި ހުންނަ އޮފީހެއް މެދުވެރިކޮށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ވުމާއެކު އެ ހުރިހާ ކަމަކަށް ރިއާޔަތް ކުރުމަށްފަހު އެޑެކްސެލް އިމްތިހާނު، ކެމްބްރިޖް އިމްތިހާނަށް ބަދަލުކުރަން ނިންމީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެ ނިންމުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ގުރޭޑު 12ގެ ދަރިވަރުންނަށް ކެމްބްރިޖް ސިލަބަހަށް ކިޔަވައިދޭން ފަށާނީ 2024-2025 ވަނަ އަހަރު ކަމަށާއި ކޭމްބްރިޖް އިންޓަނޭޝަނަލް އޭލެވެލް އިމްތިހާނު ބާއްވާން ހަމަޖެހިފައި ވަނީ 2025ގައި ކަމަށެވެ.