އިންޑިއާގައި ނަޝީދާއި ޝާހިދު ބައްދަލު ކުރައްވައިފި

ރައީސް ނަޝީދު އާއި އަބްދުالله ޝާހިދު ބައްދަލުކުރެއްވިއިރު އަރިހުގައި އިލްޔާސް ލަބީބް ވެސް އިންނެވި ----

ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އާއި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާގައި ބައްދަލު ކުރައްވައިފިއެވެ.

މީގެ ދެ ދުވަސްކުރިން ނުރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގަތް ނަޝީދާއި ޝާހިދު ރޭ ބައްދަލު ކުރެއްވީ އިންޑިއާގެ ޖީއެމްއާރު ކުންފުނީގެ ޗެއާމަން ޖީއެމްރާއޯގެ ކާފަ ދަރިކަލުންގެ ކައިވެނި ހަފުލާގެ ތެރެއިންނެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އިންޑިއާގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް އެ ގައުމަށް ވަޑައިގެން އުޅުއްވާ ޝާހިދު ވަނީ ރޭގެ އިތުރުން ވެސް ނަޝީދުއާ ބައްދަލު ކުރައްވާ މަޝްވަރާތަކެއް ކުރައްވާފައެވެ. ނަމަވެސް އެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވީ ކޮންކަމަކާ ގުޅޭ ގޮތުން ކަމެއް އަދި ވަނީ ސާފުވާ ގޮތް ނުވެފައެވެ.

ނަޝީދާއި ޝާހިދު ބައްދަލު ކުރައްވާފައިވާއިރު މީގެ ދެ މަހެއްހާ ދުވަސް ކުރިން ނަޝީދު ވަނީ ޝާހިދު, ވެރިކަމަށް 'ފައްކާ' ވެފައިވާ ކަމަށް ވިދާޅުވެފައެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރާ އެކުގައި ޝާހިދާއި ނަޝީދު ---

އެންމެ ފަހުން ބޭއްވި "އާސްކު ސްޕީކާ" ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވަނީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ވުރެ ބޮޑަށް ޝާހިދަށް ތައުރީފް ކުރައްވާފައެވެ.

ނަޝީދު ވިދާޅުވީ ރައީސް ޞާލިހު 2018 ވަނަ އަހަރު ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމުގެ ކުރިން ޝާހިދު އެމަނުކުފާނާ ބައްދަލުކުރައްވައި އެ އިންތިޚާބުގެ އެމްޑީޕީ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުތުމަށް އެދިވަޑައިގަތްކަމަށެވެ.

އެހެންނަމަވެސް އެމަނިކުފާނަށް ފެންނަ ފެނުމުގަައި 2018 ވަނަ އަހަރުގެ އިންތިޚާބަށް ނިކުތުމަށް އެންމެ ރަނގަޅު ބޭފުޅަކީ ރައީސް ޞާލިހުކަމަށް ޝާހިދަށް ދެންނެވިންކަމަށް ނަޝީދު ވިދާޅުވިއެވެ.

އޭރުވެސް ޝާހިދަކީ ވެރިކަން ކުރެއްވުމުގެ ހުރިހާ ރުކުނެއް ހަމައަށް ހުންނެވި ބޭފުޅެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ވެރިކަން ކުރެއްވުމަށް ޝާހިދު ރަނގަޅުވާނެ ކަމުގެ މޭރުމަކުން ނަޝީދު ވާހަކަ ދެއްކެވީ އެމްޑީޕީގެ ރިޔާސީ ޓިކެޓު ދިނުމުގައި ތިންވަނަ ވިސްނުމަކަށް ދާންޖެހޭ ކަމަށް ވިދާޅުވުމަށްފަހުއެވެ.

ނަޝީދުގެ ތައުރީފް ޝާހިދަށް އަމާޒުވި ނަމަވެސް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލު ކުރެއްވުމަށް އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތަށް ޝާހިދު ދެކޮޅު ކަން ވަނީ ހާމަކުރައްވާފައެވެ. ނަމަވެސް އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެ ކަމަށް ބެލެވިފައިވާ ރައީސް ޞާލިހާއި ރައީސް ނަޝީދުގެ ތެރެއިން އެއްވެސް ބޭފުޅަކަށް އަދި ޝާހިދު ތާއީދު ކުރައްވާކަން ހާމަކޮށްފައެއް ނުވެއެވެ.

އެހެންކަމުން ބައެއް މީހުން ވަނީ ޝާހިދު ވެސް އެ ރޭހަށް ނިކުންނަވަފާނެ ކަމަށް ލަފާ ކޮށްފައެވެ.

comment ކޮމެންޓް