މާކިން މަޑުމަޑުން މިޝްޔާގެ އަތް އޭނާގެ މޫނުމަތިން ނައްޓައިލަން މަސައްކަތް ކުރިއެވެ.

"މިޝޫ..." މާކިންގެ އަޑުގައިވެސް ވަނީ ބުނެދޭންނޭގޭ ފަދަ އަސަރެކެވެ. މިޝްޔާ މޫނު ފުހެލަމުން މާކިންއަށް ބަލައިލިއެވެ. ހަމަޖެހެން މަސައްކަތް ކުރިނަމަވެސް، އެކަން ކުރަން އޭނާއަށް އުނދަގޫވެގެން ދިޔައެވެ. މާކިން މިޝްޔާއަށް ހިތްވަރު ދެމުން ދިޔައެވެ. މިޝްޔާ އެ ވޭނުން ސަލާމަތްކޮށްދޭން މާކިން ކިތަންމެ ހާވެސް ބޭނުމެވެ.

"މިޝޫއަށް ތިހެން ވާން ފެށީ އަލަށްތަ؟" މާކިން އެނގެން ބޭނުންވިއެވެ. މިޝްޔާ ހިމޭންކަން އިޚްތިޔާރުކުރުމުން މާކިން އަނެއްކާވެސް ސުވާލުކޮށްލިއެވެ.

"ވަރަށް ދުވަސްވެއްޖެ." މިޝްޔާ ބުނެލިއެވެ.

"ކިހާ ދުވަހެއް މިވީ؟" މާކިން އަނެއްކާވެސް ސުވާލުކޮށްލިއެވެ.

"ދޮންބޭ. މިހާރު ކަންތައްތައް އެނގިގެން ވާނެ އެއްވެސް ފައިދާއެއް އެބައޮތްތަ؟" މިޝްޔާއަށް އެހެން އަހައިލެވުނުއިރުވެސް އޭނާގެ އަޑުގައި މަޑުމަޑު ތުރުތުރު އެޅުމެއް ހުއްޓެވެ.

"ބުނެބަލަ! ކިހާ ދުވަހެއް؟" މާކިން ސުވާލުކޮށްލިއެވެ.

"އެރޭގެފަހުން..." މިޝްޔާ އިސްޖަހައިލަމުން ބުނެލިއެވެ. މާކިންއަށް މިޝްޔާއަށް ބަލަހައްޓައިގެން އިރުކޮޅަކު އިނދެވުނެވެ. އިތުރަށް ބުނާނީ ކީކޭކަމެއް އޭނާއަކަށް ނޭނގުނެވެ. ފުންނޭވާއެއް ދޫކޮށްލަމުން މާކިން އެނދުގެ ސައިޑް ކަބަޑުމަތީގައި ހުރި ޖަގުން ތައްޓަކަށް ފެން އެޅުމަށްފަހު މިޝްޔާއަށް ދިއްކޮށްލިއެވެ. އޭރުވެސް ތުރުތުރު އަޅަމުން ދިޔަ އަތަކުން މިޝްޔާ އެ ފެންތަށީގައި ހިފުމަށްފަހު އެއްނޭވާއިން ފެންތަށި ބޮއިލިއެވެ. އޭނާ މާކިންއަށް ބަލައިލިއެވެ. އޭރު މާކިން އިސްޖަހާލައިގެން ފުން ވިސްނުމަކަށް ގެއްލިފައި އިނެވެ. އެހެން އިންދާ މާކިންގެ ފޯނު ރިންގްވިއެވެ. އޭނާ ބަލައިލިއިރު ގުޅަނީ ނާޒިލްކަމުން މިޝްޔާއަށް ބަލައިލުމަށްފަހު މާކިން ފޯނު ނެގިއެވެ.

"ކީކޭ ނާޒިލް؟" މާކިން ބުނެލިއެވެ.

