ޔޯގާ ހަމަނުޖެހުން: އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ލަފާދީފި

ޔޯގާ ދުވަހު ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުމުގައި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް، އެ ދުވަހުގެ ކަންތައްތައް ބެލުމަށް އެކުލަވާލެއްވި ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމެޓީން ލަފާދީފިއެވެ.

ސަބް ކޮމެޓީގެ ރިޕޯޓުގައި، އެ ދުވަހު ކަން ހިނގައިދިޔަ ގޮތް ދިރާސާކޮށް، އެ ކަންކަން ދެނެގަތުމަށް ކޮމެޓީން ކޮށްފައިވާ މަސައްކަތްތައް ހިމަނާފައިވެއެވެ. އެގޮތުން ކޮމެޓީން ކުރި ދިރާސާއާ ގުޅިގެން އެކުލަވާލި ރިޕޯޓުގައި، ފަސް ދާއިރާއަކުން 39 ރިކޮމެންޑޭޝަނެއް ހުށަހަޅާފައިވެއެވެ.

އެ ދާއިރާތަކުގެ ތެރޭގައި ސެކިއުރިޓީ ބެލެހެއްޓުމާއި ސެކިއުރިޓީ އޮޕަރޭޝަންތައް ހިންގުމުގައި ޢަމަލު ކުރާނެ ގޮތާއި، ދީނީ ގޮތުން ޚިލާފް އުފެދޭ ކަންކަމުގައި ޢަމަލުކުރާނެ ސިޔާސަތު އެކުލަވައިލުމާއި، އިވެންޓްތައް ރާވައި އިންތިޒާމުކުރުމާއި، އިހުމާލުވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުން ހިމެނެއެވެ. އަދި ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަންކަމަށް މަގުފަހި ކުރުވާ ކަންކަން ދެނެގަނެ، އެ ކަންކަން ހައްލުކުރުމަށް އަވަސް ފިޔަވަޅު އެޅުން ހިމެނެއެވެ.

މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމެޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ރިކޮމެންޑޭޝަންތަކާ ގުޅިގެން ކަމާބެހޭ އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އެޅުއްވުމަށް އެ އިދާރާތަކުގައި އެދުމަށް ވެސް ވަޒީރުންގެ މަޖިލީހުގެ ލަފައާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ނިންމެވިއެވެ.

comment ކޮމެންޓް