ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ޑިސެމްބަރުގައި ބާއްވަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް-- ފޮޓޯ

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކޮންގްރެސް، މިއަހަރުގެ ޑިސެމްބަރުގައި ބޭއްވުމަށް އެ ޕާޓީން ތައްޔާރުވަމުން ދާކަމަށް އެ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ޞާލިހް ވިދާޅުވެއްޖެއެވެ.

އަލީ ޞާލިހް ވިދާޅުވީ ކޮންގްރެސް ބޭއްވުމަށް ވާން ޖެހޭ ތައްޔާރީތައް ވުމަށް ސެކްރެޓޭރިއޭޓުން މަސައްކަތް ފަށާފައިވާ ކަމަށެވެ.

ސިޔާސީ ގޮތުން ޖޭޕީއިން ނިންމާ މުޙިއްމު ނިންމުންތަކަށް ކޮށާލެވޭ މަގަކަށް އެ ކޮންފަރެންސް ވާނެކަމަށް އެންމެފަހުން ޖޭޕީން ކުނޫޒުގައި ބޭއްވި "ތައްޔާރު" ޖަލްސާގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ވިދާޅުވެފައެވެ.

އަލީ ޞާލިހް ވިދާޅުވީ އެ ޕާޓީގެ 146 ވަނަ ކައުންސިލް ބައްދަލުވުމުގައި ޕާޓީގެ ކޮންގްރެސްއަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ އެންމެ މުހިއްމު އެއް މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން ޕާޓީގެ ރަށު ގޮފިތައް އަސާސީ ގަވާއިދާ އެއްގޮތަށް އެކުލަވާލާ ފުރިހަމަ ކުރުމަށްޓަކައި 7 މެންބަރުންގެ ވަގުތީ ކޮމެޓީއެއް ނަގާފައިވާ ކަމަށް ވިދާޅުވިއެވެ.

"ޕާޓީގެ ގޮފިތައް ހެދުމަށް ޕާޓީއަށް ހެޔޮއެދޭ އެންމެހާ ފަރާތްތަކަށް ފުރުސަތު ވަނީ ހުޅުވާލާފަ. މިކަމަށްޓަކައި އެއްވެސް ފަރާތަކުން މަޢުލޫމާތެއް ބޭނުންފުޅުވާ ނަމަ ޕާޓީ ރަޖިސްޓްރާގެ އޮފީހުންނާއި ޕާޓީގެ އިދާރާއިން އެމައުލޫމާތެއް ލިބެން ހުންނާނެ." އަލީ ޞާލިހް ވިދާޅުވިއެވެ.

‎އޭނާ ވިދާޅުވީ ޕާޓީން ކުރަމުންދާ އެ މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު ޕާޓީއަށް ހެޔޮއެދޭ އެންމެހާ ފަރާތްތަކަށް އޮންނާނެ ކަމަށެވެ. އަދި އެކަމަށްޓަކައި ރަށްރަށަށް ދަތުރު ކުރުމާއި ޕާޓީ ޕްރޮމޯޓް ކުރުމާއި މީހުން ބާރުވެރި ކުރުމަށް މަސައްކަތް ކުރުމަށް ޕާޓީގެ އެންމެހާ މެންބަރުންނަށް ވެސް ފުރުސަތު އޮންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޖޭޕީގެ "ތައްޔާރު" ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެ ޕާޓީން ކެނޑިޑޭޓަކު ނެރޭނެ ކަމަށެވެ. އަދި ކޯލިޝަން ހަދާނަމަ އެކަމާމެދު ގޮތެއް ނިންމާނީ ކޮންގްރެސް އިން ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް