ޕީއެސްގެ މަގާމުން މުސްއަބު ވަކިކުރީ ގާނޫނާ ހިލާފަށް، ބަދަލުގެ ގޮތުގައި އެއް މިލިއަން ރުފިޔާ

އިސްލާމިކް މިނިސްޓްރީގައި އޮތް ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބު އަބްދުﷲ (ކ) -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީގެ މަގާމުން މުސްއަބު އަބްދުﷲ ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް މުސްއަބު އައްޔަން ކުރީ 25 ޖުލައި 2017ގައެވެ. މަގާމުގައި ހުންނަވަނިކޮށް، މުސްއަބާ ދެކޮޅަށް ސިވިލް ސާވިސް ކޮމިޝަނަށް ހުށަހެޅި ހަތަރު މައްސަލައަކާ ގުޅިގެން އޭނާ ސަސްޕެންޑު ކުރީ 29 މެއި 2019ގަ އެވެ. އެންމެ ފުރަތަމަ ސަސްޕެންޑު ކުރީ މުސާރަ ލިބޭ ގޮތަށް ނަމަވެސް، ފަހުން ހަތަރު ފަހަރެއްގެ މަތިން މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑު އިތުރު ކުރިއެވެ.

މުސްއަބާ ދެކޮޅަށް ހުށަހެޅި މައްސަލަތައް ބަލައި ސިވިލް ސާވިސްގެ ގާނޫނާއި، ސިވިލް ސާވިސްގެ ގަވައިދާއި، ސިވިލް ސާވިސްގެ ކޯޑް އޮފް ކޮންޑަކްޓާ އޭނާ ހިލާފުވެފައިވާ ކަމަށް ބުނެ އޭނާ މަގާމުން ވަކި ކުރީ މިދިޔަ އަހަރުގެ ސެޕްޓޭމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

އޭނާ މަގާމުން ވަކި ކުރަން ނިންމި ނިންމުމަކީ ގާނޫނާ ހިލާފަށް ނިންމި ނިންމުމެއް ކަމަށް ވިދާޅުވެ، ވަޒީފާ އަނބުރާ އިއާދަކޮށްދިނުމަށާއި، މުސާރަ ނުލިބޭ ގޮތަށް ވަޒީފާއިން ސަސްޕެންޑު ކުރި މުއްދަތުން ފެށިގެން ލިބެން ޖެހޭ ކަމަށް އޭނާ ގަބޫލުކުރައްވާ މުސާރައާއި އިނާޔަތް ހޯދުމަށާއި، ވަޒީފާއިން ވަކި ކުރުމުގެ ސަބަބުން ލިބުނު ގެއްލުމާއި، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް ކުރަން ޖެހުނު ހަރަދު ހޯދަން އޭނާ ވަނީ ސިވިލް ކޯޓުގައި ސިވިލް ސާވިސް ކޮމިޝަނާ ދެކޮޅަށް ދައުވާކޮށްފައެވެ.

ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ، ސިވިލް ސާވިސް ކޮމިޝަނުން އޭނާ މަގާމުން ވަކި ކުރަން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ސާބިތު ނުވާ ކަމަށެވެ. އޭނާ މަގާމުން ވަކި ކުރީ އެކަށީގެންވާ ސަބަބުތައް ހުރެ، އިޖުރާއަތްތަކާ އެއްގޮތަށް ކަމަށް ހުކުމުގައިވެއެވެ.

ސިވިލް ކޯޓުގެ ނިންމުން މުސްއަބުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން, އެ މައްސަލައިގައި މިއަދު ހުކުމް ކޮށްފައިވަނީ މުސްއަބާ އެއްކޮޅަށެވެ.

ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ, މުސްއަބު ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެހެން ކަމުން އެ މައްސަލަ އިސްތިއުނާފް ކުރި ދުވަހާއި ހަމައަށް އޭނާއަށް ލިބެންޖެހޭ މުސާރައާއި އިނާޔަތް ދިނުމަށް ހައި ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ގާނޫނާ ހިލާފަށް މުސްއަބު ވަޒީފާއިން ވަކިކުރި ނަމަވެސް އޭނާ ކުރިން ވަޒީފާއަށް އަނބުރާ އިޔާދަކޮށްދެވެން ނެތް ކަމަށް ހައި ކޯޓުން ވަނީ ނިންމާފައެވެ. ސަބަބަކީ އޭނާ ކުރިން ހުރި ވަޒީފާއަށް އެހެން މީހަކު ހަމަޖައްސާފައި ވުމެވެ.

އެހެންކަމުން ހައި ކޯޓުން ހުކުމް ކުރީ ބަދަލުގެ ގޮތުގައި އޭނާއަށް 1,187,766.60ރ. ދިނުމަށެވެ.

މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ ފަނޑިޔާރު ހުސައިން ޝަހީދު އާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު މުހައްމަދު ފައިސަލްއެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހުސައިން ޝަހީދުއެވެ.

comment ކޮމެންޓް