"އޭނަ އަތުވެއްޖެ..." މިޝްޔާގެ އަނގައިން ފުރަތަމަވެސް ނުކުތީ އެ ބަސްތަކެވެ. އެއާއެކު އެއީ މިޝްޔާގެ ދެލޯވެސް ފެންކަޅިވެގެން ދިޔައެވެ. ނާޒިލްގެ ކުރިމަތީގައި އިން މިޝްޔާއަށް އެ އައި ކުއްލި ބަދަލު މާނަކުރަން ނާޒިލްއަށް ނޭނގުނު ނަމަވެސް، ބޮޑުކަމެއް ވެއްޖެ ކަމުގައި އޭނާއަށް ޔަޤީން ކުރެވުނެވެ.

މިޝްޔާ ހުއްޓުވާކަށް ނާޒިލް މަސައްކަތެއް ނުކުރެއެވެ. މަޑުމަޑު ގިސްލުމެއްގެ އަޑު އެ ކޮޓަރި ތެރެއަށް ފެތުރިގެން ދާކަށް މާގިނަ އިރެއް ނުނެގިއެވެ. ދެލޯ ފުހެލުމަށްފަހު މިޝްޔާ ނާޒިލްއާ ހަތަރުކަޅި ހަމަކޮށްލިއެވެ. އެ ދެލޮލަށް ބަލައިލުމާއެކު ނާޒިލްއަށް ވެސް ސިހުމެއް ލިބިގެން ދިޔައެވެ. އެއީ މީގެ ކުރިން އެއްވެސް އިރެއްގައި މިޝްޔާގެ ދެލޮލުން އޭނާއަށް ފެނުނު އަސަރުތަކެއް ނޫނެވެ.

"ކީއްވެތަ މިހެން މިވީ؟ އޭނަ އަނެއްކާވެސް އަހަރެމެންގެ ދިރިއުޅުމަށް އައީތަ؟ އަނެއްކާވެސް..." އެއިން ގޮތަށް އިނދެ މިޝްޔާ ވާހަކަ ދެއްކިއެވެ. މިޝްޔާ ރޮމުން ވާހަކަ ދައްކަމުން ދިޔަ ގޮތުން ނާޒިލް ކަންބޮޑުވިއެވެ. އެ އަންހެން ކުއްޖާގެ ޙަޔާތުގައި ހިނގާފައިވަނީ ކޮންފަދަ ކަންތައްތަކެއް ހެއްޔެވެ؟

"އަހަރެން މި ހުރި ޙާލަތަށް ވެއްޓުމުގެ ޒިންމާ ނަގަން ޖެހޭނެ މީހަކީ އެއީ... އަހަރެން..." މިޝްޔާ ވަކި ހިސާބަކަށް ބުނެފައި ހުއްޓައިލިއެވެ.

"މިޝްޔާ... މިޝްޔާއަށް އުނދަގޫވާ ހުރިހާކަމެއްވެސް މިތަނުގައި ޝެއަރ ކުރެވޭނެ. އެއްވެސް މީހަކު މިޝްޔާ ޖަޖް އެއް ނުކުރާނެ! އަދި މިޝްޔާ ދައްކާ އެއްވެސް ވާހަކައެއް އިތުރު މީހަކަށް ނުވެސް އެނގޭނެ. އަހަރެން ފެށިއިރުވެސް ބުނީމެއްނު މި ހުރިހާ ވާހަކަތަކެއް ކޮންފިޑެންޝަލް ވާނެޔޭ..." ނާޒިލް ބުނެލިއެވެ. އޭނާ ޔަޤީންކަން ދޭން ބޭނުންވީ މިޝްޔާއަށް އެއްވެސް ހުރަހެއް، އެއްވެސް ކަހަލަ ބިރެއްނެތި ހުރިހާ ވާހަކައެއް ކިޔައިދެވޭނެކަމެވެ. ނާޒިލްގެ މޫނުމަތިން މިޝްޔާއަށް ތެދުވެރިކަން ފެންނަމުން ދިޔައެވެ. މާކިންގެ އިތުރުން ނާޒިލްއަށް އޭނާއަށް އިތުބާރުކުރެވިދާނެހެއްޔެވެ؟ އެހިތުގެ ޙާލު ނާޒިލްފަދަ ނުވެސް ދަންނަ މީހަކަށް ކިޔައިދޭނެހާ ހިތްވަރު އޭނާގެ ގައިގައި ހުންނާނެ ހެއްޔެވެ؟ އޭނާ ނާޒިލް ކައިރިއަށް އަންނަން އެއްބަސްވީ ވެސް މާކިން ބުނުމުންނެވެ. އޭނާ އަމިއްލަ ނަފްސަށް ވުރެވެސް ބޮޑަށް މާކިންއަށް އިތުބާރުކުރާތީއެވެ. މިޝްޔާގެ ހިތަށް ތަފާތު އެއްޗެހި އަރާ ފައިބަމުން ދިޔައެވެ.