"އަހަރެން ބުނީ މާދަމާ ރެއަށް އަހަރެން ސެޝަންއެއް ޝެޑިއުލްކޮށްލަން ކަމަށް. މަ އުޅޭނަން ހޮސްޕިޓަލުގައި. އަންނަންވީނު ގޮވައިގެން." ނާޒިލް ބުނެލިއެވެ.

"ކިހާއިރަކަށް ދާންވީ؟" މިޝްޔާ މާކިން ދައްކަމުން ދިޔަ ވާހަކައަށް ސަމާލުކަން ދިނެވެ. ނާޒިލް އެ ގުޅީ އޭނާގެ ސެޝަންގެ ވާހަކަތައް ދައްކަންކަން މާކިން ވާހަކަ ދައްކަމުން ދިޔަ ގޮތުން އޭނާއަށް އެނގުނެވެ. އިސްތަށިގަނޑު ނިއުޅުވާލުމަށްފަހު އަލުން ހުޅިއަކަށް ޖަހަމުން މިޝްޔާ ފުންނޭވާއެއް ދޫކޮށްލިއެވެ.

"އޯކޭ... ގަޑިއަށް ދާނަން." އެހެން ބުނެލުމަށްފަހު މާކިން ފޯނު ބާއްވާ މިޝްޔާއާ ހަތަރުކަޅި ހަމަކޮށްލިއެވެ.

"ކިހާއިރަކަށް؟" މާކިން އެއްޗެއް ބުނުމުގެ ކުރިން މިޝްޔާ ސުވާލުކޮށްލިއެވެ.

"އަށްގަޑިބަޔަށް..." މާކިން ބުނެލިއެވެ.

"އާރ ޔޫ އޯކޭ؟" މިޝްޔާއަށް ބަލައިލުމަށްފަހު މާކިން ބުނެލިއެވެ. މިޝްޔާއަށް ބަލަން އިރުކޮޅަކު އިނުމަށްފަހު އަނެއްކާވެސް މާކިން ވާހަކަ ދެއްްކިއެވެ.

"މިޝޫ. އެ އަރޭއެއްގެ ނަންބަރު ދީބަލަ!" މާކިން އެހެން ބުނެލުމާއެކު މިޝްޔާއަށް ކުޑަ ހައިރާންކަމެއް ލިބިގެން ދިޔައެވެ.

"އެ... ކީއްކުރަން... ދޮންބެ ކީއްކުރަން؟" މިޝްޔާއަށް ހާސްކަންވެރިވެގެން ދިޔައެވެ. އޭނާއާ އަރޭމެންގެ ދެމެދުގައި އޮތް ކަމެއްގެ ތެރެއަށް މާކިން ވައްދާކަށްއޭނާގެ ޒަމީރު އެއްބަހެއް ނުވިއެވެ.

"މިޝޫ އެމީހުންނަށް ދޭންޖެހޭ ލާރި ދައްކަން ވެގެން. އެމީހުންނާ މިޝޫއާ އިތުރު އެއްވެސް ގުޅުމެއް ބާއްވަން ދޮންބެ ބޭނުން ނުވާތީ. ބޭނުންވަނީ ވަންސް އެންޑް ފޯރ އޯލް މިކަންތައް ނިންމައިލަން." މާކިން އޭނާ އެ ނަންބަރު ހޯދާ ސަބަބު މިޝްޔާއަށް އޮޅުން ފިލުވައިދިނެވެ.

"ނޫން ދޮންބޭ. އެމީހުންނަކީ ނުރައްކާތެރި ބަޔެކޭ... ތިހީކުރާކަހަލަ ބައެއް ނޫން އެއީ. އަހަރެން ބޭނުމެއް ނޫން އަހަރެންގެ ސަބަބުން ދޮންބެއަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބޭކަށް. ދޮންބެ އެމީހުންނާ ދުރުގައި ހުރޭ... އަހަރެން ކޮންމެވެސް ގޮތެއް ހަދާނަން..." މިޝްޔާ ބުނެލިއެވެ.

