ބިންހެލުމެއްގެ އަސަރު ރާއްޖެއަށް ކޮށްފި

ހުޅުލޭގައި ހުންނަ މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) ގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިންޑޮނޭޝިއާގެ ސަރަހައްދަށް އައި ބިން ހެލުމެއްގެ އަސަރު ރާއްޖެއަށް ވެސް ކޮށްފިއެވެ.

އިންޑޮނޭޝިއާގެ ވެސްޓް ސުމަތުރާ ސަރަހައްދަށް މިއަދު ހެނދުނު ވަނީ 5.9 މެގްނިޓިއުޓްގެ ބާރުމިނުގެ ބިންހެލުމެއް އައިސްފައެވެ. އެއީ މާލެއާ 2854 ކިލޯ މީޓަރު ދުރެވެ.

ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓްގެ އިސް އޮފިޝަލަކު "ސަން" އަށް ވިދާޅުވީ އިންޑޮނޭޝިއާއަށް އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ވެސް ކުރި ކަމަށެވެ. އެގޮތުން މެޓުން ހަރުކޮށްފައިވާ ސެންސަރުތަކަށް ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރިކަން ފާހަގަ ކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

މި ބިންހެލުމާއެކު އަދި ސުނާމީއެއް ނުއުފެދޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

އިންޑޮނޭޝިއާގެ މޫސުމާ ބެހޭ އިދާރާއިން ވެސް ބުނީ މިއަދު އައި ބިންހެލުމާއެކު ސުނާމީގެ ނުރައްކަލެއް ނެތް ކަމަށެވެ.

ބިންހެލުމާއެކު މާލޭގެ ބައެއް އިމާރާތްތަކަށް ވެސް ވަނީ ލޮޅުން އަރާފައެވެ. އެއާއެކު ބައެއް އިމާރާތްތައް ހުސްވެސް ކުރިއެވެ.

ރާއްޖެއަށް ސުނާމީ ވެސް 2004 ވަނަ އަހަރު އެރީ ސުމަތުރާ ސަރަހައްދަށް އައި ބިންހެލުމަކާއެކުއެވެ. އެފަހަރު ބިންހެލުން އައީ 9.1 މެގްނިޓިއުޓްގެ ބާރުމިނުގައެވެ.

comment ކޮމެންޓް