އެއްޖިންސުން ގުޅުން ހިންގިކަން އަލަމްގީރުގެ މައްޗަށް ސާބިތުވެއްޖެ

އަލަމްގީރް: އޭނާގެ މައްޗަށް ވަނީ އެއް ޖިންސުން ޖިންސީގުޅުން ހިންގިކަން ސާބިވެފައި ---

އެއް ޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފްވެފައިވާ ބަންގްލަދޭޝްގެ އަލަމްގީރްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

އާންމުންނަށް ސިއްރުން އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހުގައި އަލަމްގީރުގެ މައްޗަށް ދައުވާ އިއްވުމުން އޭނާ ވަނީ ކުށަށް އިއުތިރާފް ވެފައެވެ.

އެހެން ކަމުން މައްސަލަ ބެއްލެވި ގާޒީ އަލީ އާދަމް ނިންމެވީ އަވަސް ނިޔާގެ އަޑުއެހުމެއްގެ ގޮތުގައި ޝަރީއަތް ކުރިއަށް ގެންދިއުމަށެވެ.

އަވަސް ނިޔާގެ އަޑުއެހުންތައް ކުރިއަށް ގެންދަން ޖެހޭނީ ހުރިހާ ފަރާތްތައް އެއް މަޖިލީހަކަށް ހާޒިރުވެގެން ކަމަށް ބުނެފައިވާތީ, އޮންލައިންކޮށް ފަށާފައިވާ ޝަރީއަތް މެދުކަނޑާލުމަށްފަހު ހުރިހާ ފަރާތްތަކެއް ކްރިމިނަލް ކޯޓަށް ހާޒިރުކުރިއެވެ.

ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ވެސް އަލަމްގީރު ވަނީ އޭނާ ވެފައިވާ އިއުތިރާފް ދަމަހައްޓަން ބޭނުންވާ ކަމަށް ބުނެފައެވެ.

އަލަމްގީރު ކުށަށް އިއުތިރާފްވުމުން ދެން ކުރިއަށް ގެންގޮސްފައި ވަނީ އަދަބާ ގުޅޭ ގޮތުން ދެ ފަރާތުން ވާހަކަ ދެއްކުމުގެ ބައެވެ. އަލަމްގީރުގެ ފަރާތުން އެދުނީ ވީހާވެސް ކުޑަ އަދަބެއް ދިނުމަށެވެ.

އަދަބާ ގުޅޭ ގޮތުން އިއްޔެގެ ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދެއްކި ނަމަވެސް, ދައުލަތުން އެދުނީ ކިހާވަރެއްގެ އަދަބެއް ދޭން ކަން އަދި ވަނީ ސާފުވާ ގޮތް ނުވެފައެވެ.

އިއްޔެގެ އަޑުއެހުމުގައި ގާޒީ އަލީ އާދަމް ވަނީ އަލަމްގީރުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައެވެ. އަދި ހުކުމް ކުރުމުގެ އަޑުއެހުން މާދަމާ ބާއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އަލަމްގީރް ހައްޔަރުކުރީ ގިނަ އަދަދެއްގެ ބަޔަކާ އެއްޖިންސުން ގުޅުން ހިންގި މަންޒަރު ފެންނަ ވީޑިއޯތަކެއް ލީކްވުމާ ގުޅިގެންނެވެ. އޭނާއާއެކު އެ ހުތުރު އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި ގާނޫނީ ވަކީލް ނާޒިމް ސައްތާރާއި ކުރީގެ މަޖިލިސް މެމްބަރު މުހައްމަދު ނަޝީދު (ކާނަލް)ގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުގެ ސީނިއާ މީހެއް ކަމުގައިވާ ސާޖަންޓް އަބްދުއްރަހުމާން ރަފީއު ހިމެނެއެވެ. ތަހުގީގަށް ފަހު ބަންދުން އެ މީހުން ދޫކޮށްލާފައިވާއިރު އެ މީހުންގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ. އޭގެ އިތުރުން ބައެއް މުދިމުންނާއި ޓީޗަރުންކަމަށް ބުނާ ބައެއްގެ ވީޑިއޯވެސް ވަނީ ލީކްވެފައެވެ.

comment ކޮމެންޓް