"ނޯ... މިޝޫ ދެން އެމީހުންނާ ކުރިމަތިލާކަށް ދޮންބެ ބޭނުމެއް ނޫން. މިޝޫ އެމީހުންނަށް ލާރި ނުދޭހާ އިނދަކު އެމީހުން މިޝޫ ދޫނުކުރާނެކަން ވެސް ދޮންބެއަށް އެނގޭ..." މާކިން ބުނެލިއެވެ. މިޝްޔާ ވިސްނުމެއްގައި އިނުމަށްފަހު ވާހަކަ ދެއްކިއެވެ.

"އެމީހުންނަށް ލާރި ދޭން ދާއިރު ދޮންބެ އަހަރެން ގޮވައިގެން ދާނީ.." މިޝްޔާ އެދުނެވެ. މާކިން ދެކޮޅު ހެދިނަމަވެސް މިޝްޔާ އެއްބަސްވާގޮތެއް ނުވިއެވެ.

"އޯކޭ. އެކަމަކު މިޝޫ ޕްރޮމިސް ކުރަން ޖެހޭނެ ދެން އެކަހަލަ މީހުންނާ ގުޅުމެއް ނުބާއްވަން." މާކިން ބުނެލިއެވެ. އޭނާ މިޝްޔާއަށް ބަލައިލީ މިޝްޔާގެ ޖަވާބަކަށް އިންތިޒާރުކުރާ ޙާލުގައެވެ. އިރުކޮޅަކު ހަރަކާތްތައް މަޑުޖައްސާލައިގެން އިނުމަށްފަހު މިޝްޔާ ބޯ ޖަހައިލިއެވެ. އޭނާ ތުންފަތައް ގަދަކަމުން ހިނިތުންވުމެއް ވެރިކޮށްލިއިރު އޭނާގެ ސިކުނޑީގައި ވަނީ ވަރުގަދަ ހައިޖާނުގަނޑެއް އުފެދިފައެވެ. މިހާރު އޭނާވެސް އެކަމުން ސަލާމަތްވާން ބޭނުންވެއެވެ. އެ އުޅުން ދޫކޮށްލަން ބޭނުންވެއެވެ. އެހެންނަމަވެސް މައްސަލައަކީ އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށް އިތުބާރު ނެތީތީއެވެ. އަދިވެސް އޭނާ މަސްތުވާތަކެއްޗަށް ބޭނުންވާތީއެވެ. އެ އެއްޗެހީގެ ސަބަބުން ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް އޭނާގެ ރިހުންތަކަށް ހައްލެއް ލިބިގެން ދާތީއެވެ. އެވޭންތަކުގެ މަތިން ހަނދާންނެތޭތީއެވެ. އެ އިޙްސާސްތަކާ ކުރިމަތިލާނެ ހިތްވަރު ނެތްއިރު، އެކަމުން ކޮންމެވެސް ވަރަކަށް ދުރުވެވޭތީއެވެ. އޭގެ ސަބަބުން އޭނާއަށް ހިތްހަމަޖެހުން އިޙްސާސްކުރެވޭތީއެވެ. އެއީ ވަގުތީ ގޮތުން އޭނާއަށް ލިބޭ ހައްލެއް ނަމަވެސް އެވެ. އޭގެން ލިބޭ ގެއްލުން ޚުދު އޭނާ ވެސް އަޑު އަހައެވެ. އެހެންނަމަވެސް އެދެވެނީ އެ ހިތާމައިން ދުރުވެވުމަށެވެ. އެންމެ ބޮޑަށް އެއަށް ދެވިހިވި ސަބަބަކީ ވެސް އެއީއެވެ.

"ދޮންބެއަށް އެނގޭ އުނދަގޫވާނެކަން. އެކަމް ވެސް... ޔޫ ހޭވް ޓު ޓްރައި... އިނގޭ..." މާކިން ބުނެލިއެވެ. އޭނާ މިޝްޔާގެ ކޮނޑުގައި އަތް ޖައްސައިލިއެވެ.

