ޖިންސީ ގޯނާގެ މައްސަލައެއް ސާބިތުވެ 10 އަހަރަށް ޖަލަށް ލާން ހުކުމް ކުރި މީހަކު ގޭ ބަންދަށް

ފުވައްމުލަކުގައި ފުރާވަރުގެ ދެ އަންހެން ކުދިންނަށް ޖިންސީ ގޯނާ ކުރިކަން ސާބިތުވި ފަރުހާދު ---

ފުވައްމުލަކު ސިޓީގައި ފުރާވަރުގެ ދެ އަންހެން ކުދިންނަށް ޖިންސީ ގޯނާ ކުރި ކުށުގެ ދައުވާ ސާބިތުވެ، މިމަހުގެ ހަތްވަނަ ދުވަހު ދިހަ އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވާ މީހަކު ގޭ ބަންދަށް ބަދަލުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ދައުލަތުން އުފުލި ދައުވާ ސާބިތުވެފައި ވަނީ ފުވައްމުލައް ސިޓީ, ފުނާޑު، ގިފްޓް، އަޙްމަދު އާސިމް އާއި ހަމަ އެ އަވަށު ނިކަ، މުޙައްމަދު ޙުސައިންގެ އިތުރުން މިސްކިތްމަގު، ލީނާ، ޢަބްދުﷲ ފަރުހާދުގެ މައްޗަށެވެ.

ތިން މީހުންގެ މައްޗަށް އުފުލާފައިވަނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާއެވެ.

އެނގިފައިވާ ގޮތުގައި އެ ތިން މީހުން އެކި ދުވަސް މަތިން ޖިންސީ ގޯނާ ކޮށްފައިވަނީ 14 އަހަރާއި 16 އަހަރުގެ ފުރާވަރު ދެ އަންހެން ކުދިންނަށެވެ.

އެ ތިން މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 10 އަހަރަށް ޖަލަށް ލުމަށް މި މަހުގެ ހަތް ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

އެ ތިން މީހުންގެ ތެރެއިން ގޭ ބަންދަށް ދޫކޮށްލައިފައިވަނީ ފަރުހާދު އެކަންޏެވެ.

އޭނާ ގޭ ބަންދަށް ދޫކޮށްލަން ހުއްދަ ދީފައިވާ ޗިޓުގެ ކޮޕީއެއް ވަނީ "ސަން"އަށް ލިބިފައެވެ.

އެ ޗިޓުގައި ވަނީ ފަރުހާދު ގޭ ބަންދަން ދޫކޮށްލައިފައިވަނީ އެއް މަސްދުވަހުގެ މުއްދަތަށް ކަމަށެވެ. އަދި އެއީ އޭނާގެ ބަލި ހާލަތު ހުރި ގޮތުން ކަމަށް ވެސް އެ ޗިޓުގައި ވެއެވެ.

އެ މައްސަލައިގައި ގޭ ބަންދަށް ބަދަލުކުރި ފަރުހާދަކީ އެމްޑީޕީގެ އިސް ސަފުގައި އެ ރަށުގައި މަސައްކަތް ކުރާ މީހެކެވެ.

comment ކޮމެންޓް