މަޖިލިސް މެންބަރުންގެ އަދަދު އިތުރު ނުކުރުމަށް ގާނޫނު އަސާސީއަށް އަނެއްކާވެސް އިސްލާހު ހުށަހަޅައިފި

މަޖިލިސް މެންބަރުންގެ އަދަދު އިތުރު ނުކުރުމަށް މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވަނީ ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅުއްވާފައި --- ސަން ފޮޓޯ/ އަހްމަދު ސައީދު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 87 އަށް ވުރެން އިތުރު ނުކުރެވޭ ގޮތް ހެދުމަށް ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅައިފިއެވެ.

މަޖިލިސް މެންބަރުންގެ އަދަދު އިތުރުވިޔަ ނުދިނުމަށް މީގެ ކުރިން ނިމިދިޔަ ދެ ދައުރުގައި ވެސް މަޖިލީހަށް ހުށަހެޅިއެވެ. އެންމެ ފުރަތަމަ 2013 ވަނަ އަހަރު އެ އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރުއެވެ. އޭގެ ފަހުން ނިމިގެން ދިޔަ މަޖިލީހަށް އޭރުގެ ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ޚަލީލް ވެސް އެ އިސްލާހު ހުށަހެޅުއްވިއެވެ.

ގާނޫނު އަސާސީގެ 71 ވަނަ މާއްދާގެ (ހ)ގައި މިހާރު ބަޔާންކޮށްފައި ވަނީ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީކޮށްފައިވާ އާބާދީގެ ފުރަތަމަ 5000 މީހަކަށް ނުވަތަ 5000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް މެންބަރަކު ކަނޑައަޅަންވާނެ ކަމަށެވެ. އަދި އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީކޮށްފައިވާ އާބާދީ 5000 އިތުރުވާ ނަމަ، އާބާދީގެ ފުރަތަމަ 5000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5000 މީހަކަށް މެންބަރެއް ހޮވަންވާނެ ކަމަށް ބަޔާންކުރެއެވެ.

މަޖިލިސް މެންބަރުންގެ އަދަދު 77 ގައި ހުރިއިރު އެ އަދަދުގައި ބެހެއްޓުމަށް ކުރި މަސައްކަތް ނާކާމިޔާބްވެ މިހާރު މެންބަރުންގެ އަދަދު ވަނީ 87 އަށް އަރާފައެވެ. މިހާރު އޮތް ގޮތުން ކޮންމެ އިންތިހާބަކަށް ވެސް މެންބަރުންގެެ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑެވެ.

މަޖިލީހުގެ މެންބަރުންގެ އަދަދު 87 ބެއިތިއްބުމަށް މިފަހަރު ގާނޫނު އަސާސީއަށް އިސްލާހު ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމެވެ.

އެ އަދަދު ހުއްޓުމެއްނެތި އިތުރުވަމުންދާ ނަމަ އެއީ ރާއްޖެފަދަ ކުޑަ ގައުމެއްގެ ގާނޫނު ހަދާ މަޖިލީހަށް ބޭނުންވާ ވަރަށް ވުރެން މާގިނަ އަދަދެއް ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.

"އިގްތިސާދީ ގޮތުންނާއި އަދި އެ ނޫން ވެސް ގޮތް ގޮތުން ގޮންޖެހުންތައް މިކަމުގައި ކުރިމަތިވާނެތީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ވަކި އަދަދަކަށް ކަނޑައަޅާ ގާނޫނު އަސާސީން ނިންމާފައި ބޭއްވުމަކީ މުހިންމު ކަމެއްކަމުގައި ދެކޭތީ މި އިސްލާހު ހުށަހަޅަނީ," ގާސިމް ވިދާޅުވެފައިވެއެވެ.

އެހެން ކަމުން ގާސިމް ވަނީ ގާނޫނު އަސާސީގެ 71 ވަނަ މާއްދާގައި, މަޖިލީހަށް އިންތިހާބު ކުރަންޖެހޭ މެންބަރުންގެ އަދަދަކީ 87 ކަމުގައި ލިޔެފައި ބޭއްވުމަށް އިސްލާހު ހުށަހަޅުއްވާފައެވެ.

comment ކޮމެންޓް