ފުނަދޫ ރައްޔިތުން ހިންގި އިންޖީނުގެ 36 އަހަރަށް ފަހު ފެނަކައަށް

ފުނަދޫ އިންޖީނުގޭގެ ހިންގުން ފެނަކައާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން -- ފޮޓޯ/ ފެނަކަ

ށ. ފުނަދޫ ރައްޔިތުން ހިންގި އިންޖީނުގެ 36 އަހަރަށްފަހު ފެނަކަ ކޯޕަރޭޝަނާ މިއަދު ހަވާލުކޮށްފިއެވެ.

އިންޖީނުގެ ހަވާލުކުރުމަށް ފުނަދޫގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު އާމިނަތު ޝައުނާއެވެ. އެ ޖަލްސާގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކަޓަރު އަހްމަދު ސައީދު މުހައްމަދާއި ށ. އަތޮޅު ކުންސިލްގެ ރައީސް މުހައްމަދު ޝިޔާމާއި ފުނަދޫ ކައުންސިލްގެ ރައީސް އަހްމަދު އިބްރާހީމްފުޅު ވެސް ބައިވެރިވެ ވަޑައިގަތެވެ.

އެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ މީގެ ކުރިން ރާއްޖޭގައި ކަރަންޓު ފޯރުކޮށްދެމުން އައީ އެ ރަށެއްގެ ފުދުންތެރިކަން ހުރި މިންވަރަކުންކަމަށެވެ. އަދި އޭރު ކަރަންޓުގެ ޚިދުމަތް ދިނުމަށް ގާއިމްކޮށްފައިވާ އިންޖީނުގެތަކަކީ ތިމާވެއްޓާ އެންމެ އެކަށޭނެގޮތަށް ގާއިމްކޮށްފައިވާ އިންޖީނުގެތަކެއް ނޫންކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އަދި އޭރު އަޅުގަނޑުމެންގެ ހާލަތުހުރި ގޮތުން މި ނިޒާމް ހިންގާ ބެލެހެއްޓުމަށް އެކަށީގެންވާ ތަމްރީނު ލިބިފައިވާ މީހުން ލިބުމަކީ ދަތިކަމެއް. ކަންކަން މިގޮތަށް ހުރުމުގެ ސަބަބުން ހަތަކަ އިސްރާފުވުމާއި ނުރައްކާތެރި ހާދިސާތައް ވަނީ ކުރިމަތި ވެފަ،" އޭނާ ވިދާޅުވިއެވެ.

އިންޖީނުގެ ހަވާލުކުރުމަށް ފުނަދޫގައި ބޭއްވި ޖަލްސާގައި މިނިސްޓަރު ޝައުނާ ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ ފެނަކަ

އެހެންކަމުން ސަރުކާރުން މަސައްކަތްކުރަނީ ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް އަގުހެޔޮ ރައްކާތެރި ޚިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހަކަތަ އުފެއްދުމަށް ރާއްޖެ ބަރޯސާވެފައި އޮންނަނީ ބޭރު ގައުމުތަކުން އެތެރެ ކުރާ ތެލަށެވެ. އަދި މިއަދު ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާއިރު، ރާއްޖެއިން އެކަށީގެން ނުވާ މިންވަރަށް ތެލަށް ޚަރަދުކުރާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"ތައުލީމަށާއި ސިއްހަތަށާއި ތަރައްގީގެ އެހެނިހެން މުހިންމު ކަންކަމަށް ހޭދަކުރަންޖެހޭ ފައިސާ މިއަދު ބޮޑު އަދަދަކުން އަޅުގަނޑުމެން މި ހޭދަކުރަނީ ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް،" އޭނާ ވިދާޅުވިއެވެ.

މި ޚަރަދުތައް މަދުކުރެވޭނީ ރާއްޖޭގައި ސޯލާ ހަކަތަ އުފައްދާ މިންވަރު އިތުރުކޮށްގެންކަމަށް މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ. އެހެންކަމުން އަތޮޅުތެރޭ ރަށްރަށުގައި ވެސް ސޯލާ ނިޒާމުތައް ވޭތުވެދިޔަ ތިން އަހަރު ފާހަގަކުރެވޭ މިންވަރަކަށް އިތުރު ކުރެވިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ފުނަދޫގެ އިންޖީނުގެ ފެނަކައާ ހަވާލުކުރުމާ ގުޅިގެން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ސައީދު ވިދާޅުވީ ފެނަކައިން ހުރިހާ ރަށަކަށް ވެސް ޚިދުމަތްދޭނީ އިޚްލާސްތެރިކަމާއެކު ކަމަށެވެ. އަދި ފުނަދޫ އިންޖީނުގޭގައި ރަނގަޅުކުރަންޖެހޭ ގިނަ ކަންކަން އެބަހުރިކަމަށާއި އެންމެ ފުރަތަމަ ވެސް ފަށާނީ އެކަންކަން ރަނގަޅުކުރުމުގެ މަސައްކަތްކަމަށް އޭނާ ވިދާޅުވިއެވެ.

"ދެވަނަ ކަމަކަށް ރަށުގެ ނެޓުވޯކު ރަނގަޅު ފެންވަރަކަށް ހެދުން. މިހުރިހާކަމެއް ހިނގާއިރުގަ އަޅުގަނޑުމެން މިރަށުގެ ރައްޔިތުންނަށް މެދުނުކެނޑި ޚިދުމަތް ދިނުމަށް ކުރަންޖެހޭ ކަންކަން ވަގުތީގޮތުން ކުރަމުން ދާނަން. އަޅުގަނޑުމެން ބޭނުން ތިބޭފުޅުން އިޚްލާސްތެރިވެ އަޅުގަނޑުމެނަށް އިތުބާރުކުރަން،" ސައީދު ވިދާޅުވިއެވެ.

ފެނަކައިން އިންޖީނުގެއާ ހަވާލުވުމުން ފުނަދޫގައި ވަޒީފާގެ އާ ފުރުސަތުތަކެއް ހުޅުވޭނެވެ. އެހެންކަމުން ސައީދު ވިދާޅުވީ ފެނަކައާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު ރަށުގެ ހުރިހާ ރައްޔިތުންނަށް ވެސް ހުޅުވާލާފައިވާކަމަށެވެ.

"ރަށުގެ ކޮންމެ ފަންތިއެއްގެ މީހަކަށް ވެސް އަޅުގަނޑުމެނާ ގުޅުމުގެ ފުރުސަތު އޮންނާނެ. ރައްޔިތުންނަށް ގާތުން ޚިދުމަތް ދޭ ކުންފުންޏެއް ވީމަ އަޅުގަނޑުމެންގެ ވިސްނުމަކީ ތަފާތުކުރުމެއް ނުގެންގުޅުން،" އޭނާ ވިދާޅުވިއެވެ.

ފުނަދޫއަށް ބޭނުންވާ ފުރިހަމަ ކަރަންޓު މެދުނުކެނޑި ދިނުމަށް 600 އަދި 800 ކިލޯވޮޓްގެ މުޅިން އާ ދެ ޖަނެރޭޓަރު ވަނީ އެރަށަށް ގެންގޮސް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާފައެވެ. މިއާއެކު ށ. އަތޮޅުގެ ހުރިހާ ރަށެއް ފަދައިން ފުނަދޫ ކަރަންޓުގެ ޚިދުމަތަށް ފެނަކައިން އިންގިލާބީ ބަދަލެއް ގެންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

comment ކޮމެންޓް