"މިޝްޔާ ހުރިހާއެއްޗެއް މިގަޑީގައި ކިޔައިދިނުން މަޖުބޫރެއް ނޫނޭ... މިޝްޔާއަށް ފެނުނީމަ ކިޔައިދޭނީ..." ނާޒިލް އަނެއްކާވެސް ބުނެލިއެވެ. މިޝްޔާ މަޑުމަޑުން ބޯޖަހައިލިއެވެ. އޭނާ ކަރުނަތައް ފުހެލުމާއެކު ނޭފަތް އެތެރެއަށް ދަމައިލިއެވެ.

"އަހަރެން ޑްރަގް ޔޫސް ކުރަން ފެށީ އެކަމުން އަހަންނަށް ކުޑަވަގުތުކޮޅަކަށް ނަމަވެސް ހިތްހަމަޖެހުން ލިބޭތީ... އެ ހަނދާންތަކާ ދުރުވެވޭތީ... ހަޤީގަތާ ކުރިމަތިލުމުގެ ހިތްވަރު އަހަރެންގެ ގައިގައި ނެތީތީ." މިޝްޔާ އިސްޖަހައިލުމަށްފަހު ބުނެލިއެވެ. ނާޒިލް މިޝްޔާގެ ވާހަކަތައް އަޑު އަހަން އިންއިރު އޭނާ ދިޔައީ މިޝްޔާގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތައް ދިރާސާ ކުރަމުންނެވެ. އޭނާ މިޝްޔާއަށް އަންނަމުން ދިޔަ ބަދަލުތައް ގާތުން ބަލަމުން ދިޔައެވެ.

"އަހަންނަށް ހީވަނީ އޭނަ އަނެއްކާވެސް އަހަރެމެންގެ ދިރިއުޅުމަށް އައީއޭ.. އަނެއްކާވެސް މާޒީ ތަކުރާރުވާނެޔޭ... އަހަރެން ދެން ބޭނުމެއް ނޫން ދުވަހަކުވެސް އެ ހަނދާންތައް އާކުރާކަށް. އެކަމަކު އަނެއްކާވެސް އެ ހަނދާންތައް އާވަނީ."

"މިޝްޔާއަށް އެ ހަނދާންތައް ވީމަ ކޮން އުނދަގޫތަކެއްތަ ވަނީ؟" މިޝްޔާ ވާހަކަ ދައްކާ ނިމުމާއެކު ނާޒިލް ސުވާލުކޮށްލިއެވެ.

"ނޭނގެ. ވާ އުނދަގުލެއް ވެސް ނޭނގެ..." މިޝްޔާ ނާޒިލްގެ ސުވާލަށް ޖަވާބު ދިނެވެ.

"ރަނގަޅަށް ވިސްނާލާފަ ޖަވާބު ދީބަލަ! މިޝްޔާއަށް އެ ހަނދާންތައް އަންނަ ގަޑީގައި ވާ އުނދަގޫތައް... މިސާލަކަށް ނޭވާލާން އުނދަގޫވޭތަ؟ ނޫނީ އެހެން ވެސް އުނދަގުލެއް." ނާޒިލް މިޝްޔާއަށް ވާ އުނދަގޫތައް އިތުރަށް އެނގެން ބޭނުންވިއެވެ.

"ބިރުގަންނަނީ. ނިދަންވެސް އުނދަގޫވާ ރޭތައް ދޭ. އެފަދަ ވަގުތުތަކުގައި މަސްތުވާ އެއްޗެއް ބޭނުން ކުރެވުނީިމަ އަހަންނަށް ފަސޭހަވޭ. އެހެންވެ އެ ބޭނުން ކުރެވެނީ. މިހާރު ބޭނުން ހުއްޓައިލަން ވެސް... ނިދާފަ އޮއްވާ ސިއްސައިގެން ގޮސް ހޭލެވުމާއި، ނޭވާ ނުލެވުމާއި... އަހަންނަކަށް ނޭނގެ. ބިރުން ގޮސް މުޅި މީހާ ތުރު ތުރު ވެސް އަޅާ..." މިޝްޔާ ކިޔައިދިނެވެ.

