އެސްޓަން ވިލާއަތުން ވެސްޓްހަމްއަށް މޮޅެއް، ވުލްވްސްއާއި ނިއުކާސަލް މެޗު ވީ އެއްވަރު

ޕަބްލޯ ފޯނަލްސް ގޯލު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ---

އިނގިރޭސި ޕްރެމިއާ ލީގުގައި ވެސްޓްހަމްއިން އެސްޓަން ވިލާގެ މައްޗަށް ކުރިހޯދިއިރު ވުލްވްސްއާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

މިއަދު އެސްޓަންވިލާގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗު ވެސްޓްހަމްއިން ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނުއިރު ދެ ޓީމުން ވެސް ވަނީ ގޯލުޖަހާނެ ފުރުސަތުތައް ތަނަވަސްކޮށްފައެވެ.

އެ މެޗުގައި ފެނުނު ހަމައެކަނި ގޯލު މެޗުގެ 74 ވަނަ މިނެޓުގައި ފެނުނުއިރު އެ ގޯލު ޖަހައިފައިވަނީ ޕަބްލޯ ފޯނަލްސްއެވެ. ފޯނަލްސް އެސްޓަން ވިލާގެ ގޯލު އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ގޯލަށް ވަނީ އެސްޓަން ވިލާގެ ޑިފެންޑަރު އެޒްރީ ކޮންސާގެ ގައިގައި ޖެހިފައެވެ.

އެ ނަތީޖާއިން ވެސްޓަހްމް މޮޅުވުމުން އެ ޓީމު ކުޅުނު ހަތަރު މެޗުން ލިބުނު ތިން ޕޮއިންޓާއެކު އޮތީ ތާވަލުގެ 16 ވަނައިގައެވެ. ނަމަވެސް ގޯލެއްގެ ތަފާތުން ހަތަރު މެޗު ކުޅެ ލިބުނު ތިން ޕޮއިންޓާއެކު އެސްޓަން ވިލާ އޮތީ ވެސްޓްހަމްގެ މަތިން ތާވަލުގެ 15 ވަނައިގައެވެ.

ވުލްވްސް އަދި ނިއުކާސަލް ބައްދަލުކުރި މެޗުގެ ތެރެއިން---

ވުލްވްސް އަމިއްލަ ދަނޑުގައި ނިއުކާސަަލްއާ ދެކޮޅަށް ކުޅުނު މެޗު ނިމިފައިވަނީ 1-1ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

މެޗުގައި ދެ ޓީމުގެ ފަރާތުުން ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރި ނަމަވެސް މެޗު ކޮންޓްރޯލްކޮށްގެން ކުޅެފައިވަނީ ނިއުކާސަލްއިންނެވެ.

މެޗުގެ 38 ވަނަ މިނެޓުގައި ވުލްވްސްއިން ވަނީ ގޯލެއްޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ އެ ޓީމުގެ ކެޕްޓަން ރުބެން ނެވޭޒް ނިއުކާސަލް ގޯލު އޭރިއާ ބޭރުން ގޯލުގެ ތިރީކަނަށް އަމާޒުކޮށްލައިގެން ޖަހައިފައިވާ ގޯލެކެވެ.

އެ ގޯލާއެކު މެޗުގެ ނަތީޖާ 1-0ގެ ނަތީޖާއަކުން ވުލްވްސް މޮޅުވެގެން ނިމެންދަނިކޮށް މެޗުގެ އެންމެ ފަހު މިނެޓުގައި ސެއިންޓް-މެކްސިމިން ވަނީ ގޯލެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

މެޗުން ލިބުނު ޕޮއިންޓާއެކު ކުޅުނު ހަތަރު މެޗުން ވުލްވްސްއަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ. ދެ ޕޮއިންޓު ލިބިގެން އެ ޓީމު ތާވަލުގެ 19 ވަނައިގައި އޮތްއިރު، ނިއުކާސްލް ކުޅުނު ހަތަރު މެޗުން ލިބުނު ހަ ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ހަތް ވަނައިގައެވެ.

comment ކޮމެންޓް