ރީތި ގެއަކާއެކު މަމްސްއިން އަނެއްކާ ވެސް އާއިލާއަކަށް އުފާވެރިކަން ގެނެސްދީފި

މަމްސް ޖަމިއްޔާއިން ފަރީޝާއަށް އިމާރާތް ކޮށްދިން ގެ --- ފޮޓޯ/ މަމްސް

ގދ. ތިނަދޫގައި ފަރީޝާ، ތިން ކުދިންނާއެކު އުޅެމުން ދިޔައީ ހިތްދަތި ދިރިއުޅުމެކެވެ. ގެދޮރާއި މާލީ ދަތިކަމާއި ފުރައްސާރައިގެ ސަބަބުންނެވެ. ނަމަވެސް އެ މަންމަގެ ދިރިއުޅުން މިހާރު މިވަނީ ބަދަލުވެފައެވެ. ތަނަވަސް ރީތި ގެއެއް ލިބި އުއްމީދު ވެސް ނުކުރާފަދަ އުފާވެރި ބަދަލުތަކެއް ދިރިއުޅުމަށް އަތުވެއްޖެއެވެ. މިކަމުގެ ފަހަތުގައި ވަނީ މަމްސް އެންޖީއޯއެވެ.

ތިން ކުދިންނާއެކު ނިކަމެތި ހާލުގައި ދިރިއުޅެމުން ދިޔަ އެކަނިވެރި މަޔަކަށް ބޯހިޔާވަހިކަން ހޯދައިދިނުމަށްޓަކައި މަމްސް އެންޖީއޯއިން ކުރިއަށް ގެންދިޔަ "ސާރާގެ އާއިލާއަށް އެހީތެރިވަމާ ކެމްޕެއިން" މިވަނީ ކާމިޔާބު ކަމާއެކު ނިންމާލައިފައެވެ. ސާރާގެ ނަމުގައި އެ ކެމްޕެއިން ކުރިއަށް ގެންދިޔައީ ފަރީޝާގެ އާއިލާއަށްޓަކައެވެ.

ފަރީޝާ އޭނާގެ ދަރިންނާއެކު އާ ގޭގައި: މަމްސްގެ އެހީގައި އޭނާއަށް ވަނީ ޒަމާނީ ގެއެއް އިމާރާތް ކޮށްދީފައި--

އެ އާއިލާއަކީ އެތައް އަހަރެއް ވަންދެން ބިރުވެރިކަމާއި ނިކަމެތިކަމާއެކު ކޮންމެހެން ބޭނުންވާ ކަންކަން ވެސް ނުފުދި ދިރިއުޅެމުން ދިޔަ އާއިލާއެކެވެ. މުޖުތަމައިން ވަރަށް ބޮޑަށް އެކަހެރި ކޮށްލާފައިވާ އެ އާއިލާގައި ހިމެނޭ ތިން ކުދިންގެ ވެސް އުއްމީދަކީ އެ ކުދިންގެ މަންމައެވެ.

އެ އެކަނިވެރި މަންމަ އޭނާގެ ފިރިމީހާ ވަރިކުރުމުން ރަށުގައި ހުންނަ އޭނާގެ ބައްޕަގެ ގެއަށް ބަދަލުވިއެވެ. އާ ދިރިއުޅުމަކަށް މިސްރާބު ޖަހައިގެންނެވެ. ނަމަވެސް އެގޭގައި އުޅެން ޖެހުނީ މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ އާއިލާގެ މީހަކާއެކުއެވެ.

އޭގެ ފަހުން އާ ދިރިއުޅުމަކަށް ކުރެވުނު އުއްމީދުތަކާ މެދު ނާއުއްމީދުވެ އޭނާގެ ތިން ކުދިންނަށް ދިރިއުޅުމެއް ހޯދައިދިނުމަށް ފައިސާ ހޯދެން އޮތް ހަމައެކަނި ގޮތަކީ ވަޒީފާއަކަަށް ދިއުން ކަމުގައިވިއެވެ.

ނަމަވެސް މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ މީހަކު އުޅޭ ތަނަކަށް އޭނާގެ ދަރިން ދޫކޮށްލައިފައި ވަޒީފާއަށް ދިއުމަކީ އޭނާއަށް ފަސޭހަ ކަމަކަށް ނުވިއެވެ.