"ބޭސްކައިފިންތަ މިރޭ؟" މާކިން ސުވާލުކޮށްލިއެވެ. މިޝްޔާ ބޯ ޖަހައިލުމުން މާކިން ހިނިތުންވެލުމަށްފަހު އަރާމުކޮށްލަން ބުނުމަށްފަހު މިޝްޔާގެ ކޮޓަރިން ނުކުމެލިއެވެ. އެވަގުތު އޭނާއަށް އަނެއްކާވެސް ފޯނު ކޯލެއް އައެވެ. ފޯނަށް އަރާފައިވާ ނަން ފެނުމާއެކު އޭނާއަށް އަވަސް އަވަހަށް ފޯނު ނަގާ ކަންފަތުގައި ޖައްސައިލަމުން ވާހަކަ ދެއްކިއެވެ.

"އާ މާކް... އޭނަ އެބައުޅޭ މާލޭގައި. ވަރަށް ފަހުން އައި ކަމަށްވަނީ، ބޭނުންތަ އަނެއްކާ އެޑްރެސްއާ އެއްޗެހި؟" އެކޮޅުން ވާހަކަ ދެއްކި މީހާ ބުނެލިއެވެ.

"ނޫން. ބޭނުމެއް ނޫން. ތޭންކްސް އިނގޭ ބަޑީ.." މާކިން އެހެން ބުނެލުމަށްފަހު ފޯނު ބޭއްވިއެވެ. އޭނާއަށް އިރުކޮޅަކު ހުރި ފިޔަވަޅު މަތީގައި ހުރެވުނެވެ. ނުތަނަވަސްކަމުގެ އިތުރުން އޭނާގެ ލޭވެސް ކޮންމެވެސް ވަރަކަށް ހޫނުވެގެން ދިޔައެވެ. އޭނާ މިޝްޔާގެ ކޮޓަރި ދޮރަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު ގޮސް ކޮޓަރިއަށް ވަނެވެ.

*****

ޖެހިގެން އައި ދުވަހުގެ ރޭ ވެސް މިޝްޔާ ހޮސްޕިޓަލަށް ދާން ގެއިން ނުކުތީ މާކިންއާ އެކީގައެވެ. ކާރުގައި އެ ދެމީހުން ދާން ނައްޓައިލިއިރު ހިމަފޮދުވާރޭ ވެހެމުން ދިޔައެވެ. ފަޒާގައި ވެސް ފިނިކަމެއް ހިފާލާފައިހުރުމުން ކާރުތެރެވެސް އެހެންޏާ ހުންނަވަރަށް ވުރެ ފިނިހެން ހީވެއެވެ.

"ފިނިވަނީތަ؟" މިޝްޔާއަށް ބަލައިލަމުން މާކިން ސުވާލުކޮށްލުމާއެކު މިޝްޔާ ބޯ ޖަހައިލިއެވެ. މާކިން ކާރުގެ ފިނި ތަންކޮޅެއް މަޑުކޮށްލަމުން ސްޕީޑް ބާރުކޮށްލިއެވެ. މީހަކު މަގު ހުރަސްކުރަން ވެގެން އުޅުމުން މާކިން ކާރު މަޑުކޮށްލިއެވެ. އެއާއެކު މިޝްޔާގެ ނަޒަރު މަގުހުރަސްކުރަމުން ދިޔަ މީހާއަށް ހުއްޓުމާއެކު އޭނާގެ މެއަށް ފިނިވެގެން ދިޔައެވެ. ހިތް ދިރުވައިލަންވެސް ނޭނގިފައި އޭނާއަށް އިނދެވުނެވެ. މާކިންއަށް ވެސް އެއީ ކާކުކަން ރަނގަޅަށް އެނގުނެވެ. އެއާއެކު އޭނާއަށް ބަލައިލެވުނީ ދެލޯ ބޮޑުކޮށްލައިގެން އެ ދިމާލަށް ބަލަހައްޓައިގެން އިން މިޝްޔާއަށެވެ. އޭނާ މިޝްޔާއަށް ގޮވައިލި ނަމަވެސް މިޝްޔާއަށް އެ އަޑުވެސް އިވުނުހެނެއް ހިޔެއް ނުވެއެވެ. މާކިން ތަންކޮޅެއް ބާރަށް ގޮވައިލުމުން ސިހިފައި މިޝްޔާއަށް މާކިންއާ ދިމާލަށް ބަލައިލެވުނެވެ.