"މިޝްޔާއަށް އެނގޭތަ މިޝްޔާއަށް ކުރެވިދާނެ ކަމެއް އުނދަގޫވާ ގަޑީގައި؟" ނާޒިލް ސުވާލުކޮށްލިއެވެ.

"ނޫން..." ދެފަރާތަށް ބޯ ހޫރައިލަމުން މިޝްޔާ ބުނެލިއެވެ. ނާޒިލް މިޝްޔާއަށް ކަންތައް ކުރަންވީ ގޮތުގެ އިރުޝާދު ކޮންމެވެސް ވަރަަކަށް ދިނެވެ.

"އެނގޭކަށް ބޭނުމެއް ނުވޭތަ އަހަރެން ސިއްރުކުރަނީ ކޮން ކަމެއްކަމެއް؟" މިޝްޔާ ކުއްލިއަކަށް ނާޒިލްއަށް ބަލައިލަމުން ސުވާލުކޮށްލިއެވެ. އެއާއެކު ނާޒިލްއަށް ކުޑަ ހައިރާންކަމެއް ލިބުނެވެ. އެހެންނަމަވެސް، އޭނާ އަވަހަށް އެ އަސަރުތައް ފޮރުވައިލަމުން ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިކޮށްލިއެވެ.

"މިޝްޔާ ބޭނުންތަ މިގަޑީގައި އަހަންނަށް އެ ވާހަކަތައް ކިޔައިދޭން؟" ނާޒިލް ސުވާލުކޮށްލިއެވެ.

"އަހަރެން ބޭނުން ކޮންމެވެސް މީހަކަށް މި ވާހަކަތައް ކިޔައިދޭން. އެކަމަކު އަދި އެހާ ހިތްވަރެއް އަހަރެންގެ ނެތް..." މިޝްޔާ ބުނެލިއެވެ. އެއަޑަށް ވެރިވެގެން ދިޔަ މާޔޫސްކަންވެސް ނާޒިލްއަށް ސިއްރެއް ނުވިއެވެ. އޭނާ މިޝްޔާއަށް ހިތްވަރު ދޭވޭތޯ މަސައްކަތް ކުރިއެވެ. މިޝްޔާއަށް މީހެއްގެ އެހީތެރިކަން ބޭނުންވެފައިވާވަރު މިޝްޔާގެ ވާހަކަތަކުން އޭނާއަށް އިޙްސާސް ކުރެވުނެވެ.

ސެޝަން ނިންމައިލުމަށްފަހު ނާޒިލް އޭނާގެ ފޯނަށް ބަލައިލިއިރު މާކިންގެ މެސެޖެއް އޭނާއަށް ލިބިފައިވެއެވެ. މާކިން ރައްޓެއްސަކާ ދިމާވެގެން ކެންޓީނަށް ދިޔަ ކަމަށާއި ނިމުމުން މިޝްޔާއަށް އެކަންތައް އަންގައިލަދިނުމަށް އެދިފައިވެއެވެ. މިޝްޔާ ރޫމުން ނުކުންނަން ހިނގައިގަތުމުން ނާޒިލް މިޝްޔާއަށް ގޮވައިލިއެވެ.

"މިޝްޔާ!" މިޝްޔާ އެނބުރިލިއެވެ. އެއަށްފަހު އޭނާ ހައިރާންކަމާއެކު ނާޒިލްއަށް ބަލަހައްޓައިގެން ހުއްޓެވެ.

"މާކް... މިބުނީ މިޝްޔާ ދޮންބެ ކެންޓީނުގައި ވީ..." ނާޒިލް ބުނެލިއެވެ.

"އޯކޭ..." މިޝްޔާ ބުނެލިއެވެ. އޭނާ ނުކުންނަން އުޅުމުން އަނެއްކާވެސް ނާޒިލް ގޮވައިލިއެވެ. ތަޅުގައި ހިފައިލުމަށްފަހު އަނެއްކާވެސް މިޝްޔާ ފަހަތަށް އެނބުރުނެވެ. އޭނާ ބުމަ އަރުވައިލުމާއެކު ނާޒިލް ބޯ ކަހައިލުމަށްފަހު ހިނިތުންވެލިއެވެ.