މަމްސް ޖަމިއްޔާއިން ފަރީޝާއަށް އަޅައިދިން ގެ --- ފޮޓޯ/ މަމްސް

މި އަހަރާ ހިސާބަށް ވެސް ފަރީޝާ އުޅެމުން ދިޔައީ އާއިލާ އަދި ރައްޓެއްސެއްގެ ވެސް އެހީތެރިކަމެއް ނެތި އެކަނިމާ އެކަންޏެވެ. ނަމަވެސް އެކަން ބަދަލުކޮށް ނާއުއްމީދުވެފައި ތިބި އެ ނިކަމެތި އާއިލާގެ ހާލަތު ބަދަލު ކުރީ މަމްސް އެންޖީއޯގެ ދީލަތި އެހީތެރިކަމާއެކުއެވެ.

އެގޮތުން ފަރީޝާގެ އާއިލާގެ ހާލަތު ބަލައި އަދި ދެނެގަނެ އެމީހުންގެ ދިރިއުޅުން މާޔޫސްކަމުން އުފާވެރިކަމަށް ބަދަލުކުރުމުގެ މާތް މަގުސަދުގައި މަމްސްއިން އެ މީހުންގެ މަސައްކަތް ފެށިއެވެ.

މީގެ ކުރީ އަހަރުތަކުގައި ވެސް ނިކަމެތި އާއިލާތަކަށް އެހީތެރިވުމަށް ކުރިއަށް ގެންދިޔަ ޕްރޮޖެކްޓުތަކާ އެއްގޮތަށް މި އަހަރުގެ އެ ޕްރޮޖެކެޓުގެ ދަށުން މަމްސްއިން އެހީވުމަށް ނިންމީ ފަރީޝާގެ އާއިލާއަށެވެ.

އެ މަސައްކަތުގެ ދަށުން ފަރީޝާގެ އާއިލާގެ ހާލަތު ދެނެގަތުމަށް ފަހު ހަތް ދުވަހުގެ ތެރޭގައި އެ އާއިލާއަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމުގެ ބޭނުމުގައި އެ އާއިލާއަށް ބޯހިޔާވަހިކަން ފަހި ކޮށްދިނުމުގެ މަސައްކަތް މި އަހަރުގެ ރަމަޟާން މަހު މަމްސްއިން ވަނީ ފަށާފައެވެ.

މަމްސް ޖަމިއްޔާއިން ފަރީޝާއަށް އަޅައިދިން ގޭ-- ފޮޓޯ: މަމްސް ޖަމިއްޔާ

މި އަހަރުގެ ރަމަޟާން މަހު ފަންޑު ރެއިޒިން ފަށައި ފަރީޝާގެ އަމިއްލަ ގޯތީގައި ރާނަން ފަށާފައި ހުރި ގެ ހެދުމަށް ތިނަދޫގެ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ގިނަ ފަރާތްތަކަކާ ވާހަކަދައްކައި މަމްސް އެންޖީއޯއިން ވަނީ ކޯޓޭޝަން ނަގާފައެވެ.

އޭގެ ތެރެއިން ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ތަސްނީމް ކިޔާ މީހަކާއެކު އެގްރީމެންޓް ހެދުމަށް ފަގު ކުޑަ އީދުގެ ފަހުން ވަނީ ގެ ހެދުމުގެ އަމަލީ މަސައްކަތް ވެސް ފަށާފައެވެ.

ތިނަދޫ އާއި މާލޭގައި އުޅޭ މަމްސްގެ މެމްބަރުން ވަނީ އެ ގެ ވީ އެންމެ އަވަހަކަށް ނިންމުމަށް ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައެވެ. އަދި ފަންޑްރެއިޒިން އަށް ހުޅުވާލިތާ 15 ދުވަހުގެ ތެރޭގައި މަސައްކަތް ފެށޭވަރަަށް އާއްމުންގެ ފަރާތުން ޑޮނޭޝަން ލިބިފައިވާކަން އެ ޖަމިއްޔާއިން ޝުކުރުވެރިކަމާއެކު ފާހަގަކުރެއެވެ.

