ފުރިހަމަ ރިހެބިލިޓޭޓިވް، މެކޭނިޒަމެއް އެކުލަވައިލާނަން: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ: ފުރިހަމަ ރިހެބިލިޓޭޓިވް، މެކޭނިޒަމެއް އެކުލަވައިލާނެ ކަމަށް ވިދާޅުވި -- ފޮޓޯ/ ކަރެކްޝަންސް

ރާއްޖޭގައި މަސްތުވާތެތީގެ ވަބާ ފެތުރިފައިވާ މިންވަރަށް ބަލައި ފުރިހަމަ ރިހެބިލިޓޭޓިވް މެކޭނިޒަމެއް އެކުލަވައިލައްވާނެކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ގައިދީންނަށް ހިންގި ފުރަތަމަ ޕްރިޒަން-ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ މަސްތުވާތަކެތީގެ ވަބާ، މުޖްތަމައުގައި ފެތުރިފައި އޮތް މިންވަރަށް ބަލައި ގާނޫނަށް އިސްލާހު ގެނެސްގެން ނަމަވެސް އިންސާފްވެރިކަމާއި ހަމަހަމަކަމާއެކު ގާނޫނު ތަންފީޒު ކުރައްވާނެކަމަށެވެ.

ކަރެކްޝަންސްގެ މިސްރާބު ރިހެބިލިޓޭޝަނަށް ބަދަލުކޮށް، އޮނިގަނޑުގައި ވަކިން ރިހެބިލިޓޭޝަން ކޮމާންޑެއް އެކުލަވާލެވިފައި ވާނެކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމްގެ ބައިވެރީންނާ މުޚާތަބު ކުރައްވައި އިމްރާން ވަނީ އެ ލިބުނު ސެޓްފިކެޓް، ހިތްވަރެއްގެ ގޮތުގައި ބޭނުންކޮށް ޖަލަށް އެނބުރި ނުގޮސް ވޭތޯ އަޒުމު ކަނޑައެޅުމަށް އިލްތިމާސް ކުރައްވާފައެވެ.

"މަސްތުވާތެކެތީގެ ވަބާ، މުޖްތަމައުގައި ފެތުރިފައި އޮތް މިންވަރަށް ބަލާއިރު، ގާނޫނީ އިސްލާހު ގެނެސް، އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ގާނޫނު ތަންފީޒު ކޮށް އަދި ފުރިހަމަ ރިހެބިލިޓޭޓިވް މެކޭނިޒަމްއެއް އެކުލަވައިލާނަން،" އިމްރާން ވިދާޅުވިއެވެ.

މާފުށީ ޖަލުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނަކީ ނައިބު ރައީސް ފައިސަލް ނަސީމްއެވެ. އެމަނިކުފާނުގެ އިތުރުން ހެލްތު މިނިސްޓަރު އަޙްމަދު ނަސީމާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުޙައްމަދުފުޅާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް އިބްރާހީމް މުޙައްމަދު ދީދީ އާއި ނެޝަނަލް ޑްރަގް އޭޖެންސީގެ ޗެއަމަން ޝަމާއު ޝަރީފް ބައިވެރިވެވަޑައިގަތެވެ.

މިއަދު ނިމުނު ޕްރޮގްރާމަކީ މަސްތުގެ ވަބާގައި ޖެހިފައިވާ ގައިދީން ރިހެބިލިޓޭޓްކޮށް، ބޭނުންތެރި ބައެއްގެ ގޮތުގައި މުޖުތަމައަށް އަނބުރާ ނެރުމަށް އެ މީހުން ޑިޓޮކްސްކޮށް، ޑްރަގް ޓްރީޓްމެންޓް ދިނުމާއި، ދިރިއުޅުމުގެ ހުނަރުތަކާއި ވަޒީފާ އަދާކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށް ފެށި ޕްރޮގްރާމެކެވެ.

މަސްތުވާތަކެއްޗާ ގުޅިގެން ހުކުމް ތަންފީޒުކުރަމުން އަންނަ 40 ގައިދީންނާއެކު މި ޕްރޮގްރާމް ފެށި ނަމަވެސް، އެކި ސަބަބުތަކާހުރެ، ޕްރޮގްރާމް ފުރިހަމަކޮށްފައިވަނީ 32 ގައިދީންނެވެ.

comment ކޮމެންޓް