އިނގުރައިދޫ ޕޮލިސް ސްޓޭޝަން އެޅުމަށް ލޯން އެއްބަސްވުމުގައި ސޮއި ކުރުމުން މަސައްކަތް ފެށޭނެ: މިނިސްޓަރު

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ--- ފޮޓޯ/ ރައްޔިތުންގެ މަޖިލިސް

ރ. އިނގުރައިދޫ ޕޮލިސް ސްޓޭޝަންގެ އިމާރާތް އެޅުމަށް ބޭނުންވާ ލޯން އެގްރީމަންޓުގައި ސޮއި ކުރުމުން އެ މަޝްރޫއުގެ މަސައްކަތް ލަސްނުވެ ފެށޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު ވަނީ އިނގުރައިދޫ ޕޮލިސް ސްޓޭޝަން އެޅުމުގެ މަސައްކަތް ފެށޭނެ ތާރީޚާ ބެހޭ ގޮތުންނާއި އެ މަޝްރޫއު ނިންމަން ލަފާކުރާ ތާރީޚަކީ ކޮބައިތޯ މިނިސްޓަރާ ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ލިޔުމުން ޖަވާބުދެއްވައި މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުގެ ދަށުން ކުރިއަށް ގެންދަން ސަރުކާރުން ހަމަޖައްސާފައިވާ އަތޮޅުތެރޭގެ ސްޓޭޝަންތައް އިމާރާތް ކުރުމުގެ ޕްރޮޖެކްޓްގެ ތެރެއިން ކަމަށެވެ.

އެ ޕްރޮޖެކްޓްގެ ލޯން އެގްރީމަންޓުގައި ސޮއި ކުރުމަށް ކުރަންޖެހޭ ކަންކަން ފިނޭންސް މިނިސްޓްރީން ކުރިއަށް ގެންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ އެގްރީމަންޓުގައި ސޮއި ކުރުމުން އިނގުރައިދޫ ޕޮލިސް ސްޓޭޝަން އިމާރާތުގެ މަސައްކަތް ލަސްނުވެ ފެށޭނެ ކަމަށެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދަރަ މޯދީގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިމަހުގެ އެކަކުން ހަތަރެކަށް އެގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރާއްޖެއާއި އިންޑިއާގެ ގުޅުން ބަދަހިކުރުމާގުޅޭ ހަ އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވެއެވެ. އޭގެ ތެރެއިން އެއް އެއްބަސްވުމަކީ ރާއްޖޭގެ ޕޮލިސް އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށް ފިނޭންސް މިނިސްޓްރީއާއި އެކްސްޕޯޓް އިމްޕޯޓް ބެންކް (އެގްޒިމް ބެންކް) އޮފް އިންޑިއާއާ ދެމެދު ސޮއިކުރި އެއްބަސްވުމެކެވެ.

އެ އެއްބަސްވުމުގެ ދަށުން ރަށްރަށާއި އަތޮޅު ޕޮލިސް ސްޓޭޝަން، ޑިވިޜަނަލް ހެޑްކުއާޓާސް، ޕޮލިސް ޕޯސްޓް އަދި ޑިޓެންޝަން ފެސިލިޓީ ހިމެނޭ ގޮތަށް ޖުމްލަ 61 ފެސިލިޓީއެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

އެ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ބަޔާސް ކްރެޑިޓް ސްކީމްގެ ދަށުން ހިންގާ 41 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.

comment ކޮމެންޓް