ގެ ހެދުމަށް ހޭދަވި މުއްދަތުގެ ތެރޭގައި އެތައް ވިޔަފާރިވެރިންނާއި ކުންފުނިތަކަށް ގުޅައި ސްޕޮންސާ ލިބޭތޯ ކުރި މަސައްކަތުން ބައެއް ފަހަރު ނާއުއްމީދުވި ނަމަވެސް އުއްމީދު އެލުވައި ނުލައި ކުރި މަސައްކަތްތަކުން އިތުރު ފަރާތްތަކުގެ ދީލަތި އެހީ އެކަމުގައި ލިބުނު ކަމަށް ވެސް މަމްސްއިން ބުންޏެވެ.

މަމްސް ޖަމިއްޔާއިން ފަރީޝާއަށް އިމާރާތް ކޮށްދިން ގެ-- ފޮޓޯ: މަމްސް

މަސައްކަތްތައް ކުރިއަށް ދިޔަ ގޮތާ ބެހޭ ގޮތުން މަމްސްގެ ޕްރޮގްރާމް ޑިރެކްޓަރު ފާތިމަތު އުމްރާ ވިދާޅުވީ ފަރީޝާގެ އާއިލާއަށް އެހީވުމުގެ ގޮތުން ފެށި އެ ޕްރޮޖެކްޓް ނިމެންދެން ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރިއަށްދާ ގޮތް ވަރަށް ގާތުން ބަލަމުން ދިޔަ ކަމަށެވެ.

"އަޅުގަނޑުމެން ދިޔައީ އާއިލާއަށް ބޭނުންވާ އިމީޑިއަޓް ހެލްޕް ވެސް ދެމުން. އަޅުގަނޑުމެން މަމްސްގަ އުޅެނީ ހުސް މައިން. އެހެންވީމަ މިފަދަ ޕްރޮޖެކްޓެއް ކުރިއަށް ގެންދިއުންވީ ވަރަށް ބޮޑު ޗެލެންޖަކަށް. ނަމަވެސް މީގެ ކުރީގެ ޕްރޮޖެކްޓްތަކުން ލިބުނު ތަޖުރިބާއާއި ޓީމު ކުދިން ކުރި މަސައްކަތުން މި ޕްރޮޖެކްޓްވެސް މިވަނީ ކާމިޔާބުވެފައި،" އޭނާ ވިދާޅުވިއެވެ.

އެ ޕްރޮޖެކްޓުގެ ދަށުން ގޭގެ މަސައްކަތް ނިމުނުއިރު ގެ ހިޔާކޮށް، ފާރުތަކުގައި ސިމެންތި ޖަހައި، ކުލަ ލައި، ކަރަންޓު ގުޅައި، ސީލިންކޮށް އަދި މުށި ވަނީ ޖަހާފައެވެ.

ހަމައެއާއެކު، ބަދިގެއާއި ކޮޓަރިތަކާއި ފާޚަނާތައް އެންމެ ޒަމާނީ ފެންވަރަށް ހަދައި، ގެއަށް ބޭނުންވާ ފަރުނީޗަރާއި ހިފައި ގެންގުޅޭ ސާމާނު ވެސް ވަނީ ހޯދައިދީފައެވެ. އަދި އެ އާއިލާއަށް ބޭނުންވާ އަންނައުނާއި އެ ކުދިންނަށް ބޭނުންވާ ފޮތް އަދި ކުޅޭ އެއްޗެހި ވެސް ވަނީ ފޯރުކޮށްދީފައެވެ.

މަމްސް ޖަމިއްޔާގެ އެޑްމިން ޓީމުން ކުރި ބުރަ މަސައްކަތުން އެފަދަ ބޮޑު ޕްރޮޖެކްޓެއް ވަނީ އެންމެ ދެ މަސް ތެރޭގައި ނިންމާލައިފިއެވެ. މިއަދު ފަރީޝާގެ ގެއަކީ އެންމެ ޒަމާނީ ފެންވަރަށް ހަދާފައިވާ ރީތި ގެއެކެވެ. ވަސީލަތްތައް ހަމަ ގެއެކެވެ.

އެ ހިސާބުން އެ އާއިލާއިން އަމިއްލަ ގެއެއްގައި އުޅުމަށް ކުރި އުއްމީދުގައި ކުލަ ޖެހި މޫނުމަތިން އުފާވެރިކަން ފެނިގެންދިޔައެވެ. އެ ގެއަށް އެ ފެންވަރުގައި ވަނުމަކީ ދުވަހަކުވެސް އުއްމީދު ކުރި ކަމެއް ނޫން ކަމަށް ނިކަމެތި ދިރިއުޅުމެއް އުޅެމުން ދިޔަ އެ އެކަނިވެރި މަންމަ ބުންޏެވެ.