"މިޝޫ..." މާކިންއަށް ވެސް އެވަގުތު ބުނާނެ އެއްޗެއް ނޭނގުނެވެ. މިޝްޔާއާ މެދު އޭނާ ކަންބޮޑުވިއެވެ.

"ހިނގާ އަވަހަށް ދާން..." މިޝްޔާގެ އަޑުގައި ހުރި އަސަރުތަކުން މާކިންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. މިޝްޔާ އޭނާގެ އިޙްސާސްތައް ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން ދިޔަ މިންވަރު މާކިންއަށް އިޙްސާސްވެގެން ދިޔައެވެ. އެހެންނަމަވެސް، އެކަމާ ވާހަކަ ދައްކަން ފަށަން ބުނާނެ އެއްޗެއް ވެސް މާކިންއަކަށް ނޭނގުނެވެ. ހިމޭންކަން އިޚްތިޔާރުކުރަން މަޖުބޫރު ވީވެސް އެހެންވެގެންނެވެ.

ހޮސްޕިޓަލަށް ގޮސް ކާރު ޕާކުކޮށްލާފައި މާކިންއާ މިޝްޔާއާ ދެމީހުން ސައިކޭޓްރީ ޑިޕާރޓްމެންޓާ ދިމާލަށް މިސްރާބުޖެހިއެވެ. ނާޒިލްގެ ރޫމުގައި ޓަކި ޖަހައިލުމަށްފަހު މިޝްޔާއާ މާކިންއާ ދެމީހުން އެތެރެއަށް ވަނެވެ.

"އަހަރެން މަޑުކޮށްލާނަން ބޭރުގަ..." މާކިން ނާޒިލްއަށް ބުނެލިއެވެ. ނާޒިލް ބޯ ޖަހައިލިއެވެ.

މިޝްޔާ ސޯފާގައި އިށީނދުމާއެކު، ނާޒިލްވެސް ކުރިމަތީގައި ވަކިން ހުރި ގޮނޑީގައި އިށީނދެލިއެވެ.

"މިޝްޔާ ކިހިނެއް؟" ނާޒިލް އާދައިގެ މަތިން ސުވާލުކޮށްލިއެވެ. ނާޒިލް އެ ސުވާލުކުރި އިރުވެސް މިޝްޔާއަށް އިނދެވުނީ ވިސްނުމަކަށް ގެއްލިފައެވެ. އޭނާއަށް ފުންކޮން ނޭވާލެވެން ފެށިއެވެ. މިޝްޔާގެ ޙާލަތު އެހާ ރަނގަޅު ނޫންކަން ނާޒިލްއަށް ވެސް އެނގުނެވެ. އޭނާ އަނެއްކާޥެސް މިޝްޔާއަށް ގޮވައިލިއެވެ. މިޝްޔާގެ ސަމާލުކަން ލިބުމާއެކު ނާޒިލް އޭނާގެ ސުވާލު ތަކުރާރުކޮށްލިއެވެ.

"އޭނަ އަތުވެއްޖެ..." މިޝްޔާގެ އަނގައިން ފުރަތަމަވެސް ނުކުތީ އެ ބަސްތަކެވެ. އެއާއެކު އެއީ މިޝްޔާގެ ދެލޯވެސް ފެންކަޅިވެގެން ދިޔައެވެ. ނާޒިލްގެ ކުރިމަތީގައި އިން މިޝްޔާއަށް އެ އައި ކުއްލި ބަދަލު މާނަކުރަން ނާޒިލްއަށް ނޭނގުނު ނަމަވެސް، ބޮޑުކަމެއް ވެއްޖެ ކަމުގައި އޭނާއަށް ޔަޤީން ކުރެވުނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު