މިއަދުގެ ބިންހެލުމުގައި މީހަކަށް އަދި ތަނަކަށް ވެސް ގެއްލުމެއް ނުވޭ: އިންޑޮނޭޝިއާ

އިންޑިއާގެ މީޓިއޮރޮލޮޖިކަލް އޭޖެންސީ -- ފޮޓޯ/ ބީއެމްކޭޖީ

ޖަކާޓާ (އޮގަސްޓް 29): އިންޑޮނޭޝިއާގެ ސުމަތުރާ ކައިރިއަށް މިއަދު ހެނދުނު ބިންހެލުމެއް އައިސްފިއެވެ.

ގުދުރަތީ ހާދިސާތައް ބަލާ، އެކަމާ ބެހޭ މައުލޫމާތު ހިއްސާކުރާ ޔޫއެސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް)އިން ބުނީ އެ ބިންހެލުން އައީ ސުމަތުރާގެ ޕަރިއަމަން ސިޓީގެ ހުޅަނގު ދެކުނުން 170 ކިލޯމީޓަރު ދުރަށް ކަމަށެވެ. އަދި އެއީ 5.9 މެގްނިޓިއުޑުގެ ބާރު މިނުގައި، 18 ކިލޯމީޓަރު އަޑިއަށް އައި ބިންހެލުމެއް ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ވެސް ކުރިއެވެ. އެގޮތުން މާލޭގެ ބައެއް އިމާރާތްތަކަށް ވަނީ ލޮޅުން އަރައިފައެވެ.

އިންޑޮނޭޝިއާގެ މީޓިއޮރޮލޮޖިކަލް އޭޖެންސީން ބުނި ގޮތުގައި އެ ބިންހެލުމެއްގެ އިތުރުން، 5.9 މެގްނިޓިއުޑާއި 5.2 މެގްނިޓިއުޑުގެ ކުޑަ ދެ ބިންހެލުން ވެސް މިއަދު އެ ސަރަހައްދަށް އިހުސާސުވެފައިވެއެވެ.

އެ ބިންހެލުމުގެ ސަބަބުން ސުނާމީއެއް އެރުމުގެ ނުރައްކަލެއް ނެތް ކަމަށާއި އެއްވެސް ބަޔަކަށް އަނިޔާވެ، ތަނަކަށް ގެއްލުން ލިބުނު ކަމުގެ ރިޕޯޓު އަދި ނުލިބޭ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

މިދިޔަ ފެބްރުއަރީ މަހު އިންޑޮނޭޝިއާއަށް އައި 6.2 މެގްނިޓިއުޑްގެ ބިންހެލުމެއްގައި ވެސްޓް ސުމަތުރާއިން 25 މީހަކު މަރުވެ، 460އަށް ވުރެ ގިނަ މީހުންނަށް އަނިޔާވިއެވެ.

ދެހާސް ސާދަ ވަނަ އަހަރު ސުނާމީ އެރީ ސުމަތުރާ ސަރަހައްދަށް އައި ބިންހެލުމަކާއެކުއެވެ. އެފަހަރު ބިންހެލުން އައީ 9.1 މެގްނިޓިއުޓްގެ ބާރުމިނުގައެވެ.

comment ކޮމެންޓް