މަމްސް ޖަމިއްޔާއިން ފަރީޝާއަށް އަޅައިދިން ގެ --- ފޮޓޯ/ މަމްސް

"މި ހުރިހާ ދުވަހު މިހާ ހާލުގައި އުޅެފަ ދުވަހަކުވެސް މިކަހަލަ ދުވަހެއް އަންނާނެ ކަމަކަށް އުއްމީދެއް ނުކުރަން. ދުވަހަކުވެސް ފެންނާނެ ކަމަކަށް ހިއެއް ނުކުރަން މިކަހަލަ ދުވަހެއް، ބަޔާން ނުކޮށްދެވޭހާ އުފާ ވެއްޖެ. ހެއްދެވި ފަރާތަށާއި މަމްސް އެންޖީއޯއަށް އަޅުގަނޑުގެ ހިތުގެ އަޑިން ޝުކުރު ދަންނަވަން،" ފަރީޝާ ބުންޏެވެ.

ނިކަމެތި ކަމުގައި ދިރިއުޅެމުން އަންނަ އެހެން އެންމެންނަށް ފަރީޝާގެ ނަސޭހަތަކީ ކެރިގެން ކަންކަމާ ކުރިމަތިލުމަށެވެ.

މަމްސްއިން ވަނީ އެ އާއިލާއާއި އެ ރަށު އިސްވެރިންނާ ވެސް ބައްދަލުކޮށްފައެވެ. އެއީ އެ އާއިލާއާއި އެހެން މީހުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ހަރުދަނާކޮށް މުޖުތަމައުން އެ އާއިލާ ބާކީ ނުވާނެ ގޮތަކަށް ކަންކަން ކުރިއަށް ގެންދިއުމުގެ މަގުސަދުގައި ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

މަމްސްއިން ކާމިޔާބުކަމާއެކު މިއަހަރު ނިންމާލި އެ ޕްރޮޖެކްޓާ ބެހޭ ގޮތުން އެ ޖަމިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރު އަދި ޖެނެރަލް ސެކްރެޓަރީ ފާތިމަތު ރިޔާސާ ވިދާޅުވީ ރާއްޖޭގައި ވެސް ނިކަމެތިކަމާއެކު އުޅެމުން އަންނަ ކިތަންމެ އާއިލާއެއް އުޅޭ ކަމަށެވެ. އަދި މަމްސްގެ މަގުސަދަކީ އެފަދަ އާއިލާތަކުގެ ހާލަތު ބަދަލުކޮށްދީ ފަހި ދިރިއުޅުމެއް އެމީހުންނަށް ހޯދައިދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މަސައްކަތުގެ އިތުރު ހަރުފަތެއް ހުރަސްކުރެވުނު ޕްރޮޖެކްޓަކަށް މި ޕްރޮޖެކްޓު ވެގެން ދާނެ. މަައިންތަކެއް އިސްވެ ތިބެ ހިންގާ މި ޖަމިއްޔާއިން އަބަދުވެސް ދަނީ ނިކަމެތި ހާލުގައި ދިރިއުޅެމުންދާ އާއިލާތަކަށް އެހީތެރިވެވޭތޯ މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވިއެވެ.

ނިކަމެތި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި މަމްސްއިން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދަން ގަސްތުކުރާ މިފަދަ ޕްރޮޖެކްޓުތަކުގެ ތެރެއިން މިއީ ހަތަރު ވަނަ ޕްރޮޖެކްޓެވެ.

ދަތި ހާލުގައި އުޅެމުންދާ އާއިލާތަކަށް މަމްސް ޖަމިއްޔާގެ ސަބަބުން ފަހި ދިރުއުޅުމެއް ލިބިގެންދާއިރު އެ ޖަމިއްޔާއިން ވަނީ އެފަދަ ކަންކަމުގައި އާންމުން އެ ޖަމިއްޔާއަށް ކުރާ އިތުބާރާއި ދޭ އެހީތެރިކަމަށް ޝުކުރު އަދާ ކޮށްފައެވެ.

comment ކޮމެންޓް