"އަހަރެންވެސް ދާނަން މިޝްޔާއާ އެކީގައި..." ނާޒިލް ބުނެލިއެވެ. ނާޒިލްއާ މިޝްޔާއާ ދެމީހުން ސައިކޭޓްރީ ޑިޕާރޓްމެންޓުން ނުކުމެގެން ލިފްޓާ ދިމާލަށް މިސްރާބުޖެހިއެވެ. އެ ދެމެދުގައި އެއްވެސް ވާހަކައެއް ނުދެެކެވެއެވެ. ނާޒިލްއަށް އިރުއިރުކޮޅަކާ މިޝްޔާއަށް ބަލައިލެވެއެވެ. މިޝްޔާވެސް ބައެއް ފަހަރު ނާޒިލްއަށް އަވަސް ނަޒަރެއް ދެއެވެ. ލިފްޓަށް އެރުމަށްފަހު ތިރިއަށް ދާން ބަޓަންއަށް ފިތައިލަން ދެމީހުންނަށް ވެސް އަތް ދިއްކޮށްލެވުނީ އެއްކޮށެވެ. އެކަކު އަނެކަކުގެ އަތުގައި ކުޑަކޮށް ބީހިލުމާއެކު ދެމީހުންނަށްވެސް އަތް ދަމައިގަނެވުނީ ބޭއިޚްތިޔާރުގައެވެ. ނާޒިލް މިޝްޔާއަށް ބަލައިލުމަށްފަހު ބަޓަންއަށް ފިތައިލިއެވެ. ޖެހިގެން އިން ފްލޯއަށް ލިފްޓް ހުއްޓުމާއެކު ލިފްޓަށް އެރި އަންހެން ކުއްޖާ ފެނުމާއެކު ނާޒިލްއަށް ފުންނޭވާއެއް ދޫކޮށްލެވުނެެވެ. އޭނާގެ މޫނުމަތިން ކުޑަ ހަރުކަށިކަމެއް ފެނިލިއެވެ. ރީމާއަށް ނާޒިލް ފެނުމާއެކު ހިނިތުންވެވުނެވެ. އެހެންނަމަވެސް ނާޒިލްއޭނާގެ މޫނުމަތިން އެއްވެސް އަސަރެއް ރީމާއަށް ނުދައްކާވޭތޯ މަސައްކަތް ކުރިއެވެ. ރީމާގެ ނަޒަރު ދެން ހުއްޓުނީ ނާޒިލްގެ ކައިރީގައި ހުރި އަންހެން ކުއްޖާއަށެވެ. ލިފްޓް ތިރިއަށް ދިޔައީ ފަހަރަކު ފްލޯއަށް ހުއްޓެމުންކަމުން މީހުން ތޮށްޖެހެމުން ދިޔައެވެ. މީހުން އަހަރެން ފެށުމުން ނާޒިލް މިޝްޔާގެ ކައިރިއަށް ޖެހިލުމާއެކު މިޝްޔާގެ ހިތުގެ ހިނގުން އަވަސްވެލިއެވެ. ނާޒިލް ޖަހާފައި ހުރި ލުއި ލުއި ސެންޓްގެ ވަސް އޭނާގެ ނޭފަތުގައި ޖެހުމާއެކު އޭނާއަށް ނޭފަތް އެތެރެއަށް ވެސް ދަމައިލެވުނެވެ.

އެ ހުރިހާއިރުވެސް ރީމާއަށް ބެލެނީ ނާޒިލްއަށެވެ. ނާޒިލްގެ ނަޒަރު ގިނަ ވަގުތު ހުއްޓިފައި ހުރީ އޭނާގެ ކައިރީގައި ހުރި އަންހެން ކުއްޖާއަށްކަން ވެސް ރީމާއަށް ދެނެގަނެވުމާއެކު އޭނާގެ ހިތަށް ކޮންމެވެސް ވަރެއްގެ އުނދަގުލެއް ވެގެން ދިޔަކަން ދޭހަވެގެން ދިޔައީ އޭނާގެ މޫނުމައްޗަށް އަރާފައިބަމުން ދިޔަ އަސަރުތަކުންނެވެ.

ލިފްޓް ތިރިއަށް ހުއްޓުމާއެކު މީހުންތައް ފައިބަން ފެށިއެވެ. ނާޒިލް ވެސް ރީމާއަށް ސަމާލުކަމެއް ނުދީ މިޝްޔާއާ އެކު ފޭބިއެވެ. އެއަށްފަހު އެ ދެމީހުން އެކުއެކީ ކެންޓީނާ ދިމާލަށް ހިނގައިގަތެވެ. އޭރުވެސް ރީމާއަށް ހުރެވުނީ އެ ދިމާލަށް ބަލަހައްޓައިގެންނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު